ހުކުރު ނަމާދުގެ ދެވަނަ ބަންގި ގޮވާހިނދު މިސްކިތައްވަންނަ މީހާ ޢަމަލު ކުރާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އިމާމް މިންބަރަށް އެރުމާއެކު ބަންގިގޮވާ ދަނޑިވަޅާއި ދިމާވެ، މިސްކިތައް ވަންނަ މީހާ ޢަމަލު ކުރާނީ ކޮން ގޮތަކަށް ކަމާއިމެދުގައި ޢިލްމުވެރިން 2 ރައުޔެއް ފާޅުކުރައްވާފައިވެ އެވެ.

ފުރަތަމައީ : ބަންގިއަށް އިޖާބަ ދިނުމަށް މަޑު ކުރުމެވެ. އަދި ބަންގިއަށް އިޖާބަ ދިނުމަށްފަހު، ސުންނަތް ދެރަކުޢަތް ނަމާދު ކުރުމަށްފަހު ޚުޠުބާ އަޑުއެހުމަށް އިށީނުމެވެ. ފަހެ، އެހިނދު އެމީހަކު ދެ ސުންނަތް އަދާކުރުމުގެ އަޖުރު ލިބިގެންދާނެތީ އެވެ.

އެއީ، ބަންގިއަށް އިޖާބަ ދިނުމާއި އަދި މިސްކިތުގައި އިށީނުމުގެ ކުރިން ސުންނަތް ކުރުން ކަމުގައިވެ އެވެ.

ދެވަނައީ : ބަންގި ގޮވަމުން ދިޔަ ކަމުގައިވީނަމަވެސް އެމީހާ މިސްކިތަށް ވަނުމާއެކު، ސުންނަތް ކުރުމަށް އަވަސްވެގަތުމެވެ. ސަބަބަކީ ހުކުރު ޚުޠުބާ އަޑު އެހުމަކީ ވާޖިބު ކަމެއް ކަމުގައިވުމުން އެ ވާޖިބު ހޯދުމަށްޓަކައި އަވަސްވެގަތުމެވެ. ދެންފަހެ، ބަންގިއަށް އިޖާބަ ދިނުމަކީ ސުންނަތެއް ކަމުގައިވެ އެވެ.

އެހިނދު އަޥްލާވެގެންވަނީ ސުންނަތަށްވުރެ ވާޖިބު ޢަމަލު ކުރުމަށްޓަކައި (ޚުޠުބާ އަޑުއެހުމަށްޓަކައި) އެމީހަކު ހުސްވެގަތުމަށް އަވަސްކޮށް މަސްޖިދު ސުންނަތް ކުރުމެވެ. ބަންގިއަށް އިޖާބަ ދިނުމަށް ހުރުމެއް ނުވެ އެވެ.

ފަހެ، ޚުޠުބާ އަޑުއެހުމަށް އަވަސް ކުރުވޭނީ މަސްޖިދު ސުންނަތް ކުރުމަށް އަވަސްވެގަތުމުންނެވެ.

ދެ ރައުޔުގެ ތެރެއިން ބޮޑަށް ދަލީލުތަކާއި އަދި ދީނުގެ ޤަވާޢިދުގެ މައްޗަށް ބަލައިފިހިނދު ބާރުގަދަ ބުނުމަކީ މި ބުނުން ކަމުގައި އުއްމީދު ކުރެވެ އެވެ. އެއީ ވާޖިބު ޢަމަލެއް ކުރުމަށްޓަކައި ސުންނަތެއް އޭނާ ނުހުއްޓުވޭނެ ކަމެވެ.

މި ރައުޔު، މި ޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން الشيخ ابن العثَيمِين -رحمه الله- އިޚްތިޔާރު ކުރައްވާފައިވެ އެވެ.

ފިޤުހީ ޤަވާއިދުގައިވެ އެވެ. ‘’މަސްލަޙަތުތައް ފުށޫއަރާ ޙާލުގައި، ޖަމަޢަކުރެވެން އޮތްނަމަ، އެހިނދު އޮތީ ހުރިހައި މަޞްލަޙަތެއް ޖަމަޢަކުރުމެވެ. އަދި ޖަމަޢަކުރެވެން ނެތްނަމަ، ދެމަޞްލަޙަތުގެ ތެރެއިން އަޥްލާވެގެންވާ މަޞްލަޙަތު އިސް ކުރުމެވެ.’’

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts