މަރުވެފައިވާ މައްޔިތުންގެ ޕޯސްޓްމޯޓަމް ހެދުމާއި މައްޔިތާގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޕޯސްޓްމޯޓަމް ގެ ޙުކުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ : ދަންނަންޖެހޭ ޝަރުޢީ ޙުކުމެއްވެ އެވެ. އެއީ މަރުވެފައިވާ ފަރާތަކީ ދިރިހުރި ފަރާތެއް ފަދައިން އެންމެ މަތީ ދަރަޖައިން ޙުރުމަތްތެރިކަން ލިބިގެންވާ ފަރާތެކެވެ. ޙަދީޘްގައިވެ އެވެ. عائشة أم المؤمنين -رضي الله عنها- ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (كَسْرُ عَظْمِ الميِّتِ ككَسْرِهِ حيًّا) “ މަރުވެފައިވާ މައްޔިތެއްގެ ކައްޓެއް ބިންދާލުން އެއްފަދަވެގެންވަނީ ދިރިހުއްޓާ އޭނަގެ ކައްޓެއް ބިންދާލުމާއެވެ .“
މި ޙަދީޘް أبو داود، ابن ماجه އަދި أحمد ރިވާކޮށްފައިވެ އެވެ. އިމާމް الألباني ޞައްޙަ ކުރައްވަ އެވެ.
ވުމުން، އެއްވެސް އަނިޔާއެއް، ގޯނާއެއް އަދި އުނދަގުލެއް ކުރުން ޙަރާމްވެގެންވެ އެވެ. ދިރިހުރި ފަރާތެއްގެ ހަށިގަނޑުން ކައްޓެއް ބިންދާލުން ހަރާމްވެގެންވާ ފަދައިން މަރުވެފައިވާ ފަރާތްވެސް އެފަދައެވެ.
ފަހެ، ޤަވާޢދުގައި ބަޔާންވެގެންވެ އެވެ. ޙަރާމް ކަންތައްތައް ޟަރޫރީ ޙާލަތުގައި ހުއްދަވެގެންވެ އެވެ. އެ ޙާލުގައިވެސް ހުއްދަ ކުރެވެނީ ޟަރޫރަތް ޖެހިފައިވާ މިންވަރަށެވެ.
އެގޮތުން އެފަދަ ޝަރޫރީ ޙާލަތެއް އޮވެ ޟަރޫރީ ޙާލަތު ހުއްދަކުރާ މިންވަރުން ޕޯސްޓް މޯޓަމް ހެދުން ޢިލްމުވެރިން ހުއްދަ ކުރެ އެވެ. އެއީ ސުވާލުގެ ދެވަނަ ބައެވެ.
ދެވަނައީ : ދުނިޔެ ދޫކުރި ފަރާތް މަރުވެދިޔަ ގޮތް ނޭނގި، ބަޔަކު ނުވަތަ ޖަމާޢަތެއްގެ ބަޔަކު ހަމަލާދީ ނުވަތަ ވިހަފަދަ އެއްޗެއް ބޯންދީ ނުވަތަ އެފަދަ ތުހުމަތު ކުރެވޭ ޖިނާއީ ކުށެއްގައިވެއްޖެހިނދު، ޖިނާއީ ތަޙްޤީޤު ހިންގުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުން ޢިލްމުވެރިން ހުއްދަކުރައްވަ އެވެ. އެހެނަސް އެއީ ޝަރުޠުތާކާއި އެކުގަ އެވެ.
މިފަދައިން މަރުވެ، ޖިނާއީކުށް ތަޙްޤީޤު ކުރުމަށްޓަކައި އެކަން ހުއްދަވެގެންވާ ކަމުގައި ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީން (ހައިއަތު ކިބާރުލް- ޢުލަމާއިން) ޤަރާރެއް (މި ތާރީޚުގައި 20/8/1396هـ ) ނެރުއްވާފައިވެ އެވެ. ޤަރާރު ނަންބަރު (47) (أبحاث هيئة كبار العلماء) (2/84)، އަދި ސަޢުދީ ޢަރަބިއްޔާގެ ފަތުވާކޮމެޓީން (فتاوى اللجنة الدائمة- المجموعة الأولى (5/294) ހުއްދަވެގެންވާކަމަށް ފަތުވާ ދެއްވާފައިވެ އެވެ.
އަދި މި ސަބަބަށްޓަކައި ޕޯސްޓްމޯޓަމް ހެދުން ހުއްދަވެގެންވާ ކަމުގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن بازٍ -رحمه الله- ވިދާޅުވެފައިވެ އެވެ. އަދި މިފަދައިން ހުއްދަވެގެންވާ ކަމުގައި ابن العُثَيمين -رحمه الله- ދެކެވަޑައިގަންނަވަ އެވެ.
ދަންނައެވެ! ޖިނާއީ ތަޙްޤީޤު ހިންގުމަށްޓަކައި މިފަދައިން ޕޯސްޓްމޯޓަމް ހެދުން ހުއްދަވެގެންވަނީ އެކަމަށް ކަނޑައެޅިފައިވާ ޝަރުޠުތަކާ އެކުގަ އެވެ:
އެއީ :
1. މަރުވެފައިވާ ފަރާތަކީ މީހަކު ނުވަތަ ބަޔަކު ޤަތުލުކޮށް މަރާލައިފައިވާ ފަރާތެއް ކަމުގައި ތުހުމަތު ކުރެވުމެވެ.
2. ޖިނާއީ ތަޙްޤީޤު ހިންގުމަށް ބަލާއިރު ހެކިތައް ޘާބިތު ކުރެވޭވަރަށް ނެތުމެވެ. (މާނައީ : ޤަތުލުކޮށް މަރާލާފައިވާ ފަރާތެއް ކަމުގައި ތުހުމަތު ކުރެވޭހިނދު، އެކަން ޝައްކެތް ނެތް މިންވަރަށް ޘާބިތު ކުރެވޭ ވަރަށް ޤަރީނާ ނެތުނީ އެވެ. އަދި އެކަން ސާބިތު ކުރެވެން އޮތީ ޕޯސްޓް މޯޓަމް ހަދައިގެން ކަމުގައިވުމެވެ.)
3. ޕޯސްޓް މޯޓަމް ހެދުމަށް ނުހަނު ބޮޑަށް ޟަރޫޟީ ޖެހިފައިވުމެވެ.
4. ޝަރުޢީ ޤާޟީ އެކަން ކުރުމަށް ހުއްދަ ދިނުމެވެ.
5. މަރުވެދިޔަ ފަރާތުގެ ވާރިޘުން ޤާތިލަށް ނުވަތަ ޖިނާއީ ގޮތުން ތުހުމަތު ކުރެވޭ ފަރާތަށް މަޢާފު ދޭން ބޭނުން ނުވާ ޙާލަތުގަ އެވެ.
އިސްވެދިޔަ، ސަބަބުތަކުން ބަޔާންވަނީ މި ޢަމަލަކީ އެއަށް ނުހަނު ބޮޑަށް ޟަރޫރީ ޙާލަތް މެދުވެރިވެ އަދި ކުޑަ މިންވަރަކަށް ޙާޖަތްޖެހިގެން ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭގެ ސަބަބުން ނުހަނު ބޮޑުވެގެންވާ މަޞްލަޙަތެއް ނުކުތުމާއި އެކަމެށް ނުކޮށް ތަޙްޤީޤު ހިންގުމަށް ނުކުޅަދާނަވާ ދަރަޖައަށް ދިއުމުން މެނުވީ ހުއްދަ ނުވާނެ ޢަމަލެއް ކަމެވެ.
އަދި މި ނޫން ސަބަބުތައްވެސް ޢިލްމުވެރިން ޛިކުރު ކުރައްވާފައިވެ އެވެ.
ތަޢުލީމު ހޯދުމަށްޓަކައި ޕޯސްޓް މޯޓަމް ހެދުމެވެ.
ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ތެރެއިން މިކަމަށް ހުއްދަވެގެންވަނީ މަރުވެފައިވާ ފަރާތްތަކުގެ ތެރެއިން އެއްގޮތަކީ މުރުތައްދުވެ އެ ހާލުގައި މަރުވާ ފަރާތްތަކީ އަދި ހަރުބީ ކާފަރުންނެވެ. ފަހެ، ޑޮކްޓަރީ ޢިލްމު ކިޔެވުމާއި އެކަމުގެ މަޞްލަޙަތު އޮވެއްޖެހިނދު ހުއްދަވެގެންވުމެވެ.
ވުމުން މަޢުޞޫމް ހަށިގަނޑުތައް މިކަމަށްޓަކައި ބޭނުން ކުރުން ޢިލްމުވެރިން ހުއްދަ ނުކުރައްވަ އެވެ. މިފަދައިން ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީން (ހައިއަތު ކިބާރުލް- ޢުލަމާއިން) ޤަރާރެއް (މި ތާރީޚުގައި 20/8/1396هـ ) ނެރުއްވާފައިވެ އެވެ. ޤަރާރު ނަންބަރު (48) (أبحاث هيئة كبار العلماء) (2/83)، އަދި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن بازٍ -رحمه الله- ވިދާޅުވެފައިވެ އެވެ. އަދި މިފަދައިން ހުއްދަވެގެންވާ ކަމުގައި ابن العُثَيمين -رحمه الله- ދެކެވަޑައިގަންނަވަ އެވެ.
އަދިވެސް ވިދާޅުވެފައިވެ އެވެ. މަޢުޞޫމް ހަށިގަނޑުތަކަކީ ދިރިހުރި ޙަޔާތުގައި އެއްވެސް ގޮތަކަށް އަނިޔާ ކުރުމާއި އަދި ގޯނާ ކުރުން ހުއްދަވެގެން ނުވާ ފަދައިން ދުނިޔެ ދޫކުރުމަށްފަހުގައިވެސް ހުއްދަވެގެން ނުވާނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.