ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ ސުންނަތެއް ނުވަތަ ސުންނަތެއް ނޫން ހެއްޔެވެ؟

ލިޔުއްވީ الشَيخ العَلاَّمَة مُحمَّد بن صَالح العُثَيمِين رحمه الله

ތަރުޖަމާ ކުރެއްވީ އުސްތާޛް އަބޫ އަނަސް މުޙައްމަދު ޙަސަން حفظه الله

ސުވާލު : ބޮލުގެ އިސްތަށިތައް ދިގުކުރުމަކީ ސުންނަތެއް ނުވަތަ ސުންނަތެއް ނޫން ހެއްޔެވެ؟

ޖަވާބު : ”ޖަވާބަކީ، އެއީ ސުންނަތެއް ނޫނެވެ. ސަބަބަކީ ނަބިއްޔާ ﷺ އެފަދައިން ޢަމަލުފުޅު ކުރެއްވީ މިސްތަކުން އެޒަމާނުގައި އެފަދައިން ޢަމަލުފުޅު ކުރައްވާތީ އެވެ. ފަހެ، އެގޮތުން ނަބިއްޔާ ﷺ އަށް ކުޑަކުއްޖެއް ބޮލުގެ އެއްބައި ބާލައިފައިވާތަން ފެނިވަޑައިގެންނެވުމުން ޙަދީޘްފުޅު ކުރެއްވި އެވެ. (احلقه كله أو اتركه كله) ”ބޯ އެއްކޮށް ބޭލުން ހުއްޓެވެ. ނުވަތަ އެއްކޮށް ދޫކޮށްލާފައި ބެހެއްޓުން ހުއްޓެވެ.“ ބޮލުގެ އިސްތަށިގަނޑު ދިގު ކުރުމަކީ އެއީ، އެކަން ކުރުމަށް އޮތް ކަމެއްގެ ގޮތުގައިވީނަމަ، ބޮލުގެ އިސްތަށިތައް ބަހައްޓާށޭ ޙަދީޘްފުޅު ކުރެއްވީހެވެ.

އެހެންވުމުން ފަހެ، އަހަރެމެން ބުނަމެވެ. ބޮލުގެ އިސްތަށިތައް ދިގުކުރުމަކީ ސުންނަތެއް ނޫނެވެ. އެހެނަސް މީސްތަކުން ޢާދަވެ އެކަން ކުރާނަމަ، ތިބާ އެފަދައިން ޢަމަލު ކުރާށެވެ. އެހެންނޫންނަމަ، މީސްތަކުން ތިބޭގޮތަށް ހުންނާށެވެ. ސަބަބަކީ ސުންނަތް ބައެއްފަހަރު އޭގޭ ޛާތުގައި އެއީ ޢަމަލުކުރަންޖެހޭ ސުންނަތެއް ކަމުގައިވެ އެވެ. ބައެއް ކަންތަކަކީ އެކަންތައް އޭގެ ޛާތުގައި ކުރުން ސުންނަތްވެގެންވާ ކަންތައްތަކެވެ. އަދި ވަކިކަމެއް ޢައްޔަންނުވެ އެ ޢަމަލުގެ ބާވަތަކީ ސުންނަތެއް ކަމުގައި ބައެއް ސުންނަތްތައްވެ އެވެ.

ފަހެ، މިޘާލަށް، ފޭރާންތައް، އެ ފޭރާންތަކަކީ ޙަރާމް ފޭރާންތަކެއްގެ ގޮތުގައިނުވާނަމަ، އަދި ބައްޓަން (ތައްޔާރުކޮށްފައިވާ ސިފަ) އަކީ ޙަރާމް ގޮތުގައިނުވާނަމަ، ސުންނަތަކީ މީސްތަކުން ތިބޭ ގޮތުގައި ތިބުމެވެ. ސަބަބަކީ ނަބިއްޔާ ﷺ ޢަމަލުފުޅު ކުރެއްވީ އެކަމުގައި މީސްތަކުންގެ ޢާދަކާދައަށް ތަބަޢަވެވަޑައިގެންނެވުމަށެވެ. އެހެންވުމުން ބުނަމެވެ. މިހާރު މީސްތަކުންގެ ޢާދައެއް ކަމުގައިވަނީ އިސްތަށިގަނޑު ދިގު ނުކުރުމެވެ. އެހެންވުމުން އަހަރެމެންގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އަހަރެން އެންމެ ފުރަތަމަ ހަނދާންކުރަނީ، އަހަރުމެންގެ ޝެއިޚް عبد الرحمن بن ناصر السعدي އަދި ހަމައެފަދައިން އަހަރެމެންގެ ޝެއިޚް عبد العزيز بن باز އަދި އަހަރެމެންގެ އެހެނިހެން ޝެއިޚުންވެސް، الشيخ محمد بن إبراهيم އަދި މި ޝެއިޚުގެ އިޚްވާނުން އަދި އެނޫންވެސް އެންމެ ބޮޑެތި ޢިލްމުވެރިން، އެބޭކަލުން އިސްތަށިފުޅު ދިގު ނުކުރައްވަ އެވެ. ސަބަބަކީ އެބޭކަލުން އެއީ ސުންނަތެއްކަމުގައި ދެކިވަޑައި ނުގަންނަވަ އެވެ. އަދި އަހަރުމެން ދަންނަމެވެ. އެބޭކަލުން އެއީ ސުންނަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވާނަމަ، ސުންނަތަށް ތަބަޢަވެވަޑައިގެންނެވުމާއި، ސުންނަތުގައި ދެމިހުންނެވުމުގައި އެބޭކަލުންނަކީ ނުހަނު ގަދައަޅާ މަސައްކަތްޕުޅު ކުރައްވާ (ޝައުގުވެރިވަޑައިގަންނަވާ) ބޭކަލުން ކަމުގައިވެ އެވެ. ފަހެ، މިކަމުގައި ޞައްޙަވެގެންވާ ގޮތަކީ މީސްތަކުންގެ ޢާދަކާދައަށް ތަބަޢަވުމެވެ. ތިބާއަށް އޮތީ، އެތަނެއްގައި މީސްތަކުން ޢާދަކާދަކަމުގައިވަނީ އިސްތަށިގަނޑު ދިގުކުރުން ކަމުގައިވެއްޖެހިނދު އެފަދައިން ދިގުކުރާށެވެ. އެހެން ނޫންނަމަ ދިގުކޮށްގެން ނުވާނެ އެވެ.“

ފަތުވާ ނަގާފައިވަނީ : لقاء الباب المفتوح ص 22

އަޚާ އެވެ! މިއީ ކޮންފަދަ ފުރިހަމަ ރިވެތި ވެގެންވާ ފިޤުހެއްތޯ އެވެ؟

އެބަހީ : މާތް ނަބިއްޔާ ﷺ އަށް ތަބަޢަވުމޭ ބުނެ، ނަބިއްޔާ ﷺ އިސްތަށިފުޅު ދިގު ކުރެއްވިޔޭ ބުނެ ތިމާ ބޭނުންވަނީ އެ ސުންތަނުގައި ދެމިހުރުމަށް ދަޢުވާކޮށް އެއީ ސުންނަތެއްގެ ގޮތުގައި ކަނޑައަޅައި ނިންމަ އެވެ.

ތެދެކެވެ. ބަލައިފިނަމަ، ފެންނަން އޮތީ ނަބިއްޔާ އެފަދައިން ޢަމަލުފުޅު ކުރެއްވި ކަމެވެ. އެހެނަސް ޢިލްމުވެރިން ދަލީލުތަކާއި އޭގެ ފިޤުހަށް ރުޖޫޢަވެވަޑައިގެން، ސުންނަތޭ ބުނުމުން އެއީ އޭގެ ޛާތުގައި ސުންނަތެެއްތޯ ނުވަތަ އެ ސުންނަތަށް ޢަމަލު ކުރުމުގައި އެހެން ކަންތައްތަކަށް ރިއާޔަތް ކުރަންޖެހޭނެތޯ އެ ޚާއްޞަ ކަމެއްގައި ވިދާޅުވެފައިވެ އެވެ.

މުޖައްރަދު ފެންނަ ފެނުމަށް، ތިމާ ކިޔާލާ ކިޔާލުމުގެ މައްޗަށް އަމިއްލަ ބުއްދިއަށް ވިސްނޭ ގޮތަކީ ސުންނަތަށް ތަބަޢަވުން އަދި އޭގައިވާ ﷲ އާއި އެއިލާހުގެ ރަސޫލާގެ މުރާދުފުޅަށް ތަބަޢަވުން ކަމުގައި ނުވެދާނެ ކަމުގެ ބިރު އޮތްކަން ދަންނަންޖެހޭނެ އެވެ.

ވުމުން މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ ابن العُثيمِين -رحمه الله- ވިދާޅުވެފައިވާ ފަދައިން މިއީ ނަބިއްޔާ ﷺ އެތަނުގެ އަހުލުވެރިން ޢާދަވެ ތިބޭ ގޮތެއްގެ މަތީގައި، އެ ގޮތަކީ ފާފަވެރި ޢަމަލެއް ނޫން ކަމުގައިވާނަމަ އެގޮތުގައި ތިބުމުގެ މައްޗަށް ޢަމަލުފުޅު ކުރައްވާފައިވާ ޢަމަލުފުޅެކެވެ.

ފަހެ، މި ޒަމާނުގެ ޢާދައަކީ، ގިނައިން ފިރިހެނުން ތެރެއިން ބޯ ދިގުކުރާ މީހުންނަކީ، ފާސިޤު، ދީންވެރިކަމެއް ނެތް، އަދި ނަމާދާއި އެހެން ހެޔޮ ޢަމަލުތަކުން ދުރުވެފައިވާ މީހުން ކަމުގައި މެނުވީ ނުވެ އެވެ. އަދި ބައެއް ޙަރާމް ޢަމަލުތައް، އޭގެ ތެރޭގައި މިއުޒިކް ކުޅުމާއި މަސްތުވާ ތަކެތީގެ އަހުލުވެރިންގެ ކިބައިން ފެންނަ ސިފައެއް ކަމުގައިވެ އެވެ.

ވުމާއެކު، މުޖުތަމަޢުގެ ތެރޭގައި ޢާދަވެފައިވާ ސިފައަކީ، ފިރިހެނުން އެބައިމީހުންގެ އިސްތަށިގަނޑު ކުރުކޮށް ކޮށައިފައި ވުމުން، މި ޢަމަލުގައި އެހިނދު ސުންނަތްވެގެންވާ ގޮތަކީ ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށައިފައިވުމެވެ.

އަޚާ އެވެ! އަދިވެސް ބުނަމެވެ. ސުންނަތާއި ސުންނަތުގެ މަޤާމާއި ސުންނަތަށް ތަބަޢަވުމުގައި ކުރިއަރައިވަޑައިގެންނަވާފައިވާ ބޭކަލުންނަކީ އުއްމަތުގެ އިމާމުންނެވެ. ރައްބާނީ ބޮޑެތި ޢިލްމުވެރިންނެވެ. އެ ބޭކަލުންގެ ހިތްޕުޅުގައި ސުންނަތަށް ތަބަޢަވުމަށް އަދި ސުންނަތުގައި ހިފެހެއްޓުމަށް އޮތް ލޮތްބާއި އެ ސުންނަތުގެ ލައްޒަތް އޮންނާނީ ކިހާ މިންވަރަށް ހެއްޔެވެ؟

ފަހެ، މުޖްތަމަޢުގައި ޢާދަވެ ޢަމަލު ކުރާ ގޮތަށް އެބޭކަލުން، ޤާއިމްވެ ތިއްބެވި އެވެ. އޭގެ ތެރޭގައި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ރައްބާނީ ސުންނަތުގެ އިމާމުންގެ ޢަމަލުފުޅެވެ. ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ޝެއިޚް އިމާމް عبد العزيز بن باز رحمه الله އަދި އޭގެ ކުރީގެ މުފްތީ އިމާމް الشيخ محمد بن إبراهيم رحمه الله އެވެ. މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު މުޙައްދިޘް ސުންނަތުގެ އިމާމް الإمام الألبَانِي رحمه الله އެވެ. އެއީ އޭގެ ޛާތުގައި ސުންނަތަކަށްވެ، ކޮންމެ ޙާލެއްގައިވެސް ކުރުމަށް އޮތް ޢަމަލެއް ކަމުގައިވާނަމަ، އެބޭކަލުން އެ ޢަމަލު ދޫކުރެއްވީ ހެއްޔެވެ؟ ބޯ ދިގު ކުރާ މީހުންނަށް އެބޭކަލުންނަށް ލިބިވަޑައިގެން ނުވާ ޢިލްމާއި ފިޤުހު ލިބިފައިވަނީ ހެއްޔެވެ؟

Similar Posts