ޟުޙާ ނަމާދު އަދި ދަމު ނަމާދުގެ ރަކުޢަތްތައް އެކި ދުވަހު އެކި ވަރަށް ކުރެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

އަޚާއެވެ! އުޚްތާއެވެ! ޟުޙާ ނަމާދު 2 ރަކުޢަތުން، 4 ރަކުޢަތުން އަދި 6 ރަކުޢަތުން ވެސް ކުރެވިދާނެއެވެ. ދަމު ނަމާދު 2 ރަކުޢަތަށް ކޮށްފައި 3 ރަކުޢަތުގެ ވިތުރި ކުރެވިދާނެއެވެ. އަދި 4 ރަކުޢަތަށް ކޮށްފައި 3 ރަކުޢަތުގެ ވިތުރި ކުރެވިދާނެއެވެ. ހަމައެހެންމެ ދަމު ނަމާދު 6 ރަކުޢަތަށް ކޮށްފައި 3 ރަކުޢަތުގެ ވިތުރި ކުރެވިދާނެއެވެ. އަދި 8 ރަކުޢަތަށް ވެސް ކުރެވިދާނެއެވެ. ދެނެގަތުން ހުއްޓެވެ. 8 ރަކުޢަތް ކޮށްފައި 3 ރަކުޢަތުގެ ވިތުރި ކުރުމަކީ އެންމެ އެދެވިގެންވާ އަދި އެންމެ ހެޔޮވެގެންވާ ގޮތެވެ. އެހިނދު އެކުރެވުނީ ޖުމްލަ 11 ރަކުޢަތެވެ.

މިއީ ސުންނަތުގައި ހުއްދަވެގެންވާ ސުންނަތް ޢަމަލެކެވެ. އެހެނަސް ދަންނައެވެ! އަޚާއެވެ! ސުންނަތް އަޅުކަންތައްތަކުގައި އަބަދުވެސް އެންމެ މޮޅު އަދި އެންމެ އެދެވިގެންވާ ސިފައެއް ދީނުގައި ކަނޑައަޅާފައިވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (وإنَّ أحبَّ الأعمالِ إلى اللهِ ما دُووِمَ عليه وإن قَلَّ ) “ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ހެޔޮކަން ބޮޑުވެގެންވާ ޢަމަލަކީ، އެ ޢަމަލެއް މަދުން ކުރެވުނު ކަމުގައި ވީނަމަވެސް މެދުކެނޑުމެއްނުވާ ގޮތުގައި ކުރެވޭ ޢަމަލެވެ” (صحيح مسلم ،782).

الحَافِظ النووي -رحمه الله- ވިދާޅުވެފައިވެއެވެ. “މެދުނުކެނޑި ޢަމަލުތައް ކުރުމަށް ހަދީޘްގައި ބާރު އަޅުއްވާފައިވެއެވެ. އަދި ހަމަކަށަވަރުން މެދުކެނޑިގެންދާ ގޮތުގައި ކުރާ ގިނަ ޢަމަލުތަކަށްވުރެ، މެދުނުކެނޑި ކުރާ މަދު ޢަމަލުތައް ހެޔޮކަން ބޮޑުވެގެންވެއެވެ. ސަބަބަކީ، މެދުނުކެނޑި ކުރެވޭ ޢަމަލުގައި ޛިކުރު ކުރުމާއި ކިޔަމަންގަތުމުގައި އަބަދު ދެމިހުރެވެއެވެ. އަދި ޚާލިޤްވަންތަ ﷲ އަށް ކުއްތަންވުމުގައިވެއެވެ” (شرح النووي على مسلم 6-71).

ވީމާ، އެއްރޭގައި ދަމުނަމާދު 5 ރަކުޢަތަށް ކޮށްފައި (2 ރަކުޢަތް ދަމު ނަމާދު އަދި 3 ރަކުޢަތް ވިތުރި) އަނެއް ރޭގައި 7 ރަކުޢަތަށް ކޮށްފައި ( 4 ރަކުޢަތް ދަމު ނަމާދު އަދި 3 ރަކުޢަތް ވިތުރި) މިފަދައިން އެއް މިންވަރެއްގައި ނުހިފެހެއްޓޭ މީހާއަށް ވުރެ، މިފަދަ އަޅުކަމުގައި އެމީހަކަށް ވަކި ޢަދަދެއްގައި މެދުނުކެނޑި ހިފެހެއްޓޭ ފާރާތް ހެޔޮކަން ބޮޑެވެ. މިއީ މިކަމުގައި އެންމެ އަޥްލާވެގެންވާ ގޮތެވެ. ފަހެ، އެއް ޢަދަދެއްގައި ހިފަހައްޓާށެވެ. އެ ޢަދަދަށް ވުރެ މަދު ނުކުރެވޭތޯ ބަލާށެވެ. އެކި ރޭތަކުގައި އެކި ޢަދަދަށް ކުރުމަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ގޮތަކީ މިއެވެ. ޖަވާބު ފަހުމްވެއްޖެ ކަމުގައި އުއްމީދު ކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply