|

ފަތިސް ނަމާދު ގޭގައި ކުރާ އަންހެން މީހާއަށްވެސް އިރު އެރުމަށް ދާންދެން ޛިކުރު ކުރުމުގައިވެ ސުންނަތް ކުރުމުން ޙައްޖެއް އަދި ޢުމުރާއެއްގެ ޘަވާބު ލިބޭނެ ތޯ އެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އަންހެނަކު ގޭގައި ފަތިސް ނަމާދު ކުރުމަށްފަހު، އިރު އެރުމަށް ދާންދެން ޛިކުރު ކުރުމާއި ތަސްބީޙަ ކިޔުމާއި ދުޢާ ކުރުމާއި ޤުރުއާން ކިޔެވުންފަދަ ޢަމަލުތަކުގެ މަތީގައި މެދުކެނޑުމެއް ނުވާ ގޮތުގައި ދެމިހުރެ އެވެ.
އަދި އިރު އެރުމުން ޟުޙާ ނަމާދު ކުރުމުން، ޙައްޖެއް އަދި ޢުމުރާއެއްގެ ޘަވާބު ޙާޞިލްވާނެ ކަމުގައި ވާރިދުވެގެންވާ ޙަދީޘްގެ ތެރެއަށް ވަންނާނެ ތޯ އެވެ؟

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން މި މައުޟޫގައި އެއް ޙަދީޘަށްވުރެ ގިނަ ޙަދީޘް ވާރިދުވެގެންވެ އެވެ.
އޭގެ ތެރޭގައި :
ޞަޙާބީ أَنَس -رضي الله عنه- ރިވާކުރައްވާފައިވެ އެވެ. رَسُول الله -صلى الله عليه وسلم- ޙަދީޘްކުރެއްވި އެވެ. (مَنْ صَلى الغَداة فِي الجَمَاعَة ثُمَّ قَعَدَ يَذكُرُ الله حَتَّى تَطلُعَ الشَمس ثم صَلى رَكْعَتَين كَانت لَه كأجْر حَجَّة وَ عُمْرة تَامة تَامة تَامة)
”ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު މިސްކިތުގައި އިރު އެރުމަށް ދާންދެން،ﷲ އަށް ޛިކުރުކުރުމަށްޓަކައި އިށީނދެ އިނުމަށްފަހު، 2 ރަކުޢަތް ނަމާދެއް ކުރުމުން އޭނާއަށް ޙައްޖެއް އަދި ޢުމުރާއެއްގެ އަޖުރު ލިބޭނެ އެވެ. އެއީ ފުރިހަމަ ޙައްޖެއް އަދި ޢުމުރާއެކެވެ. އެއީ ފުރިހަމަ ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބެވެ. ފުރިހަމަ ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބެވެ.“
رواه الترمذي 586، صحيح الترغيب 469 ގައި ރިވާކުރެވިގެންވެ އެވެ. އަދި الإمام الألبَانِي -رحمه الله- ވިދާޅުވެފައިވެ އެވެ. صحيح لغيره އަދި މި ޙަދީޘް السلسلة الصحيحة (حسن) 3403 ރިވާޔަތެއްގެ ގޮތުގައި ބަޔާން ކުރެވިފައިވެސްވެ އެވެ.

ފަހެ، ހަދީޘްގެ ނައްޞުގައި ބަޔާންވެގެންވަނީ ފަތިސް ނަމާދު ޖަމާޢަތުގައި، އިމާމްގެ ފަހަތުގައި ކުރުމަށްފަހު އިރު އެރުމަށްދާންދެން ޛިކުރު ކުރުމުގައި ދެމިހުންނަ މީހާ އިރު އެރުމުން ކުރާ 2 ރަކުޢަތް ނަމާދުގެ ވާހަކަ އެވެ.

އެ ސިފައިގައި ނަމާދު ކޮށްފިހިނދު، އެ މީހަކަށް ޙާޞިލްވާނެ އަޖުރާއި ޘަވާބުގެ ވާހަކަ އެވެ.

މި ޙަދީޘް ގެ އެހެން ލަފްޟެއްގައި ވެ އެވެ. (مَن صلَّى صلاةَ الصُّبحِ في جماعةٍ ثمَّ ثبَت حتَّى يُسَبِّحَ اللهَ سُبْحةَ الضُّحى له كأجرِ حاجٍّ ومُعْتَمِرٍ تامٍّ له حَجَّتُه وعُمْرَتُه)
ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމަށްފަހު، (އިރު އެރުމަށް ދާންދެން) ޛިކުރު ކުރުމުގައި ޤާއިމްވެ ހުރުމަށްފަހު، ދެން އެއަށްފަހު ޟުޙާ ނަމާދު ކުރެ އެވެ. އެހިނދު އޭނާއަށް އެކަމުގެ އަޖުރެއްގެ ގޮތުގައި، ޙައްޖުކުރާ މީހެއް އަދި ޢުމުރާ ކުރާ މީހެއްގެ އަޖުރުވެ އެވެ. ފުރިހަމަ ޙައްޖެއް އަދި ޢުމުރާއެއްގެ ޘަވާބު ހުއްޓެވެ.
ފަހެ، ޙަދީޘް ޞައްޙަވެއްޖެހިނދު އެކަމުގެ މައްޗަށް ބުނާނެ އިތުރު ބަސްތަކެއް ނުވެ އެވެ. މިޙަދީޘްގައި މިވަނީ، އެމީހަކު އެގަޑީގައި ﷲއަށް ސުންނަތް ދެރަކުޢަތް ގޮތުގައި ދެރަކުޢަތް ނަމާދެއް ކުރެވޭނެ ކަމެވެ. ސަބަބަކީ އެއީ ސުންނަތް ނަމާދު ކުރެވޭނެ، ސުންނަތް ނަމާދު ކުރަންފެށޭގަޑި ކަމުގައިވެ އެ ވަޤުތުގައި، ފަތިސް ނަމާދުފަހުން ޛިކުރު ކުރުމަށްއިށީނދެ އިނުމަށްފަހު، އެ އަޖުރާއި ދަރުމަށްޓަކައި، އެ ޤަޞްތުގައި ސުންނަތް ނަމާދެއް ކުރީ އެވެ.

ވުމާއެކު، އެފަދައިން އިންނަ މީހާއަށް، ސުންނަތް ނަމާދެއް ކުރެވޭނެ އެވެ. އަދި އެމީހަކު އެދޭ ކަމުގައިވާނަމަ އެއީ ޞުޙާ ވަޤުތު ކަމުގައި ވުމުން ޟުޙާ ނަމާދުވެސް ކުރެވިދާނެ އެވެ.

ޝައްކެތްވެސް ނެތެވެ. ބޮޑުވެގެންވާ ފަޟްލެކެވެ. މަތިވެރި މާތްވެގެންވާ އަޖުރެކެވެ.

ސުވާލަކީ، ގޭގައި ނަމާދު ކުރާ އަންހެން މީހާއަށް މި އަޖުރު ޙާޞިލްކުރެވޭނެ ތޯ އެވެ؟

އެ ގޮތުން ފަތިސް ނަމާދަށް ހޭލައި ނަމާދު ވަޤުތު ވަނުމާއެކު، ފަތިސް ނަމާދުކޮށް، ފަތިސް ނަމާދުގެ ވަޤުތާއި އިރު އެރުމާއި ދެމެދު އެއްވެސް ވަޤުތެއް ބޭރާކު ނުކޮށް، ވަޤުތުގެ މައްޗަށް ފަރުވާކުޑަނުކޮށް، ގޭގައި ނަމަވެސް ޛިކުރު ކުރުމާއި ދުޢާ ކުރުމާއި ޤުރުއާން ކިޔެވުމުގެ މަތީގައި ޤާއިމްވެ އިނީ އެވެ.
އަދި އިރު އެރުމަށްފަހު، ޟުޙާ ނަމާދުގެ ދެ ރަކުޢަތް ކުރުމުން، އަންހެން މީހާއަށް މި އަޖުރު ޙާޞިލްވާނެ ހެއްޔެވެ؟

މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް އަލް-ޢައްލާމާ عَبد العزِيز بن باز -رحمه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ.

ވިދާޅުވި އެވެ. ”އަންހެން މީހާ ނަމާދު ކުރި ތަނުގައި އިރު އެރުމަށް ދާންދެން ޤާއިމްވެ ދެމި ހުންނާނީ އެވެ. މިފަދައިން ޢަމަލުކޮށް، އިރު އެރުމަށްފަހު ދެ ރަކުޢަތް ނަމާދު ކުރާނީ އެވެ. ފަހެ، ފަތިސް ނަމާދު ފަހުން، ﷲ މަތިން ޛިކުރު ކުރުމާއި ޤުރުއާން ކިޔެވުމުގައި، ނުވަތަ ތަސްބީޙަ ކިޔުމާއި ތަހުލީލު ކިޔުމުގައި ދެމިހުންނާނީ އެވެ. އަދި އެ ގޮތުގައި އިދެ، އިރު އެރުމުން ދެ ރަކުޢަތް ނަމާދު ކުރާނީ އެވެ. الحمد لله. (މިފަދައިން ޢަމަލު ކުރާ އަންހެން މީހާއަށްވެސް) މި އަޖުރު ޙާޞިލްވާނެ ކަމުގެ މައްޗަށް ޙަދީޘް ޢާންމުވެގެންވެ އެވެ.
އަންހެން މީހާ، ފަތިސް ނަމާދު ކުރުމަށްފަހު ނަމާދު ކުރި ތަނުގައި ޤުރުއާން ކިޔެވުމުގައި ޤާއިމްވެ ދެމިހުރެ އެވެ. ދެން އެއަށްފަހު، އިރު އަރައި (ލޮންސިއެއްގެ މިންވަރަށް އެރުމުން) ދެ ރަކުޢަތް ނަމާދު ކުރީ އެވެ. މިއަޖުރު އަންހެން މީހާއަށްވެސް ޙާޞިލްވާނެ ކަމުގައި ދެކެމެވެ. إن شاء الله. މި ޢަދީޘަކީ ޙަސަން ޙަދީޘެކެވެ.“

މިއީ ކޮންފަދަ ބޮޑު އަޖުރެއް ހެއްޔެވެ؟ (ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ) “ އެއީ ﷲގެ ފަޟްލުވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އެކަން ދެއްވަތެވެ. އަދި ﷲއީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރި އިލާހެވެ.“

މި ފަޟްލާއި އަޖުރުގެ ބޮޑު ކަމާއެކު މި އަޖުރާއި ޘަވާބު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތައް ކޮބައިތޯ އެވެ؟

މިތަނުގައި ނުކުތާތަކެއް ފާހަގަކޮށްލަމެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ މިތަނުގައި ބަޔާންވެގެންވާ ”ފަތިސް ނަމާދު ކުރުމަށްފަހު، މުޞައްލާގައި ޤާއިމްވެ އިނުން“ އޭގެ މާނައަކީ، ނަމާދުން ސަލާމް ދެވޭ ގޮތަށް، އެ ސިފައިގައި އެ ގޮތުގައި، އެތަނުގައި އިށީދެ އިނުމެވެ. ކުރިއަށް ފަހަތަށް އަރިމައްޗަށްވެސް ޖެހިލުމެއް ނުވާ ގޮތުގަ އެވެ.
އެހެނަސް މިތަނުގައި މިވަނީ އެފަދަ މުރާދެއް ނޫނެވެ.
އެގޮތުން މިސްކިތުގައިނަމަ، އެމީހަކު ނަމާދު ކުރިތަނުން ތެދުވެ، ކައިރީގައިވާ ތަނބެއްގައި ލެނގިލައިގެން އިނުމާއި، ފަހަތުގައި ނުވަތަ ކުރިމަތީގައި ހުރި ފާރު ކައިރިއަށް ޖެހިލުން، ނުވަތަ މިސްކިތް ތެރޭގައި ކޮޅަށް ހުރުން ނުވަތަ ޤުރުއާން ކިޔަވަމުން މިސްކިތްތެރޭގައި ހިނގާލުން މިއީ އެ ޙުކުމުގެ ތެރޭގައިވާ ފަރާތެވެ.
މިސްކިތުގައި އޭނާ ޛިކުރު ކުރުމާއި ދުޢާ ކުރުމާއި ޤުރުއާން ކިޔެވުމުގައި ޤާއިމްވެ ދެމިހުރުމެވެ.

ގޭގައި އަންހެން މީހާ، ނަމާދު ކުރުރުމަށްފަހު، ޛިކުރު ކުރުމަށްޓަކައި ކައިރީގައި ހުރި ގޮނޑީގައި އިށީނުން، ކޮޓަރިން ބޭރަށް ނުކުމެ ސިޓިންރޫމްގައި މަޑުކޮށްލުން، މިއީ މައްސަލައެއް ނޫނެވެ.
މުހިންމުވެގެންވަނީ ޛިކުރު ކުރުމުގައި ޤާއިމްވެ ދެމިހުރުމެވެ.
ދުނިޔެވީ އެހެން ކަންކަމުގެ ތެރެއަށް ނުގޮސް، އެ ނިޔަތުގައި ޤާއިމްވެ އިނުމެވެ.
އެގޮތުގައި ދެމިހުރެ، އިރުއަރައި ލޮންސިއެއްގެ މިންވަރަށް އެރުމުން 2 ރަކުޢަތް ނަމާދު ކުރުމެވެ.

ބައެއް މީހުންގެ ސުވާލެކެވެ. އެ ވަޤުތުގައި ޟުޙާ ނަމާދު ދެ ރަކުޢަތަށް ކޮށް ނިންމާލީ އެވެ. އޭގެ ފަހުގައި އަދި އިތުރަށް ގަޑިން 9 ނުވަތަ 10 ޖަހާއިރު ޟުޙާ ނަމާދު އިތުރު 2 ރަކުޢަތް ނުވަތަ އެއަށްވުރެ ގިނައިން ކުރެވިދާނެ ތޯ އެވެ.
ޖަވާބަކީ ކުރެވޭނެ އެވެ. މި މައުޟޫގައި ކުރިން ލިޔެވިފައިވާ ފަތުވާއެއް ވާނެ އެވެ. ކިޔާލުން އެދެމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts