ޚުޠުބާދޭހިނދު ކަނާތް ފަރާތްތަށާއި ވާތްފަރާތަށް މޫނު އަނބުރައިލުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މި ޒަމާނަކީ މީސްތަކުންގެ ތެރޭގައި ސުންނަތް އިންތިހާއަށް ބީރަށްޓެހި ވެފައިވާ ޒަމާނެކެވެ. އަދި ސުންނަތަށް ޢަމަލު ކުރާ ފަރާތަށް ޢައިބު ބަސްތަކާއި އަދި އެއީ ޚިލާފް ގޮތްކަމާއި އެ ގޮތަކީ މީސްތަކުން ތެރޭގައި ނެތް ކަންތަކެއް މީސްތަކުންގެ ތެރެއަށް ގެނައުން ކަމުގައި ދެކޭ ދުވަސްތަކެއްގެ ގޮތުގައި މިއަދު ވެ އެވެ.  

މިއަދު ޚުޠުބާ ދޭ ފަރާތްތަކުގެ ތެރެއިން ވަރަށްގިނަ ޚަޠީބުންގެ ފަރާތުން ފެންނަ މަންޒަރަކީ، ޚުޠުބާދޭހިނދު އޭނާގެ ކަނާތް ފަރާތްތަށާއި ވާތްފަރާތަށް މޫނު އަނބުރައި މީސްތަކުންނާ ދިމާލަށް ޚަޠީބު މޫނު އަނބުރައި ހަދާކަމެވެ.  

ސުންނަތާއި ޚިލާފަށް މިފަދައިން މިއަދު ޚުޠުބާ ދޭ ފަރާތްތައް ޢަމަލު ކުރުންވަނީ ޢާންމުވެފައިވާ ކަމަކަށެވެ. އަދި ކިޔެއްތަ، ޚުޠުބާ ދެމުންދާހިނދު، ޚުޠުބާ ދޭ މީހާ މިސްކިތުގެ އެންމެހައި ދިމާތަކަށް މޫނު އަނބުރައި ނުހަދާ ކަމުގައިވާނަމަ އެއީ ޢައިބު ކަމެއްގެ ގޮތުގައި ވަނީ ވެފަ އެވެ.  

މިއީ ފަހު ޒަމާނުގައި ސުންނަތް ބީރައްޓެހިވެފައިވާ ފަދައިން ބީރައްޓެހިވެގެންވާ ގޮތްގޮތެވެ.  

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދޫކުރެއްވި ސުންނަތުގެ ޢިލްމުވެރިޔާ الشَّيخ عَبد السلام برجس ވިދާޅުވެފައިވެ އެވެ.  ”މިއަދު ސުންނަތުގައި ހިފަހައްޓައިގެން އެގޮތުގައި ދެމިހުރުމަކީ ނުހަނު ޢިއްޒަތް ލިބިގެންވާކަމެކެވެ.  އަދި އެއީ ނުހަނު ބީރައްޓެހި ކަމެއްގެ ގޮތުގައިވަނީ ވެފަ އެވެ.  ފަހެ، ގިނަ މުޖުތަމަޢުތައް މިއަދުވަނީ ސުންނަތުގަ އެއް ނޫނެވެ.“ 

المحاضرات فيما يخص الدعوة و الدعاة  3-4 

ޚުޠުބާދޭ މީހާ، ކަނާތް ފަރާތަށާއި ވާތްފަރާތަށް އޭނާގެ މޫނުއަނބުރައި ހެދުމުގެ މި ޢަމަލަކީ މާތް ނަބިއްޔާ ﷺ ގެ ސުންނަތާއި ޢަދި ޢަމަލު ފުޅާއި ޚިލާފްވެގެންވާ ގޮތެވެ.  

އެގޮތުން، ކަނޑައެޅިފައިވާ ގޮތަކީ، އިމާމް ޚުޠުބާ ދޭން މެންބަރަށް އެރުމާއެކު، ޚާޟިރުވެފައިވާ ފަރާތްތައް އިމާމްއާ ދިމާލަށް އެބައިމީހުންގެ މޫނުތައް އެނބުރުމެވެ.   

ޙަދީޘްގައިވެ އެވެ. مطيع بن الحكم رحمه الله ވިދާޅުވި އެވެ.  (أن النبي كان إذا صعد المنبر أقبلنا بوجوهنا إليه)  

”ހަމަކަށަވަރުން ނަބިއްޔާ ﷺ މިންބަރަށް އަރާވަޑައިގެންނެވުމުން، އަހަރެމެން ނަބިއްޔާއާ ދިމާލަށް އަހަރެމެންގެ މޫނުތައް އަނބުރާލަމެވެ.“ الصحيحة  2080   

އިމާމް الترمذي  ރިވާކޮށްފައިވާ އެހެން ރިވާޔަތެއްގައިވެ އެވެ. ޞަޙާބީ عبد الله بن مسعود ވިދާޅުވެފައިވެ އެވެ. ( كان رسول الله صلى الله عليه وسلم إذا استوى على المنبر استقبلناه بوجوهنا )  ”ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޚުޠުބާ ދެއްވުމަށްޓަކައި މިންބަރުކޮޅަށް އަރާވަޑައިގެންނެވުމުން އަހަރެމެންގެ މޫނުތައް ނަބިއްޔާ ދިމާލަށް އަނބުރާލަމެވެ.“ 

މި ރިވާޔަތްތަކުގެ މައްޗަށް ބަޔާންކުރައްވާ އިމާމް الترمذي  ވިދާޅުވެފައިވެ އެވެ. ”މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބު ބޭކަލުންނާއި އަދި އެނޫންވެސް ޢިލްމުގެ އަހުލުވެރިންގެ މެދުގައި ޢަމަލު ކުރުންވަނީ މިފަދައިންނެވެ. އެ އެހެންމެހައި ބޭކަލުން ދެކެވަޑައިގަންނަވަނީ އިމާމް ޚުޠުބާ ދޭން ފަށާހިނދު، އިމާމް އަށް އެންމެހައި މީސްތަކުން މޫނު އަނބުރައި ކުރިމަތި ލުމެވެ.“  

ވުމާއެކު، ޚާޟިރުވެފައިވާ އެންމެހައި ފަރާތްތަކެއް އިމާމްއާ ދިމާލަށް އެނބުރި ކުރިމަތިލައިގެން ތިބުން އެއީ ސުންނަތްވެގެންވާ ޢަމަލު ގޮތް ކަމުގައި ވާރިދުވެގެންވެ އެވެ.  

ދަންނަ އެވެ.  

ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޚުޠުބާ ދެއްވާހިނދު އަބަދުވެސް ކުރިމަތިލައްވައި ހުންނަވަނީ ކުރިފުޅުމައްޗަށެވެ. ޚުޠުބާ ދެއްވާހިނދު ނަބިއްޔާގެ ޢަމަލުފުޅު ސިފަކުރެވިގެންވަނީ ދެ ލޯފުޅު ރަތްވެ، އަޑުފުޅު އުފުއްލަވަ އެވެ. އަދި ހަނގުރާމައިގެ ލަޝްކަރަކަށް އިންޒާރު ކުރައްވާ ބޭކަލެއްފަދަ އެވެ.  

الإمام الشافعي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޚުޠުބާދޭ މީހާ، އޭނާ ޚުޠުބާދޭހިނދު މޫނު ކުރިމައްޗަށް ބެލުން ހުއްޓެވެ. އޭނާ ކަނާތްފަރާތަށާއި އަދި ވާތްފަރާތަށް އެނބުރުމެއް ނުވެ އެވެ.“ الأم  

الحتفظ ابن حجر -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޚުޠުބާ ދޭމީހާ، އޭނާގެ ކަނާތްފަރާތަށާއި އަދި ވާތްފަރާތަށް އެނބުރުން (ދެފަރާތަށް އޭނާ މޫނު އެނބުރުން) އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާ ގޮތުގައި މަކްރޫހަވެގެންވާ ޢަމަލެކެވެ.“ شرح المهذب 

ابن قدامة -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޚުޠުބާ ދިނުމުގައިވާ ސުންނަތް ތަކުގެ ތެރޭގައި ޚުޠުބާދޭމީހާ އޭނާ މޫނު ކުރިމައްޗަށް ޤަޞްދުކޮށް ޚުޠުބާ ދިނުންވެ އެވެ. ސަބަބަކީ އެއީ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޢަމަލުފުޅު ކުރައްވާ ގޮތްކަމުގައި ވުމެވެ.“  

ބައެއް ޢިލްމުގެ އަހުލުވެރިން މިފަދައިން ޚުޠުބާދޭ މީހާ ޢަމަލު ކުރުމަކީ ބިދުޢަވެރި ޢަމަލެއްކަމުގައިވެސް ވިދާޅުވެފައިވެ އެވެ.  

النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި ޒަމާނުގައި ޚުޠުބާދޭ ބައެއް މީހުން ޢަމަލު ކުރާ ފަދައިން ޢަމަލުކޮށްގެން ނުވާނެ އެވެ. އެ ގޮތުން ވާތް ފަރާތަށާއި ކަނާތްފަރާތަށް މޫނު އެނބުރުމެއް ނުވެ އެވެ. އެއީ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ޞަލާވާތް ކިޔަވާހިނދުގައި އަދި އެނޫން ދަނޑިވަޅެއްގައި ކަމުގައިވީނަމަވެސް އެވެ. މި ޢަމަލަކީ އެއަށް އެއްވެސް އަޞްލެއް ނުވާ ކަމެކެވެ. އަދި މި ޢަމަލު ކަނޑައެޅިފައިވަނީ ބިދުޢަވެރި ޢަމަލެއްގެ ގޮތުގަ އެވެ.“ المجموع ٤ / ٥٢٨ 

الإمام الماوردي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި ޒަމާނުގައި ޚުޠުބާދޭ މީހުން ޢަމަލު ކުރާ ފަދައިން ކަނާތްފަރާތަށާއި ވާތް ފަރާތަށް މޫނު އެނބުރުމުގެ ޢަމަލު ކޮށްގެން ނުވާނެ އެވެ.“  

ވުމާއެކު، މީސްތަކުންގެ ތެރޭގައި މިއަދު މި ޢާންމުވެފައިވާ ޢަމަލު ކަމުގައިވާ، ޚުޠުބާ ދޭ މީހާ، އޭނާގެ ކުރިމައްޗަށް ބެލުމުގެ ބަދަލުގައި ކަނާތްފަރާތަށާއި ވާތްފަރާތަށް ޚުޠުބާ ކިޔަމުން ދާހިނދު އަދި ޚުޠުބާ ދެމުންދާހިނދު ބެލުމަކީ، މޫނު އެނބުރުމަކީ ސުންނަތާއި ޚިލާފް ޢަމަލެކެވެ. މިއީ މީސްތަކުންގެ ތެރޭގައި ވަރަށްބޮޑަށް ގެއްލިފައިވާ އަދި ދޫކޮށްލެވިފައިވާ ސުންނަތެކެވެ.  

މި ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ހައިއަތު ކިބާރު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة د.صالح الفوزان -حفظه الله- ވިދާޅުވެފައިވެ އެވެ.  

ސުވާލު : ޚުޠުބާދޭ މީހާ، އޭނާ ޚުޠުބާ ދެމުންދާހިނދު، ވާތްފަރާތަށާއި ކަނާތްފަރާތަށް އެނބުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ 

ޖަވާބު : ނޫނެކެވެ. ތިއީ ސުންނަތާއި ޚިލާފް ގޮތެވެ. ހުކުރު ދުވަހު ޚުޠުބާދޭމީހާ، އޭނާ ޚުޠުބާދޭހިނދު ޤަޞްދު ކުރާހުށީ އޭނާގެ މޫނު ކުރިމައްޗަށެވެ. އޭނާ އެކި ފަރާތްތަކަށް އެނބުރުމެއް ނުވެ އެވެ. އާނއެކެވެ.“  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts