ރޭ އަޅުކަން، ކުރާނެ ވަގުތަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ސުވާލުގެ ޖަވާބުގައި އެނގިގަތުން މުހިންމުވެގެންވަނީ ދަމު ނަމާދުގެ ވަޤުތަކީ ކޮބައި ކަމެވެ. ނަމާދުގެ ވަޤުތު ފެށޭވަޤުތާއި އަދި ނިމޭ ވަޤުތެވެ. އަދި އެންމެ މޮޅު އިތުރުވެގެންވާ ވަގުތެވެ.
ފަހެ، ރޭ އަޅުކަން، ޤިޔާމުއް ލައިލް، ދަމު ނަމާދު، ތަހައްޖުދު ނަމާދު، މި އެންމެހައި ނަންތައް ނިޞްބަތް ކުރެވިފައިވަނީ އެއް ނަމާދަކަށެވެ. އެއީ ރޭއަޅުކަމެވެ.
ފުރަތަމައީ : ރޭއަޅުކަން ފެށޭ ވަޤުތާއި ނިމޭ ވަޤުތެވެ. ފެށެނީ ޢިޝާ ނަމާދު ކުރުމާއި އެކުގަ އެވެ. އަދި ރޭއަޅުކަން ނިމިދާ ވަޤުތަކީ ފަތިސް ވަޤުތު ވަނުމާ އެކުގަ އެވެ. އެހެން ވުމުން ހުއްދަ ވަޤުތަކާއި އަދި ހެޔޮކަން ބޮޑުވެގެންވާ ވަޤުތެއްވެ އެވެ. ހުއްދަވަޤުތަކީ ޢިޝާ ވަޤުތުން ފެށިގެން ފަތިސް ވަޤުތާއި ހަމައަށެވެ. ޙަދީޘްގައިވެ އެވެ. الرسول ﷺ ޙަދީޘް ކުރެއްވި އެވެ.
(إنَّ اللهَ زادَكم صلاةً، و هي الوترُ، فصلوها بين صلاةِ العشاءِ إلى صلاةِ الفجرِ)
”ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ މައްޗަށް ނަމާދެއް އިތުރުކުރައްވައިފި އެވެ. އެއީ ވިތުރި އެވެ. ފަހެ، ތިޔަބައިމީހުން އެ ނަމާދު ޢިޝާނަމާދާއި ފަތިސްނަމާދު ދެމެދުގައި ކުރާށެވެ.“
السلسلة الصحيحة 108
الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޢިޝާ ނަމާދުން އަވަދި ވުމާއެކު (ރޭ އަޅުކަން، ތަރާވީޙް، ތަހައްޖުދު) ނަމާދުގެ ވަޤުތު ފެށުނީ އެވެ… އަދި އެ ވަޤުތު ފަތިސްވަޤުތު ވަންނަންދެން ދެމި އޮންނާނެ އެވެ.“
އިސްވެ ބަޔާންވެފައިވާ ޖުމްލަތަކުން ބަޔާންވެގެންވަނީ، ރޭ އަޅުކަން މި ތަނަވަސް ވަޤުތުގައި ކުރެވޭނެ ކަމެވެ. މި ވަޤުތަކީ ރޭ އަޅުކަން ކުރުމަށް ހުއްދަވެގެންވާ ވަޤުތު ކަމެވެ.
ދެވަނައީ : ހެޔޮކަން ބޮޑުވެގެންވާ ވަޤުތެވެ.
ހެޔޮަކަން ބޮޑުވެގެންވާ ވަޤުތަކީ ރޭގަނޑު ތިންބައި ކުރުމަށްފަހު އެންމެ ފަހު ވަޤުތެވެ. ޙަދީޘްގައިވެ އެވެ. إنَّ أفضلَ الصَّلاةِ بعدَ المفروضةِ الصَّلاةُ في جَوفِ اللَّيلِ ”ފަރުޟު ނަމާދަށްފަހުގައި އެންމެ ހެޔޮވެގެންވާ ނަމާދަކީ ރޭގަނޑު ދަމުގައި ކުރެވޭ ނަމާދެވެ.“ صحيح الترغيب 1016
އަދިވެސް މި މާތް މޮޅުއިތުރު ބަޔާން ވެގެންވާ ވަޤުތު ބަޔާންކޮށް ވާރިދުވެގެންވާ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ.
ނަބިއްޔާ صلى الله عليه وسلم އަރިހުން ޘާބިތުވެގެންވާ ގޮތުގައި ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ދާޥޫދް -عليه السلام- ގެ ނަމާދެވެ.
ޞަޙީހު مسلم ١١٥٩ ގައި ރިވާވެގެންވެ އެވެ. وَأَحَبُّ الصَّلَاةِ إلى اللهِ عَزَّ وَجَلَّ، صَلَاةُ دَاوُدَ عليه السَّلَام، كانَ يَرْقُدُ شَطْرَ اللَّيْلِ، ثُمَّ يَقُومُ، ثُمَّ يَرْقُدُ آخِرَهُ، يَقُومُ ثُلُثَ اللَّيْلِ بَعْدَ شَطْرِهِ. ”ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން އިތުރުވެގެންވާ ނަމާދަކީ (ސުންނަތް ނަމާދަކީ) دَاوُدَ عليه السَّلَام ގެ ނަމާދެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލެއްޕެވުމަށްފަހު ދެން ނަމާދުކުރައްވަ އެވެ. ދެން އެއަށްފަހު އަވަހާރަފުޅު ލައްޕަވަ އެވެ. ފަހެ، ޤިޔާމަށް (ނަމާދުގައި ހުންނަވަނީ) ރޭގަނޑު ދެބައިވުމަށްފަހު، ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގަ އެވެ.
ފަހެ، އެކަނި ނަމާދު ކުރާ މީހާ، މި ވަޤުތުގައި ނަމާދުކޮށްފިހިނދު، ހުރި ހެޔޮކަމެއްގެ ބޮޑު ކަމާ އެވެ.
ރޭގަނޑުގެ އެންމެ ފަހު ވަޤުތަކީ މާތް މަތިވެރި ވެގެންވާ ވަޤުތެއް ކަމުގައި ބަޔާންވެގެންވާ ޙަދިޘްތަކުގެ ތެރޭގައިވެ އެވެ. رسول الله صلى الله عليه وسلم قال : (ينزل ربنا تبارك وتعالى كل ليلة إلى سماء الدنيا حين يبقى ثلُث الليل الآخر يقول : من يدعوني فأستجيب له ، من يسألني فأعطيه ، من يستغفرني فأغفرَ له) متفق عليه .
أَبُو هُرَيرة رضي الله عنه އަރިހުން ރިވާކުރެވިގެންވެ އެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. ”ރޭގަނޑު ތިންބައިވުމަށްފަހު، އެންމެ ފަހު ބައިގައި އަހަރެމެންގެ ރައްބު އެންމެ ތިރީ އުޑަށް ފައިބާވޮޑިގަންނަވާ ވަޙީކުރައްވަ އެވެ. ތިމަން އިލާހުއަށް ދުޢާ ދަންނަވަނީ ކޮންފަރާތެއްތޯ އެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާހުށީމެވެ. ތިމަން ﷲ ގެ ހަޟުރަތުން ކަމަކަށް އެދެނީ ކާކުހެއްޔެވެ؟ އެމީހަކަށް އެކަމަށް ދެއްވާހުށީމެވެ. ތިމަން އިލާހުގެ ޙަޟުރަތުން ފާފަފުއްސެވުމަށް އެދެނީ ކޮންފަރާތެއް ހެއްޔެވެ؟ އެމީހަކަށް ފާފާފުއްސަވައި ދެއްވާ ހުށީމެވެ.“
ވުމުން، މި ވަޤުތުގައި ކުރުމަކީ އެންމެ ހެޔވެގެންވާ ގޮތެވެ. އެންމެ އަޥްލާ ވެގެންވާ ގޮތެވެ. އެހެނަސް އިރާ ކޮޅުގައި ކުރި ކަމުގައިވީނަމަވެސް އިސްވެ ބަޔާން ކުރެވުނު ފަދައިން އޭނާއަށް ނަމާދު ކުރެވިފައިވަނީ ހުއްދަވެގެންވާ ވަޤުތުގަ އެވެ. އެކަމުގައި މަނާކަމެއް ނެތެވެ.
އިތުރު މަޢުލޫމާތުގެ ގޮތުގައި ބުނަމެވެ.
ތިންވަނައީ : ރޭއަޅުކަމަށް ނުވަތަ ދަން ގަނޑީގައި ނުހޭލެވިދާނެ ކަމަށް، ނުވަތަ ޙާލަތު ހުރި ގޮތުން ރޭގަނޑު ނަމާދު ނުކުރެވިދާނެ ކަމަށް ހިވާ މީހާ އެވެ.
ފަހެ މިފަދަ މީހާއަށް އަޥްލާވެގެންވަނީ އިރާކޮޅުގައި އޭނާގެ ވިތުރި ކޮށްލުމެވެ. ސަބަބަކީ ރޭގަނޑުގައި އޭނާއަށް ނުހޭލެވި ފަތިސްވަޤުތާއި ބައްދަލުކޮށްފާނެ ކަމަށްޓަކަ އެވެ.
ފަހެ ޞަޙާބީންގެ ތެރެއިން ބައެއް ޞަޙާބީންނަށް މިފަދައިން ނަބިއްޔާ . ވަޞިއްޔަތްޕިުޅު ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ޞަޙާބީ أبو هريرة ހިމެނިވަޑައިގަންނަވަ އެވެ. صحيح الترمذي 455 ގައި ވާރިދުވެގެންވާ ޙަދީޘެއްގައިވެ އެވެ. أمَرني رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ أن أوترَ قبلَ أن أنَامَ ”ތިމަން ޞަޙާބީއަށް رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ ނިދުމުގެ ކުރިން ވިތުރި ނަމާދު ކުރުމަށް އަމުރުފުޅު ކުރެއްވި އެވެ.“
ހަތަރުވަނައީ : އިރާކޮޅުގައި ވިތުރި 3 ރަކުޢަތަށް ކޮށްފައިވަނިކޮށް ރޭއަޅުކަން ކުރެވިދާނެ ހެއްޔެވެ؟ ޖަވާބަކީ، އާއެކެވެ. މާތްނަބިއްޔާގެ ޞަޙާބީ ވިދާޅުވެފައިވެ އެވެ.
ޞަޙާބީ رافع بن خديج -رضي الله عنه- އަރިއަހުގައި ވިތުރި ނަމާދާ މެދު ސުވާލު ދެންނެވުނެވެ؟ ވިދާޅުވި އެވެ. ”ފަހެ، އަހަރެން ރޭގަނޑުގެ ކުރީކޮޅުގައި ވިތުރި ކުރަމެވެ. އަދި އަހަރެންނަށް ރޭގަނޑުގެ ފަހުކޮޅު ނަމާދުކުރުމުގެ ފުރުޞަތު ލިބިއްޖެހިނދު، ފަތިސްވަޤުތާއި ބައްދަލުވުމަށް ދާންދެން ދެރަކުޢަތުން ދެރަކުޢަތުން ނަމާދު ކުރަމެވެ.“حسن/عبدالرزاق ٤٦٧٠
އެހެންވުމުން، އޭނާއަށް ރޭ އަޅުކަން ކުރުމުގައި މައްސަލައެއް ނެތެވެ. 3 ރަކުޢަތުގެ މައްޗަށް ރޭއަޅުކަމުގެ ރަކުޢަތްތައް 2 ރަކުޢަތުން 2 ރަކުޢަތުން ކުރަމުން ގެންދާނީ އެވެ. އިތުރަށް ވިތުރި ނަމާދެއް ކުރުމެއް ނުވެ އެވެ. ސަބަބަކީ އޭނާވަނީ އެރޭގައި ވިތުރި ނަމާދު ކޮށްފަ އެވެ. އެ ވިތުރި އޭނާއަށް ފުދޭނެ އެވެ. (މިއީ ވިތުރި ކޮށްފައިވާ މީހާއަށް ރޭއަޅުކަން ކުރުމުގައިވާ ސިފަތަކުގެ ތެރެއިން 1 ސިފަ އެވެ. މިނޫން ސިފަތައްވެސް ވެ އެވެ.)
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.