ސުންނަތުގައި ޢާޝޫރާ ދުވަހު ރޯދަ ހިފުން އޮތީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޢާޝޫރާ ދުވަހު ރޯދަ ހިފުމުގައި 4 ޙާލަތެއްވެ އެވެ.
ފުރަތަމަ ޙާލަތް : ނަބިއްޔާ صلى الله عليه وسلم މައްކާގައި ހޭދަކުރެއްވި ދުވަސްތަކުގައި، ޢާޝޫރާ ދުވަހު ރޯދައަށް ހުންނަވައެވެ. އެހެނަސް، އެ ދުވަހު މީސްތަކުން ރޯދައަށް ތިބުމަށް އަމުރުފުޅެއް ނުކުރައްވައެވެ. ޞަޙީޙައިންގައި عَائِشة رضي الله عنها ވިދާޅުވެފައިވެ އެވެ. (كانت عاشوراء يوما تصومه قريش في الجاهلية وكان النبي صلى الله عليه وسلم يصومه فلما قدم المدينة صامه وأمر الناس بصيامه فلما نزلت فريضة شهر رمضان كان رمضان هو الذي يصومه فترك صوم عاشوراء فمن شاء صامه ومن شاء أفطر) ”ޢާޝޫރާ ދުވަހަކީ ޤުރައިޝުން ޖާހިލިއްޔަތުގައި ރޯދަ ހިފާ ދުވަހެކެވެ. އަދި ނަބިއްޔާ صلى الله عليه وسلم އެ ދުވަހު ރޯދަ ހިއްޕަވައެވެ. ފަހެ، ނަބިއްޔާ މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު، އެދުވަހު ރޯދަ ހިއްޕަވާ އަދި މިސްތަކުން އެ ދުވަހު ރޯދައަށް ތިބުމަށް އަމުރުފުޅު ކުރެއްވި އެވެ. އެއަށްފަހު ރަމަޟާން މަހުގެ ރޯދަ ފަރުޟުވުން ބާވައިލެއްވުމުން، ޢާޝޫރާ ދުވަހު ރޯދަ ހިއްޕެވުން ދޫކޮށްލެއްވިއެވެ. އަދި ޢާޝޫރާ ދުވަހު ބޭނުން މީހަކު ރޯދައަށް ހުރުމަށާއި ބޭނުންނުވާ މީހުން ރޯދަ ދޫކޮށްލުމަށް ޙަދީޘް ކުރެއްވި އެވެ.“ الإمام البخاري ރިވާކުރައްވާފައިވާ ރިވާޔަތުގައިވެ އެވެ. (من شاء فليصم ومن شاء أفطر) ”ބޭނުންވާ މީހަކު އެ ދުވަހު ރޯދަ ހިފާށެވެ. އަދި ބޭނުންވާ މީހަކު އެ ދުވަހު ރޯދަ ދޫކޮށްލާށެވެ.“
ދެވަނަ ޙާލަތް : ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އަހުލު ކިތާބީން ޢާޝޫރާ ދުވަސް މަތިވެރި ކުރުމުގައިވާތަން ފެނިވަޑައިގެންނެވި އެވެ. އަދި އިސްލާމް ދީނުގައި އެބައިމީހުންނާ ޚިލާފްވުމަށް އަމުރުފުޅު ނާންނަ ކަންތައްތަކުގައި އަހުލުކިތާބީންނާ އެއްގޮތްވުމަށް ލޯބިކުރައްވައެވެ. އެގޮތުން ރަސޫލާ صلى الله عليه وسلم އެ ދުވަހު ރޯދައަށް ހުންނަވައި އަދި މީސްތަކުން އެދުވަހު ރޯދައަށް ތިބުމަށް އަމުރުފުޅު ކުރެއްވި އެވެ. އަދި އެ ދުވަހު ރޯދައަށް ތިބުމަށް ބާރުފުޅު އެޅުއްވި އެވެ.
ތިންވަނަ ޙާލަތް : ރަމަޟާން މަހުގެ ރޯދަ މި އުއްމަތަށް ފަރުޟު ކުރެއްވުމާ އެކު، ރަސޫލާ صلى الله عليه وسلم ޞަޙާބީންނަށް ޢާޝޫރާ ދުވަހު ރޯދައަށް ތިއްބެވުމަށް އަމުރުފުޅު ކުރެއްވުން ދޫކުރެއްވި އެވެ. الإمام المسلم ރިވާކުރައްވާފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إن عاشوراء يوم من أيام الله فمن شاء صامه ومن شاء تركه) ”ހަމަކަށަވަރުން ޢާޝޫރާ ދުވަހަކީ، ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިން އެ ދުވަހު ރޯދައަށް ހުންނަން ބޭނުންވާ މީހާ ރޯދައަށް ހުންނާށެވެ. އެ ދުވަހު ރޯދަ ދޫކޮށްލުމަށް ބޭނުންވާ މީހާ ރޯދަ ދޫކޮށްލާށެވެ.“ އަދިވެސް الإمام المسلم ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެ އެވެ. (فمن أحب منكم أن يصومه فليصمه ومن كره فليدعه) ”ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ ދުވަހު ރޯދަ ހިފުމަށް ލޯބިކުރާ މީހާ އެދުވަހު ރޯދައަށް ހުރުން ހުއްޓެވެ. އެ ދުވަހު ރޯދަ ދޫކޮށްލުމަށް ބޭނުންވާ މިހާ ދޫކޮށްލާށެވެ.“
ހަތަރުވަނަ ޙާލަތް : ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޢުމުރުފުޅުގެ އެންމެ ފަހު ދުވަސްތަކުގައި ޢާޝޫރާ ދުވަހާ އެކުގައި އެ ދުވަހަށް އެހެން ދުވަހެއް އިތުރުކުރައްވާ ރޯދަ ހިއްޕެވުމަށް ޢަޒުމް ކަނޑައެޅުއްވި އެވެ. އެ ގޮތުން 9 ވަނަ ދުވަހާ އެކު ރޯދައަށް ހުންނެވުމަށް ޢަޒުމް ކަނޑައެޅުއްވި އެވެ. އެއީ އަހުލު ކިތާބީންނާ ޚިލާފުވެވަޑައިގަތުމަށްޓަކައެވެ. ރިވާކުރައްވާފައިވެ އެވެ. ابن عباس رضي الله عنهما ރިވާކުރައްވާފައިވެ އެވެ. ”ރަސޫލާ صلى الله عليه وسلم ޢާޝޫރާ ދުވަހު ރޯދަ ހިއްޕަވާ އަދި އެދުވަހު މީސްތަކުން ރޯދައަށް ތިބުމަށް އަމުރުފުޅު ކުރެއްވި އެވެ. އެ ހިނދު ޞަޙާބީން ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ހަމަކަށަވަރުން މި ދުވަހަކީ ޔަހޫދީން އަދި ނަޞާރާއިން މަތިވެރި ކުރާ ދުވަހެކެވެ. ފަހެ އެހިނދުގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لأن بقيت أو لأن عشت إلى قابل لأصومن التاسع) ”އަންނަންއޮތް އަހަރުގައި ތިމަން ނަބިއްޔާ ދުނިޔޭގައި ދެމިހުރެއްޖެނަމަ، 9 ވަނަ ދުވަހުގައި ރޯދައަށް ހުންނަވާނަމެވެ.“ ابن عباس رضي الله عنهما ވިދާޅުވެފައިވެ އެވެ. އެ ޙަދީޘް ކުރެއްވި (މުސްތަޤްބަލުގެ އަހަރު) ނާންނަނީސް ނަބިއްޔާ صلى الله عليه وسلم އަވަހާރަފުޅުވި އެވެ.“
عَاشُوراء ދުވަހުގެ މަތިވެރިކަން : ޢާޝޫރާ ދުވަހުގެ ރޯދަ އާ މެދުގައި، ފަހެ އެކަމަށް ޙަދީޘް ޞަޙާބީ أبو قتادة رضي الله عنه ރިވާކުރައްވާފައިވެ އެވެ. ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުގައި ޢާޝޫރާ ދުވަހު ރޯދައަށް ހުރުމާ މެދު ސުވާލު ދެންނެވުނެވެ. ފަހެ، ޙަދީޘް ކުރެއްވި އެވެ. (و صِيامُ يومِ عاشُوراءَ، إِنِّي أحْتَسِبُ على اللهِ أنْ يُكَفِّرَ السنَةَ التِي قَبْلَهُ) ”ފާއިތުވި އަހަރުގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައިވުމަށް ﷲ ގެ ޙަޟުރަތުން އުއްމީދު ކުރަމެވެ.“
މުޙައްރަމް މަހުގެ ދިހަވަނަ ދުވަހު ރޯދަ ހިފުމުން މިޘަވާބާއި ދަރުމަ ލިބޭނެ ކަމުގެ އުއްމީދުވެ އެވެ. އެހެނަސް ދިހަވަނަ ދުވަހުގެ މައްޗަށް 9 ވަނަ ދުވަސް އެއްކޮށް ރޯދަ ހިފައިފި ހިނދުގައި އޭގެ އަޖުރު އިތުރުވެގެންވެ އެވެ. އެއީ ابن عباس رضي الله عنهما ރިވާކުރައްވާފައިވާ ފަދައިންނެވެ. (لأن بقيت أو لأن عشت إلى قابل لأصومن التاسع) ”އަންނަންއޮތް އަހަރުގައި ތިމަން ނަބިއްޔާ ދުނިޔޭގައި ދެމިހުންނަވައިފި ނަމަ، 9 ވަނަ ދުވަހު ރޯދައަށް ހުންނަވާނަމެވެ.“
العَلَّامة الشيخُ صَالِح الفوزان ވިދާޅުވެފައިވެއެވެ
އާނއެކެވެ. ﷲ ގެ މުޙައްރަމް މައްސަރަކީ، ރަމަޟާން މައްސަރަށް ފަހުގައި އެންމެ ހެޔޮވެގެންވާ މައްސަރެވެ. ފަހެ، މުޅި މި މައްސަރު އެކުގައި ނުވަތަ ގިނަ ދުވަސްތަކެއްގައި ރޯދަ ހިފުން ހުއްޓެވެ. އެހެނަސް މައްސަރުގެ ހުރިހައި ދުވަހަކު ރޯދަ ހިފައި ހަމަނުކުރެވޭ ގޮތަށް ގިނަ ދުވަސްތަކުގައި ރޯދަ ހިފާ ގޮތަށެވެ. މިއީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ. (މިފަދައިން ކުޅަދާނަ ނުވާ މީހާ) އެންމެ ދަށްދަރަޖައިން މި މައްސަރުގެ 10 ވަނަ ދުވަހުގައި ރޯދައަށް ހުރުން ހުއްޓެވެ. އަދި އޭގެ ކުރިއަށް 1 ދުވަސް (މި މައްސަރުގެ 9 ވަނަ ދުވަސް) ނުވަތަ އޭގެ ފަހުން 1 ދުވަސް (މި މަހުގެ 11 ވަނަ) ދުވަހުގައި ރޯދައަށް ހުރުން ހުއްޓެވެ. ފަތުވާ ނަގާފައިވަނީ : http://t.co/D4kg4jspaJ/s/yv14
الشيخ العلامة مُحمَّد بن صَالح العُثَيْميِن رحمه الله އާއިސުވާލުކުރެވުނެވެ
ސުވާލު : ބައެއް ޢިލްމުގެ އަހުލުވެރިން ޛިކުރުކުރައްވާފައިވެ އެވެ. ޢާޝޫރާ ދުވަހުގައި ރޯދަހިފުން 3 ޙާލަތެއްވެ އެވެ.
ޖަވާބު : ފުރަތަމަ ޙާލަތް : ޢާޝޫރާ ދުވަހާ އެކުގައި، އޭގެ ކުރިން އެއް ދުވަސް ނުވަތަ އޭގެ ފަހުން އެއްދުވަސް ރޯދަހިފުމެވެ.
ދެވަނަ ޙާލަތް : ޢާޝޫރާ ދުވަހުގައި އެކަނި ރޯދަ ހިފުމެވެ.
ތިންވަނަ ޙާލަތް : ޢާޝޫރާ ދުވަހުގެ ކުރިން އަދި ޢާޝޫރާ ދުވަހުގެ ފަހުންވެސް ރޯދަ ހިފުމުވެ.
(ޢިލްމުގެ އަހުލުވެރިން) ޛިކުރުކުރައްވާފައިވެ އެވެ. އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ ޢާޝޫރާ ދުވަހުގެ ކުރިއަށް އެއްދުވަސް އަދި ޢާޝޫރާ ދުވަހަށް ފަހުން އެއްދުވަސް ރޯދައަށް ހުރުމެވެ. އެއަށްފަހު (ދެ ވަނައަށް އެންމެ ހެޔޮކަން ބޮޑު ގޮތަކީ) ނުވަވަނަ ދުވަސް އަދި ދިހަވަނަ ދުވަސްތަކުގައި ރޯދައަށް ހުރުމެވެ. އެއަށްފަހުގައި ދިހަވަނަ ދުވަހާއި، އެގާރަވަނަ ދުވަހުގައި ރޯދައަށް ހުރުމެވެ. އެއަށްފަހުގައި ޢާޝޫރާ ދުވަހު އެކަނި ރޯދައަށް ހުރުމެވެ. ދަލީލުތަކުން ފާޅުވެގެންވާ ގޮތުގައި، ޢާޝޫރާ ދުވަހުގައި އެކަނި ރޯދަ ހިފުމަކީ މަކްރޫހަ ކަމެއް ނޫނެވެ. އެހެނަސް ހެޔޮކަން ބޮޑުވެގެންވަނީ ޢާޝޫރާ ދުވަހުގެ ކުރިއަށް އެއްދުވަސް ނުވަތަ ޢާޝޫރާ ދުވަހުގެ ފަހަށް އެއް ދުވަސް ރޯދައަށް ހުރުމެވެ.“ مجموع فتاوى ورسائل العثيمين: 20/ 42
مجموع فتاوى ورسائل العثيمين: 20/ 42
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާ
ސުވާލު : ޢާޝޫރާ ދުވަހުގައި އެކަނި (މުޙައްރަމްމަހުގެ 10 ވަނަ ދުވަސް އެކަނި) ރޯދަ ހިފުން ހުއްދަވާނެތޯ އެވެ؟
ޖަވާބު : ޢާޝޫރާ ދުވަހުގައި އެކަނި ރޯދަހިފުން ހުއްދަވާނެ އެވެ. އެހެނަސް އައުލާވެގެންވަނީ، ޢާޝޫރާ ދުވަހުގެ ކުރިއަށް އެއްދުވަސް ނުވަތަ ޢާޝޫރާ ދުވަހުގެ ފަހުން އެއްދުވަސް ރޯދަ ހިފުމެވެ. ނަބިއްޔާ صلى الله عليه وسلم ގެ ފަރާތްޕުޅުން ޘާބިތުވެގެންވާ ޙަދީޘްގައިވެ އެވެ. (لأن بقيت إلى قابل لأصومن التاسع) ”އަންނަން އޮތް އަހަރުގައި ތިމަންނަބިއްޔާ ދުނިޔޭގައި ހުރެއްޖެހިނދު ނުވަވަނަ ދުވަހު ރޯދައަށް ހުންނަވާނަމެވެ.“ ابن عباس رضي الله عنهما ވިދާޅުވެފައިވެ އެވެ. ”މާނައީ ދިހަވަނަ ދުވަހާ އެކުގައެވެ.“ وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم .
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.