އުޟްޙިއްޔާ ކަތިލާހިނދު، ކަތިލާނެގޮތަކީ ކޮބާތޯއެވެ؟ އަދި ކިޔާނެ ދުޢާ އަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އުޟްޙިއްޔާ ކަތިލާހިނދު، ކަތިލާނެ ސިފައާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.  

އުޟްޙިއްޔާ ގޮތުގައި ކަތިވެލޭ (ޖަމަލު ފިޔަވައި) އެހެންނިހެން ނަޢަމް ސޫފިތައް ކަތިލާހިނދު އޭތީގެ އަރިމައްޗަށް އޭގެ ވައަތާވީ ފަރާތް ބިންމަތީގައި ޖެހޭގޮތަށް ބޭއްވުން މުސްތަޙައްބުވެގެންވެ އެވެ. އަދި ޖަމަލު ކަމުގައިވާނަމަ، އޭގެ ވައަތް އައްސާފައި ކޮޅަށް ބަހައްޓައި ޤުރުބާން ކުރުން މުސްތަޙައްބުވެގެންވެ އެވެ.  

ޤުރުބާން ކުރާ ސިފަ ބަޔާންކުރައްވާ الإِمَام محُمَّد بِنْ صَالح العُثَيْمِين -رحمه الله-  ވިދާޅުވެފައިވެ އެވެ.  

”ޖަމަލު ނޫން އެހެނިހެން ނަޢަމްސޫފިތައް) ކަތިލުމުގައި ސުންނަތްގޮތަކީ ބޮލާއި އެންމެ ކައިރިންވާގޮތަށް ކަރުބުޑުން ކަތިލުމެވެ. އަދި އެ ނަޢަމްސޫފި ބާއްވާނީ އޭގެ ވައަތް ބިންމަތީގައި ޖެހޭގޮތަށް އަރިއަށެވެ. ސަބަބަކީ މިއީ ކަތިލާ މީހާއަށް އެންމެ ފަސޭހަވެގެންވާގޮތެވެ. އެހެނީ، ކަތިލާމީހާ އޭނާގެ ކަނައަތުން ކަތިލާހިނދުގައި ނަޢަމްސޫފި އޮންނާނީ އޭތީގެ ވައަތްމައްޗަށް (އޭގެ ވައަތް ބިންމަތީގައި ޖެހޭގޮތަށް) ބާއްވާފަ އެވެ.  އެއަށްފަހު އޭގެ ކަރުމައްޗަށްވާގޮތައް ފައިން އަރައި އޭގެ ބޮލުގައިހިފަހައްޓައިގެން ހުރެ ކަތިލާނީ އެވެ.“  شرح  الممتع 7- 442 

ކަތިލާ ނަޢަމްސޫފި ޤިބްލައަށް ވާގޮތަށް ބޭއްވުން ވެ އެވެ. އަދި އެހިނދު ޤުރުބާން ކުރާ މީހާވެސް ވާހުށީ ޤިބްލައަށް ކުރިމަތިލައިގެން ހުންނަ ފަރާތެއްގެ ގޮތުގަ އެވެ. މިއީ އެންމެ ހެޔޮ އަދި އަޥްލާވެގެންވާ ގޮތެވެ. އެހެނަސް ޤިބްލަ ނޫން ފަރާތަކަށް ބާއްވައި ކަތިލި ކަމުގައިވީނަމަވެސް އޭނާގެ ޤުރުބާން ޞައްޙަވާނެ އެވެ.  

އުޟްޙިއްޔާ ޤުރުބާން ކުރާހިނދު ކިޔާނެ ޛިކުރާއި މެދުގައި ބުނަމެވެ.  

މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيْخ عَبد القَادر الجُنَيد -حفظه الله –  ވިދާޅުވެފައިވެ އެވެ. 

”އަދި ކަތިލާހިނދު މިފަދައިން ކިޔުމެވެ. 

بسم الله، والله أكبر، اللهم مِنكَ ولكَ، اللهم تقبَّل مِن فلانٍ وآل فلان  (ޢަރަބި ބަހުގައި فلان  ފުލާން ބުނެވެނީ ވަކި ޚާއްޞަ ނަމެއް ނުބުނެ އެވެނި މިވެނި މީހެއްގެ ގޮތުގައި ބުނުމުގެ ގޮތުންނެވެ.) 

ފަހެ، މިއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން ޘާބިތުވެގެންވާ ކަލިމަތަކެކެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން عبد الله بن العباس -رضي الله عنهما- ގެ އަރިއަހުންވެސް ޘާބިތުވެގެންވެ އެވެ. 

ފަހެ، މިކަމުގެ މިޘާލެއްގެ ގޮތުގައި ބުނަމެވެ. އެމީހެއްގެ ނަމަކީ أَحمَدُ ކަމުގައިވެއްޖެހިނދު، މިފަދައިން ބުނުން ހުއްޓެވެ : 

بسم الله، والله أكبر، اللهُمَّ مِنْكَ وَلَكَ، اللهُمَّ تَقَبَّل مِنْ أَحْمَد وَآلِ أَحْمَد ނުވަތަ وآل أحمد ގެ ބަދަލުގައި ކިޔާނީ وأهل أحمد އެވެ. 

އެމީހެއްގެ ނަމަކީ فَاطِمَة ކަމުގައިވެއްޖެހިނދު، މިފަދައިން ބުނުން ހުއްޓެވެ : سم الله، والله أكبر، اللهُمَّ مِنْكَ وَلَكَ، اللهُمَّ تَقَبَّل مِنْ فاطمة وآل فاطمة ނުވަތަ آل فاطمة ގެ ބަދަލުގައި ކިޔާނީ وأهل فاطمة އެވެ.“ 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts