namaadhu

ފަރުޟު ނަމާދަށް ފަހު ކިޔުމަށް ވާރިދުވެގެންވާ ތަސްބީޙަ ކިޔާނެ ސިފައަކީ ކޮބައި ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނަމާދުގައި ކިޔާ ތަސްބީޙަ ކިޔުމުގެ މުރާދަކީ ނަމާދަށް ފަހު ކިޔާ ތަސްބީޙަ ކަމުގައި އުއްމީދު ކުރަމެވެ. ފަހެ، ފަރުޟު ނަމާދަށް ފަހު ކިޔުމަށް ވާރިދު ވެގެންވާ ތަސްބީޙަ ކިޔާނެ ގިނަ ސިފަތަކެއް ބަޔާންވެގެން ވެއެވެ. މިތާގައި ޛިކުރުކޮށްފައި މިވަނީ ތަސްބީޙަ ކިޔުމަށް ވާރިދު ވެގެންވާ ސިފަތަކެވެ. މިތަނުން ކޮންމެ ސިފައެއް އިޚްތިޔާރު ކުރި ކަމުގައި ވީނަމަވެސް އެމީހަކު އެވަނީ އެ އަޅުކަން އަދާ ކޮށްފައިއެވެ.

ފަރުޟު ނަމާދަށް ފަހުގައި ތަސްބީޙަ ނުވަތަ ޛިކުރު ކުރުމަށް ވާރިދު ވެގެންވާ ސިފަތައް:

1. سبحان الله ، الحمد لله ، الله اكبر ، لااله الا الله

މި އިން ކޮންމެ ކަލިމައެއް 25 ފަހަރަށް ކިޔުން ވާރިދު ވެގެންވެއެވެ. މިތަނުގައި ވާރިދުވެގެންވާ ސިފައަކީ سبحان الله ވަކިން 25 ފަހަރެވެ. الحمد لله 25 ފަހަރަށް الله اكبر 25 ފަހަރަށް އަދި لااله الا الله 25 ފަހަރަށް ކިޔުމެވެ. އެހިނދު އެއީ ޖުމްލަ 100 ފަހަރެވެ. މިފަދައިން މި ސިފައިގައި ކިޔުމަށް النسائي ގައި ޞަޙާބީ زيد بن ثابت ގެ އަރިހުން ވާރިދު ވެގެންވެއެވެ.

2. سبحان الله 10 ފަހަރު الحمد لله 10 ފަހަރު الله اكبر 10 ފަހަރު ކިޔުމެވެ. މި ޛިކުރުތައް ކިޔާ ސިފައަކީ ކޮންމެ ޛިކުރެއް ވަކިވަކިންނެވެ. މިފަދައިން ابوداود ގައި عبد الله بن عمرو بن العاص ގެ އަރިހުން ޙަދީޘް ރިވާވެގެންވެއެވެ.

3. سبحان الله ، الحمد لله، الله اكبر މި ހުރިހައި ޛިކުރެއް އެކުއެކީގައި 33 ފަހަރަށް ކިޔުމެވެ. (އޭރުން ކޮންމެ ކަލިމައެއް 33 ފަހަރު، އަދި ތިން ކަލިމަ 99 ފަހަރު ޛިކުރު ކުރެވުނީއެވެ.) އެއަށްފަހު ސަތޭކަ ވަނަ ޢަދަދު ހަމަވާނީ لا إله إلا الله وحده لا شريك له ، له الملك وله الحمد وهو على كل شيء قدير ކިޔުމާ އެކުގައިއެވެ. މިފަދައިން البخاري ގައި ޞަޙާބީ ابو هريرة ގެ އަރިހުން ޙަދީޘް ވާރިދު ވެގެންވެއެވެ.

4. سبحان الله މި ކަލިމަ ވަކިން 33 ފަހަރު الحمد لله 33 ފަހަރު الله اكبر 33 ފަހަރު ކިޔުމެވެ. އެހިނދު ޛިކުރު ކުރެވުނީ 99 ފަހަރެވެ. ސަތޭކަ ވަނަ ފަހަރު لا إله إلا الله وحده لا شريك له ، له الملك وله الحمد وهو على كل شيء قدير ކިޔާނީއެވެ.

5. الحمد لله މި ކަލިމަ ވަކިން 33 ފަހަރު سبحان الله 33 ފަހަރު , الله اكبر 34 ފަހަރު ކިޔުމެވެ. ޙަދީޘްގައި ވާރިދުވެގެން ވަނީ ކޮންމެ ކަލިމައެއް ވަކިވަކިން ކިޔުމެވެ. އެހިނދު ޛިކުރު ކުރެވުނު ޖުމްލަ ޢަދަދު 100 ހަމަވީއެވެ.

މިއީ ވާރިދުވެގެންވާ އެކި އެކި ސިފަތަކެވެ. ފަހެ، މިއިން ކޮންމެ ސިފައެއްގައި ޛިކުރު ނުވަތަ ތަސްބީޙަ ކިޔައިފި މީހާ ވަނީ މާތް ނަބިއްޔާގެ ސުންނަތުގެ މަތީގައި ޤާއިމްވެފައެވެ.

 والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply