ވިތުރީގެ ޤުނޫތު ޢަރަބި ނޫން ބަހަކުން ކުރެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ވިތުރީގެ ޤުނޫތު ޢަރަބި ނޫން ބަހުން ކުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ސުވާލުގެ މައްޗަށް ނުކުތާތަކެއްގެ މައްޗަށް ބިނާކޮށް ޖަވާބު ދެމެވެ. ފަހެ، އެހިނދު މައްސަލަ ފަހުމްވެ ދާނެ ކަމަށް އުއްމީދު ކުރަމެވެ.

ފުރަތަމައީ : ޢަރަބިބަސް ރަނގަޅަށް ދަންނަ ޢަރަބިން ކިޔުމަށް ކުޅަދާނަވެގެންވާ މީހާއަށް، އެމީހެއްގެ ޙައްޤުގައި އޮތީ ނަމާދުގައި ޢަރަބި ބަހުން ދުޢާކުރުން ކަމުގައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ.

އެހެނަސް ޢަރަބިބަސް ނުދަންނަ، ވާހަކަ ނުދެއްކޭ މީހާ، ކުޅަދާނަ ނުވާ މީހާ މި ޙުކުމުން ބޭރުވާނެ އެވެ.

ދެވަނައީ : މިނަމާދަކީ ސުންނަތް ނަމާދެއް ގޮތުގައި ވުމުން، އެއްޗެއް ބަލައިގެން ނަމާދުގައި ޤުނޫތު ކިޔުންވެސް ހުއްދަވެގެންވެ އެވެ.

ޔަޢުނީ : ދުޢާ އެއްވެސް ވަރަކަށް ނުދަންނަ މީހާ އޭނާއަށް ސުންނަތް ނަމާދުގައި އެއްޗެއް ބަލައިގެން ކިޔުން ހުއްދަވެގެންވުމެވެ. ސަބަބަކީ، ސުންނަތް ނަމާދުގައި ޤުރުއާންނުން ދިގުކޮށް ކިޔަވަން ބޭނުންވެ އެހެނަސް ދަސްވެފައި ނުވާ މީހާއަށް ނަމާދުގައި މުޞްޙަފް ބަލައިގެން ކިޔުން ހުއްދަވެގެންވުމެވެ.

އެފަދަ ދަލީލު ތަކުގެ ތެރޭގައި މިއީ ޞަޙާބީން ތާބިޢީން އަދި އޭގެ ފަހުން ދުނިޔެ ދުށް ދީނުގެ އިމާމުން ވިދާޅުވެފައިވާ ގޮތެވެ. ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عَائِشة -رضي الله عنها- އަރިއަހުން ވާރިދުވެގެންވެ އެވެ. (كَانَ يَؤمُّها غُلامُهاَ ذَكْوَان فِي المُصحف) އެކަމަނާގެ ޚާދިމް (ޛަކްވާނު) މުޞްޙަފުން (ބަލައިގެން) އެކަމަނާއެކު ރަމަޟާން މަހު އިމާމްވެ ނަމާދު ކުރައްވަވަ އެވެ. رواه البخاري 1/170( معلقا)

ވުމުން، އެމީހަކު ވިތުރީގައި ކިޔާ ދުޢާ ދަސްވެފައި ނުވޭ ބުނެ އަމިއްލަ ބަހުން ދުޢާ ކުރުމަށް ދޮރު ހުޅުވުމުގެ ޙާޖަތެއް ނެތެވެ. ސަބަބަކީ ބަލައިގެން ދުޢާ ކިޔުންވެސް ހުއްދަވެގެންވުމެވެ.

ތިންވަނައީ : ވިތުރީގެ ޤުނޫތަކީ، ވިތުރި ނަމާދުގައި ކުރެވޭ ސުންނަތް ޢަމަލެކެވެ. އެއީ ވާޖިބު ޢަމަލެއް ނޫނެވެ. ފަހެ، ވުމުން އެމީހަކަށް އެ ޢަމަލު ކުރުމަށް ނޭނގިފައިވުމުން، އެ ދުޢާ ދޫކޮށްލުމުގައިވެސް އެއްވެސް އުނިކަމެއް ނަމާދަށް ނާންނާނެ އެވެ.

ހަތަރުވަނައީ : އެއްވެސް ޝައްކެތްނުވާ ގޮތުގައި ހެޔޮކަން ބޮޑުވެގެންވާ އަދި އެދެވިގެންވާ ގޮތަކީ މާތް ނަބިއްޔާ ގެ އަރިހުން ބަޔާންވެގެންވާ އަދި ވާރިދުވެގެންވާ ކަލިމަތަކުން ޤުނޫތު ކިޔުމެވެ.

ފަހެ، ސުންނަތަކީ އެއީ އެވެ. އެގޮތުން މިތަނުގައި ވާރިދުވެގެންވާ ޤުނޫތުގެ ލަފްޒުތައް ބަޔާން ކުރަމެވެ. އިމާމް أبو داود (1425) އިމާމް الترمذي (464) އިމާމް النسائي (1746) ޞަޙާބީ الْحَسَن بْن عَلِيٍّ رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކޮށްފައިވެ އެވެ. : عَلَّمَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَلِمَاتٍ أَقُولُهُنَّ فِي قُنُوتِ الْوِتْرِ (ތިމަން ޞަޙާބީއަށް ވިތުރީގެ ޤުނޫތުގައި ކިޔުމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އުނގަންނަވައި ދެއްވާފައިވާ ކަލިމަތަކެއްވެ އެވެ.) : ( اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، فإِنَّكَ تَقْضِي وَلا يُقْضَى عَلَيْكَ ، وَإِنَّهُ لا يَذِلُّ مَنْ وَالَيْتَ ، وَلا يَعِزُّ مَنْ عَادَيْتَ ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ ، – މި ލަފްޟާއި ހަމައަށެވެ.

އަދި ބައެއް ފޮތްތަކުގައި އިތުރު ލަފްޟެއްގެ ގޮތުގައި ولا منجا منك إلا إليك ވާރިދުވެގެންވެސް ވެ އެވެ. މި ލަފްޟު އިމާމް الألباني ޙަސަން ކުރައްވާފައިވެ އެވެ.

ފަހެ، މިއީ ވާރިދުވެގެންވާ ލަފްޟެވެ.

މި ލަފްޟުގައި ޤުނޫތު ކިޔުމަށް ނަޞޭޙަތްތެރި ވަމެވެ.

އެހެނަސް މި ލަފްޟުތައް ދަސްވެފައިނުވެ، ޤުނޫތުގެ މަޙައްލުގައި އެމީހަކު ދުޢާކުރުމަށް ބޭނުންވެއްޖެހިނދު، ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް ނުވަތަ ސުންނަތުގެ ވާރިދުވެފައިވާ ދުޢާއެއް ކިޔުމުން އެ މަޙައްލުގައި އެމީހާއަށް އެ ދުޢާއެއް ޤުނޫތުގެ މަޤާމަށް ފުދޭނެކަމަށް ޢިލްމުވެރިން ޛިކުރު ކުރައްވަ އެވެ.

އެގޮތުން އަލް-ޙާފިޟް النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ކޮންމެ ދުޢައެއް ކުރި ކަމުގައި ވީނަމަވެސް ޤުނޫތު -ކިޔުނު ކަމުގައި- ޙާޞިލްވާނެތެވެ. އެފަދައިން (ދުޢާގެ ގޮތުގައި)

رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ (ދުޢާކިޔުންވެސް ފުދޭނެ އެވެ.)

ވުމުން ނިންމާލުމުގެ ކުރިން ބުމަނެވެ. ވާރިދުވެފައިވާ ދުޢާ (ޤުނޫތު) ހިތުން ދަސްވެފައިނުވި ކަމުގައި ވީނަމަވެސް، އެތައް އެތައް ގޮތްތަކުން ބަޔާންވެގެންވަނީ އެ މަޤާމުގައި ޢަމަލު ކުރުމަށް އެކި އެކި ގޮތްތަކުން ލުއި ދެވިގެންވާ ކަމެވެ. އަމިއްލަ ބަހުން ދުޢާތައް ކިޔުމުގެ ޙާޖަތެއް ނުޖެހޭނެ މިންވަރަށް އެކަން ކުރެވޭނެ ދޮރުތައް ދީނުގައި ލުއިކޮށްފައިވެ އެވެ. ފަހެ، މި ދީނުގައިވާ ލުއިކަންކަމުގެ މައްޗަށް الله އަށް ޙަމްދު ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts