އަންހެނުން ނަމާދުކުރުން ހެޔޮވެގެންވަނީ މިސްކިތުގައިތޯ ނުވަތަ ގޭގައިތޯ އެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އަންހެނުން ނަމާދުކުރުން ހެޔޮވެގެންވަނީ މިސްކިތުގައިތޯ ނުވަތަ ގޭގައިތޯ، މި ސުވާލުގެ ޖަވާބުގައި ބުނެމެވެ.
ދަންނަ އެވެ! އެއްވެސް ޝައްކެތް ނުވާ މިންވަރަށް ދީނުގައި ނުހަނު ޞަރީޙަ ދަލީލުތައް އަންހެނުން އެކަނބަލުން ގޭގައި ނަމާދުކޮށްފިހިނދު ހެޔޮކަން ބޮޑުވެގެންވާ ކަމާއި، އަދި ޙާޞިލްވާނެ ޘަވާބާއި ދަރުމަ އިތުރުވާނެ ކަމުގައި ބަޔާންވެގެންވެ އެވެ.
ވުމުން އަޚާ އެވެ! އުޚްތާ އެވެ! ފަސޭހައިން ލުއިޙާލުގައި، (ގޭގައި ފަސޭހަކޮށް ތިބެގެން) ގިނަ އަޖުރު ޙާޞިލްވުމަށް އޮތްހިނދު، ބުރަ އެތައް ކަމެެއް ކޮށް (ތައްޔާރުވެ، ގެެއިން ނުކުމެގެން ގޮސް މިސްކިތުގައި ދަތިއުދަގުލުން ޖާގަ ހޯދައި) މި ހުރިހައި ކަމަކާ އެކު މަދުޘަވާބު ހޯދުން! ފަހެ މިއީ ކިހިނަކުން ވިސްނިފައިވާ ޢަމަލެއް ތޯ އެވެ؟
އަންހެނުން ގޭގައި ނަމާދު ކުރުން އަޥްލާ ވެގެންވާ ކަމާއި، އެއީ އެންމެ ހެޔޮ ނަމާދުކަމާއި، އަޖުރު ގިނައިން ޙާޞިލްވާނެކަން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި:
- إمام أحمد އަމިއްލަ المسند ގައި، أم حميد رضي الله عنها، އެއީ أبي حميد الساعدي رضي الله عنه ގެ އަންހެނުން ކިބައިން ރިވާކުރައްވާފައި ވެއެވެ. أم حميد ނަބިއްޔާ ﷺ އަރިއަހަށް އައިސް ދެންނެވިއެވެ. الله ގެ ރަސޫލާއެވެ. ތިމަންނަ ނަބިއްޔާ ﷺ އާއެކުގައި ނަމާދު ކުރުމަށް ލޯބިކުރަމެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. “قد علمت أنك تحبين الصلاة معي وصلاتك في بيتك خير من صلاتك في حجرتك وصلاتك في حجرتك خير من صلاتك في دارك وصلاتك في دارك خير من صلاتك في مسجد قومك وصلاتك في مسجد قومك خير من صلاتك في مسجدي” “ހަމަކަށަވަރުން ތިމަން ނަބިއްޔާއާ އެކުގައި ތިކަމަނާ ނަމާދު ކުރުމަށް ބޭނުންވާކަން އެނގިއްޖެއެވެ. ކަމަނާގެ ގެއިން ބޭރުގައި ނަމާދު ކުރުމަށްވުރެ ކަމަނާގެ އަމިއްލަ ގޭގައި ނަމާދުކުރުން ހެޔޮކަންބޮޑުވެގެން ވެއެވެ. އަމިއްލަ ކޮޓަރީގައި ކުރާ ނަމާދު ގޭގެ އެހެން ތަނެއްގައި ކުރާ ނަމާދަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. ކަމަނާގެ އަވަށުގެ މީހުން ނަމާދުކުރާ މިސްކިތުގައި ކުރާ ނަމާދަށްވުރެ، އަމިއްލަ ގޭގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެންވެއެވެ. ތިމަން ނަބިއްޔާގެ މިސްކިތުގައި ކަމަނާ ނަމާދު ކުރުމަށްވުރެ އަވަށުގެ މިސްކިތުގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ.”
ރިވާޔަތުގައި ވެއެވެ. އެ އަންހެންމީހާ ނަމާދުކުރުމަށް ގޭގޭ އެންމެ އެތެރޭގައި ނަމާދު ކުރާތަނެއް ބިނާކުރުމަށް އަމުރު ކުރެއްވިއެވެ. الله ޤަންދީބުނަމެވެ. އެތަން އަނދިރިކޮށް ބަހައްޓައި، ދުނިޔެ ދޫކުރުމަށް ދާންދެން އެތަނުގައި ނަމާދު ޤާއިމްކުރިއެވެ.
سُبحَان الله! އެވެ! ޙައިރާން ނުވޭ ހެއްޔެވެ؟ ނަބިއްޔާ އެފަދައިން ޙަދީޘްފުޅު ކުރެއްވުމުން އޭގެ ފަހުގައި ދުނިޔެ ދޫކުރުމަށް ދާންދެން ގޭގެ އެންމެ އެތެރޭގައި ހުންނަވައި ނަމާދު ކުރެއްވި އެވެ!
އުޚްތާ އެވެ! މިއީ ނަބިއްޔާގެ ބަސްފުޅެވެ. ތިމަން ނަބިއްޔާގެ މިސްކިތަށް ވުރެންވެސް ގެ އަޥްލާ އެވެ! ދެންފަހެ، ބުނާނީ ކީކޭ ހެއްޔެވެ؟
އުޚްތާ އެވެ! އަހަރެމެންގެ ނަބިއްޔާ އަރިހުގައި ނަމާދު ކުރުމަށް އެ ކަމަނާ އެދިވަޑައިގަންނަވާކަން ނަބިއްޔާ ދެނެވަޑައިގަންނަވާ ޙާލުކޮޅުގައި ނަބިއްޔާގެ މިސްކިތްކޮޅުގައި ކުރެވޭ އެންމެ ނަމާދަކީ އެއްހާސް ނަމާދު ކުރުމުގެ މަތިވެރިކަން އޮތް ހިނދު، އެކަމަނާއަށް ދެއްވި އިރުޝާދަކީ ކޮބައިހެއްޔެވެ؟
މަދީނާގައިވާ ތިމަންނަބިއްޔާގެ މިސްކިތުގައި ނަމާދު ކުރުމަށްވުރެ ގޭގައި ނަމާދު ކުރުން ހެޔޮކަން ބޮޑުކަމާއި އަދި އެފަދައިން އިރުޝާދު ދެއްވި އެވެ.
ވުމުން، އުޚްތުން އަމިއްލައަށް ސުވާލު ކުރަންވީ އެވެ! އަހަރެމެންނަށް އިރުޝާދު ދެއްވާނީ ކޮންތަނެއްގައި ނަމާދު ކުރުމަށް ހެއްޔެވެ؟
- ابن خزيمة އޭނާގެ ޞަޙީޙުގައި عبد الله بن مسعود -رضي الله عنه- ގެ އަރިއަހުން ރިވާކުރައްްވާފައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. “إن أحب صلاة المرأة إلى الله في أشد مكان في بيتها ظلمة” “ހަމަކަށަވަރުން އަންހެންމީހާ ކުރާ ނަމާދުތަކުގެ ތެރެއިން ﷲ އެންމެ ލޯބިވޮޑިގަންނަވާ ގޮތުގައި ކުރެވޭ ނަމާދަކީ އޭނާގެ ގޭގެ އެންމެ އެތެރޭގައި އަނދިރި ކަމުގައި ކުރެވޭ ނަމާދެވެ.”
އުޚްތާ އެވެ! އަންހެން މީހާ ކުރި ނަމާދު ތަކުގެ ތެރެއިން ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ނަމާދަކީ ކޮބައިތޯ އެވެ؟ އަހަރެމެން އަޅުކަންކޮށް، ނަމާދުކުރުމާއި، ރޯދަ ހިފުމާއި، ޞަދަޤާތް ދިނުމާއި…… ޙާޞިލް ކުރުމަށް ބޭނުންވާ ލަނޑުދަނޑިއަކީ ﷲގެ ރުއްސެވުން ނޫން ހެއްޔެވެ؟
ފަހެ، މިއޮތީ ފެންނާށެވެ.
- ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (خَيرُ مساجِدِ النِّساءِ قَعرُ بُيُوتِهنَّ) ”އަންހެނުންނަށް އެންމެ ހެޔޮވެގެންވާ މިސްކިތަކީ އެ ކަނަބަލުންގެ ގޭގެ އެންމެ އެތެރޭގައި ހުންނަ ތަނެވެ.“ صحيح الجامع 3327
އުޚްތާ އެވެ! ﷲ އާއި އެއިލާހުގެ ރަސޫލާގެ ޝަރީޢަތަށް ޢަމަލުކޮށް ދީނުގައި ފައިތިލަ ފުރިހަމައަށް ޘާބިތުކޮށް، ސުންނަތުގެ މަތިވެރި ހިދާޔަތުގައި ޤާއިމްވެ ދެމިހުރުމަށް އޮތް މަގަކީ ދީނުގެ ދަލީލުތައް ނޫން ހެއްްޔެވެ؟
މިއީ ކޮންފަދަ ސާފު ފުރިހަމަ ބަޔާނުން ބަޔާންވެގެންވުމެއްތޯ އެވެ؟ މިފަދަ އެތައް ދަލީލެވެ. (ފަހެ ޙައްޤު ހޯދައި ޙައްޤަށް ތަބަޢަވުމަށް އޮތް ފަރާތަކަށް އެންމެ ދަލީލެއް ފުދެ އެވެ.)
އަންހެނުން މިސްކިތަށް ދިއުން ހުއްދަ އެވެ. އެކަނބަލުންގެ ފިރިން އެކަނަބަލުންނަށް ދިއުމަށް ހުއްދަ ލިބުމަށްފަހު ދިއުން ހުއްދަ އެވެ. އެހެނަސް ގޮސްފި އަންހެނާއަށް ހުރިހައި ތަކްލީފެއް އުފުލައި ލިބެނީ މަދު ޘަވާބެވެ. މިތަނުގައި ޛިކުރު މި ކުރަނީ އެތަށް އަންހެނުންނެއް މި ޙާލަތުގައި އުފުލާ ފާފަތަކެވެ. ހުއްދަ ޢަމަލެއް ކުރުމަށް އަރައިގަނެފައިވާ ފާފަ އެވެ.
- މިސްކިތަށް ދާ ދިއުމުގައި ޒީނަތްތެރި ފޭރާން ލުމާއި މީރުވަސް ދުވާ ސެންޓުޖެހުމާއި (ހުވަދު) ލުން : ހަދީޘްގެ ރާވީ ވިދާޅުވެފައިވެ އެވެ. އަހަރެން أَبُوْ هُرَيْرَة އެކުގައި ޟުޙާގެ ވަޤުތުގައި މިސްކިތުން ނުކުތީމެވެ. ދުވަހަކުވެސް ނޭފަތަށް އެފަދަ މީރު ސެންޓުވަހެއް ނުދުވާ އަތަރެއް ބޭނުންކޮށްފައިވީ އަންހެނަކާ ބައްދަލުވި އެވެ. އެހިނދު أَبُوْ هُرَيْرَة އެ އަންހެން މީހާއާ މުޚާޠަބުކޮށް ވިދާޅުވި އެވެ. ”السلام عليك“
އަދި އެ އަންހެންމީހާ ބުންޏެވެ. ”وعليك“ އަދި أَبُوْ هُرَيْرَة ވިދާޅުވި އެވެ. ތި ކަނބުލޭގެ ދާން ބޭނުންވަނީ ކޮންތާކަށް ތޯ އެވެ!
އަންހެން މީހާ ބުންޏެވެ. މިސްކިތަށެވެ. أَبُوْ هُرَيْرَة ވިދާޅުވި އެވެ. ތިޔަ ސެންޓު ޖަހައިފައި ތިވަނީ ކޮން ބޭނުމަކަށްތޯ އެވެ.
އަންހެން މީހާ ބުންޏެވެ. މިސްކިތަށް ދިއުމަށެވެ. أَبُوْ هُرَيْرَة ވިދާޅުވި އެވެ. ﷲ އަށްޓައިތޯ އެވެ؟ އަންހެންމީހާ ބުންޏެވެ. ﷲ އަށްޓަކަ އެވެ. أَبُوْ هُرَيْرَة ވިދާޅުވި އެވެ. ﷲ އަށްޓައިތޯ އެވެ؟ އަންހެންމީހާ ބުންޏެވެ. ﷲ އަށްޓަކަ އެވެ. أَبُوْ هُرَيْرَة ވިދާޅުވި އެވެ. ހަމަކަށަވަރުން އަހަރެން އެންމެ ލޯބިވާ ނަބިއްޔާ أبا القاسم ﷺ ޙަދީޘް ކުރެއްވި އެވެ. (أنه لا تقبل لإمرأة صلاة تطيبت بطيب لغير زوجها حتى تغتسل منه غسلها من الجنابة) ”އަންހެނަކު އޭނާގެ ފިރިމީހާއަށްޓަކައި ނޫންގޮތަކަށް ސެންޓު ޖަހައިފި ހިނދުގައި، އެ ސެންޓު އޭނާ ޖުނުބު ހިނައިގަތުމުން ހިނައިގަނެ، ސެންޓު ހަށިގަނޑުން ފިލުވައިފުމަށް ދާންދެން އެ އަންހެނާގެ ނަމާދެއް ﷲ ޤަބޫލުވޮޑިއެއް ނުގަންނަވާނެ އެވެ.“ السلسة الصحيحة 1031
(ޙަޤީޤަތުގައި މިއީ މިއަދު ކިޔައި ދިނުމަށްވެސް ނުކުޅެދޭ ވާހަކަތަކެވެ. އެކަން ނުދަންނަ މީހަކު ނެތްފަދަ އެވެ… ދެނެގަންނަންވީ ހަށިގަނޑުން މީރުވަސް ދުއްވައިފައިވާ) އަންހެނާ ނަމާދަށް ބުނެ ދާހިނދު އެ ޢަމަލުވެގެންދާނެ ގޮތެވެ! ވިސްނާލުން ހުއްޓެވެ!
ގޭގައި އެންމެ ހެޔޮ އަދި ގިނަ އަޖުރާއި ޘަވާބު ލިބޭނެ އެވެ. އަދި ސެންޓުވެސް ޖަހައި ނަމާދު ކުރެވޭނެ އެވެ. ފަހެ މި ލުއިގޮތް އަދި އަޖުރު ގިނަ ގޮތް ދޫކޮށްލަން ހެޔޮވާނެ ހެއްޔެވެ
- އަދި إمام أبوداود ސުނަނުގައި، إمام أحمد އަދި إمام الشافعي އަމިއްލަ މުސްނަދުގައި ފުރިހަމަ އިސްނާދެއްގައި أبوهريرة -رضي الله عنه- ގެ އަރިއަހުން ރިވާކުރައްވާފައި ވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. “لا تمنعوا إماء الله مساجد الله ولكن ليخرجن وهن تفلات” “ތިޔަބައި މީހުން އަންހެނުންނަށް الله ގެ މިސްކިތްތަކަށް ދިއުން މަނާ ނުކުރާށެވެ. އެހެނަސް ނުކުންނަ ނަމަ އެއްވެސް މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާށެވެ.”
إمام ابن دقيق العيد ވިދާޅުވެފައި ވެއެވެ. “މިސްކިތަށް ދިއުމަށް ބޭނުންވެ ނުކުންނަ އަންހެންމީހާއަށް ހުވަނދުލުމަކީ ޙަރާމް ކަމެއްގެ ގޮތުގައި ބަޔާންވެގެންވެއެވެ. އެއީ ފިރިހެނުން އެ އަންހެނުންނަށް އެދުމާއި، ޝަހުވަތް އެކަމަށް އެދޭނެ ކަމުގައި ވުމުންނެވެ. އަދި ފަހަރެއްގައި އެއީ އަންހެންމީހާ އޭނާގެ ޝަހުވަތް އެކަމަށް އެދޭނެ ފަދަ ކަމަކަށް ވެދާނެ ކަމެކެވެ.”
އަދިވެސް ވިދާޅުވިއެވެ. “ހުވަނދުލުމުގެ ތެރެއަށް އެ މާނައިގައިވާ އެންމެހައި ކަންތައްތައް ވަންނާނެއެވެ. އޭގެ ތެރޭގައި ރިވެތި ހެދުންލުމާއި، ފަޚުރުވެރިކަން ދެއްކޭފަދަ ސިފައިގައި ވުމާއި، ގަހަނާތައް ފާޅުވާ ގޮތުގައި ބޭނުން ކުރުމެވެ.”
الحافظ ابن حجر ވިދާޅު ވެފައި ވެއެވެ. “ހަމަ އެފަދައިން ފިރިހެނުންނާއި އަންހެނުން އެކުވެ އުޅުން މަނާވެގެން ވެއެވެ.” الخطابي ލިޔުއްވާފައިވާ ފޮތް معالم السنن ގައި ވިދާޅުވެފައި ވެއެވެ. “التفل :އެއީ ވަސްދުވުމެވެ. ބަހުގައި ބުނެވެއެވެ. إمرأة تفلة :އެއްވެސް ހުވަނދެއް ބޭނުން ކޮށްފައިނުވާ އަންހެނާއެވެ.”
މި ރިވާޔަތުގައިވެސް ހެޔޮބަސް ހޯދާ އަންހެން ކަނބަލަކަށް މިވަނީ ކޮންފަދަ ހެޔޮބަސްތަކެއް ހެއްޔެވެ؟
ނިންމާލުމުގެ ކުރިން ބުނަމެވެ. އަންހެންކަނބަލުން ނަމާދަށް މިސްކިތަށް ދިއުމަށް ބުނާ އެންމެ ބޮޑު ވާހަކައަކީ ޤުރުއާން ދަސް ނޫން ކަމެވެ.
އުޚްތާ އެވެ! މިއީ ލުއިވެގެންވާ ކަމެކެވެ. ސުންނަތް ނަމާދެކެވެ. ޤުރުއާން ބަލައިގެން ކިޔެވުން ހުއްދަ އެވެ. އެމީހަކަށް ފަސޭހަ މިންވަރަކަށް ކިޔަވަންވީ އެވެ. ނަބިއްޔާ ﷺ ގެ ޞަޙާބީންގެ ބަސްފުޅުތަކަށް ފަހުގައިވެސް މި މައްސަލައިގައި ޝައްކުވަނީ ހެއްޔެވެ؟
ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عَائِشة -رضي الله عنها- އަރިއަހުން ވާރިދުވެގެންވެ އެވެ. (كَانَ يَؤمُّها غُلامُهاَ ذَكْوَان فِي المُصحف) އެކަމަނާގެ ޚާދިމް (ޛަކްވާނު) މުޞްޙަފުން (ބަލައިގެން) އެކަމަނާއެކު ރަމަޟާން މަހު އިމާމްވެ ނަމާދު ކުރައްވަވަ އެވެ. رواه البخاري 1/170( معلقا)
(އަހަރެމެންނަށްވުރެ މާހެޔޮ، ތަޤްވާވެރި، ޞާލިޙް ކަނަބަލުން މިފަދައިން ކުރެއްވި އެވެ.) ނޫންތޯ އެވެ؟
އަދިވެސް ވާރިދުވެ އެވެ. މިފަދަ އިމާމުން ގެ ބަސްފުޅުތަކަށްފަހުގައިވެސް މި މައްސަލައިގައި ޝައްކުވަނީ ހެއްޔެވެ؟
الإِمَامُ مَالِك -رحمه الله- ވިދާޅުވެފައިވެ އެވެ. ރަމަޟާން މަހުގައި (ސުންނަތް ނަމާދުގައި) މުޞްޙަފުން ބަލައިގެން އިމާމްވެ ނަމާދު ކުރުމުގައި މައްސަލައެއްނެތެވެ. المدونة ١/٢٨٩
އަދިވެސް އެހެން އަޘަރެއްގައިވެ އެވެ. الإِمَامُ الزُّهْرِي -رحمه الله- (ތާބިޢީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މަޝްހޫރު ބޭކަލެއް) އަރިއަހުގައި ނަމާދުގައި މުޞްޙަފުން ބަލައިގެން ކިޔެވުމާ މެދު ސުވާލު ކުރެވުނެވެ. އެހިނދު ވިދާޅުވި އެވެ. އިސްލާމްދީން ފާޅުވި ދުވަހުއްސުރެން ފަށައިގެން މިއަދާ ޖެހެންދެންވެސް މުސްލިމުން ތިފަދައިން ޢަމަލު ކުރަމުންގެންދެ އެވެ. رواه المرزوي في قيام الليل ٢٣٣
މައްސަލަ ސާފުވެއްޖެކަމަށް އުއްމީދު ކުރަމެވެ. ﷲ އަހަރެމެން އެންމެނަށް ދީނުގެ ފިޤުހުވެރިކަން ދެއްވައި، ﷲ ރުއްސަވާވޮޑިގަންނަވާ މަގަށް މަގުދައްކަވާށި އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.