ނަމާދުތަކުގެ ތަރުތީބު އޮޅުވާލުމަކީ ކޮންހަކަހަލަ ކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މެންދުރު އަދި ޢަޞްރު ނަމާދު ހަނދާންނެތިވެ ނުކޮށް ހުއްޓާ ހަނދާންވީ މަޣްރިބް ނަމާދު ވަރަށްވެސް ގާތްވެފައި ވަނިކޮށެވެ. ވުމުން ފުރަތަމަ މެންދުރު ނަމާދުކޮށް އަދި އަޞްރު ކުރުމަށްފަހުގައި މަޣްރިން ނަމާދު ކުރާނީ ތޯ އެވެ؟
މި ސުވާލުގެ ޖަވާބުގައި ބުނެމެވެ.
އެއް ނަމާދަށް ވުރެ ގިނަ ނަމާދުތަކެއް ޤަޟާކުރަން ޖެހިފައިވާ މީހާ، ނަމާދުތަކެއް ޢުޛުރުވެރި ޙާލަތެއް ދިމާވެ، ނުކޮށް ހުރި މީހާ އެނަމާދުތައް ހަނދާންވުމާއެކު، އަވަސްކޮށް، ލަސްކުރުމެއްނެތި އެ ނަމާދުތައް ކުރަންޖެހޭނެ އެވެ. މާނައަކީ : ހަނދާންވުމާއި އެކުގައި ނުވަތަ އެ ޢުޛުރު ފިލައި ދިއުމަށްފަހު (މިޘާލަކަށް ހޭނިތިފައި އޮތުމަށްފަހު، ހޭ އެރުން) ވީހާވެސް އަވަހަށް އަވަސްކޮށް ނަމާދުތައް ކުރަން ޖެހޭނެ އެވެ.
- މެންރުދު ނަމާދާއި، އަޞްރު އަދި މަޣްރިބް ނުކޮށް ހުއްޓާ އީޝާވަޤުތުވަނީ އެވެ. ފަހެ، އެހިނދު މި އެންމެހައި ނަމާދުތަކެއްވެސް ކުރަން ޖެހޭނީ ތަރުތީބުންނެވެ. އެގޮތުން މެންދުރު ނަމާދު ކޮށްފައި އެއަށްފަހު އަޞްރު ނަމާދު ކޮށްފައި އަދި މަޣްރިބް ނަމާދު ކުރަންޖެހޭނެ އެވެ. ނަމާދުތައް ތަރުތީބު އޮޅުވައިލައިގެން ނުވާނެ އެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. (إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا) “ ހަމަކަށަވަރުން، ނަމާދަކީ މުއުމިނު ތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟެ އެއްކަމުގައި ވެއެވެ.“ ފަހެ، އެ ވަޤުތުތައް އިސްފަސް ކޮށްގެން ނުވާނެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރުއްވާފައިވާ ފަތުވާގައިވެ އެވެ.
ސުވާލު : ނަމާދުތަކެއް ކުރުމަށް ހަނދާންނެތިފައިވާ މީހާއަށް ގެއްލިފައިވާ ނަމާދުތައް، ފަތިސް، މެންދުރު، ޢަޞްރު ނަމާދު އޭނާ ހަދާންވުމުން ކުރާނީ ކިހިނެތްތޯ އެވެ؟
ޖަވާބު : ޤަޟާ ކުރަންޖެހިފައިވާ ނަމާދުތައް ލަސްނުކޮށް (ހަނދާންވުމާއެކު) ވަޤުތުން ކުރަން ވާޖިބުވެގެންވެ އެވެ. އަދި އެ ނަމާދު ކުރަންޖެހޭނީ ނަމާދުތައް ﷲ سبحانه وتعالى ފަރުޟުކުރައްވާފައިވާ ތަރުތީބުންނެވެ. އެގޮތުން ފުރަތަމަ ފަތިސް އެއަށްފަހު މެންދުރު އެއަށްފަހު އަޞްރު ނަމާދެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.“ فتاوى اللجنة الدائمة : 581
އިސްވެ ބަޔާންވެގެން ދިޔައީ ނަމަދުތައް ޤަޟާން ކުރަން ޖެހުމާއި ޤަޟާކުރުމުގައި ޢަމަލު ކުރާނެ ސިފަ އެވެ.
الامام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
“ނަމާދު ކުރާނީ ތަރުތީބުންނެވެ. އެގޮތުން ފަތިސް، މެންދުރު، އަސްރު، މަޣްރިބް ޢިޝާ ތަރުތީބުން ކުރުމެވެ. އެއް ވަގުތުގައި ހުރިހައި ނަމާދެއް (ނަމާދަކަށް ފަހު ނަމާދެއް ޤަޟާކުރުން) ފަހެ، އެ ގޮތް ހެޔޮވެގެންވެ އެވެ. ފަހެ، މިކަމުގައި އޮތީ ވާޖިބު ވެގެންވަނީ، އަވަސް ކުރުމެވެ. ޤަޟާ ކުރުމަށް އަވަސްވެގަތުމެވެ.
- މެންދުރު އަދި އަޞްރު ނުކޮށްހުއްޓާ ހަނދާންވީ މަޣްރިބް ވަޤުތުގަ އެވެ. އަދި މަޣްރިބް ވަޤުތުގައި ބާކީ އޮތީ ކުޑަ ހިނދުކޮޅެކެވެ.
ދަންނަ އެވެ! ކޮންމެ ގޮތެއްގައިވެސް މެންދުރު މި ޙާލަތުގައި ކުރެވޭނީ ޤަޟާއަށެވެ. އަދި އަޞްރު ނަމާދުވެސް ކުރެވޭނީ ޤަޟާއަށެވެ. ސަބަބަކީ މި ދެނަމާދުގެ އަޞްލު ވަޤުތު ފާއިތުވެ ގޮސްފައި ވުމެވެ. ވުމުން އެކަމުގައި އޮޅުމެއް ނެތެވެ.
ނަމާދެއް އެ ނަމާދުގެ ވަޤުތުން ބޭރަށް ނެރުމަކީ އެންމެ ބޮޑުވެގެންވާ ޙަރާމް ޢަމަލެކެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ.
ސުވާލު : އަހަރެން ޢަޞްރު ނަމާދު ކުރުމަށް ހަނދާނެއް ނެތެވެ. އަދި ނަމާދު ކުރަން ހަނދާންވީ އިރުއޮސެން ކައިރިވެފައިވަނިކޮށެވެ. މާނައަކީ : ނަމާދުކުރުން މަކްރޫހަވެގެންވާ ވަޤުތުގަ އެވެ. އެހެންވުމުން މަޣްރިބް ނަމާދާއެކު ކުރުމަށްޓަކައި އަޞްރު ނަމާދު ލަސްކުރީ އެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު : ކަންތައްތައް ހިނގައިގެން ދިޔައީ ސުވާލުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައިވެއްޖެހިނދު، ތިބާ ވަނީ ކުށް ކޮށްފަ އެވެ. އެއީ ޢަޞްރު ނަމާދު މަޣްރިބް ނަމާދުގެ ވަޤުތާއި ޖެހެންދެން ލަސްކޮށްފައިވުމެވެ. ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ އެކަމަށް ތަޥްބާވެ، ﷲގެ ޙަޟުރަތުން ފާފަފުއްސެވުން އެދި ދެންނެވުމެވެ. އަދި ތިބާއަށް ވާޖިބުވެގެންވަނީ ނަމާދެއް ކުރުމަށް ހަނދާންނެތިއްޖެހިނދު ނުވަތަ ނަމާދުގެ ވަޤުތުގައި ނިދާފައިއޮވެއްޖެހިނދު، ހަނދާންވުމާއެކު ނުވަތަ ހޭލެވުމާއެކު ނަމާދު ކުރުމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ. (منْ نَامَ عَن الصلاة أَو نَسِيهَا فَليُصلِّهَا إِذا ذَكَرَهَا لا كَفَّارة لَها إلا ذالك) ”ހަނދާންނެތި ނަމާދެއް ފާއިތުވެއްޖެ މީހާ ނުވަތަ ނިދުމުގެ ސަބަބުން ނަމާދެއް ފާއިތުވެއްޖެމީހާ އޭނާ އެ ނަމާދު ހަނދާންވުމާއެކު ނަމާދު ކުރުން ހުއްޓެވެ. އެނޫން ކައްފާރާއެއް އެކަމުގެމައްޗަކަށް ނުވެ އެވެ.“
وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.“
الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”عُمر بن الخَطَّاب -رضي الله عنه- ވިދާޅުވެފައިވެ އެވެ. ޢުޛުރެއް ނެތި ދެ ނަމާދު ޖަމްޢު ކުރުމަކީ ބޮޑުވެގެންވާ ފާފަ އެކެވެ. ފަހެ، މިއީ ޢުޛުރެއްނެތި ދެ ނަމާދު ޖަމްޢު ކުރުމުގެ ޙުކުމް ކަމުގައި ވެއްޖެ ހިނދު، އެއްވެސް ޣުޛުރެއްނެތި ނަމާދު އެޅުން (ނަމާދު އޭގެ ވަޤުތުން ބޭރުކޮށްލުން) ކޮންފަދައަކުން ވާނެ ހެއްޔެވެ؟“ منهاج السنة 5-231
الشيخ العلامة صالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. ”ޤަސްތުގައި އެނގިހުރެ ނަމާދު އޭގެ ވަޤުތުން ބޭރުކޮށްފި މީހާގެ ކިބައިން އެނަމާދު ޤަބޫލުވެވޮޑިއެއް ނުގަންނަވާނެ އެވެ.“ حماية الشباب 14-05-1437هـ
ފަހެ، މި ޙާލަތުގައި މަޣްރިބް ނަމާދުގެ ބާކީއޮތް ކުޑަ ވަޤުތުކޮޅުގެ ތެރޭގައި ނަމާދު ތަރުތީބުން ކުރުމަށްޓަކައި މެންދުރު ނަމާދު ޤަޟާއަށް ކޮށްފައި، އަޞްރުނަމާދު ޤަޟާއަށް ކޮށްފައި މަޣްރިބް ކުރުމަށް ބަލާއިރު މަޣްރިބް ނަމާދު އޮންނާނީ މަޣްރިބް ވަޤތުން ބޭރުވެ މަޣްރިބް ނަމާދުވެސް ޤަޟާ ކުރަން ޖެހިފަ އެވެ.
މިފަދަ ޙާލަތެއް ދިމާވާހިނދު އެމީހާއަށް އޮތް ޙުކުމަކީ، މަޣްރިބް ނަމާދުގެ ވަޤުތުގެ ބާކީ އޮތް ވަޤުތުގައި މަޣްރިބް ނަމާދު އަދާ ކުރުމެވެ. (މިއީ އިސްތިސްނާ ޙާލަތުގައި ތަރުތީބު ދޫކޮށްލަނީ އެ ވަޤުތުގެ ނަމާދު އެނަމާދުގެ ވަޤުތުން ނިކުމެދާނެ ކަމުގެ ބިރު އޮތުމުންނެވެ.) ފަހެ، އެހިނދު މަޣްރިބް ނަމާދު ވަޤުތުގައި އެވަނީ ކުރެވިފަ އެވެ. އެއަށްފަހު ޤަޟާކުރަން ޖެހިފައިވާ ދެނަމާދު ތަރުތީބުކޮށް ކުރާނީ އެވެ. އެއީ މެންދުރު ނަމާދު ކުރުމަށްފަހު އަޞްރު ނަމާދު ކުރުމެވެ. އަދި އެއަށްފަހު އޭނާ އިޝާނަމާދު ކުރާނީ އެވެ.
ޖަވާބު އޮޅުންފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.