ކުޑަކުދިން އިމާމްވެ ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ކުޑަކުދިން އިމާމްއަށް އެރުމާއި މެދުގައި ބުނަމެވެ.
ސުވާލުގައި ނުކުތާތަކަށް އިޝާރާތް ކޮށްލާނަމެވެ.
ފުރަތަމައީ : އިމާމްއަކަށް އިސްކުރާނީ ކާކު ހެއްޔެވެ؟ الإمام الترمذي 235 ގައި މި ޙަދީޘް ރިވާކޮށްފައިވެ އެވެ. يؤمُّ القومَ أقرؤُهُم لِكِتابِ اللَّهِ فإن كانوا في القراءةِ سواءً ، فأعلمُهُم بالسُّنَّةِ ، فإن كانوا في السُّنَّةِ سواءً ، فأقدمُهُم هجرةً فإن كانوا في الهجرةِ سواءً ، فأكبرُهُم سنًّا ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. ”ތިޔަބައިމީހުންގެ މައްޗަށް އިމާމު ގޮތުގައި ޤުރުއާން އެންމެ ދަސް ފަރާތް އިސްކުރާށެވެ. އެމީހުންގެ ތެރޭގައި އެންމެން ޤުރުއާނުގައި ހަމަހަމަ ވެއްޖެހިނދު، (އެމީހުންގެ ތެރެއިން އިމާމަށް) އިސްކުރާނީ ސުންނަތް އެންމެ ބޮޑަށް ދަންނަ ފާރާތެވެ. ސުންނަތުގައި ހަމަހަމަ ވެއްޖެހިނދު ހިޖުރަ ކުރުމުގައި އިސްވެގޮސްފައިވާ މިންގަނޑުންނެވެ. އެކަމުގައި ހަމަހަމަ ވެއްޖެހިނދު، ޢުމުރުގެ ގޮތުން އެންމެ އިސްފަރާތެވެ..“
ދެވަނައީ : އިމާމް އަކަށް އެރުވޭނެ ޢުމުރު ފުރައެއް ކަނޑައެޅިފައިވޭ ހެއްޔެވެ؟
ޢުމުރުފުރައެއް ބުނެ، ޢުމުރުން ވަކި އަހަރެއް ވާރިދުވެގެންނުވެ އެވެ. އެހެނަސް އެއީ ހެޔޮ ނުބައި ވަކިކުރަން އެނގުމާއެކު، ނަމާދު ކުރުން ދަންނަ، އެކަމަށް އެކަށީގެންވާ ކުއްޖެއް ކަމުގައިވުމެވެ. ފަހެ، އެހިނދު އިމާމް އަކަށް އިސްވެ ނަމާދު ކުރެވޭނެ އެވެ. ފަހެ، މިކަން އެނގިގެން ދަނީ ޞަޙާބީ عَمرو بن سَلَمة -رضي الله عنه- ޢުމުރުފުޅުން 7 އަހަރުގައި ޤައުމުގެ މީސްތަކުންގެ މައްޗަށް އިސްވެ އިމާމްކަން ކުރެއްވުމެވެ. ސަބަބަކީ އެއީ އެބައިމީހުންގެ ތެރޭގައިވާ އެންމެ ޤުރުއާން ހިތުދަސް ފަރާތް ކަމުގައި ވުމެވެ. މިފަދައިން މި ޞަޙާބީގެ ޢަމަލުފުޅު އިމާމް البخاري (4302) ޞަޙީޙުގައި ރިވާކޮށްފައިވެ އެވެ.
ޢާންމުކޮށް 7 އަހަރު ފިރިހެން ކުދިންނަކީ ބާލިޣް ވާ ޢުމުރުގައިވާ ކުދިންނެއް ނޫނެވެ.
އެހެން ވުމުން ތަކްލީފް ޖެހިފައިވާ ޢުމުރަށް އައުމާއި، އަދި ބާލިޣްވާ ޢުމުރަށް އައުން ޝަރުޠެއް ނުކުރެވެ އެވެ. އެހެނަސް ނަމާދުކުރަން ދަންނަ ނަމާދު ކުރެވޭ ފަރާތެއް ކަމުގައިވުން އެއީ އެވެ. ފަހެ އެހިނދު އިމާމް އަކަށް އިސްކުރެވޭނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.