|

ބޭންކު މެދުވެރިކޮށް ޑޮލަރު ގަނެ ވިއްކުން ހުއްދަވާނެތޯއެވެ؟

الحمد لله رب العالمين. والصلاة والسلام على رسول الله، و على آله و أصحابه ومن تبعهم إلى يوم الدين.

ބޭންކު މެދުވެރިކޮށް ދެފަރާތުން ފައިސާ ގަނެވިއްކުމެވެ.

ސުވާލުގެ ޖަވާބުގައި ބުނަމެވެ.

އަޚާ އެވެ! ފައިސާ ގަނެ ވިއްކުމުގައި ދީނުގައި ކަނޑައަޅާފައިވާ ޝަރުޠުތަކާއި ޤަވާޢިދުތަކެއްވެ އެވެ.

އޭގެ ތެރޭގައި ފައިސާ އެކަކުގެ ފަރާތުން އަނެކަކަށް ވިއްކާހިނދުގައި، މިޘާލަކަށް ޒައިދު އަތުގައި ހުރީ ޑޮލަރެވެ. އެ ޑޮލަރު ވިއްކުމަށް ޒައިދު ބޭނުންވެ އެވެ. އަދި ޢަމްރު އެ ޑޮލަރު ގަތުމަށް ބޭނުންވަނީ ދިވެހި ފައިސާއިންނެވެ.

މިތަނުގައި ދެފަރާތުގެ ދެމެދުގައި ހިނގައިދާ މުޢާމަލާތަކީ، ފައިސާ ވިއްކައި ބަދަލު ކުރުމެވެ.

އެހިނދު އެއް މަޖްލިސްގައި އަތުން އަތުން ވަޤުތުން ވަޤުތަށް ބަދަލުވާން ޖެހޭނެ އެވެ. މަޖްލިސްއިން ވަކިވެދާހިނދު އެއްވެސް ފައިސާއެއް އެއްވެސް މީހެއްގެ ޛިންމާގައި އޮވެގެން ނުވާނެ އެވެ. އެހެނަސް ފައިސާގެ މުޢާމަލާތް ވަނީ އެކުއެކީގައި ނިމިފަ އެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (الذَّهَبُ بالذَّهَبِ، والْفِضَّةُ بالفِضَّةِ، والْبُرُّ بالبُرِّ، والشَّعِيرُ بالشَّعِيرِ، والتَّمْرُ بالتَّمْرِ، والْمِلْحُ بالمِلْحِ، مِثْلًا بمِثْلٍ، سَواءً بسَواءٍ، يَدًا بيَدٍ، فإذا اخْتَلَفَتْ هذِه الأصْنافُ، فَبِيعُوا كيفَ شِئْتُمْ، إذا كانَ يَدًا بيَدٍ )

”ރަނަށް ރަނެވެ. ރިއްސަށް ރިއްސެވެ. ގޮދަނަށް ގޮދަނެވެ. ބާރުލީއަށް ބާރުލީ އެވެ. ކަދުރަށް ކަދުރެވެ. ލޮނަށް ލޮނެވެ އެއްފަދައިން އެއްފަދަ އަށެވެ. އެއްވަރުން އެއްވަރަށެވެ. އަތުން އަތަށެވެ. (ވަގުތުން ވަގުތަށެވެ.) ފަހެ، އޭގެ ޖިންސުން ތަފާތުވެއްޖެނަމަ (އެބަހީ : ގޮދަން ބަދަލު ކުރީ ކަދުރަށެވެ.) ތިޔަބައިމީހުން އެދޭ މިންވަރެއްގައި ގަނެވިއްކާށެވެ. (އެހެނަސް) އަތުން އަތަށް ބަދަލުވާ ގޮތުގަ އެވެ.“ މި ޙަދީޘް އިމާމް މުސްލިމް مسلم  1587 ގައި ރިވާކޮށްފައިވެ އެވެ.

