މިސްކިތުގެ އިމާމްއަށް ތަބަޢަވެ ގޭގައި ތިބެގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މިސްކިތުގެ އިމާމްއަށް ތަބަޢަވެ ގޭގައި ތިބެގެން ނަމާދު ކުރުމުގެ މައްޗަށް ބުނަމެވެ.
މިސްކިތުގައި އިމާމްވެ ނަމާދު ކުރާ އިމާމްއަށް ގޭގައި ތިބެގެން އިޤްތިދާވެ ނަމާދު ކުރުން ހުއްދައެއް ނުވާނެ އެވެ.
އެއީ، އިމާމް މީހާއަށް އިޤްތިދާވެ ނަމާދު ކުރުން ހުއްދަވެގެންވަނީ މައުމޫމުން މިސްކިތުގެ ތެރޭގައި ތިބެއްޖެހިނދުގަ އެވެ. ނުވަތަ މިސްކިތް ފުރި އެއަށްފަހު މިސްކިތުގެ ސަފުތަށް މިސްކިތާއި ގުޅިގެން މިސްކިތުގެ ބޭރުގައި ހެދިގެންދާހިނދު އެ ސަފުތަކުގައި ތިބެގެން އިޤްތިދާވާ މީހުންނަށެވެ.
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރެފައިވާ ފަތުވާގައިވެ އެވެ.
މިސްކިތުގެ އަޑުހަރުކުރާއިން ނަމާދު ކުރާއަޑު ފުރިހަމައަށް އިވޭހިނދުގައި ގޭގައިތިބެ މިސްކިތުގެ އިމާމްއަށް އިޤްތިދާވެ ނަމާދު ކުރުމުގެ ޙުކުމާއި މެދުގައި ވިދާޅުވެފައިވެ އެވެ.
ޖަވާބު : ”އެބައިމީހުންގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ. މިއީ الشافعية މަޛްހަބުގައި އަދި الإمام أحمد ދެކެވަޑައިގަންނަވާ ގޮތެވެ. (އެކަން ހުއްދަވެގެންވަނީ) މިސްކިތުގެ ސަފުތަށް ފުރި އެ ސަފުތަކާއި ގުޅިގެން މިސްކިތުގެ ބޭރަށް ސަފުތައް ހެދި ގެއާއި ހަމައަށް ގުޅިގެންދާހިނދުގަ އެވެ. (މި ޝަރުޠާއެކު : އެބަހީ މިސްކިތުގެ ސަފުތަކާއި ސަފުތަށް ގުޅިގެން އެސަފުތަށް ބޭރުގައިވާ ޢިމާރާތަށް ހަމައަށް ފޯރުމާއެކު) އިމާމް ފެނި އަދި އިމާމްގެ އަޑު އިވޭހިނދު ނަމާދު ޞައްޙަވާނެ އެވެ. އެހެނަސް މި ޝަރުޠު ފުރިހަމަ ނުވާހިނދުގައި ނަމާދު ޞައްޙައެއް ނުވާނެ އެވެ.
ސަބަބަކީ، މުސްލިމް އަޅާއަށް ވާޖިބުވެގެންވަނީ ﷲގެ ގެކޮޅުގައި ޖަމާޢަތުގައި މުސްލިމް އަޚުންނާ އެކުގައި ނަމާދު ޤާއިމް ކުރުމެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. “ من سمع النداء فلم يأت فلا صلاة له إلا من عذر ” ބަންގި އަޑުއިވި މިސްކިތަށް ޖަމާޢަތަށް ޙާޟިރުނުވި މީހާގެ މައްޗަށް ނަމާދެއް ނުވެ އެވެ. ޢުޛުރުވެރި ޙާލުގައިވާ މީހާ ފިޔަވަ އެވެ.“ … އަދި ނަބިއްޔާ އަރިހުގައި ގެކޮޅުގައި ނަމާދު ކުރުމުގެ ލުޔަށް އެދި ސުވާލު ދެންނެވި ލޯފަން ޞަޙާބީއަށް ދެންނެވި އެވެ. ނަބިއްޔާ صلى الله عليه وسلم “ هل تسمع النداء بالصلاة ؟ ތިބާއަށް ބަންގީގެ އަޑު އިވޭ ހެއްޔެވެ؟ އެހިނދު ޖަވާބުގައި ދެންނެވި އެވެ. “ قال نعم ، އާދޭހެވެ. ފަހެ ޙަދީޘް ކުރެއްވި އެވެ. “ فأجب “ ފަހެ، ތިބާއަށް އޮތީ އިޖާބަދީ މިސްކިތުގައި ޖަމާއަތަށް ޙާޟިރުވުމެވެ.“ فتاوى اللجنة الدائمة (8/32)
އަޚާ އެވެ! ލޯފަން ޞަޙާބީ އެ ޙާލުކޮޅުގައިވެ، އަދި ގެކޮޅުގައި ހުންނަވާހިނދު ބަންގީގެ އަޑު އިވޭހިނދުގައިވެސް ގެކޮޅުގައި ހުންނަވާ އިމާމްއަށް އިޤްތިދާވުމަށް އިރުޝާދު ނުދެއްވަ އެވެ. ލުއި ލިބުމަށް ހައްޤުވެގެންވާ ޙާލުކޮޅުގައިވެސް މާތް އަދި ރަޙުމަތުގެ ނަބިއްޔާގެ ބަސްފުޅު ކަމުގައިވާހުށީ މިސްކިތަށް ޙާޟިރުވުމެވެ. ފަހެ، ވުމުން އެއަށްފަހު މިސްކިތަށް ޙާޟިރު ނުވެ ގޭގައި އިމާމްއަށް އިޤްތިދާވުން ހުއްދަވާނީ ކާކަށް ތޯ އެވެ.
އަދިވެސް މިތަނުގައި ފާހަގަ ކުރަމެވެ. އިމާމް މީހާއަށްވުރެ އިސްވެގަތުން، އެއީ މިސްކިތް ތެރޭގައި ނުވަތަ މިސްކިތް ފުރި މިސްކިތުގެ ސަފުތަކާއި ގުޅިގެން މިސްކިތުގެ ބޭރުގައި ސަފުތައް ހެދޭ އިރުގައިވެސް އިމާމް ހުއްޓިހުންނަ މަޤާމަށްވުރެ ކުރިއަށް އެރުމަކީ ނަމާދު ބާޠިލްވާނެ ކަމެކެވެ. ވުމުން ގެތަށް ބިނާވެގެންވަނީ މިސްކިތުގެ ކުރިމަތީގައި އަދި މިސްކިތް ވަށައިގެން ކަމުގައިވީހިނދު އެއްވެސް ގޮތަކަށް އިމާމް އަށް ވުރެ އިސްވެއްޖެނަމަ އެއީވެސް ނަމާދު ބާތިލްވާނެ ޙާލަތެކެވެ.
މިއަދު ބައެއް މީސްތަކުން ކުރަމުން އެފަދަ އެހެން ކުށެއް ބަޔާން ކުރަމެވެ. އެއީ ރޭޑިޔޯއިން ނަމާދު ކުރާ ލައިވް އަޑުއަހައި ނުވަތަ ޓީވީން ނަމާދު ކުރާ ލައިވް މަންޒަރަށް ތަބަޢަވެ ހުރެ ނަމާދު ކުރުމެވެ. މިއީވެސް ނަމާދު ބާޠިލްވާނެ ޢަމަލެކެވެ.
ގޭގައި ނަމާދު ކުރާ މީހުން، މިފަދަ ވަޞީލަތްތައް ބޭނުން ނުކޮށް ނަމާދު ކުރުން އޮތީ އަމިއްލަ ނަފްސަށެވެ. ނުވަތަ ގޭގައި އަމިއްލައަށް ގޭގައިވާ އަހުލުވެރިން ޖަމާޢަތް ހަދައިގެންނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.