ޖަހްރިއްޔަ ނަމާދުގައި ބިސްމި ބާރަށް ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ނަމާދުގައި ފާތިޙާ ސޫރަތް ކިޔަވާހިނދު، ޖަހްރިއްޔަ ނަމާދުގައި ބިސްމި ބާރަށް ކިޔުމުގެ ޙުކުމާއި މެދުގައި ކޮށްފައި ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ނަމާދުގައި ބިސްމި ބާރަށް ކިޔުމާއި މެދުގައި ޢިލްމުވެރިން މެދުގައި ޚިލާފް މަޝްހޫރުވެގެންވަނީ :
ފުރަތަމަ ޤައުލަކީ : ސިއްރިއްޔަ ނަމާދުގައި އަދި ޖަހްރިއްޔަ ނަމާދުގައިވެސް ބިސްމި ސިއްރުން ކިޔުން ސުންނަތް ވެގެންވާކަމުގައި الحنفية އަދި الحنابلة ދެކެވަޑައިގަންނަވަ އެވެ.
މި ޤައުލު ބަޔާންކުރައްވާ އިމާމް الترمذي ވިދާޅުވެފައިވެ އެވެ. ”ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މިފަދައިންނެވެ. އޭގެ ތެރޭގައި ނަބިއްޔާ -صلى الله عليه وسلم- ގެ އަޞްޙާބު ބޭކަލުންނާއި އަދި އެބޭކަލުންނަށްފަހުގައި ވަޑައިގެންނެވި ތާބިޢީ ބޭކަލުން، އެ ބޭކަލުންގެ ތެރޭގައި أبو بكر ،عمر ، عثمان އަދި علي ހިމެނިވަޑައިގަންނަވަ އެވެ. އަދިވެސް އޭގެ އިތުރަށް ابن مسعود عمار بن ياسر ابن الزبير ، الحكم ،وحماد ، الأوزاعي ، الثوري ، ابن المبارك …. ވިދާޅުވެފައިވެ އެވެ.“
މި ރައުޔުގެ މައްޗަށް ގިނަ ރިވާޔަތްތަކެއްވެ އެވެ، އޭގެ ތެރޭގައި :
ޞަޙާބީ أَنَس -رضي الله عنه- ވިދާޅުވެފައިވެ އެވެ. (صلَّيْتُ مع رسولِ اللهِ -صلى الله عليه وسلم- ، وأبي بكرٍ، وعمرَ، وعثمانَ، فلم أَسْمَعْ أحدًا منهم يقرأُ بسمِ اللهِ الرحمنِ الرحيمِ) ” ތިމަން ޞަޙާބީ رسولِ اللهِ -صلى الله عليه وسلم- އަރިހުގައި ހުންނަވައިގެން، أبُو بكر ، عمرَ، އަދި عثمانَ ފަހަތްޕުޅުގައި ހުންނަވައިގެން ނަމާދު ކުރެއްވީމު އެވެ. އެއިން އެއްވެސް ބޭފުޅަކު އަޑުހަރުކޮށް بسمِ اللهِ الرحمنِ الرحيمِ ކިޔަވާ ވިދާޅުވާ އަޑުފުޅެއް ނާއްސަވަމެވެ.“ މި ހަދީޘް البخاري (743) ومسلم (399) ރިވާކުރެއްވި އެވެ.
މި ރިވާޔަތުގައި މާތް ނަބިއްޔާ -صلى الله عليه وسلم- ޢަމަލުފުޅު އަދި 3 ޚަލީފާއިންގެ ސުންނަތް ބަޔާންވެ އެވެ. މި މައްސަލައިގައި ގިނަ ރިވާޔަތްތައް މިފަދައިން ރިވާވެގެންވާކަން ބަޔާންވެ އެވެ.
ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑު ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، އަޑުހަރުކޮށް ކިޔަވާހިނދު، ބިސްމި ކިޔުން އަޥްލާވެގެންވަނީ އަޑުމަޑުކޮށެވެ. ސަބަބަކީ ނަބިއްޔާ -صلى الله عليه وسلم- އަރިއަހުން ޘާބިތުވެގެންވަނީ އަޑުހަރުކޮށް ވިދާޅުނުވާކަމެވެ. أنس رضي الله عنه ގެ އަރިއަހުން البُخَاري އަދި مُسلم ގައި ޘާބިތުވެގެންވެ އެވެ. (ޞަޙާބީ ވިދާޅުވި އެވެ.) النبي -صلى الله عليه وسلم- ، أَبُوبكر އަދި عُمر ކިޔަވާވިދާޅުވަން ފައްޓަވަނީ الحمد لله رب العالمين އިންނެވެ. އަދި ސުނަނުގެ އަހުލުވެރިން ރިވާކުރައްވާފައިވާ ރިވާޔަތުގައިވަނީ އެބޭކަލުން بسم الله الرحمن الرحيم އަޑުހަރުކޮށް ވިދާޅުނުވާކަމެވެ.“
އިމާމް الإِمَام ابن العُثَيمين -رحمه الله- ވިދާޅުވެފައިވެ އެވެ.
”ސުންނަތް ގޮތަކީ، ބިސްމި އަޑުހަރުކޮށް ނުކިޔުމެވެ. ސަބަބަކީ النَّبِيُّ -صلى الله عليه وسلم- ، أَبُوبكر، عُمر އަދި عُثمَان މިއިން އެއްވެސް ބޭކަލެއް އަޑުހަރުކޮށް ވިދާޅުވެފައެއް ނުވުމެވެ. އެއީ أَنَس رضي الله عنه އަރިއަހުން ވާރިދުވެގެންވާ ޙަދީޘްގައި ބަޔާންވެގެންވާ ގޮތެވެ…ފަހެ، ބިސްމި އަޑުހަރުކޮށް ވިދާޅުވުން ދޫކޮށްލެއްވުމުގައި ނަބިއްޔާ -صلى الله عليه وسلم- ގެ ސުންނަތް އަދި ޚުލަފާއުއްރާޝިދޫންގެ 3 ޚަލީފާއިން ޖަމަޢަވެވަޑައިގެންވެ އެވެ. ހަމަކަށަވަރުން ނަބިއްޔާވަނީ، އެ ނަބިއްޔާއަށް ފަހުގައި، ސުންނަތުގައި ތިބުމަށް އަދި ޚުލަފާއުއް ރާޝިދޫންގެ ސުންނަތުގައި ތިއްބެވުމަށް ބާރުއަޅުވާފަ އެވެ.“
ދެވަނަ ޤައުލަކީ : الشافعية ދެކެވަޑައިގަންނަވާ ރައުޔެވެ. އެއީ ސުންނަތް ވެގެންވަނީ ނަމާދުގައި ބިސްމި އަޑުހަރުކޮށް ކިޔުމެވެ. މި ޤައުލު އިޚްތިރާރު ކޮށްފައިވާ ޢިލްމުވެރިން އެފަދައިން ބުރަވެވަޑައިގަންނަވަނި ސަބަބަކީ ނަބިއްޔާ އެފަދައިން (ބައެއްފަހަރުގައި އަޑުހަރުކޮށް) ވިދާޅުވާ ކަމުގައި ވާރިދުވެގެންވުމެވެ.
އެބޭކަލުން މިފަދައިން ބުރަވެވަޑައިގަންނަވާ އެއް ސަބަބު ކަމުގައިވަނީ، بسم الله الرحمن الرحيم އަކީ ފާތިޙާ ސޫރަތުގެ އެއް އާޔަތް ކަމުގައި ވިދާޅުވުމެވެ. އެއީ އެއް އާޔަތް ކަމުގައި ވުމުން އެހެނިހެން އާޔަތްތައް ކިޔާފަދައިން ބާރަށް ކިޔުން ހުއްޓެވެ.
ބިސްމިއަކީ الشافعية ދެކެވަޑައިގަންނަވާ ގޮތުގައި ސޫރަތުލް ފާތިޙާ ގެ އާޔަތެއްކަމުގައިވީ ނަމަވެސް، ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ ބިސްމިއަކީ ނަމްލު ސޫރަތް ފިޔަވައި ސޫރަތުލް ފާތިޙާގެވެސް އަދި އެހެންވެސް ސޫރަތެއްގެ އާޔަތެއް ނޫންކަމަށެވެ. بسم الله الرحمن الرحيم އަކީ ނަމްލު ސޫރަތުގެ އާޔަތުގެ ތެރެއިން ބައެކެވެ.
ނަމްލު ސޫރަތް ފިޔަވައި އެހެން ސޫރަތްތަކުގައި ބިސްމިއަކީ އެސޫރަތަކަށް ޚާއްސަވެގެންނުވާ ވަކި އާޔަތެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. و الله أعلم -ޢިލްމުވެރިންގެ ބަސްފުޅުތަކުން މިއީ މި ކަމުގައި ޞައްޙަ ގޮތެވެ. (ޔަޢުނީ : ބިސްމި އަކީ ފާތިޙާ ޞޫރަތުގެ އާޔަތެއް ނޫން ކަމެވެ.)
އަދިވެސް މީގެ އިތުރަށް الشافعية އިންގެ މި ބަސްފުޅަށް ދެވޭ ރައްދަކީ، ބިސްމިއަކީ ފާޠިޙާ ސޫރަތުގެ އާޔަތެއް ކަމުގައިވާނަމަ ނަބިއްޔާ صلى الله عليه وسلم އެހެނިހެން އާޔަތްތައް ބާރަށް ވިދާޅުވި ފަދައިން ނަމާދުގައި ވިދާޅުވީހެވެ. އޭގެ ބަދަލުގައި ސިއްރުން ވިދާޅުވުމުން އެ މައްސަލަ ސާފުވެގެންދެ އެވެ. ފުރަތަމަ ޤައުލުގައި ބިސްމި ސިއްރުން ވިދާޅުވާކަމުގެ ޞައްޙަ ދަލީލުތަކުން މިކަން ސާފު ވެގެންދެ އެވެ.
މިއީ މި މައްސަލައިގައި މަޝްހޫރު 2 ޤައުލެވެ. އަދި މި ނޫންވެސް ޤައުލުތައް މި ކަމުގައިވެ އެވެ.
(މި މައްސަލައިގައި ބަޔާންވެގެންވާ ޤައުލުތަކުގެ ތެރެއިން ) މި މައްސަލައިގައި އެންމެ ޞައްހަ ވެގެންވާ ގޮތަކީ އިސްވެ ބަޔާން ކުރި ފަދައިން، ނަމާދުގައި ސިއްރުން ބިސްމި ސިއްރުން ކިޔުމެވެ. އެއީ ބާރަށް ކިޔަވާ ނަމާދުތަކުގައިވެސް އަދި ސިއްރުން ކިޔާ ނަމާދުގައިވެސް ޙުކުމެވެ. ސަބަބަކީ ޞައްޙަ ޙަދީޘްފުޅުތައް އަދި ނަބިއްޔާގެ ޚަލީފާއިންގެ ފަރާތުންވެސް އެފަދައިން ބަޔާންވެގެންވުމުންނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.