ޖިމާޢުވުމުގެ އަދަބުތަކަކީކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޖިމާޢު ވުމުގެ އަދަބުތަކާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
- ނިޔަތް އިޚްލާޞްތެރި ކުރުން : މާނައަކީ، ﷲ ޙަރާމް ކުރެއްވި އެންމެހައި ޢަމަލުތަކުން ތިމާގެ ނަފްސު ރައްކާތެރިކޮށް ޙިމާޔަތްކޮށް އެ އިލާހު ޙަލާލު ކުރެއްވިގޮތުގައި ޢަމަލު ކުރުމުގެ ނިޔަތް އޮތުމެވެ. رَسُوْلُ اللَّهِ -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (إنَّمَا الأَعْمَالُ بِالنِّيَّةِ وَإِنَّمَـا لِكُلِّ امْرِئٍ مَا نَوَى)
”ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް އޮތީ އެމީހަކު ނިޔަތްގަތް ކަމެކެވެ…“
މިފަދަ ޢަމަލުތަކަކީ އެމީހެއްގެ ނިޔަތުގެ ސަބަބުން އެ ޢަމަލަށް އަޖުރާއި ޘަބާވު ލިބިގެންދާނެ ޢަމަލުތަކެއް ކަމުގައި ދަންނަ އެވެ.
ފަހެ، އިމާމް مسلم ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ޞަޙާބީ أبي ذر رضي الله عنه – ވިދާޅުވެފައިވެ އެވެ. ހަމަކަށަވަރުން رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ( وفي بُضع أحدكم صدقة ) ”ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ އަނބިމީހާއާ އެއްދާން ކުރުމުގައި ޞަދަޤާތެއްވެ އެވެ.“ އެހިނދު ޞަޙާބީން ދެންނެވި އެވެ. ”ﷲ ގެ ރަސޫލާ އެވެ. އަހަރެމެން ކުރެ މީހަކު އެމީހެއްގެ ޝަހުވަތްތައް ފުއްދުމުގައިވެސް އަޖުރެއްލިބޭ ހެއްޔެވެ؟“ އެހިނދު ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. ”އެ ގުނަވަން ތިޔަބައިމީހުންކުރެ މީހަކު ޙަރާމް އެއްޗެއްގެ ތެރެއަށް ލައިފިހިނދު ފާފަ އުފުލާނެ ހެއްޔެވެ. ފަހެ، އެފަދައިން އެ ގުނަވަން ޙަލާލު ތަނެއްގެ ތެރެއަށް ލުމުން އޭނާއަށް އަޖުރުވެ އެވެ.“
- އަނބިމިހާއާ އެއްދާން ކުރާހިނދު ދުޢާ ކިޔުމެވެ. ابن عَبَّاس رضي الله عنهما ވިދާޅުވި އެވެ. رسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ.
(لَـوْ أَنَّ أَحَدَهُـمْ إِذَا أَرَادَ أَنْ يـَأْتِيَ أَهْلَـهُ قـَالَ بِاسـْمِ اللَّهِ اللَّـهُمَّ جَنـِّبْنَا الشَّـيْطَانَ وَجـَنِّبْ الشَّـيْطَانَ مـَا رَزَقْتـَنَا، فـَإِنَّهُ إِنْ يُـقَدَّرْ بَيْنَـهُمَا وَلَـدٌ فِـي ذَلِـكَ لـَمْ يَـضُرَّهُ شَـيْطَانٌ أَبــَدًا) البخاري 6388 ومسلم 1434
”ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ބޭނުންވާ ހިނދު، بِاسـْمِ اللَّهِ اللَّـهُمَّ جَنـِّبْنَا الشَّـيْطَانَ وَجـَنِّبْ الشَّـيْطَانَ مـَا رَزَقْتـَنَا (މި ޛިކުރު) ކިޔައި އެ ދެމީހުންނަށް ދަރިއަކު ލިބުމަށް މިންވަރުކުރައްވައިފި ކަމުގައިވާނަމަ، ޝައިޠާނާއަށް ދުވަހަކުވެސް އެ ދަރިއަށް ގެއްލުމެއް ނުދެވޭނެ އެވެ.“
القاضـي عيـاض رحمه الله ވިދާޅުވި އެވެ. ”ބުނެވިފައިވެ އެވެ. ޝައިޠާނާއަށް ދުވަހަކުވެސް އެ ދަރިއަކަށް ގެއްލުމެއް ނުދެވޭނެ އެވެ. ބުނެވެ އެވެ. ޝައިޠާނާ އެދަރިއަކާ އަވަނުލާނެ އެވެ. އަދިވެސް ބުނެވެ އެވެ. ޝައިޠާނާ އެދަރިއަކު އެނޫން ދަރިންނާ ޚިލާފަށް، ވިހެއުމުގައި ގެއްލުމެއް ނުދޭނެ އެވެ. އަދި ވިދާޅުވި އެވެ. ޢިލްމުވެރިންގެ ތެރެއިން އެއްވެސް ޢިލްމުވެރިއެއް މި ޙަދީޘްގެ މާނައަކީ ޢާންމުވެގެންވާ ގޮތުގައި އެންމެހައި ގެއްލުންތަކުންނާއި، ވަސްވާސްއިން އަދި މަގު އޮޅުވާލުމުން ރައްކާތެރިވެގެންވުން ކަމުގައި ވިދާޅުވެފައެއް ނުވެ އެވެ.“ نقله النووي في شرح مسلم 10/5
- އަނބިމީހާގެ ކުރިމަތި ފަރާތުން ލައްޒަތް ލިބިގަތުމަށްޓަކައި ފިރިމީހާއަށް އަނބިމީހާގެ ކޮންމެ ފަރާތަކުން އައުން ހުއްދަވެގެންވެ އެވެ. ކުރިމަތިން ނުވަތަ ފުރަގަހުން ކަމުގައިވީނަމަވެސް ހުއްދަވެގެންވެ އެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. (نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ) “ ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ!“ އާޔަތުގައިވާ حَرْثٌ އަކީ އަނބިމީހާގެ ކުރިމަތި ފަރާތެވެ. ފަހެ، ކުރިމަތި ފަރާތް ކޮންމެ ދިމާލަކުން އައިސް ބޭނުން ކުރުން ހުއްދަވެގެންވެ އެވެ.
