ނިޔަފަތި ކެނޑުމުގައި އިނގިލީގެ ވަކި ތަރުތީބެއްވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނިޔަފަތި ކެނޑުމަކީ އިންސާނާގެ ފިޠުރަތުގެ ކަންކަމުގެ ތެރެއިން ކަނޑައަޅައި ލެވިފައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ. ޝަރީޢަތުގައި އެފަދައިން ކަނޑައެޅިފައިވާ ކަންކަމުގެ ތެރޭގައި 40 ރެއާއި ދުވާލަށްވުރެ ގިނަ މުއްދަތަށް ދޫކޮށްފައި ބެހެއްޓުން ހުއްދަވެގެންނުވާ ކަންތަކުގެ ތެރޭގައި ހިމެނިފައިވެ އެވެ.
އެގޮތުން ޞަޙާބީ أنس بن مالك رضي الله عنه ގެ ޙަދީޘްގައިވެ އެވެ. (وُقِّتَ لنا في قَصِّ الشَّارِبِ، وتَقْلِيمِ الأظْفارِ، ونَتْفِ الإبِطِ، وحَلْقِ العانَةِ، أنْ لا نَتْرُكَ أكْثَرَ مِن أرْبَعِينَ لَيْلَةً) ”އަހަރެމެންނަށް މަތިމަސް ކުރުކޮށް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތުގެ އިސްތަށިތަށް އުފުރުން، ކުރިމަތިފަރާތުގެ އިސްތަށިތައް ބޭލުން، 40 ދުވަހަށްވުރެ ގިނަ މުއްދަތަށް ދޫކޮށްފައި ނުބެހެއްޓުމަށް (ނަބިއްޔާ) ވަޤުތު ކަނޑައެޅުއްވި އެވެ.“
الإمام مسلم ޞަޙީޙުގައި މި ޙަދީޘް ރިވާކުރެއްވި އެވެ.
އަދި ޞަޙާބީ أبِي هريرة ގެ ރިވާޔަތުގައިވެ އެވެ. قال: سمعت رسول اللَّه صلى الله عليه وسلم يقول: «الْفِطْرَةُ خَمْسٌ: الْخِتَانُ، وَالاسْتِحْدَادُ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ، وَنَتْفُ الإِبِطِ»
ނަބިއްޔާ صلى الله عليه وسلم ހަދީޘް ފުޅު ކުރައްވަނިކޮށް އަޑު އެއްސެވިކަމަށް أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ”ފިތުރަތުގެ ތެރެއިންވާ ފަސް ކަމެއް ވެއެވެ. ޙިތާނު ކުރުމާއި ’ ކުރިމަތި ފަރާތުގެ (ވަށައިގެންވާ )އިސްތަށިތައް ބޭލުމާއި، މަތިމަސް ކޮށުމާއި ، ނިޔަފަތި ކެނޑުމާއި، ކިހިލަފަތް ދަށުގެ އިސްތަށިތައް އުފުރުމެވެ.
ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ސަޢުދީ ޢަރަބިއްޔާގެ މުފްތީ الإِمام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.
”ނިޔަފަތިތައް ނުކަނޑައި ސާޅީސް ދުވަހަށްވުރެ ދިގު މުއްދަތަށް ބެހެއްޓުން ހުއްދައެއް ނުވާނެ އެވެ. އެއީ أَنَس -رضي الله عنه- އަރިއަހުން ޘާބިތުވެގެންވާ ޙަދީޘްގައިވާ ފަދައިންނެވެ. (ޙަދީޘްގައިވެ އެވެ.) ”މަތިމަސް ކޮށުމާއި، ނިޔަފަތިކެނޑުން، ކިހިލިފަތުގެ އިސްތަށިތައް އުފުރުން، ކުރިމަތިފަރާތުގެ އިސްތަށިތައް ބޭލުން، (މިއިން އެއްވެސް ކަމެއް) ސާޅީސް ދުވަހުގެ މުއްދަތައްވުރެ ދިގު ނުކުރުމަށް ﷲ ގެ ރަސޫލާ އަހަރެމެންނަށް ވަޤުތުކަނޑައެޅުއްވި އެވެ.“ އަދި (ނިޔަފަތި ދިގުކުރުމުން) އެހިނދު އެއީ ޖަނަވާރުތަކާއި ބައެއް ކާފަރުންނާ އެއްވަތްތަރުވާ ސިފައެއްގެ ގޮތުގައިވެ އެވެ.“
مجموع فتاوى و مقالات متنوعة 10-49
ފަހެ، ސުންނަތުގައި ވާޖިބު ކުރައްވާފައިވާ މި ޢަމަލު ކުރުމަށް ވަކި ޚާއްޞަ ވަޤުތެއް ކަނޑައެޅިފައި ނުވެ އެވެ. އަދި ހަމަ އެފަދައިން ވަކި ދުވަހެއްގައި މިކަންތައް ނުކުރެވޭނެކަމަށް، ނުކުރުމަށް، މަނާ ކުރެވިފައިވާ އެއްވެސް ރިވާޔަތެއްވެސް ނުވެ އެވެ.
ނިޔަފަތި ކެނޑުމުގައި ސުންނަތް ވެގެންވާ ގޮތާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނެމެވެ.
ނިޔަފަތި ކެނޑުމުގައި ސުންނަތް ވެގެންވަނީ އެންމެ ފުރަތަމަ ކަނައަތް ފަރާތުން ފެއްޓުމެވެ. އެބަހީ، ކަނައަތް ކެނޑުމަށް ފަހުގައި ވައަތަށް ދިއުމެވެ. ސަބަބަކީ عَائِشَةَ رضي الله عنها ރިވާކޮށްފައިވާ ޙަދީޘްގެ މައްޗަށް ބިނާކޮށެވެ. ރިވާޔަތުގައިވެ އެވެ. عَنْ عَائِشَةَ قَالَتْ: «كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ، وَتَرَجُّلِهِ، وَطُهُورِهِ، وَفِي شَأْنِهِ كُلِّهِ» عَائِشَةَ -رضي الله عنها- ގެ އަރިހުން ރިވާވެގެންވެ އެވެ. ”ފައިވާން ކޮޅު ތުރު ކުރެއްވުމާއި، އިސްތަށި ފުޅުގައި ފުނާއަޅުއްވައި އޮމާންކޮށް ރީތި ކުރެއްވުމުގައި އަދި ޠަހޫރު (އެބަހީ ވުޟޫ އަދި ހިނައިގަތުމުގެ) އިތުރުން (ކަރާމާތްތެރި ކަމުގެ) އެންމެހައި ކަމެއްގައި ކަނާތްފަރާތްޕުޅު އިސްކުރެއްވުމަށް ރަސޫލާ صلى الله عليه وسلم ލޯބިފުޅު ކުރައްވަ އެވެ.“
ވުމުން، ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން އަތުގެ ނިޔަފަތި ކެނޑުމުގައި ކަނައަތް އިސްކުރުމާއި އަދި ފައިގެ ނިޔަފަތި ކެނޑުމުގައި ކަނާތުފައި އިސްކުރުން ސުންނަތްވެގެންވެ އެވެ.
އެއަށްފަހު ނިޔަފަތި ކެނޑުމުގައި އިނގިލީގެ ވަކި ތަރުތީބެއް އެއްވެސް ރިވާޔަތެއްގައި ޘާބިތު ނުވެ އެވެ.
އަލް-ޙާފިޟް ابن حجر -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނިޔަފަތި ކެނޑުމުގައި އިނގިލިތަކުގެ ވަކި ތަރުތީބެއް އެއްވެސް ޙަދީޘެއްގައި ޘާބިތުވެފައެއް ނުވެ އެވެ…“ فتح الباري 10/345
އިމާމް العراقي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނިޔަފަތި ކެނޑުމުގައި އިނގިލިތައް އޮތީ ކޮން (ތަރުތީބެއް ކަމާއި މެދު) އެފަދައިން ޢަމަލު ކުރުމަށް އެއްވެސް ހަދީޘެއް ނުވެ އެވެ.“ طرح التثريب 2/77
ވުމުން، ނިޔަފަތި ކެނޑުމަށް އެއްވެސް ތަރުތީބެއް، އިނގިލިތަކުގެ ތަރުތީބެއްވާކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް އެއްވެސް ދަލީލެއް ނެތެވެ. އެ ގޮތުން މިއީ ”ސުންނަތް ގޮތޭ“ ބުނެވޭނެ އެއްވެސް ދަލިލެއް ނެތެވެ. އެފަދައިން ބުނުމެއް ނުވެ އެވެ.
ނިޔަފަތި ކެނޑުމަށް ވަކި ދުވަހެއްވޭ ހެއްޔެވެ؟
ޖަވާބުގައި ބުނަވެ.
އެފަދަ އެއްވެސް ޞައްޙަ ބަސްފުޅެއްނުވެ އެވެ. ފަހެ، އެހެން ވުމުން ބުދަ ދުވަސް ނުވަތަ ބުރާސްފަތި ދުވަހުގައިވިޔަސް އެކަން ކުރުމުން މަނާ ކުރުމަށް އެއްވެސް ޞައްޙަ ދަލީލެއް ނުވެ އެވެ.
ފަހެ، އެހެންވުމުން ޝަރުޢީ ޤަވާޢިދުގައިވާ އޭގެ އަޞްލުގައި ދެމިހުރުން ހުއްޓެވެ. އެއީ، އެކަން ހުއްދަވެގެންވުމެވެ.
ނިޔަފަތި ދުވާލުގައި ނުވަތަ ރޭގަނޑުގައި ކެނޑުމުގެ ޙުކުމެވެ.
ދުވާލުގައި އަދި ރޭގަނޑުގައިވެސް ނިޔަފަތި ކެނޑުމަށް އެއްވެސް މަނާކަމެއް ނުވެ އެވެ. ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام العلامة عَبد العَزِيز بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.
”ނިޔަފަތިތައް ދުވާލުގައި އަދި ރޭގަނޑުގައި ކެނޑުން ހުއްދަވެގެންވެ އެވެ. އަދި ދުވާލުގައި ކެނޑުމާއި ރޭގަނޑުގައި ކެނޑުމަކީ މުޠްލަޤުކޮށް ހުއްދަވެގެންވާ ކަމެވެ.“
ބުނަމެވެ. ރޭގަނޑުގައި ނިޔަފަތި ކެނޑުން މަކްރޫހަވެގެންވާ ކަމަށް ބުނެފައިވާ ބުނުމަކީ އެއްވެސް ޙުއްޖަތެއް އަދި ދަލީލެއް އެކަމަށް ވާރިދުވެގެންވާ ކަމެއް ނޫނެވެ. މަނާކުރުމަށް އަދި މަކްރޫހަ ކަމުގައި ބުނުމަށް އެއްވެސް ދަލީލެއް ނުވެ އެވެ. ފަހެ، އެމީހަކު ބޭނުން ކަމުގައިވާނަމަ ދުވާލުގެ ކޮންމެ ވަޤުތެއްގައި އަދި ރޭގަނޑުގެ ކޮންމެ ވަޤުތެއްގައި ނިޔަފަތި ކެނޑުން ހުއްދަވެގެންވެ އެވެ.
ދެންއޮތީ މިކަމާއި ގުޅިގެން ވާރިދުވެފައިވާ، ނަބިއްޔާ އަށް ނިސްބަތް ކުރެވިފައިވާ ބައެއް ހަދީޘްތަކަށް ބަސް ބުނެލުމެވެ.
ومن قلَّم أظفارَه يومَ الأربعاءِ خرج منه الوسواسُ ”ބުދަ ދުވަހުގައި ނިޔަފަތި ކަނޑައިފިމީހާގެ ކިބައިން ވަސްވާސް ފިލައިދާ ހުއްޓެވެ.“
މި ޙަދީޘްއަކީ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ބަޔަކު ހަދައިފައިވާ ދޮގު ޙަދީޘެއްގެ ގޮތުގައި ޢިލްމުގެ އަހުލުވެރިން ޛިކުރު ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި އިމާމް ابن الجوزي އަދި އިމާމްالشوكاني އަދި މި ނޫނަސް އެހެން އިމާމުން ހިމެނިވަޑައިގަންނަވަ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.