ނަމާދު ޖަމްޢު ކުރާނަމަ، ނިޔަތްގަންނާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ނަމާދު ޖަމްޢު ކުރުމުގެ މާނައަކީ ދުވާލުގެ 2 ނަމާދު އެއްވަޤުތެއްގައި ކުރުމެވެ. ނުވަތަ ރޭގަނޑުގެ ދެ ނަމާދު އެއްވަޤުތެއްގައި ކޮށްލުމެވެ.

އެ ގޮތުން ޖަމްޢު ކުރެވޭ ނަމާދު ތަކަކީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު (މި ދެނަމާދު ކޮންމެވެސް އެއް ވަޤުތެއްގައި ކުރުމެވެ.)

މަޣްރިބް ނަމާދާއި ޢިޝާ ނަމާދު (ދެ ނަމާދު ކޮންމެވެސް އެއްވަޤުތެއްގައި ކުރުމެވެ.)

ޖަމްޢު ކުރާހިނދު، އެއްގޮތަކީ އިސްކޮށް ޖަމްޢު ކުރުމެވެ.

މާނައަކީ : މެންދުރު އަދި ޢަޞްރު ނަމާދު – މި ދެނަމާދު ޖަމްޢު ކުރާ މީހާ- މެންދުރު ވަޤުތުގައި ދެ ނަމާދު ޖަމްޢު ކޮށްލުމަކީ، އިސްކޮށް ޖަމްޢު ކުރުމެވެ.

ހަމަ އެފަދައިން މަޣްރިބް އަދި ޢިޝާ ނަމާދު، މި ދެނަމާދު މަޣްރިބް ވަޤުތުގައި ކޮށްލުންވެސް އެއީ އިސްކޮށް ޖަމްޢު ކުރުމެވެ.

ޖަމްޢު ކުރުމުގައި އޮތް ދެވަނަ ސިފައަކީ ފަސްކޮށް ޖަމްޢު ކުރުމެވެ.

އެއީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޢަޞްރު ނަމާދުގެ ވަޤުތުގައި ކުރުމެވެ.

އަދި މަޣްރިބް ނަމާދާއި ޢިޝާނަމާދު ޢިޝާނަމާދުގެ ވަޤުތުގައި ކޮށްލުންވެސް އެއީ ފަސްކޮށް ޖަމްޢު ކޮށްލުމެވެ.

ފަސްކޮށް ޖަމްޢު ކުރި ކަމުގައިވީނަމަވެސް ނަމާދުގެ ތަރުތީބު ދޫކޮށްލައިގެން ނުވާނެ އެވެ. ނަމާދު ކުރަންޖެހޭނީ ނަމާދުގެ ތަރުތީބުންނެވެ.

ދަންނަ އެވެ. މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢު ކުރުން ފެށޭނެ ވަޤުތަކީ މެންދުރު ނަމާދު ވަޤުތުވަނުމުންނެވެ. އެބަހީ މެންދުރު ނަމާދު ވަޤުތު ވަނުމުގެ ކުރިން ޢުޛުރުވެރި ޙާލަތު ދިމާވެ، ދުވާލުގެ ދެ ނަމާދު ޖަމްޢު ކުރާ މީޙަކަށް، ނަމާދު ޖަމްޢު ކުރުމުގެ ވަޤުތު ނުވަދެ އެވެ.

މެންދުރު ނަމާދު ވަޤުތު ވަނުމުން ޖަމްޢު ކުރުމުގެ ވަޤުތު ފެށުނީ އެވެ. އަދި އިރު އޮއްސެންދެން އެ ވަގުތު ދެމި އޮންނާނެ އެވެ.

މަޣްރިބް ނަމާދާއި އިޝާ ނަމާދު ޖަމްޢު ކުރުން ފެށޭނެ ވަޤުތަކީ އިރު އޮއްސުމާއި އެކުގަ އެވެ. އަދި ރޭގަނޑު ދެބައިވުމަށް ދާންދެން އެ ވަޤުތު ދެމި އޮންނާނެ އެވެ.

ނިޔަތް ގަތުމާއި މެދުގައި ބުނަމެވެ.

އަބަދުވަސް ނިޔަތުގެ މަޙައްލަކީ ހިތެވެ. ނިޔަތް އޮންނާނީ ހިތުގަ އެވެ.

ނިޔަތާއި މެދުގައި ނަބިއްޔާ . ޙަދީޘް ކުރައްވާފައިވެ އެވެ. (إنَّمَا الأَعْمَالُ بِالنِّيَّاتِ وَإِنَّمَـا لِكُلِّ امْرِئٍ مَا نَوَى،) ”ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް އޮތީ އެމީހަކު ނިޔަތްގަތް ކަމެކެވެ… ”

ވުމުން، ނިޔަތުގެ ގޮތުގައި ދުލުން ކިޔުމަށް އޮތް އެއްޗެއް އަދި އެއްވެސް މިންވަރެއް ނުވެ އެވެ.

އިސްކޮށް ޖަމްޢު ކުރާ މީހާ ނުވަތަ ފަސްކޮށް ޖަމްޢު ކުރާ މީހާ އެކަން ކަށަވަރުކޮށް ހިތަށް އެރުވުމުން އެވަނީ ނިޔަތް ގަނެވިފަ އެވެ.

ބައެއް މީހުން ”އަޅުގަނޑު މެންދުރު ނަމާދުގެ ފަރުޟު 4 ރަކުޢަތް ﷲ އަށްޓަކައި އަދާކުރުމަށް ނިޔަތް ގަންނަމޭ“ މިފަދައިން ދުލުން ކިޔުމަކީ ސުންނަތާއި ޚިލާފް ދީނަށް އަލަށް ވައްދާފައިވާ ބިދުޢަވެރި ޢަމަލެކެވެ.

شَيخ الإِسلام ابن تَيميَّة ވިދާޅުވެފައިވެ އެވެ. ”އެންމެހައި މުސްލިމުން އިއްތިފާގުވެގެންވާ ގޮތުގައި ނިޔަތް އަޑުހަރުކޮށް ބާރަށް ކިޔުމަކީ، ވާޖިބު އަދި މުސްތަޙައްބު ވެގެންވާ ކަމެއް ނޫނެވެ. އެހެނަސް ނިޔަތް އަޑުހަރުކޮށް ބާރަށްކިޔާ މީހާއަކީ ބިދުޢަވެރި އަދި ޝަރީޢަތާ ޚިލާފަށް ޢަމަލުކޮށްފައިވާ މީހެކެވެ.“ مجموع الفتاوى2/88

ވުމުން، ނަމާދު ޖަމްޢު ކުރުން ހުއްދަވެގެންވާ މީހަކު، މެންދުރު ނަމާދާއި އަޞްރު ނަމާދު ޖަމްޢު ކުރާހިނދު،

އެންމެ ފުރަތަމަ ކުރާހުށީ މެންދުރު ނަމާދެވެ. އަދި މެންދުރު ނަމާދު ކުރުމަށް ހިތަށް އަރުވާލުމުން އެހިނދު އެވަނީ ނިޔަތް ގަނެވިފަ އެވެ. އަދި މެންދުރު ނަމާދުކޮށް ސަލާމް ދޭނީ އެވެ.

އެއަށްފަހު، މެންދުރު ވަޤުތުގައި ޢަޞްރު ނަމާދު ޖަމްޢު ކުރާނަމަ، އެފަދައިން ހިތަށް އަރުވާލުމުން ނިޔަތް އެ ފުދުނީ އެވެ.

ދުލުން ކިޔަންޖެހޭ މިންވަރެއް ނުވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts