ބަންގިއާއި ގަމާތާއި ދެމެދުގައި ކުރެވޭ ދުޢާއަކީ ރައްދު ނުކުރެއްވޭނެ ދުޢާއެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ބަންގިއާއި ޤަމަތާއި ދެމެދު ދުޢާ ކުރުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ނުކުތާތަކެއް ފާހަގަ ކޮށް ބުނަމެވެ.

ފުރަތަމައީ : ދުޢާ އިޖާބަ ކުރެވޭ ވަޤުތުތަކުގެ ތެރެއިން އެއް ވަޤުތަކީ ބަންގިއާއި ގަމާތާއި ދެމެދުގައި ކުރެވޭ ދުޢާ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (لاَ يُردُّ الدُّعَاء بَيْنَ الأَذَانِ و الإِقَامَة) ”ބަންގިއާއި ޤަމަތާ ދެމެދުގައި ކުރާ ދުޢާ ރައްދު ނުކުރެއްވޭނެ އެވެ.“

رواه أحمد في المسند (11-592)، و الترمذي في كتاب الصلاة، باب: ماجاء في أن الدعاء لا يرد بين الأذان و الإقامة

ވުމުން، މި ވަޤުތުގެ މާތްކަން އޭގެ ތެރޭގައި ދުޢާ އިޖާބަ ކުރެވިގެންވާ ވަޤުތެއްގެ ގޮތުގައި ކަނޑައެޅިފައިވާކަން ބަޔާންވެ އެވެ.

ދެވަނައީ : މި ވަޤުތުގައި ކުރުމަށް ޚާއްޞަ ވެގެންވާ ދުޢާއެއް ޝަރުޢުގައި ކަނޑައެޅިފައި ނުވެ އެވެ. އެއްވެސް ޚާއްޞަ ދުޢާއެއް މާތް ނަބިއްޔާ صلى الله عليه وسلم އަރިހުން ވާރިދުވެފައެއްނުވެ އެވެ. ވުމުން، ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް އެދި ކުރެވޭ ކޮންމެ ދުޢާއެއްވެސް މިވަޤުތުގައި ކުރުމުގެ ދޮރު ހުޅިވިގެންވެ އެވެ.

ބަންގިއާއި ޤަމަތާއި ދެމެދުގައި ކިޔުމަށް ޚާއްޞަ ދުޢާއެއްގެ ގޮތުގައި އެއްވެސް ކަލިމައެއް ކަނޑައެޅިފައިވެއްޖެހިނދު އެއީ ދީނުގައި ވާރިދުވެގެންނުވާ އެއްޗެއް ކަމުގައި ދަންނަހުއްޓެވެ.

ތިންވަނައީ : މި ވަޤުތުގައި ދުޢާ ކުރުމަށްކަނޑައަޅައި މިސްކިތުގައި އަދި ގޭގައި އަދި ނަމާދުގައި އަދި ނަމާދުން ބޭރުގައިވިނަމަވެސް އެކަމުގައި މަނާކަމެއް ނެތެވެ. އެހެނީ، އެ ވަޤުތު ހޯދައި އެވަޤުތު ޤަޞްދުކޮށް ދުޢާ ކުރުމުގައި ދެމިހުރެއްޖެ މީހާއަށް އެ ވަޤުތުގެ ފަޟްލު ޙާޞިލްވެގެންދެ އެވެ.

މިތަނުގައި ނުކުތާއެއް ފާހަގަ ކުރަމެވެ. އެއީ ބަންގި ގޮވުމާއެކު ސުންނަތް ނަމާދު ކުރުން ޝަރުޢުވެގެންވެ އެވެ. އަދި ބައެއް ނަމާދުތަކުގައި، ބަންގިއަށްފަހު ރަވާތިބު ސުންނަތް ކަނޑައެޅިގެންވެ އެވެ. ފަހެ، ނަމާދުގެ ސަޖިދައިގައި އޮންނަ ވަޤުތަކީ ﷲ ގެ އަޅާ އެއިލާހުއާ އެންމެ ކުއްތަންވެގެންވާ ވަޤުތު ކަމުގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (إنَّ أقربَ ما يكونُ العبدُ مِن ربِّه وهو ساجدٌ فأكثِروا الدُّعاءَ) ”އަޅާ އޭނާގެ އިލާހުގެ ޙަޟުރަތަށް އެންމެ ކުށްތަންވާ ވަޤުތަކީ ސަޖިދައިގައި އޮންނަ ވަޤުތެވެ. ފަހެ، ތިޔަބައިމީހުން ދުޢާކުރުން ގިނަ ކުރާށެވެ.“ رواه مسلم في كتاب الصلاة، باب: ما يقال في الركوع و السجود.

ވުމުން، ނަމާދުގައި އަދި ސަޖިދައިގައި ޚާއްޞަކޮށް އޮންނަ ވަޤުތުކޮޅަކީ ދުޢާ އިޖާބަ ކުރެވިގެންވާ ވަޤުތުކޮޅެއްގެ ގޮތުގަ އެވެ. ވުމުން، ބަންގި އާއި ގަމަތުގެ ދެމެދުގެ ވަޤުތުގެ ތެރޭގައި ވުމުގެ އިތުރަށް އަދި ސަޖިދައިގައި ވުމުން ދުޢާ އިޖާބަވުން ގާތްކަން ބޮޑުވެގެންވެ އެވެ. އިމާމް الشيخ محمد بن صالح العثيمين -رحمه الله- މިފަދައިން ވިދާޅުވެފައިވެ އެވެ.

ހަތަރުވަނައީ : ބަންގިއާއި ޤަމަތުގެ ދެމެދުގައި ކުރެވޭ ސުންނަތް ނަމާދުގެ އައްތަހިޔާތުގައި ދުޢާކުރުންވެސްވެ އެވެ. ފަހެ، އެހިނދު ދުޢާ އިޖާބަ ކުރެވޭ ދެ ދަނޑިވަޅެއް އެހިނދު ވަނީ ޖަމަޢަވެގެންވެ އެވެ. أَبُوْ أُمَامَة البَاهِلِي -رضي الله عنه- ވިދާޅުވެފައިވެ އެވެ. (قيلَ يا رسولَ اللهِ أيُّ الدعاءِ أسمعُ قال : جَوفَ اللَّيلِ الأخيرِ، ودُبرَ الصَّلواتِ المكتوباتِ) ”(ރަސޫލާ صلى الله عليه وسلم އަރިހުގައި ދެންނެވުނެވެ.) ﷲގެ ރަސޫލާ އެވެ. އެ ދުޢާއެއް އިޖާބަކުރެއްވުން އެންމެ ގާތްކަންބޮޑީ ކޮން ދުޢާއެއްތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. ރޭނގަޑުގެ ދަންވަރު (މެދު ދަމުގައި) ކުރެވޭ ދުޢާ އަދި ފަރުޟު ނަމާދު ނިމޭކޮޅުގައި (ސަލާމް ދިނުމުގެ ކުރިން) ކުރެވޭ ދުޢާ އެވެ.“ صحيح الترمذي 3499

ވުމުން މި އެންމެހައި ސިފަތަކުގައި ދުޢާ ކުރުން ހުޅުވިގެންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts