އިސްލާމް ދީނުގައި ތުނބުޅި ބޭލުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޖަވާބު : އަޚާ އެވެ! ތިޔަ އަޚާއަށް ދީނުގެ ޞައްޙަ މަގަށް ތަޥްފީޤު ލިބި އެމަގުގައި ދެމިހުރުމުގެ ޘާބިތުކަން ﷲ ދެއްވާށި އެވެ. އަޚާ އެވެ! ސުވާލުގައި ޚާއްޞަކޮށް ތުނބުޅިއާ މެދުގައި ސުވާލުކޮށްފައި ވުމުން ދީނުގައި އެއީ ކިހާވަރުގެ ޢަމަލެއްކަން ބަޔާންކޮށް ފުރަތަމަ ނުކުތާގައި ޛިކުރު ކުރަމެވެ.
ތުނބުޅި ބެހެއްޓުމާއި ތުނބުޅި ބޭލުން ޙަރާމްވެގެންވާކަން ބަޔާންކޮށް ދަލީލުތަކާއި އުއްމަތުގެ ޢިލްމުވެރިންގެ ބަސްފުޅުތައް ޛިކުރު ކުރަމެވެ.
ދަލީލު 1 : البخاري (5892) އަދި مسلم (602) ابن عمر رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވެ އެވެ. الله ގެ ރަސޫލާ حديث ކުރެއްވި އެވެ. (خالفوا المشركين، أحفوا الشوارب، وأوفوا اللحى) “ތިޔަބައިމީހުން މަތިމަސްތައް ކުރުކުރާށެވެ. ތުނބުޅިތައް ރައްކައުތެރިކުރާށެވެ. ދިގުކުރާށެވެ. އަދި މުޝްރިކުންނާ ޚިލާފުވާށެވެ.”
ދަލީލު 2 : البخاريގެ ލަފްޟުގައިވެ އެވެ. (ووفروا اللحى) “ތިޔަބައިމީހުން ތުނބުޅިތައް ބަހައްޓައި ދިގުކުރާށެވެ.”
ދަލީލު 3 : البخاري (5893) އަދި مسلم (600) ރިވާކުރައްވާފައިވާ ލަފްޟުގައިވެއެވެ. (وأعفوا) “ތުނބުޅި ދިގުވުމަށް ދޫކޮށްލާށެވެ.”
ދަލީލު 4 : مسلم (603) أبو هريرة ގެ އަރިއަހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. الله ގެ ރަސޫލާ حديث ކުރެއްވިއެވެ. (جزوا الشوارب وأرخوا اللحى، خالفوا المجوس) “ތިޔަބައިމީހުން މަތިމަސްތައް ތުނިކުރާށެވެ. ތުނބުޅި ދިގުވެދިޔުމަށް ދޫކޮށްލާށެވެ. މަޖޫސީންނާ ޚިލާފުވާށެވެ.”
ދަލީލު 5 : مسلم ގައި ابن عُمر ގެ އަރިއަހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. (أمرنا بإخفاء الشوارب وإعفاء اللحية) “ތިމަން ޞަޙާބީންނަށް މަތިމަސްތައް ތުނިކުރުމަށާއި އަދި ތުނބުޅި ދިގުވުމަށް ދޫކޮށްލުމަށް (ރަސޫލާ ﷺ އަމުރުފުޅު) ކުރެއްވި އެވެ.”
ދަލީލު 6 : ابن أبي شَيبة ގައި ރިވާޔަތުގައިވެ އެވެ. މަޖޫސީއެއް ނަބިއްޔާގެ އަރިއަހަށް ވަޑައިގެންނެވި އެވެ. އޭނާވަނީ ތުނބުޅި ބާލައި މަތިސްމަސް ދިގުކޮށްފަ އެވެ. ފަހެ، އެހިނދު ނަބިއްޔާ ﷺ އޭނާއަށް ޙަދީޘް ކުރެއްވި އެވެ. “ތިޔައީ ކޮން ކަމެއްތޯ އެވެ؟” އޭނަ ދެންނެވި އެވެ. “މިއީ އަހަރުމެންގެ ދީނުގައިވާ ގޮތެވެ.” އެހިނދު ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. “އެހެނަސް އަހަރެމެންގެ ދީނުގައިވަނީ މަތިމަސް ތުނިކުރުމާއި، ތުނބުޅި ދިގުކޮށް ދޫކޮށްފައި ބެހެއްޓުމެވެ.”
އަޚާ އެވެ! މިއަދު މުސްލިމުންގެ ތެރެއިން އެތައް ބަޔަކު މި ސިފައިގައިވެ، ރަސޫލާ ﷺ އާއި ޤިޔާމަތްދުވަހު ބައްދަލުވާނެ ދުވަހުގައި ތިމާ ބުނާނީ ކީކޭތޯ ވިސްނާލުން ހުއްޓެވެ؟ ވިސްނައި ފިކުރު ކޮށްލުން ހުއްޓެވެ؟
ދަލީލު 7 : ابن جَرِيرގައި زيد بن حَبِيب ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ކިސްރާގެ ފަރާތުން އައި ދެ މަންދޫބުންގެ ޙާދިޘާގައިވެ އެވެ. “އެ ދެ ސަފީރުން رَسُول الله ﷺ އަރިއަށް ވަދެވަޑައިގެންނެވި އެވެ. އެ ދެމީހުންވެސް ވަނީ ތުނބުޅި ބާލައި މަތިމަސް ދިގުކޮށްފަ އެވެ. ފަހެ، އެހިނދު އެ ދެމީހުނަށް ބެއްލެވުމަށް ނަބިއްޔާ ކަރާހަތްތެރި ކުރެއްވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. “ތިޔަ ދެމީހުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާ އެވެ. ތިގޮތަށް (މަތިމަސް، ތުނބުޅި) ބެހެއްޓުމަށް ތިޔަ ދެމީހުންނަށް އަމުރު ކުރީ ކާކު ހެއްޔެވެ؟” އެ ދެމީހުން ބުންޏެވެ. “އަހަރެމެންގެ ރައްބު އެވެ. (ޔަޢުނީ : ކިސްރާ އެވެ.)” ފަހެ، އެހިނދު ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވި އެވެ. (ولكن ربي أمرني بإعفاء لحيتي و قص شاربي) “އެހެނަސް ތިމަން ނަބިއްޔާގެ ރައްބު ތިމަން ނަބިއްޔާއަށް އަމުރުފުޅު ކުރެއްވީ ތިމަންނަބިއްޔާގެ ތުނބުޅި ދޫކޮށްފައި ބެހެއްޓުމަށާއި، ތިމަން ނަބިއްޔާގެ މަތިމަސް ކުރުކޮށް ކޮށުމަށެވެ.”
ލޯބިވާ އަޚުންނޭވެ! ރަސޫލާ ﷺ ގެ ރައްބު، ﷲ އެ އިލާހު އެންމެ ލޯބިވޮޑިގަންނަވާ އިންސާނާ، އެންމެ ފަހުގެ ރަސޫލާއަށް އަމުރުފުޅު ކުރެއްވީ މިފަދައިންނެވެ. ތިބާއަށް މި އަމުރުފުޅު ނޯންނާނެ ހެއްޔެވެ؟
މި ޙުކުމް ނާންނާނެ ހެއްޔެވެ؟ އަޚާ އެވެ! މިފަދަ ކިތައް ކިތައް ޙަދީޘްތޯ އެވެ؟ އެހެނަސް މިއަދު މިއީ މުސްލިމުންގެ ތެރެއިން އެތަކެއް ބަޔަކު ބޮޑުވެގެންވާ އިހުމާލަކުން އިހުމާލުވެ، އިންތިހާއަށް ފަރުވާކުޑަވެ އަރައިގަނެފައިވާ ބޮޑުވެގެންވާ ޖަރީމާ އެކެވެ.
އަޚާ އެވެ! މި ދައްކަނީ ދީނުގައި އެތައް ފަހަރެއްގެ މަތިން އައިސްފައިވާ އަމުރުފުޅެއްގެ ވާހަކަ އެވެ. ސުވާލު ނުކުރެވޭނެ ކަމަށް ދެކެނީ ހެއްޔެވެ؟ އަޚާ އެވެ! ﷲ ގެ ކުރިފުޅުމަތީގައި ހުންނަން ޖެހޭ ދުވަހުގައި އެކަލާނގެއަށް ތިބާ ހުރި ޞޫރަ ދެކެވޮޑިގަންނަވާދުވަހު ހުންނާނެ ގޮތާއިމެދު ވިސްނާލުން ހުއްޓެވެ.
އަޚުންނޭވެ! އިސްވެ ޛިކުރުވެދިޔަ އެންމެހައި ޙަދީޘްތަކުގައިވާ (ތުނބުޅި ބެހެއްޓުމަށް) އައިސްފައިވާ އަމުރުފުޅުތައް މި ޛިކުރު ކުރެވޭ އާޔަތްތަކުގެ މާނައިގެ މައްޗަށް ގެންގޮސް ވިސްނާލުން ހުއްޓެވެ.
وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا “އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެ ނަބިއްޔާ ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ.”
ނަފްސަށް ބުނެލުން ހުއްޓެވެ! ތުނބުޅި ބެހެއްޓުމަށް ނަބިއްޔާ އަމުރުފުޅު ކުރައްވާ އަހަރެމެންނަށް އެ ޙުކުމް ނުގެނެސްދެއްވާ ހެއްޔެވެ؟
فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
“އަދި ނަބިއްޔާގެ އަމުރުފުޅާއި ޚިލާފްވާ މީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް އެބައިމީހުން ބިރުވެތިވާހުށި ކަމެވެ.” ތުނބުޅި ބާލާ މީހާ އެ ދޫކުރަނީ ނަބިއްޔާގެ ކިތައް އަމުރުފުޅު ހެއްޔެވެ؟ ދުނިޔެ މަތީގައި ބަލާއެއް، އަދި ޤިޔާމަތް ދުވަހުގައި ވޭންދެނިވި ޢަޛާބަށް ބިރުވެތިވުން ނުވޭ ހެއްޔެވެ؟
އަޚާ އެވެ! މިފަދަ ކިތައް ޙަދީޘް ހެއްޔެވެ؟ އެންމެހައި ޙަދީޘް ތަކެއްގައި ވަނީ ސާފު ލަފްޒުން، ޞަރީޙަ ލަފްޒުން، އެއްވެސް ޚިލާފެއް ނުވާނެ މިންވަރަށް އަމުރުގެ މާނައިގަ އެވެ. އަމުރުފުޅު ކުރައްވާފަ އެވެ. ވުމުން މިއީ ދީނުގައި ކަނޑައެޅިފައިވާ ވާޖިބު ޙުކުމެއްކަން މި ޙަދީޘްތައް ޝަރަޙަ ކުރެއްވި ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވެގެންވެ އެވެ.
الإمام شَيخ الإسلام ابن تَيمية رحمه الله (ޙަންބަލީ މަޛްހަބަށް ނިސްބަތް ވަޑައިގަންނަވާ އިމާމެއް، އަވަހާރަފުޅި 728) ވިދާޅުވެފައިވެ އެވެ. “ތުނބުޅި ބޭލުން ޙަރާމްވެގެންވެ އެވެ.”
الإمام القُرطُبِي رحمه الله (މާލިކީ މަޛްހަބަށް ނިސްބަތް ވަޑައިގަންނަވާ އިމާމެއް، އަވަހާރަފުޅި 671) ވިދާޅުވެފައިވެ އެވެ. “ތުނބުޅި ބޭލުން ހުއްދައެއް ނުވާނެ އެވެ. އިސްތަށި އުފުރުން އަދި ކޮށުން ހުއްދައެއް ނުވާނެ އެވެ.”
الإمام ابن حَزم رحمه الله (އަވަހާރަފުޅި 456) ވިދާޅުވެފައިވެ އެވެ. “މަތިމަސް ކުރުކޮށް ކޮށުމާއި އަދި ތުނބުޅި ދޫކޮށްލާފައި ބެހެއްޓުމަށް (ޢިލްމުވެރިން) އިޖްމާޢުވަޑައިގެންފައިވެ އެވެ.”
الإمام ابن مفلح رحمه الله (ޙަންބަލީ އެންމެ ފުންނާބު އުސް ފިޤުހުވެރި އިމާމެއް، އަވަހާރަފުޅި 763) ވިދާޅުވެފައިވެ އެވެ. “(އެންމެހައި ދަލީލުތަކުން) އަހަރެމެންނަށް ބަޔާންވެގެންވަނީ ބޭލުމަކީ ޙަރާމް ކަމެކެވެ.”
الحَافِظ النووي رحمه الله (ޝާފިޢީ މަޛްހަބުގެ އެންމެ ފުންނާބުއުސް އެއް ޢިލްމުވެރިޔާ އެވެ. އަވަހާރަފުޅުވީ 676) ވިދާޅުވެފައިވެ އެވެ. “ތުނބުޅި އޭގެ އަޞްލުގައިވާ ގޮތަށް ދޫކޮށްލުން ހުއްޓެވެ. އެއްވެސް ގޮތަކަށް އެ ކުރުކޮށް ކޮށުމާއި އެ ނޫން ގޮތަކަށްވެސް އެ އިސްތަށިތަކަށް ހަދައިގެން ނުވާނެ އެވެ.”
الإمام ابن عَبد البر رحمه الله (މާލިކީ މަޛްހަބުގެ އެންމެ ފުންނާބުއުސް އެއް އިމާމެވެ. އަވަހާރަފުޅުވީ 463) ވިދާޅުވެފައިވެ އެވެ. “ތުނބުޅި ބޭލުން ޙަރާމްވެގެންވެ އެވެ.”
އަޚުންނޭވެ! އިންސާފާއި ޢަދުލުވެރިކަމުގައި ވިސްނާލުން ހުއްޓެވެ! މިއީ އިސްލާމް ދީނެވެ. މީހަކު ބުނާ އެއްޗެއް، އަދި އޭނާގެ ޞޫރައަކީ ދީނެއް ނޫނެވެ. މިތަނުގައި އެކިއެކި މަޛްހަބުތަކުގެ ސުންނަތުގެ އިމާމުންގެ ބަސްފުޅުމިވަނީ ޛިކުރު ކުރެވިފަ އެވެ. އެންމެހައި އިމާމުން ދުނިޔެ ދޫކުރައްވާފައިވަނީ ދިވެރިރާއްޖެ އިސްލާމް ވުމުގެ ކުރީގައި އެވެ.
ވީހިނދު މިއީ އެންމެ ކުރީގައި ދީނުގައި ޙުއްޖަތާއި ދަލީލުން ފާޅުވެފައިވާ ގޮތެވެ. އޮޅުވާލުމަކީ މި ދަލީލުތަކަށް ޤަދަރެއް ނުދީ، ބަލިކަށި، ޙުއްޖަތެއްނެތް ތިމާގެ ޝަހުވަތާއި ހިތް އެދޭ ގޮތަށް އެދޭހާ ތަނަކުން ބަސްތައް ނަގައި ބުނާނަމަ އެމީހެއްގެ ދީނަކީ ޤުރުއާނާއި ސުންނަތްތޯ ސުވާލު ކުރުން ހުއްޓެވެ؟
އަޚުންނޭވެ! ނަބިއްޔާގެ އަމުރުފުޅުތަކަކީ ކޮންފަދަ ޤަދަރެއް ދެވިފައިވާ، މަޤާމެއް ދެވިގެންވާ ބަސފުޅުތަކެއްކަން ނަބިއްޔާގެ އަޞްޙާބު ބޭކަލުން ދެނެވަޑައިގެންނެވިފަދައިން އަހަރެމެން ދަންނަން ޖެހެ އެވެ. އެފަދައިން އެބޭކަލުން ތަރުބިއްޔަތު ކުރެއްވީ ނަބިއްޔާ އެވެ. އަހަރެމެން އެފަދައިން ދަރިވަރު ވުމަށެވެ. މި މިޘާލަށް ނަޟަރު ހިންގާލުން ހުއްޓެވެ. أبُو بكر الصديق -رضي الله عنه- ވިދާޅުވެފައިވެ އެވެ.
“ތިމަން ޞަޙާބީ ދުވަހަކުވެސް ނަބިއްޔާ ﷺ ކުރެއްވި އެއްވެސް ޢަމަލުފުޅަކަށް ޢަމަލު ނުކުރައްވައި ދުލެއް ނުކުރައްވަމެވެ. އެހެނީ، ނަބިއްޔާ ﷺ ގެ އެއްވެސް އަމުރުފުޅަކަށް ޢަމަލު ނުކުރައްވާ ދޫކޮށްލައިފިނަމަ، ހަމަކަށަވަރުން އަހަރެން މަގުފުރެދިގޮސްދާނެ ކަމަށް އަހަރެން ބިރުވެތިވަމެވެ.”
މި ރިވާޔަތް ޛިކުރު ކުރެއްވުމަށްފަހު إمام ابن بطة -رحمه الله- ވިދާޅުވެފައިވެ އެވެ.
“އެންމެހައި އަޚުންނޭވެ! މިއީ ޞިއްދީޤުލް އަކްބަރެވެ. ނަބިއްޔާ ﷺ ގެ އެންމެ އަމުރުފުޅަކާ ޚިލާފްވެވަޑައިގެންފި ހިނދު އެބޭފުޅާ މަގުގެއްލި ހަލާކުވެދާނެ ކަމުގެ މައްޗަށް ބިރުފުޅު ހީވެ އެވެ…”
އަޚުންނޭވެ! ޤުރުއާނުގެ ޙުއްޖަތްތައް އަދި ސުންނަތުގެ ދަލީލުތައް އޭގައިވާ މުރާދާ އެއްގޮތަށް ޞަޙާބީން އުފުލި އެވެ.
އެ ފަދައިން ޞަޙާބީންގެ އަރިހުން ދަރިވަރުވި ތާބިޢީން އުފުލި އެވެ. އެއަށްފަހު އެ ފަދައިން އަތްބާޢުއް-ތާބިޢިން އުފުލި އެވެ. އެއަށްފަހު ޖެހިގެން އައި ޤަރުނުގެ އަހުލުވެރިންނެވެ. އެއަށްފަހު ހަމަ އެފަދައިން އެ މާނައާއި، އެ ފަހުމްގައި ޖެހިގެން އައި ޤަރުނެވެ. އެންމެހައި މީސްތަކުން ގުޅި ލާމެހިފައިވަނީ ޗޭނު ބޮޅުތައް އެކަތި އަނެކައްޗާއި ލާމެހިފައިވާ ފަދައިންނެވެ. ޤިޔަމާތާއި ޖެހެންދެންވެސް މި ޖަމާޢަތް މިގޮތުގައި ދެމި އޮންނާނެ އެވެ. އަދި އެންމެހައި ބޭކަލުންގެ ބަސްފުޅުތައް ވާކަން ކަށަވަރީ އެކައްޗެއްގެ ގޮތުގަ އެވެ.
މީގެ މިޘާލަކީ އަހަރެމެންގެ މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އިމާމުންގެ ބަސްފުޅުތަކެވެ. ކުރީގެ ސަޢުދީ ޢަރަބިއްޔާގެ މުފްތީ الشَّيْخ العَلاَّمَة ابن بَاز رحمه الله ވިދާޅުވެފައިވެ އެވެ.
“ތުނބުޅިއަކީ ފިރިހެނުންނަށް ﷲ ދެއްވާފައިވާ ކަރާމާތެކެވެ. އަދި އެއީ އަންހެނުންގެ މައްޗަށް މަތިވެރިވެގެންވާ ކަމެއްގެ ގޮތުގައި ލެއްވި އެވެ. އަދި ތުނބުޅި ބޭލުމުގައިވާ ކާފަރުންނާ، ފާފަކުރާ މީހުންގެ މައްޗަށް މަތިވެރިވެގެންވާ ސިފައެއްގެ ގޮތުގައި ލެއްވި އެވެ. ފަހެ، އެއީ ފިރިހެނުންނަށް އޮތް ޒީނަތެކެވެ. އަދި އެއީ މޫނުގައިވާ ނޫރެކެވެ. ފަހެ، ތުބުޅި ކޮށުން ނުވަތަ ބޭލުން ފަދަ އެއްވެސް ގޮތަކުން ތުނބުޅިޔާ ބެހިގެން ނުވާނެ އެވެ.”
އަޚުންނޭވެ! 14 ވަނަ ޤަރުނުގައިވެސް ހައްޤުގައިވި އަހުލުވެރިންގެ ބަސްފުޅުތައްވެސް ހަމަ އެފަދަ އެވެ. އެކައްޗެއް އެއްފޮތަކުން ކިޔެވި ފަދަ އެވެ. ސުވާލަކީ އެހެންވުމުން، މިއަދު އަރިމަތިން ކޮށައި، އަރިއަރި މަތިން ބާލައި، ފްރެންޗް، ޑިޒައިން ޑިޒައިންއަށް ހަދައި، މިއީ ޢިލްމުވެރިން ކަމުގައިވާ ފަރާތްތަކެއްބާ އެވެ؟
ޤުރުއާނާއި ސުންނަތަށް ތަބަޢަވުން ބާވަ އެވެ! 7 އުޑުމަތިން ބާވައިލެއްވުނު ވަޙީއަށް ކިޔަމަންގަތުން ބާވަ އެވެ!
ނުވަތަ އޮޅުވާލުމާއި ޢިލްމުވެރިންގެ މައްޗަށް ޙައްޤު ނޫން ބަސްތައް ބުނުން ބާވަ އެވެ. މިބަސްތަކަށްވެސް ޢިލްމުވެރިން ވަނީ ބަސްފުޅު ވިދާޅުވެފައި އެވެ. މިއަދި ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : ކިޔަވާ ކުދިންގެ މެދުގައި ތުނބުޅި ކޮށުން ވަނީ ޢާއްމު ކަމަކަށް ވެފައެވެ. ފަހެ، މިކަމަށް ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯއެވެ؟
ޖަވާބު : “ތިފަދައިން ކަންތައް ކުރާ މީހުންނަކީ ޢިލްމުގެ ދަރިވަރުންނެއް ނޫނެވެ. ތުނބުޅި ކޮށުމަކީ ސުންނަތުގައިވާ ގޮތެއް ނޫނެވެ. ޢިލްމުގެ އަހުލުވެރިންނަކީ ސުންނަތަށް ޢަމަލުކުރާ ބައެކެވެ. ސުންނަތުގައި ވަނީ ތުނބުޅި ދޫކޮށްލުމެވެ. އެމީހެއްގެ ތުނބުޅި ކޮށާ މީހުންނަކީ ޢިލްމުގެ އަހުލުވެރިންނެއް ނޫނެވެ.”
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.