އަދި ބައެއް ރިވާޔަތުގައިވެ އެވެ. “ ރަނަށް ރަނެވެ. ރިއްސަށް ރިއްސެވެ. ގޮދަނަށް ގޮދަނެވެ. ބާރުލީއަށް ބާރުލީ އެވެ. ކަދުރަށް ކަދުރެވެ. ލޮނަށް ލޮނެވެ އެއްފަދައިން އެއްފަދަ އަށެވެ. އެއްވަރުން އެއްވަރަށެވެ. އަތުން އަތަށެވެ. (ވަގުތުން ވަގުތަށެވެ.) ފަހެ، އިތުރުކޮށްފި މީހާ ނުވަތަ އިތުރަށް ދިނުމަށް އެދެފި މީހާ ހަމަކަށަވަރުން ރިބާ ހޯދައިފި އެވެ.“

ވުމާއެކު، ކަނޑައެޅިފައިވާ ޝަރުޠަކީ ދެފަރާތުން އެ މުޢާމަލާތް އެއްފަހަރާ ހިންގުމެވެ. އެ ގޮތުން ވަޤުތުން ވަޤުތަށް އަތުން އަތަށް ބަދަލު ކުރަންޖެހޭނެ އެވެ.

މިއަދު ބޭންކު މެދުވެރިކޮށް ފައިސާ އެހެން ފައިސާއަކަށް ވިއްކައި ބަދަލު ކުރާނަމަވެސް މި ސިފައިގައި އެކަން ކުރަންޖެހޭނެ އެވެ.

އެގޮތުން ޒައިދު އޭނާގެ އަތުގައިވާ ފައިސާއިން ޢަމްރު އަތުގައިވާ ޑޮލަރު ގަނެ އެވެ. އެހިނދު، ޢަމްރު އޭނާގެ އަތުގައިވާ ޑޮލަރަށްވާ ފައިސާގެ ޢަދަދު ޒައިދުއަށް އަންގަ އެވެ. އަދި ޒައިދު ފައިސާގެ ޢަދަދު ޢަމްރުގެ އެކައުންޓަށް ފޮނުވަ އެވެ. އަދި ހަމަ އެދަނޑިވަޅުގައި ޢަމްރު ޒައިދުގެ އެކައުންނަށް ޑޮލަރު ޖަމަޢަކުރެ އެވެ.

އެހިނދު އެއްވެސް މީހެއްގެ ކޮނޑުގައި އެއްވެސް ޛިންމާއެއް އިތުރަށް ނެތް ގޮތުގައި މުޢާމަލާތް ނިމިގެންދެ އެވެ.

ފަހެ، މި ސިފައިގައި ފައިސާ ގަނެވިއްކުމުގެ މުޢާމަލާތް ކޮށްފިނަމަ، މިއީ ހުއްދަ ސިފައެކެވެ.

އެހެނަސް އެކަކު ފައިސާ އަނެކަކަށް ޑޮލަރު ގަތުމަށް ފޮނުވައި، އޭނާ ފައިސާ ފޮނުވި ފަރާތަށް އެފައިސާއިން ގަތުމަށް ބޭނުންވާ ޑޮލަރު ނުފޮނުވައި ލަސްކުރުން އެއީ ދީނުގައި ހުއްދަވެގެން ނުވާ މުޢާމަލާތެކެވެ.

ދަންނަ އެވެ! މިތަނުގައި ދަންނަޖެހެނީ، ވަޤުތުން ވަޤުތަށް އެއް އެކައުންޓްއިން އަނެއް އެކައުންޓަށް މިފަދައިން ފައިސާ ގަނެވިއްކައި ބަދަލު ކުރާހިނދު، ފައިސާ ބަދަލުވާނަމަ އެކަމުގައި މައްސަލައެއް ނެތުމެވެ.

وصلى الله على نبينا محمد وعلى آله و صحبه وسلم.

Similar Posts