މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު ނިދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މަޣްރިބް ނަމާދަށް ފަހުގައި ނިދުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ޞައްޙަ ޙަދީޘްގައި މަޣްރިބްނަމާދަށްފަހުގައި ނިދުން ކަރާހަތްތެރިވެގެންވާ ކަމުގައި ބަޔާންވެގެނެވެ އެވެ.
އެފަދަ ޙަދީޘްތަކުގެ ތެރޭގައި އިމާމް البخاري 599 އަދި مسلم 647 ރިވާކުރައްވާފައިވާ ޙަދީޘެވެ.
عَنْ أَبِي الْمِنْهَالِ سَيَّارِ بْنِ سَلامَةَ قَالَ: «…. وَكَانَ يَكْرَهُ النَّوْمَ قَبْلَهَا، وَالْحَدِيثُ بَعْدَهَا. ….» أَبِي الْمِنْهَالِ سَيَّارِ بْنِ سَلامَةَ -رحمه الله- ގެ ކިބައިން ރިވާވެގެންވެ އެވެ. (މި ޙަދީޘްގައިވާ ޖުމްލަތަކުގެ ތެރޭގައިވެ އެވެ.) “ އަދި އިޝާ ނަމާދު ގެ ކުރިން ނިދުމާއި އަދި އެ ނަމާދުގެ ފަހުން ( ހާޖާތެއް ނެތި ބޭކާރުގޮތުގައި) ވާހަކަ ދައްކަން މަޑު ކޮށްގެން ހޭލާ ތިބެން އެ ނަބިއްޔާ ކަރާހަތްތެރިވެ ވަޑައިގަންނަވަ އެވެ. ”
ފަހެ، މަޣްރިބް ނަމާދާއި އިޝާނަމާދު ދެމެދު ނިދުން ނަބިއްޔާ ކަރާހަތްތެރި ކުރެއްވިކަން ބަޔާންވެގެންވުމުން އެކަމުގެ މައްޗަށް ޢިލްމުވެރިން އޭގެ ސަބަބުތައް ޛިކުރު ކުރައްވާފައިވެސްވެ އެވެ.
އޭގޭ ތެރޭގައި :
ޢިޝާ ނަމާދު ކުރިން ނިދުމުގެ ސަބަބުން އެ ނަމާދު އެމީހަކަށް ފާއިތުވެ ދިއުމުގެ ސަބަބެއް ކަމުގައިވެދާނެ އެވެ.
އެ ނަމާދުގެ ޖަމާޢަތަށް ދިއުމަށް ވާޖިބުވެގެންވާ ފަރާތަށް އެ ޖަމާޢަތް ފާއިތުވެދިއުމުގެ ސަބަބެއް ކަމުގައި ވުމެވެ.
ނުވަތަ ޢިޝާނަމާދުގެ މަތިން ހަނދާންނެތި އެ ނަމާދު އެމީހަކަށް ފާއިތުމެވެ.
ނުވަތަ ނިދުމުގެ ސަބަބުން ނަމާދުގެ ވަޤުތު އެކުއެކީގައި އެމީހަކަށް ފާއިތުވެގެން ދިއުމެވެ.
މިފަދަ ސަބަބުތަކެވެ.
މި ޙަދީޘްއާއި މި މާނައިގައިވާ އެހެން ޙަދީޘްތަކުގެ މައްޗަށް ބިނާކޮށް ޖުމްހޫރު ޢިލްމުވެރިންގެ ޤައުލު އެއީ مالك، الشافعي، أحمد ދެކެވަޑައިގަންނަވަނީ ޢިޝާނަމާދު ކުރިން ނިދުމަކީ މަކްރޫހަވެގެންވާ ޢަމަލެއް ކަމުގަ އެވެ.
އަދި ބައެއް ޢިލްމުވެރިން މިކަމުގައި ތަފްޞީލު ކުރައްވަ އެވެ.
އެއީ އެމީހަކު ނަމާދަށްޓަކައި ހޭލައްވައި ދިނުމަށް މީހަކު ހުރެއްޖެހިނދު އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމެވެ. އަދި ހޭލައްވަދި ދޭނެ މީހަކު ނެތް ކަމުގައިވާނަމަ އެމީހަކަށް އެވަޤުތުގައި ނިދުން މަކްރޫހަވެގެންވެ އެވެ. މިއީ أبو حَنِيفة އަދި أحمد ގެ އެއް ރިވާޔަތެވެ.
ފަހެ، ޙަދީޘް ވާރިދުވުމުގެ އިތުރަށް މި މައްސަލައިގައި ގިނަ އަޞްޙާބު ބޭކަލުންނެއް ޢިޝާކުރިން ނިދުން ކަރާހަތްތެރި ޢަމަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާފައިވެ އެވެ.
އެގޮތުން ޞަޙާބީ ابن عُمر -رضي الله عنه- މި ވަޤުތުގައި ނިދުން ކަރާހަތްތެރި ކަމުގައި ދެކެވަޑައިގަންނަވަ އެވެ. ابن أبي شَيبة ޞައްޙަ ސަނަދެއްގައި مصنف ގައި މިފަދައިން ރިވާކޮށް ގެންނަވާފައިވެ އެވެ.
މި ޞަޙާބީގެ ދަރިވަރު ތާބިޢީ مجاهد بن جبر ވިދާޅުވެފައިވެ އެވެ. ”ޢިޝާ ވަޤުތުގައި ނިދާފައި އޮންނަ މީހާގެ މައްޗަށް ވަރަށް ހަރުކަށިކޮށް އިންކާރު ކުރައްވައި ބަސްފުޅު ވިދާޅެވެ އެވެ.“
އަދި ޞަޙާބީ عُمر -رضي الله عنه- ގެ އަރިހުން އިމާމް مالك ޞައްޙަ ސަނަދެއްގައި الموطأ ގައި ގެންނަވާފައިވެ އެވެ. ޞަޙާބީ ވިދާޅުވެ އެވެ. ”ޢިޝާ ނަމާދު ކުރުމުގެ ކުރިން ނިދުމެއް ނުވެ އެވެ. (އަދި ވިދާޅުވެ އެވެ.) ‘އޭނާގެ ލޮލަށް ނިދިނައުން ހުއްޓެވެ . (މިފަދައިން ވިދާޅުވެ ދުޢާ ކުރައްވަ އެވެ). ‘
ޞަޙާބީ ابن عباس -رضي الله عنهما- އަރިހުން ރިވާވެގެންވެ އެވެ. ”އިޝާނަމާދުގެ ކުރިން ނިދުމަށް ލޯބި ނުކުރަމެވެ. އަދި އޭގެ ފަހުން ޙާޖަތެއްނެތި ވާހަކަ ދެއްކުމުގައި ތިބުމަށް ލޯބި ނުކުރަމެވެ.“
އަދި މީގެ އިތުރުން ޞަޙާބީ أبوهريرة -رضي الله عنه- އަދި أنس -رضي الله عنه- ގެ އަރިހުންވެސް މި މާނައިގައި ވާރިދުވެގެންވެ އެވެ.
ابن أبي شَيبة ޞައްޙަ ސަނަދެއްގައި مصنف ގައި މިފަދައިން ރިވާކޮށް ގެންނަވާފައިވެ އެވެ.
ޙަދީޘްގެ ބަސްފުޅުން އެފަދައިން ވާރިދުވެގެން ވުމާއި، އަޞްހާބު ބޭކަލުންގެ ފަރާތްޕުޅުން މިފަދައިން ވާރިދުވުމުގެ އިތުރަށް މިއީ ޤިނަ ޢިލްމުވެރިންގެ ޤައުލެވެ.
ވުމުން މި ވަޤުތުގައި ނިދުން މަކްރޫހަވެގެންވެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العزيز بن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
”މަޣްރިބާއި ޢިޝާ ދެމެދު ނިދުން މަކްރޫހަވެގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم އެ ވަޤުތުގައި ނިދުން ކަރާހާތްތެރި ކުރެއްވި އެވެ. އަދި (ޢިޝާއަށްފަހު ހާޖަތެއްނެތި) ވާހަކަ ދެއްކުމުގައި ތިބުންވެސްމެ އެވެ. ފަހެ، ވުމުން އެދެވިގެންވަނީ ރަތްވިލާ އޮއްސި ޢިޝާނަމާދު ކޮށް އަވަދިވުމަށް ދާންދެން ކެތްތެރިވެ ދެމިހުރުމެވެ. ..“
ވުމުން މިއީ މައްސަލައިގެ އެންމެ ޢަދުލުވެރި ޤައުލެވެ. އަދި މިއީ ދަލީލުތަކުން ބަޔާންވެގެންވާ އެންމެ ޞައްޙަ ގޮތެވެ.
އިޝާނަމާދު ކުރުމަށް ދާންދެން އެވަޤުތުގައި ނިދުން މަކްރޫހަވެގެން ވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.