ރާޒުވާ ކުޅުޅުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ރާޒުވާ ކުޅުމާއި މެދުގައި ބުނަމެވެ.
އުއްމަތުގެ އެންމެ ކުރީގެ ބޭކަލުން ކަމުގައިވާ ޞަޙާބީން އަދި ތާބިޢީން އަދި ހެޔޮ ގޮތުގައި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި އަހުލުވެރިންނާއި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގަންނަވާފައިވާ ގޮތުގައި ރާޒުވާ އަކީ ޙަރާމްވެގެންވާ އެއްޗެކެވެ. ބައެއް މުފައްސިރުން ކީރިތި ޤުރުއާނުގައި ބަނގުރަލާއި ޖުވާ ޙަރާމް ކުރެވިގެންވާ ޞޫރަތުގެ އާޔަތުގެ المائدة/90-91 ތެރޭގައިވާ ޙަރާމް ޢަމަލުތަކުގެ ތެރޭއަށް ރާޒުވާ ޛިކުރު ކުރައްވަ އެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ * إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمْ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنْ الصَّلَاةِ فَهَلْ أَنْتُمْ مُنتَهُونَ) “ އޭ އީމާންވެއްޖެ ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލު ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވަތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)“
އަހުލު ސުންނަތުގެ އެންމެ ބޮޑެތި ތަފްސީރު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް القرطبي – رحمه الله- ވިދާޅުވެފައިވެ އެވެ. ”މި އާޔަތަކީ، ޑައިސް ކުޅުމާއި އަދި ރާޒުވާ ކުޅުން ޖުވާގެ ސިފައިގައި އަދި ޖުވާގެ ސިފައިގައި ނޫން ގޮތުގައި ކުޅުންވެސް ޙަރާމްވެގެންވާކަން ދަލީލު ކުރެވިގެންވާ އާޔަތެވެ…..“ (އެއަށްފަހު އޭގެ ސަބަބުތައް ޛިކުރުކޮށް އެފަދައިން ދަލީލު ކުރެވިގެންވާކަން ތަފްޞީލުކުރެއްވި އެވެ.)
ރާޒުވާ ކުޅުން ހުއްދަވެގެން ނުވާކަމުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުން، އެއްބޭކަލަށްވުރެ ގިނަ ބޭކަލުން ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި އެބޭކަލުންގެ ސުންނަތުގައި ހިފުމަށް ނަބިއްޔާ އުއްމަތަށް އިރުޝާދު ދެއްވާފައިވާ ޚުލަފާއުއް ރާޝިދޫންގެ ބޭކަލުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޞަޙާބީ علي بن أبي طالب – رضي الله عنه- ރާޒުވާ ކުޅެންތިބި ބައެއްގެ ގާތުން ވަޑައިގަންނަވާ ވިދާޅުވި އެވެ. “ ތިޔަބައިމީހުން އަޅުކަންކުރަން ތިޔަތިބީ، ކޮން ބުދުތަކަކަށް ހެއްޔެވެ؟“ ޞަޙާބީ عبد الله بن عمر -رضي الله عنهما- ގެ އަރިހުގައި ރާޒުވާއާ މެދުގައި ސުވާލު ދެންނެވުނު ހިނދުގައި ވިދާޅުވި އެވެ. ”އެއީ ޑައިސް ކުޅުމަސްވުރެން ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ.“ އުއްމަތަށް ފާޅުވި އެންމެ ބޮޑެތި ފިޤުހުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ابن قدامة -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ ރާޒުވާއަކީ ޑައިސްފަދައިން ޙަރާމްވެގެންވާ އެއްޗެކެވެ.“
إسحاق بن راهويه -رحمه الله- އަރިހުގައި ސުވާލު ދެންނެވުނެވެ. ”ރާޒުވާ ކުޅުމުގައި އެއްވެސް މައްސަލައެއް އޮތް ކަމުގައި ދެކެވަޑައިގަންނަމުތޯ އެވެ؟ ވިދާޅުވި އެވެ. އެއީ ހުރިހާ ގޮތަކުންވެސް މައްސަލައޮތް އެއްޗެކެވެ. ދެންނެވުނެވެ. ފަހެ، ހަނގުރާމަވެރިން ހަނގުރާމައަށް (ތައްޔާރުވުމުގެ ގޮތުން) ރާޒުވާ ކުޅެ އެވެ. ވިދާޅުވި އެވެ. އެއީ ފާޖިރު ޢަމަލެކެވެ.“ مَسائل حرب 337 ބުނަމެވެ. މި އިމާމް އަކީ ހިޖުރައިން 238 ގައި ދުނިޔެ ދޫކުރެއްވި ބޭކަލެވެ.-
الإمام ابن القيِّم -رحمه الله- ވިދާޅުވެފައިވެ އެވެ. ”ރާޒުވާކުޅުން ހުއްދަވެގެންވާ ކަމުގައި އެއްވެސް ޞަޙާބީއެއް ވިދާޅުވިކަން އެނގިފައެއް ނުވެ އެވެ. އަދި އެއްވެސް ޞަޙާބީއެއް ރާޒުވާ ނުކުޅުއްވަ އެވެ. ހަމަކަށަވަރުން ﷲ ވަނީ އެބޭކަލުން އެއިން ރައްކާތެރި ކުރައްވާފަ އެވެ. އެބޭކަލުންގެ ތެރެއިން ބައެއް ޞަޙާބީންނަށް މިޘާލަކަށް أَبُوهُرَيرة އެ ކުޅުއްވިކަމަށް ނިޞްބަތްކޮށްފައި ވުމަކީ ބޮޑުވެގެންވާ ދޮގެކެވެ. އަދިޞަޙާބީންގެ މައްޗަށް ހަދައިފައިވާ ބުހުތާނެކެވެ. ޞާޙާބީންގެ ސިޔަރަތު ދަންނަ ކޮންމެ ޢިލްމުވެރިއަކަށް އެކަން އެނގިވަޑައިގަންނަވާނެ އަދި އިންކާރު ކުރައްވާނެ އެވެ.“ الفروسية 311
އަދިވެސް ވިދާޅުވެފައިވެ އެވެ. ”عبد الله بن عباس އަދި عبد الله بن عمر ރާޒުވާ ކުޅުން ނަހީކުރައްވާކަން ޞައްޙަވެގެންވެ އެވެ. އަދި މި ދެޞަޙާބީންގެ ބަސްފުޅާ އެހެން އެއްވެސް ޞަޙާބީއެއް ޚިލާފްވެވަޑައިގެންފައިވާކަމަށް އެއްވެސް ގޮތަކަށް އެނގިފައެއް ނެތެވެ.“ الفروسية 313
މިއަދު ދުނިޔެ މަތީގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަދި ފަތުވާ ކޮމެޓީގެ މެންބަރ الشيخ العَلامة د. صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : شَطرَنْج (ރާޒުވާ) ގެ ނަމުން ނަންދީފައިވާ ކުޅިވަރު ކުޅުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އެއީ ކުޅުމަށް ހުއްދަވެގެންވާ އެއްޗެއްތޯ އެވެ؟
ޖަވާބު : ހުއްދަވެގެންނުވެ އެވެ. އެ ކުޅިވަރު ކުޅެގެން މޮޅުވާމީހަކަށް އެއްޗެއް ލިބޭގޮތަށް ނުވަތަ ބަދަލުގައި އެއްޗެއް ލިބޭގޮތަށް ކުޅޭނަމަ އެއީ ޖުވާ އެވެ. ޖުވާ ކުޅުމުގެ ތެރޭގައި ހިމެނޭނެ އެވެ. ބަދަލުގައި އެއްޗެއް ލިބޭގޮތަށް ނޫންގޮތަށް ކުޅުމަކީ ޖުވާކުޅުމަށް އޮތް ވަޞީލަތެއް ކަމުގައިވެ އެވެ. އެއީ ބޭކާރު ކަމެކެވެ. އަދި އެ ކުޅުމުގައި ބައިވެރިވެވެނީ އަޚްލާޤު ފަސާދަވެފައިވާ ފަރާތްތަކާ އެވެ. ފައިދާއެއްނުވާ ވާހަކަ ދެއްކުމާއި ބޭރާކު ގޮތުގައި ވަޤުތު ހޭދަކުމުކެވެ. އެއީ އެއްވެސް ހެވެއް އޮތް އެއްޗެއް ނޫނެވެ.“
ވުމުން، މި ޢަމަލުގެ ޙުކުމް މިވަނީ އުއްމަތުގެ ނަބިއްޔާގެ އަޞްޙާބު ބޭކަލުންނާއި ތަފްސީރު ޢިލްމުވެރިންނާއި ފިޤުހުވެރިންނާއި އަދި އެހެންނިހެން އެންމެހައި އިމާމުންގެ ފަރާތުން ބަޔާންވެގެންނެވެ. ފަހެ، މުއުމިނު އަޅާއަށް އޮތީ ރައްކާތެރި ވުމާއި އޭކަމުގެ މައްޗަށް ސަމާލުވެ ދީން ރައްކާތެރި ކުރުމުގައި ދެމިހުރުމވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.