އަންހެނުންނަން އެންމެ ހެޔޮ ފޭރާމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ކުލަކުލައިގެ ނަމާދު ދޮޅި އެޅުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
އަންހެނާގެ ފޭރާމުގެ ކުލައަކީ ކަޅުކުލަ ކަމުގައި ވުން އެއީ ޝަރުޠެއް ނޫނެވެ.
އެހެނަސް ޝައްކެތްވެސް ނެތެވެ. އަންހެނާއަށް އެންމެ ހެޔޮ އަދި ޒީނަތްތެރިކަން އެންމެ ހެޔޮ ގޮތުގައި ފުރިހަމަ ގޮތުގައި ނިވާކޮށްދޭނެ ފޭރާން ކަމުގައިވެ އެވެ. ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މުޙައްދިޘް الإِماَم العَلاَّمَة الأَلْبَانِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”އަންހެނާ ލާ އެންމެ މާތްވެގެންވާ ފޭރާމަކީ ކަޅުކުލަ އެވެ. އެއީ އެ ކުލައިގެ ސަބަބުން (އަންހެން މީހާއަށް) ލިބިގެންދާ މަޑުމޮޅިކަމާއި، ޙިޝްމަތްތެރިކަމާއި އަދި ޒީނަތް (ފާޅުކުރުމުން) ދުރުކުރުމުގައިވާ އިތުރުކަމުގެ ސަބަބުންނެވެ. އަދި މިއީ ޞަޙާބީންގެ އަންހެންބޭކަނބަލުން ޢާންމުކޮށް ޢަމަލުފުޅު ކުރެއްވި ގޮތްކަމުގައިވެ އެވެ.“
جلباب المرأة المسلمة ص 121
މިއަދު މަދީނާގައި ތިއްބެވި ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިޚް ޑރ. عَبد الله البخَارِي -حفظه الله- ވިދާޅުވެފައިވެ އެވެ. “ އެއީ ޝަރުޠެއް ނޫނެވެ. އަހަރެން ބުނަމެވެ. އެކަނބަލުން ޢައުރަ ނިވާކުރުމަށްޓަކައި ބޭނުންކުރާ ލިބާސް، ޖިލްބާބް، ޚިމާރް އަކީ ޞައްޙަވެގެންވާ ފޭރާމެއްގެ ގޮތުގައިވުމަށް ކަޅުކުލައިގައިވުން ޝަރުޠެއް ނޫނެވެ. މިއީ ޝަރުޠެއް ނޫނެވެ. ކަޅު ކުލައިގައި ވުމަކީ އެއީ ޝަރުޠެއް ނޫނެވެ. އެހެނަސް ބައެއް ޤައުމުތަކުގައި މީސްތަކުން މި ކުލަ (ކަޅުކުލަ ބޭނުންކޮށް) އެއީ ހެޔޮ ރަނގަޅު ގޮތެއް ކަމުގައި ދެކެފައިވެ، މީސްތަކުން އެގޮތަށް ތަބަޢަވަމުން (ޢަމަލުކުރަމުން) ގެންދެ އެވެ. ފަހެ، މި ގޮތާ ޚިލާފް ވުމަކީ، (ޚިލާފްވެ ޢަމަލުކުރުމުން) އޭނާގެ މައްޗަށް ޝައްކުކުރެވިގެން ދިއުމާއި، ނުބައި ގޮތްގޮތަށް އޭނާގެ މައްޗަށް ހީކުރެވިގެން ދިއުމާއި، އޭނާގެ މައްޗަށް އެކިއެކި ޒާތްޒާތުގެ ވާހަކަ ދެކެވިގެން ދިއުމުގެެ މައްޗަށް ބިރުވެތިވަމެވެ. އަދި އެ ލިބާސްއަކީ ޝުހުރަތުގެ ބާވަތުގެ ފޭރާމެއް ގޮތުގައި ވެދާނެކަމަށްޓަކައިވެސް ބިރުވެތިވަމެވެ. ޝުހުރަތުގެ ބާވަތެއްގެ ފޭރާމެއް ކަމުގައި ވެދާ ހުއްޓެވެ.
އެހެނަސް އަޞްލަކީ އެ ކުލައަށް ވުމަކީ ޝަރުޠެއް ނޫނެވެ. އެހެނަސް ޝަރުޠު ކުރެވެނީ، އެ ފޭރާމަކީ ހަށިގަނޑު ފަރުދާ (ނިވާ) ކޮށްދޭނެ، ހަށިގަނޑަށްވުރެ ފުޅާ، އޭގެ އަނެތްފަރާތް ނުފެންނާނެ އަދި މިނޫންވެސް ޢިލްމުގެ އަހުލުވެރިން ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެގެންވާ ފޭރާމެއް ގޮތުގައިވުމެވެ. އޮޅުންފިލައިފި ތޯ އެވެ؟“ (ޝެއިޚްގެ ފަތުވާ ނިމުނީ)
ވުމުން ނަމާދުގައި ބޭނުން ކުރާ ނަމާދު ދޮޅި އެންމެ އަޥްލާ އަދި އެންމެ ހެޔޮ ވެގެންވާ ކުލަ ކަމުގައިވާ ކަޅު ކުލައިގައި ހެދުމަށް ނަޞޭޙަތްތެރި ވަމެވެ. އެކަމަށް ބާރު އަޅަމެވެ.
އިސްވެ ބަޔާން ކުރެވުނު ފަދައިން، ކަޅު ކުލައިގައި ވުމަކީ ފޭރާމުގެ ޝަރުޠެއް ނޫނެވެ. އެހެނަސް ޝަރުޠު ކުރެވިފައިވަނީ، އެ ފެރާމަކީ އޭގެ ޒާތުގައި ޒީނަތްތެރިކަން ފާޅުކޮށްފައިވާ : އެ ގޮތުން އޭގައި ޒީނަތްތެރި ކުރުމަށްޓަކައި ޑިޒައިންކޮށް، އެފަދަ ތަކެތި ތަތްކުރުމާއި ލޮލުގެ ނަޒަރު އެއަށް ހުއްޓުވާ ފަދަ ފޭރާމެއް ގޮތުގައި ހަދައިގެން ނުވާނެ އެވެ.
ފަހެ، އޭގެ ކުލައަކީ އޭގެ ސަބަބުން ފިރިހެނުންގެ ލޮލުގެ ނަޒަރު އެއަށް ހުއްޓުވާ މީސްތަކުންގެ ލޮލުގައި އަޅުވާ ފަދަ ފޭރާމެއް ކަމުގައި ވެގެން ނުވާނެ އެވެ. އެބަހީ އެފަދަ ކުލަތައް ބޭނުން ކޮށްގެން ނުވާނެ އެވެ. ސަބަބަކީ ކީރިތި ޤުރުއާނުގެ ވަޙީ ބަސްފުޅުގެ ޢާންމު މާނައިގެ ތެރެއަށް އެކަން ވަނުމެވެ. ﷲ ވަޙީ ކުރެއްވި އެވެ. ( وَلا يُبْدِينَ زِينَتَهُنَّ ) ”އެކަނބަލުންގެ ޒީނަތްތެރިކަން ފާޅު ނުކުރުން ހުއްޓެވެ.“ النور/31
މި މާނަ ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ. އިމާމް أبو داود ޞަޙާބީ أَبِي هُرَيْرَةَ ގެ އަރިހުން ރިވާކޮށްފައިވެ އެވެ. رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ. ( لا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ، وَلَكِنْ لِيَخْرُجْنَ وَهُنَّ تَفِلاتٌ ) ”ﷲ ގެ އަންހެން އަޅުތަކުންނަށް އެކަނބަލުން މިސްކިތަށް ދިއުން ތިޔަބައިމީހުން މަނާ ނުކުރާހުށިކަމެވެ. އެހެނަސް އެކަނަބލުން ބޭރަށް ނުކުންނަހިނދު، މީރުވަސްދުވާ ގޮތުގައި ނުނިކުންނަ ހުއްޓެވެ.“
ޙަދީޘްގައިވާ ލަފްޟު وَهُنَّ تَفِلات ގެ މާނައިގެ ތެރެއަށް ހުވަދުލުން އަދި އޭގެ ތެރެއަށް ޝަހުވަތްތެރިކަން ގެނުވާނެ އެންމެހައި ކަންތައް ކަމުގައިވާ ޒީނަތްތެރިކަން ފާޅުކޮށްފައިވާ ހެދުން ލުންވެސް ވަންނާނެ ކަމުގައި ޙަދީޘް ޝަރަޙަ ކުރައްވާފައިވާ އިމާމުން ވިދާޅުވެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާ ނަންބަރު 17-100 ގައިވެ އެވެ.
”ލޮލުގެ ނަޟަރު ހުއްޓުވާފަދަ ޒީނަތްތެރިކަން ފާޅުކޮށްފައިވާ ފޭރާންތަކުގައި އަންހެނުން ބޭރަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ މިއީ އޭގެ ސަބަބުން ފިރިހެނުން އަވައިގައިޖެހިގެންދާނެ ސަބަބެއް ކަމުގައިވެ އެވެ. އަދި ދީނުގައި ފިތުނަވެރިވާނެ ކަމެކެވެ….“
އަދިވެސް ފަތުވާގައި ވިދާޅުވެފައިވެ އެވެ. ”އަންހެން މީހާގޭ ފޭރާން ކަޅު ކުލައިގައިވުން ޚާއްޞަވެފައެއް ނުވެ އެވެ. އަންހެން މީހާއަށް އެ ފޭރާމަކީ ޢަޥްރަ ނިވާކުރާނެ، އެ ފޭރާމެއްގައި ފިރިހެނުންނާ އެއްވަތްތަރު ނުވާނެ އަދި ހަށިގަނޑުގެ ވަނާތަކަށް ބާރު ނޫން ފޭރާމެއްގެ ގޮތުގައިވެ އޭގެ ތުނިކަމުން ހަށިގަނޑު ފެންނަ އެއްޗެއް ގޮތުގައި ނުވެ އަދި ފިތުނަވެރި ކުރާނެ ފޭރާމެއްގެ ގޮތުގައި ނުވާހިނދެއްގައި ކޮންމެ ކުލައެއްވެސް ހުއްދަވެގެންވެ އެވެ.“ 17/108
ވުމުން، ޖަވާބަކީ މި އެވެ. މި ޝަރުޠުތައް ފުރިހަމަވާނަމަ އެ ފޭރާމަކީ ހުއްދަ ފޭރާމެއް ކަމުގައިވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.