އުޟްޙިއްޔާ ޤުރުބާން ކުރުމަށް ނިޔަތްގަތް މީހާއަށް މަނާވެގެންވާ ކަންތަކަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އެ އަހަރުގައި އުޟްޙިއްޔާ ޤުރުބާން ކުރުމަށް ނިޔަތްގަތް މީހާއަށް ޚާއްޞަވެގެންވާ ޙުކުމްތަކެއްވެ އެވެ.
އެގޮތުން 2 ސިފައެއްގައި ބަޔާން ކުރުމެވެ.
ފުރަތަމައީ : އަތްމަތީގައި ތަނަވަސްކަން ލިބިފައިވެ، އުޟްޙިއްޔާ ޤުރުބާން ކުރުމުގެ ކެރި ކުޅަދާނަކަން ލިބިފައިވެ އެ އަހަރުގައި އުޟްޙިއްޔާ ޤުރުބާން ކުރުމަށް ޤަޞްދު ކުރާ މީހާ އެވެ.
ފަހެ، މިފަދަ މީހާ، ޙައްޖުމަހުގެ ހަނދު ފެނުމާއެކުގައި، އޭނާގެ އުޟްޙިއްޔާ ޤުރުބާން ކުރުމަށް ދާންދެން ކަންތައްތަކުން ދުރުހެލިވެހުރުން ވާޖިބުވެގެންވެ އެވެ.
އެގޮތުން ނިޔަފަތި ކެނޑުމާއި، ހަށިގަނޑުން އިސްތަށި އުފުރުމާއި، އަދި ހަންގަނޑުގައި ބީހުން (ހަންކޮޅުތައް ނެއްޓުމާއި ހަން އުފުރުން) މިކަންތައްތަކެވެ.
މާތް ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން أم المؤمنين أم سلمة ގެ އަރިހުން ރިވާކުރެވިގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި އެވެ. (إذا دَخَلَتِ العَشْرُ، وأَرادَ أحَدُكُمْ أنْ يُضَحِّيَ، فلا يَمَسَّ مِن شَعَرِهِ وبَشَرِهِ شيئًا) “ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ވަނުމުން، ތިޔަބައިމީހުންކުރެ މީހަކު އުޟްޙިއްޔާ ޤުރުބާން ކުރުމަށް ބޭނުންވެއްޖެނަމަ، ފަހެ، އެމީހެއްގެ ހަށިގަނޑުން އެއްވެސް އިސްތައްޓެއް އަދި ހަންކޮޅެއް ވަކި ނުކުރާހުށި ކަމެވެ. “ صحيح مسلم 1977
އަދި ބައެއް ރިވާޔަތުގައި (ولا يَقْلِمَنَّ ظُفُرًا) ”އަދި އޭނާ ނިޔަފަތި ނުކެނޑުން ހުއްޓެވެ.“
މި 3 ކަންތައް އޭނާގެ ޙައްޤުގައި މަނާވެގެންވެ އެވެ.
އެއީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި ފަޅާފައި ހުރި އިސްތައްޓެއް ބުރިކުރުން ނުވަތަ އުފުރުން ފަދަ އެއްވެސް ކަމެއް ކުރުމެވެ.
ހަށިގަނޑުގެ އެއްވެސް ނިޔަފައްޗެއް ކެނޑުން، އުފުރުން ފަދަ އެއްވެސް ކަމެއް ކުރުމެވެ.
ހަށިގަނޑުން ހަން ނެއްޓުމެވެ.
ފަހެ، މި ޢަމަލުތައް ފިޔަވައި އެހެން ޢަމަލުތަކެއް ނުވެ އެވެ. އުޟްޙިއްޔާ ޤުރުބާން ކުރާ މީހާގެ މައްޗަށް ކަނޑައެޅިފައި ކަންތަކަކީ މި އެކަންޏެވެ.
ދެވަނައީ : ޙައްޖުމަހުގެ ދުވަސްތަކާއި ބައްދަލުކުރިހިނދުވެސް އުޟްޙިއްޔާ ޤުރުބާން ކުރުމުގެ ނިޔަތް ނެތް މީހާ އެވެ. އެހެނަސް އެމީހަކަށް ތަނަވަސްކަން ލިބި، ކެރި ކުޅަދާނަކަން ލިބުނީ ޙައްޖުމަހުގެ 7 ނުވަތަ 8 ވަނަ ދުވަހުގަ އެވެ. އެބަހީ : އޭގެ ކުރިން އުޟްޙިއްޔާ ޤުރުބާން ކުރުމުގެ ޤަޞްދެއް ނެތެވެ. ފަހެ، އޭނާގެ ނިޔަތްގަންނަ ވަޤުތުން ފަށައިގެން މި ކަންތައްތަކުން ދުރުވުން ހުއްޓެވެ.
މަދީނާގެ ޢިލްމުވެރިބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ عَبد القَادر الجُنَيد حفظه الله ވިދާޅުވެފައިވެ އެވެ. ”އުޟްޙިއްޔާ ޤުރުބާން ކުރުމަށް ލަސްކޮށް ނިޔަތްގަންނަ މީހާ، މިޘާލަކަށް ޛުލް-ޙިއްޖާ މަހުގެ 8 ވަނަ ދުވަހުގައި ނިޔަތްގަތީ އެވެ. ފަހެ، އޭނާ ނިޔަފަތި ކެނޑުމުންނާއި، އިސްތަށި އުފުރުން އަދި ހަށިގަނޑުން ހަންގަނޑު ނެއްޓުމުން އެކަހެރިވާނީ ނިޔަތްގަތް ވަޤުތުން ފަށައިގެންނެވެ. (އޭނާގެ އުޟްޙިއްޔާ ޤުރުބާން ކުރުމުގެ ކުރިން) ހަށިގަނޑުން އިސްތަށި އުފުރައިފި މީހާ ނުވަތަ ނިޔަފަތި ކަނޑައިފިމީހާ އަދި ހަންގަނޑު ނައްޓައިފިމީހާވަނީ ފާފަވެރިވެފަ އެވެ. އަދި އޭނާވަނީ ސުންނަތާއި ޚިލާފްވެފަ އެވެ. އޭނާގެ މައްޗަށް އޮތީ ﷲ އަށް އިސްތިޣްފާރު ކުރުމެވެ. އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ އޭނާގެ (އެ ޢަމަލުގެ ސަބަބުން) ފިދުޔަދޭން ނުޖެހޭނެ ކަމެވެ. އަދި މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނުވެ އެވެ.“ خطبة بعنوان: أحكام عشر ذي الحجة الأُوَل أفضلِ أيام السَّنة واغتنام أوقاتها بالأعمال الصالحة
ތިންވަނައީ : އުޟްޙިއްޔާ ޤުރުބާން ކުރާ މީހާ، ނިޔަފަތި ކެނޑުމާއި އަދި އިސްތަށި އުފުރުމާއި ހަންކޮޅުތައް ނެއްޓުމުގެ ޙުކުމެވެ.
ދަލީލުތަކުން ބަޔާންވެގެންވަނީ އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުން ފާޅުވެގެންވަނީ އެއީ އޭނާއަށް ޙަރާމްވެގެންވާ ކަންތައްތަކެއް ކަމުގަ އެވެ.
الإِمَام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”އުޟްޙިއްޔާ ޤުރުބާން ކުރާ މީހާ، އިސްތަށި އުފުރުމާއި ނިޔަފަތި ކެނޑުން ނަހީކުރެވިފައިވުމުން އެއީ އެކަންތައް ކުރުން ޙަރާމްވެގެންވުމެވެ. (ދަލީލުތަކުން) ފާޅުވެ ބަޔާންވާ ގޮތަކީ މި އެވެ.“ فوائد من دروس سماحة الشيخ عبد العزيز بن باز ص 49
އިތުރު މަޢުލޫމާތުގެ ގޮތުގައި ބުނަމެވެ. ޙައްޖުމަހުގެ ދުވަސްތަކަކީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މީސްތަކުން ﷲ ގެ ގެކޮޅަށް ޤަޞްދުކޮށް އިޙްރާމްބަދެ އެބައިމީހުންގެ ނަފްސުތަކަށް އޭގެ ކުރިން ޙަރާމްވެގެންވާ ކަންތައްތަކެއް ޙަރާމްކޮށްފައިވެ އެވެ. އެއީ އިޙްރާމް ކެނޑުމަށް ދާންދެނެވެ.
ފަހެ، އުޟްޙިއްޔާ ޤުރުބާން ކުރާ މީހާވެސް މިވަނީ އެފަދައިން އެ ޢަމަލުގައި ބައިވެރިވެފަ އެވެ. ވުމުން، މި ކަމުގައި އޭނާއަށް ލިބޭނެ އަޖުރާއި ޘަވާބުގެ ބޮޑުކަމާ އެވެ.
الإِمَام العَلاَّمَة العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެ އެވެ. ”އަދި (އުޟްޙިއްޔާ) އަކީ އިންސާނާއަށް ﷲ ދެއްވި ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. އެއީ ޙައްޖު މޫސުމްގެ އަހުލުވެރިން ކުރާ ކަންތައްތަކުގައި އޭނާވެސް ބައިވެރިވުމެވެ. ސަބަބަކީ އެ މޫސުމްގެ އަހުލުވެރިންނަށް ޙައްޖު ކުރުމާއި ހަދްޔު ކަތިލުންވެ އެވެ. އަދި ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގެ އަހުލުވެރިންނަށް އުޟްޙިއްޔާވެ އެވެ. ﷲގެ ފަޟްލުވަންތަ ކަމާއި ރަޙްމަތުގެ ތަނަވަސްކަން އަހަރެމެންނަށް ފެނިގެންދަނީ، ޙައްޖުގެ އަޅުކަން އަދާކުރާމީހުންނަށް ލިބިގެންދާ ނަޞީބުން ބައެއް ދުނިޔޭގެ ކަންކޮޅުތަކުގައިވާ އަހުލުވެރިންނަށް ލިބުމެވެ. އެގޮތުން މިޘާލަކަށް ޙައްޖު މަހުގެ ދިހަ ދުވަހުގައި ނިޔަފަތި ކެނޑުމާއި އިސްތަށި އުފުރުމުން އެއްކިބާވެގެން ހުރުމެވެ. އެއީ ޙައްޖު ކުރާ މީސްތަކުން އެބައިމީހުން އިޙްރާމުގައި ތިބޭހިނދުގައި ﷲ އަށް ކުށްތަން ވުމަށްޓަކައި މިކަންތައްތައް ދޫކުރެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައިވާ އަހުލުވެރިން ޙައްޖުވެރިންގެ އަޅުކަމުގެ މިކަމުގައި ބައިވެރިވެ އެވެ.“ فتاوى نور على الدرب
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.