الله تعالى ދުނިޔެއަށް ފޮނުއްވި ނަބީބޭކަލުން -عليهم السلام- ގެ ޢަދަދަކީ ކިހާވަރެއް ތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ނަބީބޭކަލުން – عليهم السلام- ގެ ޢަދަދާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ތަފާތު އެކިއެކި ޙަދީޘްތަކުން ޢަދަދު ބަޔާން ވެގެންވެއެވެ. އެހެނަސް އެ އެންމެހައި ޙަދީޘްތަކަކީ ވެސް ބަލިކަށި ޘާބިތު ނުވާ ޙަދީޘްތަކެއް ކަމުގައި ސުންނަތުގެ ބޮޑެތި ޢިމާމުން ޛިކުރު ކުރައްވާފައިވެއެވެ. މިގޮތުން ބަޔާންވެގެންވާ ބައެއް މަޢުލޫމާތު ޛިކުރުކޮށްލަމެވެ.
ފުރަތަމައީ: އެންމެ ފުރަތަމަ ނަބީބޭކަލަކީ އާދަމް -عليه السلام- ކަމުގައި ބަޔާންވެގެންވެއެވެ. އަދި އެންމެ ފުރަތަމަ ރަސޫލަކީ ނޫހް -عليه السلام- ކަމުގައި ބަޔާންވެގެންވެއެވެ. އަ ޙަދީޘްތަކުގައި އައިސްފައިވާ ގޮތަށް، ނޫޙް عليه السلام އަކީ މީސްތަކުން ޝިރުކު ކުރަން ފެށުމުން، الله تعالى ދުނިޔެއަށް ފޮނުއްވި ފުރަތަމަ ރަސޫލާއެވެ. ބުޚާރީ، މުސްލިމް އަދި އެހެނިހެން ޙަދީޘްފޮތް ތަކުގައި ވާރިދުވެގެންވެއެވެ. (….. مِن أَن أَهلَ المَوقِف يَومَ القِيَامَةِ يَقُوْلُوْنَ : يَا نُوحُ إِنَّكَ أَنْتَ أَوَّلُ الرُّسُلِه إِلَى أَهْلِ الْأَرْضِ اشْفَعْ لَنَا إِلَى رَبِّكَ) “ހަމަކަށަވަރުން، ޤިޔާމަތް ދުވަހު، މީސްތަކުން މަޙްޝަރު ކުރެވިފައިވާ ދުވަހު ބުނާނެއެވެ. އޭ ނޫޙްއެވެ! ތިޔައީ الله އެންމެ ފުރަތަމަ ބިމުގެ އަހުލުވެރިންގެ ގާތަށް ފޮނުއްވި، އެންމެ ފުރަތަމަ ރަސޫލާއެވެ. އަހަރެމެންގެ ވެރި އިލާހުގެ ޙަޟްރަތުން އަހަރެމެންނަށް ޝަފާޢަތަށް އެދި ވިދާޅުވާށެވެ”.
ދެވަނައީ: މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. “ނޫޙް عليه السلام- ގެ ކުރިން ފޮނުއްވުނު އާދަމް -عليه السلام- އަކީ ނަބިއްޔެއްކަން އެހެން ޙަދީޘްތަކުން ޘާބިތުވެއެވެ. أَبِيْ حَاتِمْ بِنْ حِبَّانُ ގައި އަދި އެހެނިހެން ޙަދީޘް ފޮތްތަކުގައި أَبِيْ ذَرٍّ -رضي الله عنه- ގެ ފަރާތުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. أَبِيْ ذَرٍّ رضي الله عنه- ނަބިއްޔާ ﷺ ގެ އަރިއަހުގައި، ނަބިއްޔުންނާއި ރަސޫލުނާ ބެހޭގޮތުން ސުވާލު ދެންނެވުނު ހިނދުގައި ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ.
(الأَنْبِيَاءُ مِائَةٌ وَ أَرْبَعَة وَ عِشْرُوْنَ أَلْفًا وَ الرُّسُلُ ثَلاَثُمِائَةٍ وَثَلاَثَة عَشَرَ) “ނަބިއްޔުންގެ ޢަދަދަކީ ސަތޭކަ ސައުވީސް ހާހެވެ. ރަސޫލުންގެ ޢަދަދަކީ ތިންސަތޭކަ ތޭރައެވެ”.
ރަސޫލުބޭކަލުންގެ ޢަދަދާ މެދު أَبِيْ أُمَامَة رضي الله عنه- ގެ ކިބައިން ރިވާވެގެން އައިސްފައިވާ އެހެން ރިވާޔަތެއްގައިވެއެވެ. (ثَلاَثُ مِاَئةٍ وَ خَمْسَةَ عَشْرَ) “ރަސޫލުންގެ ޢަދަދަކީ ތިންސަތޭކަ ފަނަރައެވެ”. އެހެނަސް ޢިލްމުވެރިން ދެކިވަޑައިގަންނަވާގޮތުގައި މި ދެ ޙަދީޘަކީ ވެސް ބަލިކަށި، ޘާބިތު ނުވާ ދެ ޙަދީޘްއެވެ. އަދި މި މާނައިގައިވާ އެހެން ރިވާޔަތްތައް ވެސް ވަނީ މި ޙުކުމްގައެވެ. ޘާބިތުނުވާ ދަރަޖައިގައިވާ ރިވާޔަތްތަކެވެ.
އެފަދަ ބައެއް ރިވާޔަތްތަކުގައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. (أَلْفُ نَبِيٍّ فَأَكْثَر) “ނަބިއްޔުންގެ ޢަދަދު އެއްހާހަށްވުރެ މައްޗެވެ” .
އަދިވެސް އެހެން ރިވާޔަތެއްގައިވެއެވެ. (أَنَّ الأَنْبِيَاء ثَلاَثَة آلاَفٍ) “ހަމަކަށަވަރުން ނަބިއްޔުންގެ ޢަދަދަކީ ތިންހާހެވެ.”
މި މަޢުޟޫގައި އައިސްފައިވާ ހުރިހާ ޙަދީޘްތަކަކީ ވެސް ބަލިކަށި، ޘާބިތުނުވާ ދަރަޖައިގައިވާ ޙަދީޘްތަކެވެ. اِبْن جَرِيْرٍ ވަނީ أَبِيْ ذَرٍّ -رضي الله عنه- -ގެ ޙަދީޘްފުޅަކީ މަޢުޟޫ ޙަދީޘެއް ކަމުގައި ހިމަނުއްވާފައެވެ.
މި ދަލީލުތަކުން ބުނެވެނީ، ނަބިއްޔުން އަދި ރަސޫލުންގެ ޢަދަދު ކަނޑައެޅިގެން ބުނެވިދާނެވަރުގެ، އަދި އެކަމުގެ މައްޗަށް ބުރަވެ، ބުނެދެވޭނެ ވަރުގެ ދަލީލެއް ނެތްކަމެވެ. އެ ޢަދަދު الله عزوجل ފިޔަވައި އެހެން އެއްވެސް ފަރާތެއް ދެނެވޮޑިގެން ނުވެއެވެ. އެއީ ބޮޑުވެގެންވާ ޢަދަދެކެވެ. الله عزوجل ކޮންމެވެސް ޙިކްމަތެއްގެ ސަބަބުން، އެބޭކަލުންގެ ތެރެއިން ބައެއް ރަސޫލުންނާއި ނަބިއްޔުން އަހަރެމެންނަށް ބަޔާންކޮށްދެއްވައި، އަދި ބަޔާންކޮށްނުދެއްވާ އެތަކެއް ރަސޫލުންނެއް އަދި ނަބިއްޔުންނެއްވެއެވެ.
ވީމާ، މި މައްސަލައިގެ ޙައްޤު ގޮތް ބަޔާންވެގެން ގޮސްފިއެވެ. ޢިލްމު މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.