|

އެލްކޮހޮލް އަޅާފައި ހުންނަ ސެންޓު ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މީރުވަސް ދުއްވުމަށް ބޭނުން ކުރާ ތަކެއްޗާއި ބެހޭގޮތުން ކޮށްފައިވާ ސުވާލުގެ މައްޗަށް ބުނަމެވެ.

ފުރަތަމައީ : އެލްކޮހޮލް އަޅާފައޭ ބުނުމުން އެ ބުނަނީ އެރަށް ބަނގުރާ (އެ އެއްޗެއް ބޮއެގެން މަސްތުވާ ބަނގުރާ) އޭގެ ތެރެއަށް އަޅާފަ ހުންނަނީ ހެއެްޔެވެ؟ ނުވަތަ އެލްކޮހޮލް ހެދުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ބާވަތެއް އެއަށް އަޅާފައި ހުންނަނީ ހެއްޔެވެ؟

މާނައަކީ : ކޮންމެ އެއްޗެއްވެސް ތައްޔާރު ކުރުމަށް އެކިއެކި ބާވަތްތަކުގެ ތަކެތި އަޅާއި އެއްްކުރުމުން އެ އެއްޗެއް ތައްޔާރު ކުރެވޭ ގޮތަށް އެލްކޮހޮލް ތައްޔާރު ކުރުމަށް ބޭނުންކުރާ ތަކެތިޣެ ތެރެއިން ސަބްސްޓޭންސެއް ކަމުގައި އެލްކޮހޮލް-ޑިނަޓް ކިޔާ ބާވަތެއް އޭގައިވެ އެވެ) ފަހެ، އެހިނދު އޭގައި ވަނީ މިފަދަ ބާވަތެއްކަން އެބަ އިނގެ އެވެ.

ދެވަނައީ : މީރުވަސް ދުއްވުމަށް ބޭނުން ކުރާ ފުޅިތަކަށް، އަޅާފައި ހުންނަ މި އެއްޗަކީ އެ ބޮއެގެން މަސްތުވާ އެއްޗެއް ހެއްްޔެވެ؟ އެހެން ކަމުގައިވާނަމަ އެއްވެސް ސުވާލެއް ކުރުމެއްނެތި އެއީ ޙަރާމް އެއްޗެއް ކަމުގައި ހުކުމް ނެރެވޭނެ އެވެ. ޙަދީޘްގައިވެ އެވެ. (كلُّ مُسكرٍ حرامٌ) މަސްތުކުރުވާ ކޮންމެ އެއްޗަކީ ހަރާމް އެއްޗެކެވެ.“

މިފަދައިން ބުނަން މި ޖެހެނީ ސަބަބަކީ ދީނުގައި ބައެއްތަކެތި އެއީ މަސްތުވާ އެއްޗެހި ގޮތުގައި ނުވެ އެތަކެތި ބުއިން ޙަރާމްވެފައިވެ އެވެ.

އެހެނަސް އެހެނިހެން ކަންކަމުގައި އިސްތިޢުމާލު ކުރުން މަނާކަމެއް ނެތެވެ. މިޘާލަކަށް ބުލީޗް، ޑިޓޯލް ފަދަ ތަކެއްޗަކީ އެ ބުއިމުން މިހާ ވިހަވެ، އޭނާގެ މަރުވާނެ ފަދަ ދިޔާ ތަކެއްޗެވެ. އެ ބުއިން ޙަރާމް ވާނެ އެވެ. އެހެނަސް ދޮންނަން ބޭނުން ކުރުން، ސާފުކުރުމަށް ބޭނުން ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެން ވުމުން މިކަން އެނގިގަތުން ހުއްޓެވެ.

ތިންވަނައީ : ސެންޓްފަދަ އެއްޗެއް ބޮއެފިއްޔާ މީހާ ވިހަވެ، މަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެނަސް އެއީ މަސްތުވެގެން ނޫނެވެ. އެއީ ވިހަވެގެންނެވެ. ވުމާއެކު ވިސްނަންވީ އެއަށް މަސްތުވާ ތަކެތީގެ ޙުކުމް ގެނައުމާއި މެދުގަ އެވެ. (އެއަށް އަޅާފައިވާ އެ މާއްދާ އަކީ އެ މަސްތުކުރުވާ އެއްޗެއް ނޫންކަން، މިއީ އަހަރުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތެވެ.) ފަހެ، އެހެން ވުމުން ބަނގުރަލުގެ ޙުކުމް އޭގެ މައްޗަށް ނުނެގޭނެ އެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން، ބްލީޗްވެސް ވިހައެއް ކަމުގައިވެ، އެއިން ބޭނުން ހިފޭނެ ކަންކަމުގައި ބޭނުން ކުރުން ހުއްދަވެގެންވާ ފަދައިން، ސެންޓުފަދަ ތަކެއްޗަކީވެސް އެއިން ބޭނުން ހިފޭނެ ތަކެތި ކަމުގައި އެހެންވުމުން ވެ އެވެ.

ހަތަރުވަނައީ : ބައެއް މިފަދަ މީރުވަސްދުވާ ތަކެއްޗަކީ، ތަޖުރިބާއިން އެނގިބަޔާންވަނީ ބައެއް ތަކެއްޗަކީ މަސްތު ކުރުވާ އަދި މަސްތުވާ އެއްޗެއްކަމެވެ. ފަހެ، އެ އެއްޗަކީ މަސްތުވާ އެއްޗެއް ކަމުގައި ވެއްޖެހިނދު އެފަދަ ތަކެތި ބޭނުން ކޮށްގެން ނުވާނެ އެވެ.

ފަސްވަނައީ : މި މައްސަލައިގައި މަދީނާގެ މަސްޖިދުއް ނަބަވީަގައި ކިޔަވާ ދެއްވާ ޑރ. الشيخ سُليمان الرحيلي -حفظه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ. ”އެފަދަ (އެލްކޮހޮލް-ޑިނަޓް) މާއްދާ އަޅާފައި ހުންނަ ތަކެތި އެއީ މަސްތުވާ އެއްޗެކޭ ބުނެފި ހިނދު، އެއީ ނަޖިސް އެއްޗެއް ކަމުގައިވެ، މިސްކިތްތައް އެއިން ސާފުކުރުން ހުއްދައެއް ނުވާނެ އެވެ. އެފަދަ އެއްޗެއް ބޭނުން ކޮށްފިނަމަ ނަމާދުކޮށްގެން ނުވާނެ އެވެ. އެއީ ”މަސްތުވާ ބަނގުރާ ކަމުގައިވާނެ ތީ އެވެ…“ އެހެންވުމުން މި ޕާފިއުމު ފުޅިތަކަކީ މަސްތުވާ ތަކެއްޗެއް ނޫނެވެ. އަދި އެއަށް މަސްތުވާ ބަނގުރާގެ ޙުކުމް ދޭނީ ކިހިނަކުން ހެއްޔެވެ؟

ހަވަނައީ : އިސްވެދިޔަ އެންމެހައި ނުކުތާ ތަކުގެ މައްޗަށް ގެނެވޭ ޚުލާޞާ ބަސްތަކެވެ. އެއީ، މިފަދަ ތަކެއްޗާއި މެދު ގިނަ ޢިލްމުވެރިންގެ ބަސްފުޅަކީ، އޭގައިވާ އެލްކޮހޮލް މާއްދާގެ ގިނަ އަދި މަދު މިންވަރުގެ މައްޗަށް އޭގެ މައްޗަށް ޙުކުމް ނެރުމެވެ. އިސްވެ ބަޔާންކުރެވުނު ނުކުތާގައި އެކަން ބަޔާންވެއްޖެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާ (13-54) ގައި ބަޔާންކޮށްފައިވެ އެވެ. ”އޭ މީރުވަސްދުވާ އެތީގައި ކުޙޫލް ގެ އިންސައްތައަކީ އެ ބޮއެފިހިނދު މަސްތުކުރާ މިންވަރު ކަމުގައިވެއްޖެހިނދު، އެ ބުއިން ޙަރާމް ވާނެ އެވެ. އަދި އެ ގަނެވިއްކުން ޙަރާމް ވާނެ އެވެ. އަދި އެނޫންވެސް ގޮތްތަކުން އެއިން އެއްވެސް މަންފާއެއް ހޯދުން ޙަރާމްވާނެ އެވެ. ސަބަބަކީ އެއީ ޚަމްރު (ބަނގުރަލެވެ.) އޭގެ މަދުވިންވަރެއް އަދި ގިނަ މިންވަރެއްކަމުގައިވީނަމަވެސް (ޙުކުމް އޮތީ މިފަދައިންނެވެ.) އޭގައިވާ ކުޙޫލް ގެ މިންވަރަކީ އެ ކިތަންމެ ގިނައިން ބުޔަސް މަސްތުކުރުވާނެ މިންވަރެއް ނޫން ކަމުގައިވެއްޖެހިނދު، އެ ބޭނުން ކުރުން ހުއްދަވާނެ އެވެ. އަދި ގަނެވިއްކުން ހުއްދާވަނެ އެވެ.“

ބައެއް ތަކެތި އެއީ މަސްތުވާވަރުގެ ބުއިމެއްކަން އެނގިފައިވެ އެވެ.

އަދި ބައެއް ތަކެތި ބުއިމަކުން މަސްތެއް ނުވެ އެހެނަސް ވިހަވެ ދާނެ އެވެ.

ފަހެ، އެއި މަސްތުވާ މިންވަރަށް އެއަށް އެލްކޮހޯލް އަޅާފައިވެއްޖެހިނދު އެފަދަ ތަކެތި ބޭނުން ކުރުން ހުއްދަ ނުވުމެވެ.

އަދި އޭގެ އެއްވެސް އަޘަރެއް ނުކުރާވަރުގެ މިންވަރަށް އޭގައި ވެއްޖެހިނދު އެ ބޭނުން ކުރުން ހުއްދަވެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts