ކްރެޑިޓް ކާރޑު ބޭނުން ކޮށްގެން މުދާ ގަތުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه – وعلى آله و صحبه أجمعين.
أما بعد:
ކްރެޑިޓް ކާރޑާއި މެދުގައި ބުނަމެވެ.
އިސްލާމް ދީނުގައި ފައިސާ ދަރަންޏަށް ނެގުމަށްފަހު އެ ފައިސާ އަނބުރާ ދައްކާއިރު ދަރަންޏަށް ނެގި ޢަދަދަށްވުރެ އިތުރަށް އެންމެ ލާރިއެއް ދޭން ބުނި ކަމުގައިވީ ނަމަވެސް އެއީ ޙަރާމް ވެގެންވާ ރިބާއެވެ.
ޙަޤީޤަތަކީ ބެންކުން އޭނާއަށް އެދެވެނީ ލޯނެކެވެ. ނަގުދު ފައިސާ ގޮތުގައި ނޫޓު ނުދިނަސް އެދެވުނީ ފައިސާގެ ލޯނެކެވެ. އެ ފައިސާގެ ލޯނު އަނބުރާ ދައްކާހިނދު، ވަކި މުއްދަތެއްގެ ފަހުން އެއަށް ޕަސެންޓް އިތުރުކޮށް ދިނުމަށް އެއްބަސްވާންޖެހެއެވެ. މިފަދައިން އަނބުރާ ދޭން އެއްބަސްވުން ވެސް ހަރާމް ވާނެއެވެ.
ފަހެ، ކްރެޑިޓް ކާރޑު ނަގާ މީހާ އެ ކްރެޑިޓް ކާރޑު ދޭ ބެންކު ނުވަތަ އެހެންތަނަކާއި ކުރާ އެއްބަސްވުމަކީ މިއެވެ. އޭނާގެ އަތުގައި ފައިސާ ނެތް ކަމުގައި ވީނަމަވެސް އޭނާއަށް ކުރަންޖެހޭ ވިޔަފާރިއެއް ބޭންކުގެ ލާރިން ކޮށްދޭނެކަމެވެ. ފަހެ އެހިނދު އެމީހާ އެވަނީ ބޭންކަށް ދަރަނިވެރިވެފައެވެ. އެފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ނުދެއްކިއްޖެހިނދު ވަކި އިންސައްތައެއް އެ ފައިސާގެ ތެރެއަށް އިތުރުކޮށް ދިނުމަށް އެއްބަސްވެއެވެ. މިއީ ރިބާގެ އެއްބަސްވުމެކެވެ.
جَابِر – رضي الله عنه – ވިދާޅުވެފައިވެއެވެ. (لعن رسول الله صلى الله عليه وسلم آكل الربا، وموكله وكاتبه، وشاهديه، وقال هم سواء) “ރިބާ ކާ މީހާއަށާއި، ރިބާ ދޭ މީހާ، ރިބާ ލިޔެދޭ މީހާއަށާއި، ރިބާއަށް ހެކިވާ ދެ ހެކިވެރިންނަށް رسول الله ﷺ ލަޢުނަތް ލައްވާފައިވެއެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ. އެ އެންމެހައި ފަރާތްތައް ފާފައިގައި ހަމަހަމަވެގެންވެއެވެ”. މި ޙަދީޘް مسلم ޞަޙީޙުގައި ރިވާކޮށްފައިވެއެވެ. وقال هم سواء ޔަޢުނީ ލަޢުނަތުގައި ހަމަހަމަވެގެންވެއެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (دِرهمُ رِبًا يأكلُه الرجلُ، و هو يعلمُ، أشدُّ عندَ اللهِ من سِتَّةٍ و ثلاثِينَ زَنْيةً) ” އެމީހަކަށް އެނގިހުރެ، ރިބާގެ ގޮތުގައިވާ ފައިސާފޮއްޗެއްގެ މިންވަރު ކެއުން ﷲ ގެ ހަޟުރަތުގައި ތިރީސް ހަ ފަހަރު ޒިނޭ ކުރުމަށްވުރެ ނުބައިކަން ބޮޑުވެގެންވެއެވެ” (صحيح الجامع ،3375). އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (الرِّبا اثَنانِ و سبعونَ بابًا، أَدْناها مثلُ إِتْيانِ الرجلِ أُمَّهُ) ” ހަތްދިހަ ދެ ބާވަތުގެ ރިބާ ވެއެވެ. އެ ބާވަތްތަކުގެ ތެރެއިން އެންމެ ދަށް ބާވަތުގެ މިޘާލަކީ ފިރިހެނަކު އޭނާގެ މަންމައާ އެއްދާން ކުރުމެވެ” (السلسلة الصحيحة 1871 ).
ދަންނަހުއްޓެވެ! މިއީ ރިބާ ނުކެއުމަށާއި އަދި ރިބާގެ ވިޔަފާރި ނުކުރުމަށް ކަނޑައެޅިގެން ބަޔާންވެގެންވީހިނދު، އޮޅުވާލުމާއި މަކަރާއި ހީލަތްތެރި ގޮތްތަކުން ރިބާ ކެއުމަށް ގެނެސްފައިވާ މަގުތައް މެނުވީ ނުވެއެވެ. މިއަދު މިފަދަ ކިތައް ހީލަތްތެރި މަގުތަކެއް އެބައިމީހުން ގެނެސްފައިވޭ ހެއްޔެވެ؟
މިއީ އެންމެ މުޑުދާރު އަދި އެންމެ ނުބައި އާމްދަނީގެ ތެރޭގައި ހިމެނޭ އާމްދަނީއަށް ވާއިރު، އެއްބަޔަކަށް މިފަދަ ކާޑުތައް ހުށަހަޅައި ނެގުމަކީ މިއަދު މި ޒަމާނުގައި ފަޚުރަކަށް ވެއްޖެކަމީ ނުހަނު ހިތާމަހުރި ކަމެކެވެ.
ﷲ ވަޙީ ކުރެއްވިއެވެ. (يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ) ” އޭއީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ. އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ].
عَبد الله بن مَسعُود – رضي الله عنه – ވިދާޅުވެފައިވެއެވެ. ”އެންމެ ނުބައި ވެގެންވާ އާމްދަނީ އަކީ ރިބާގެ އާމްދަނީއެވެ“ (صحيح/ابن أبي شيبة ٣٥٦٩٤).
الإِمَام مَالك -رحمه الله- ވިދާޅުވެފައިވެއެވެ. ”ހަމަކަށަވަރުން އަހަރެން ﷲގެ ފޮތަށް ނަޟަރުހިންގައި ބެލީމެވެ. އަދި އެ އިލާހުގެ ރަސޫލާގެ ﷺ ސުންނަތް ބެލީމެވެ. ރިބާ އަށްވުރެ (ޢަޛާބާއި ޢުޤޫބާތުގައި) ގަދަފަދަ އެއްޗެއް ނުދެކެމެވެ. ސަބަބަކީ ﷲ ވަނީ އެއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިޛުނަ ދެއްވައިފައެވެ“ (تفسير القرطبي ٤٠٥/٤).
ކޮންމެ ފަދަ ވަޞީލަތެއް ބޭނުންކޮށްގެން ކަމުގައިވީ ނަމަވެސް، ދަރަންޏެއް ގޮތުގައި ބޮލުގައި އެޅޭ ފައިސާގެ މިންވަރުން އެއްވެސް އެއްޗެއް އިތުރަށް އެފައިސާއަށް ނިޞްބަތްކޮށް ދިނުން ހުއްދައެއް ނުވާނެއެވެ. އަދި އެފަދަ ޙަރާމް ރިބާއެއް ދިނުމަށް އެއްބަސްވެސް ނުވެވޭނެއެވެ. ސަބަބަކީ ޙަރާމް ކަމަކަށް ރުހުމަކީ ވެސް ފާފައެއް ކަމުގައިވާތީ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.