- އަބަދުގެ އަބަދަށް އަނބިމީހާގެ ފުރަގަސް ފަރާތް ބޭނުން ކުރުން ޙަރާމްވެގެންވުމާއި، ހައިޟުގެ ދުވަސްވަރު އަނބިމީހާގެ ކުރިމަތި ފަރާތް ބޭނުން ކުރުން ޙަރާމްވެގެންވުމެވެ. ޞައްޙަ ޙަދީޘްގައި ވަރިދުވެގެންވެ އެވެ. (أتى امرأةً حائضًا أو أتى امرأةً في دُبُرِها فقد برئَ ممَّا أنزلَ اللَّهُ على محمَّدٍ) ”ޙައިޟުގައިވާ އަންހެނާގެ ކުރިމަތި ފަރާތް ނުވަތަ އަންހެނާގެ ފުރަގަސް ފަރާތް ބޭނުންކޮށްފި މީހާވަނީ محمَّد -صلى الله عليه وسلم- އަށް ބާވައިލެއްވުނު ތަކެތީގެ މަތިން ބަރީއަވެގެންނެވެ.“
- އެއް ފަހަރު ޖިމާޢުވެ އަނެއްކާވެސް ދެވަނަ ފަހަރަށް ޖިމާޢުވުމަށް ބޭނުންވެއްޖެހިނދު، އެ ދެމެދުގައި ވުޟޫއެއް ކުރުން މުސްތަޙައްބުވެގެންވެ އެވެ. އިމާމް مسلم ޞަޙީޙުގައި ރިވާކޮށްފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ( إذا أتى أحدكم أهله ثم أراد أن يعود فليتوضأ بينهما وضوءا ) ”ތިޔަބައިމީހުން ކުރެ މީހާކު އޭނާގެ އަނބި މީހާއާ ޖިމާޢުވުމަށްފަހު، އަނބުރައި ދެވަނަ ފަހަރަށް -ޖިމާޢުވުމަށް އެދޭނަމަ- އެ ދެމެދުގައި ވުޟޫއެއް ކުރާށެވެ..“
ދަންނަ އެވެ! މި ވުޟޫ ކުރުމަކީ މުސްތަޙައްބުވެގެންވާ ޢަމަލެކެވެ. ވާޖިބު ޢަމަލެއް ނޫނެވެ.
- ދެ ޙާލަތުން ތެރެއިން ޙާލަތެއް ދިމާވެއްޖެހިނދު ހިނައިގަތުން ވާޖިބުވާނެ އެވެ.
ފުރަތަމަ ޙާލަތަކީ : ދެ ގުނަވަން ބައްދަލު ވުމެވެ. މާނައީ ފިރިމީހާގެ ގުނަވަނާއި އަންހެން މީހާގެ ގުނަވަން ބައްދަލުވީ އެވެ. ޖިމާޢުވީ އެވެ. ފަހެ، އެހިނދު ހިނައިގަތުން ވާޖިބުވެގެންވެ އެވެ. އެއްޗެއް ނުފޭބި ކަމުގައިވީނަމަވެސް އެވެ. ޞަޙީޙުގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ. (إِذَا جَاوَزَ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْل) ”އެއް ޚިތާނު ގުނަވަން އަނެއް ޚިތާނު ގުނަވަނުގެ ތެރެއަށް ގޮސްފިހިނދު، ހަމަކަށަވަރުން ހިނައިގަތުން ވާޖިބު ވެއްޖެ އެވެ.“
ދަންނަ އެވެ! މަނި ބޭރު ނުވި ކަމުގައިވީނަމަވެސް މި ޙާލަތުގައި ހިނައިގަތުން ވާޖިބުވެ އެވެ.
ދެވަނަ ޙާލަތް : މަނި ފޭބުމެވެ. ފަހެ، މަނި ފައިބައިފިހިނދު، އެއީ ފަހަރެއްގައި އަނބިމީހާގެ އެދުން ނުފެދޭ ޙާލުގައި ކަމުގައިވީނަމަވެސް ނުވަތަ އަދި އެކުއެކީގައި މަނި ނުފައިބައި ކުޑަކޮށް ފައިބައި އެދުންވެރިކަމަށް އެދޭ ޙާލުގައި ހުއްޓާލަން ޖެހުނު ކަމުގައިވީނަމެސް ހިނައިގަތުން އެޙާލުގައި އެވަނީ ވާޖިބު ވެފަ އެވެ.
- ފިރިމީހާއަށް ޢަޒުލް ކުރުން (މަނި ފައިބާހިނދު އެ މަނި، އަނބިމީހާގެ ފަރުޖުން ބޭރަށް އެޅުން) ހުއްދަވެގެންވެ އެވެ. އެހެނަސް އެއީ އަނބިމީހާ އެކަމަށް އިޛުނަދޭ ޙާލުގަ އެވެ. ސަބަބަކީ، އެއްދާންކޮށް ޖިމާޢުވުމާއި އަދި ލައްޛަތަކީ އަނބިމީހާއަށް އެކަމުގައި ޙައްޤު ލިބިގެންވާ ކަމެކެވެ. ޢަޒުލު ކުރުން ހުއްދަވެގެންވާކަން އިމާމް البخاري އަދި مسلم ، ޞަޙާބީ جابر بن عبد الله -رضي الله عنهما – ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘުން ދަލީލުވެ އެވެ. ރިވާޔަތުގައިވެ އެވެ. (كنا نعزل على عهد رسول الله صلى الله عليه وسلم فبلغ ذلك رسول الله صلى الله عليه وسلم فلم ينهنا) ”އަހަރެމެން ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި ޢަޒުލު ކުރީމެވެ. އަދި ނަބިއްޔާ ﷺ ހަމައަށް އެކަމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން، އަހަރެމެންނަށް އެކަން މަނާ ނުކުރައްވަ އެވެ.“
ފަހެ، އަޥްލާވެގެންވަނީ މިކަން ދޫކޮށްލުމެވެ. ސަބަބުތަކެއް އެކަމުގައިވެ އެވެ. އެއީ އަނބިމީހާއަށް ލިބޭ ލައްޛަތުން އަނބިމީހާ މަޙްރޫމްވެ ދިއުމާއި އަދި ކައިވެނީގެ އެންމެ ބޮޑު އެއް މަޤްޞަދު ކަމުގައިވާ ދަރިން ހޯދުމާއި ނަސްލު ގިނަ ކުރުން ކަމުގައި ވުމުންނެވެ.
- ޙައިޟުގެ ދުވަސްވަރު އަނބިމީހާގެ ފަރުޖު ބޭނުން ކުރުމުން ދުރުވެ ހުރެ އެދުން ފުއްދުން ހުއްދަވެގެންވެ އެވެ. މާތް ނަބިއްޔާ ﷺ ގެ އަރިހުން އަނބިކަނބަލުންގެ އަރިހަށް ޙައިޟުގައިވާހިނދު ވަޑައިގެން، އަނބިކަނބަލުންގެ ކުރިމަތި ފަރާތުން ދުރުވެވަޑައިގެން އެދުން ފުއްދަވާކަމަށް ޙަދީޘްގައި ވާރިދުވެގެންވެ އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. ( اصنعوا كلَّ شيءٍ إلا النكاحَ) ”ކުރިމަތި ފަރާތް ބޭނުން ކުރުމުން ދުރުވާށެވެ. އަދި ތިޔަބައިމީހުން ބޭނުން ޙާޖަތެއް ފުއްދާށެވެ.“
- އަނބިމީހާ އަދި ފިރިމީހާ ގެ ތެރެއިން އެކަމަށްވެސް، ދެމަފިރިންގެ ސިއްރުތައް ފާޅުކުރުން ޙަރާމްވެގެންވެ އެވެ. ކައިވެނީގެ ގުޅުމުގެ ތެރޭގައިވާ އެއްދާން ކުރުމާއި، އެކަކު އަނެކަކުގެ ޢަޥްރު ފާޅުވުމުގެ ތެރޭގައިވާ އެއްވެސް ސިއްރެއް ފާޅުކުރުން ޙަރާމްވެގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (إن من أشر الناس عند الله منزلة يوم القيامة الرجل يفضي إلى المرأة وتفضي إليه ثم ينشر سرَّها) ”ފިރިހެނާ އޭނާގެ އަންހެނުންނާ ވަކިވެ އަދި އަންހެނާ އޭނާގެ ފިރިމީހާ އެކުގައި ވުމަށްފަހު (ޖިމާޢުވެ، އެއްދާންކޮށް) އަންހެންމީހާގެ ސިއްރުތައް ފާޅުކުރާމީހާ އަކީ ޤިޔާމަތް ދުވަހުގައި ﷲ ގެ ޙަޟުރަތުގައި އެންމެ ނުބައިކަން ބޮޑުވެގެންވާ މީހުންގެ ތެރެއިންވާ މީހެކެވެ.“صحيح مسلم 1437
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.