ދުޢާ ކުރުމަށްޓަކައި އަތް އުފުލާނެ ސިފައަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ދުޢާ ކުރުމުގައި ދެއަތްތިލަ ބެހެއްޓުމަށް އޮތް ސިފައަކީ ކޮބައި ކަމާއި މެދުގައި، ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
މިތަނުގައި ކޮށްފައިވާ ސުވާލުގެ މުރާދަކީ ޢާންމުކޮށް ދުޢާކުރާހިނދު އަތްތިލަ ބަހައްޓަންޖެހޭ ސިފަ ކަމުގައި އުއްމީދު ކުރަމެވެ.
ފުރަތަމައީ :
ޞައްޙަވެގެންވާ ޙަދީޘްތަކުގައި މިފަދަ ބައެއް ސިފަތައް ޛިކުރު ކުރެވިގެންވެ އެވެ. އޭގެ ތެރޭގައި ޞަޙާބީ أبو بكرة نفيع بن الحارث ވިދާޅުވެފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (سَلوا اللهَ ببطون أكُفِّكم و لا تسألوه بظهورِها) ”ތިޔަބައިމީހުން ﷲއަށް ދުޢާ ދަންވާހިނދު ތިޔަބައިމީހުންގެ އަތްތިލައިގެ ބަނޑުފުށް މައްޗަށް ބަހައްޓައިގެން ދުޢާ ކުރާށެވެ. އަދި އެއަތްތިލައިގެ ބޭރުފުށް މައްޗަށް ބަހައްޓައިގެން ދުޢާ ނުކުރާށެވެ.“ އިމާމް الألباني މި ޙަދީޘް صحيح الجامع 3634 ގައި ޞައްޙަ ކުރައްވާފައިވެ އެވެ.
މި ރިވާޔަތުގައި ބަޔާންވެގެންވަނީ އަތްތިލަ ބަހައްޓަން ޖެހެނީ އަތްތިލައިިގެ ކޮން ފުށެއް ކަމާއި މެދުގަ އެވެ. އެއީ އަތްތިލައިގެ ބަނޑުފުށް މައްޗަށް އަދި އަތްތިލައިގެ ބޭރުފުށް ބިމާއި ދިމާލަށްވާ ގޮތަށެވެ.
ދެވަނައީ :
ޞަޙާބީ ابنِ عبَّاسٍ-رضي الله عنهما- ވިދާޅުވެފައިވެ އެވެ. المسألَةُ أن ترفعَ يديْكَ حذوَ منْكبيْك، أو نحوَهُما ”ދުޢާކުރާހިނދު ތިބާގެ ދެއަތްތިލަ ކޮނޑާ ހަމައަށް (ކޮނޑާއި އެއްވަރަށް) އުފުލާށެވެ. ނުވަތަ ކޮނޑާއި ހަމައަށް އުފުލުމެވެ.“
މިރިވާޔަތް އިމާމް أبي داود ސުނަނުގައި ރިވާކޮށްފައިވެ އެވެ. އަދި ފަހުގެ ދުވަސްތަކުގައި ފާޅުވި މުޙައްދިޘް އިމާމް الألباني، މި ރިވާޔަތް ޞައްޙަ ކުރައްވާފައިވެ އެވެ. صحيح أبي داود 1489.
މި ރިވާޔަތުން ބަޔާންވަނީ މޭމައްޗާ ހަމައަށް ނުވަތަ ކޮނޑާ ހަމއަށް ދެއަތްތިލަ އުފުލުމެވެ. އެބަހީ : އެމީހެއްގެ މޫނާ ދިމާލަށް ވާގޮތަށް މޭމައްޗާ ހަމައަށް ދެއަތްތިލަ ބަނޑުފުށް ވާގޮތަށް ދުޢާ ކުރާހިނދު އުފުލުމެވެ.
ތިންވަނައީ : އަތްތިލަ ބެހެއްޓުމަށް އޮތް ސިފައެވެ.
ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ބަޔާންވެގެންވާ ސިފަކަމުގައިވަނީ : ދެއަތްތިލަ ހުޅުވާލުމަށްފަހު ދެއަތްތިލައިގެ ބަނޑުފުށް މައްޗަށް ހުންނަގޮތަށް ޙަދީޘްގައި ޛިކުރުވެގެންވާ ފަދައިން ކޮނޑާ ހަމައަށް ނުވަތަ މޭމައްޗާ ހަމައަށް އުފުލުމެވެ. އިސްލާމީ އުއްމަތް ދުށް، ޙަދީޘް ޢިލްމުގައި އެންމެ މަތިވެރި ބޭކަލުން ކަމުގައިވާ އިމާމް أحمد އަދި އިމާމް أبوداود -رحمهما الله- ގެ އަރިހުން ރިވާވެގެންވެ އެވެ.
الإِمَام أبوداود السجستاني ވިދާޅުވެފައިވެ އެވެ. ”އަހަރެން الإِمَام أحمد އަރިހުގައި ޤުނޫތަށް އަތް އުފުލުމާއި މެދުގައި ސުވާލު ދެންނެވީމެވެ. ފަހެ، އެހިނދުގައި الإِمَام أحمد އަހަރެންގެ ދެ އަތްތިލަ ހުޅުވާ ލައްވާފަ ދެއަތްތިލަ ޖައްސަވާ ލެއްވި އެވެ. އަދި އަތުގެ އިނގިލިތައް ޤިބްލައަށް ވާގޮތަށް ބެހެއްޓެވި އެވެ.“
مسائل أبوداود
ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެއަތް އުފުލުން އެއީ، ތިބާ ދެއަތްތިލަ އުފުލައި ދެއަތްތިލަ އެއް އަތްތިލައާއި އަނެއް އަތްތިލަ ޖައްސައި، ތިބާގެ މޭމައްޗަށް -މޭމަތީގެ އެންމެ މައްޗަށް- ވާގޮތަށް އުފުލައި ބެހެއްޓުމެވެ.“ من شرح الأربعين النووية للشيخ ابن عثيمين ص173-174
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العَزِيز بن عبد الله بن بَاز- رحمه الله- އަރިހުގައި ދުޢާ ކުރާހިނދު އަތްއުފުލުމުގެ ސިފައާއި މެދުގައި ސުވާލު ކުރެވުނުހިނދު، ޝެއިޚް އެ ސުވާލަށް ޖަވާބު ދެއްވައި، އަދި އަމިއްލަފުޅަށް ދެއަތްތިލަ އުފުލަންވީ ސިފަ ދައްކައިދެއްވި އެވެ. އަދި އެއީ ދެއަތްތިލައިގެ ބަނޑުފުށް މޫނުމައްޗަށް ވާގޮތަށް ދެއަތްތިލަ އެއްއަތްތިލަ އާއި އަނެއް އަތްތިލަ ޖައްސާފައި އެމީހެއްގެ މެއާއި ހަމައަށް ބެހެއްޓުން ކަމުގައި ސިފަކޮށްދިނެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.