މުދަލު ޒަކާތް އަމިއްލައަށް އޭގެ ޙައްޤުވެރިންނާއި ޙަވާލު ކުރެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ބުނަމެވެ. މުސްލިމް ވެރިޔާ މީސްތަކުންނަށް މަޖުބޫރުކޮށް، ލާޒިމް ކޮށް ވަކި ތަނަކަށް ދިނުމަށް ކަނޑައަޅާފައިވެ އެވެ. 

ނުވަތަ ވެރިޔާ ކަނޑައަޅާފައިވާ މުޥައްސަސާއަކާ ޙަވާލު ކުރުމަށް މީސްތަކުންނަށް މަޖުބޫރުކޮށްފައިވަނީ އެވެ.  

އަދި އެ ކަނޑައަޅާފައިވާ ފަރާތަށް ޙަވާލު ނުކޮށްފިނަމަ، އެމީހަކަށް ދަތިތަކާއި އަދި އުނދަގޫތަކާއި ގެއްލުމާއި ކުރިމަތިވެ އެވެ.  

މިފަދައިން ޒަކާތް ލާޒިމްކޮށްފިހިނދު، ޒަކާތް ނެރޭ ފަރާތުން ވެރިޔާ އަންގާފައިވާ ފަރާތަކާއި ނުވަތަ އެ މުޥައްސަސާއަކާ ހަވާލު ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ.  

އެވެރިން އެކަމުގައި ޒަކާތް ބެހުމުގައި ކުށް ކޮށްފިހިނދު އެ ޒަކާތް އަޞްލު ނެރުނު ފަރާތް އެކަމުގައި އެއްވެސް ކުށްފާފައެއް ނުވާނެ އެވެ. 

ދަންނަންޖެހެ އެވެ!  

މިފަދައިން ލާޒިމްކޮށްފައިނުވެ، އަދި ޒަކާތުގެ ގޮތުގައި ނެރޭ ތަކެތި އެމީހަކު އަމިއްލައަށް ނެރުމުގައި މައްސަލައެއް ނެތެވެ.  

ނުވަތަ ވެރިޔާ ސަރުކާރުގެ ވަކި ދާއިރާކަށް ޒަކާތް ދިނުމަށް ހުޅުވާލާފައިވާ ގޮތަށް ޒަތާކް ނެރޭ މީހުންނަށްވެސް އެބައިމީހުން ބޭނުންނަމަ، ޒަކާތް އަމިއްލަ ގޮތަށް ބެހުމަށް އިޚްތިޔާރު ދީފައިވާނަމަ، ކޮންމެހެން ސަރުކާރަށް ވެރިޔާއަށް ޒަކާތް ދިނުމެއް ނެތެވެ. 

އިޚްތިޔާރު ދީފައިވާގޮތަށް އަމިއްލައަށް ޒަކާތް އޭގެ ޙައްޤުވެރި ފަރާތްތަކަށް ދިނުން މައްސަލައެއް ނޫނެވެ.  

އަދި ގިނަފަހަރު، މިފަދައިން އިޚްތިޔާރު ދީފައި އޮވެއްޖެހިނދު، އަޥްލާކަން ބޮޑީ ޒަކާތް ނެރޭ ފަރާތުން ޒަކާތް އޭގެ ޙައްޤުވެރިން އަދާކޮށް ޚަލާޞްކޮށްލުމެވެ.  

ސަބަބަކީ، ގިނަ ފަހަރު ސަރުކާރުތަކުން ނުވަތަ ޒަކާތް މިފަދައިން ބަހަނީ، އޭގެ ޙައްޤުވެރިން ނޫން ފަރާތްތަކަށެވެ. އަދި ޙައްޤުވެގެންނުވާ ދާއިރާ ތަކުގަ އެވެ.  

އެ ޒަކާތް ދެވެނީ، ﷲ ކަނޑައަޅުއްވާފައިވާ 8 ބައި ނޫން ބައިތަކުގަ އެވެ.  

ވުމުން، މަޖުބޫރު ކަމެއް ނެތްނަމަ، އަމިއްލައަށް ޒަކާތް އޭގެ ހައްޤުވެރިންނަށް ދިނުން ހުއްޓެވެ. 

އެހެނަސް މިތަނުގައި ނުކުތާއެއް ފާހަގަ ކޮށްލަމެވެ.  

އެމީހަކު އަމިއްލައަށް ޒަކާތް ނެރޭ ކަމުގައިވާނަމަ، އޭގެ ޙައްޤުވެރި ފަރާތްތަކަށް ޒަކާތް ދިނުމުގެ މައްޗަށް ނުހަނު ސަމާލުވާން ވާނެ އެވެ. ފަރުވާތެރިވާން ޖެހޭނެ އެވެ. 

ޙައްޤުވެރިން ނޫން ބައެއް އޭގައި ބައިވެރިކޮށްގެން ނުވާނެ އެވެ. 

ފަހެ އެއީ، ބޭނުން ބަޔަކަށް ބޭނުން ގޮތަކަށް ދެވޭ އެއްޗެއް ކަމުގައިވާނަމަ، ﷲ ތަޢާލާ އެކަލާނގެ ޙިކްމަތްވަންތަ ކަމުގައި ޚާއްޞަ 8 ބައެއް ޒަކާތުގެ ޙާއްޤުވެރިން ގޮތުގައި ވަޙީ ކުރެއްވީ ކީއްވެ ހެއްޔެވެ؟ 

ވުމުން، ޚުލާޞާއަކީ، ވެރިން ޒަކާތް ވަކި މުވައްސަސާއަކަށް ނުވަތަ ސަރުކާރު ވަކި ދާއިރާއަކަށް ޒަކާތް ދެއްކުމަށް އަމުރުކޮށްފައި ނުވާނަމަ، އެމީހަކު އަމިއްލައަށް ޒަކާތް ނެރުމުގައި އެއްވެސް މަނާކަމެއް ނެތެވެ. 

އަދި ކިޔެއްތަ! މިޙާލުގައި އެމީހާއަށް ޒަކާތް ޙައްޤުވެރިންގެ ގޮތުގައި ބަޔަކު އިނގޭނަމަ، ޒަކާތް އެފަދައިން އެބަޔަކަށް ދިނުން ހުއްޓެވެ. 

މިއަދު ޒަކާތް، ޖަމުޢިއްޔާތަކަށް، ޖަމާޢަތްތަކަށް، މިސްކިތްތަކަށް، ވުމުން ބުނެވޭ ކަހަލަ އެވެ. ޒަކާތް ނުދެވޭ ތަނެއް ނެތެވެ.  

ތިމާއަކީ ޒަކާތް ނެރޭ ފަރާތެއްގެ ގޮތުގައި ވެއްޖެހިނދު، އެ ޒަކާތް ޙާއްޤުވެގެންވާ ފަރާތްތައް އެނގިގަތުން ހުއްޓެވެ. 

ޒަކާތް ނެރޭ މީހާ ﷲ ކަނޑައަޅުއްވާފައިވާ މި ބައިތަކަށް ޒަކާތް ދިނުމުން އޭގެ ޙައްޤު އަދާ ކުރެވުނީ އެވެ.  

ފަރުޟު ޒަކާތުގެ ޙައްޤުވެރިން ބަޔާންކުރައްވާފައިވާ އާޔަތް އަދި އެ އާޔަތުގައި ޛިކުރު ވެފައިވާ ފަރާތްތަކުގެ ތަފްޞީލު ބަޔާންކޮށް މި ޒަމާނުގައި ދުނިޔެ ދުށް އެންމެ ބޮޑު ފިޤުހުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة الإمام محمد بن صَالح العثَيمِين -رحمه الله- ވިދާޅުވެފައިވާ ބަސްފުޅުތަކެއް މިތަނުގައި ޛިކުރު ކުރަމެވެ.  

الله تعالى ޒަކާތުގެ ޙައްޤުވެރިން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ. 

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِنَ اللَّهِ  وَاللَّهُ عَلِيمٌ حَكِيمٌ 

އެންމެ ފުރަތަމައީ: 

لِلْفُقَرَاءِ “ ފަޤީރުންނެވެ.“  

ދެވަނައީ: 

الْمَسَاكِينِ ”މިސްކީނުންނެވެ.“  

ރަސޫލުﷲ صلى الله عليه وسلم ޙަދީޡްގައި ވާފަދައިންނެވެ. (لَا حَظَّ فِيهَا لِغَنِيٍّ وَلَا لِقَوِيٍّ مُكْتَسِبٍ) ”ހަށިގަނޑުގައި ބާރުހުރެ މަސައްކަތްކޮށް އާމްދަނީ ހޯދާނެޤާބިލުކަން ލިބިފައިވާ މީހުނަށް ޒަކާތުގެ އެއްވެސް ނަޞީބެއް ނުވެއެވެ.“  

ތިންވަނައީ: 

الْعَامِلِينَ عَلَيْهَا ”ޒަކާތުގެ މަސައްކަތުގައިވާ ޢާމިލުން“ އެމިހުންނީ ދައުލަތުގެ ހާކިމާ ޒަކާތް ޖަމަޢަކޮށް ރައްކާތެރިކޮށް އޭގެއަހުލުވެރިންނަށް ޒަކާތްދިނުމުގެ މަސައްކަތް ކުރުމަށް ޢައްޔަންކޮށްފައިވާ މިސްމީހުންނެވެ.  

އެމިހުންނަށް އެމިހުންކުރި ޢަމަލުގެ މިންވަރަށް ޒަކާތުގެ ފައިސާއިން ދެވިދާނެއެވެ. އެބައިމިހުންނީ މުއްސަނދިން ކަމުގައިވިޔަސް އެޢަމަލުގެ މިންވަރަށް ޒަކާތްދެވިދާނެއެވެ.  

ހަތަރުވަނައީ: 

الْمُؤَلَّفَةِ قُلُوبُهُمْ ”މުޢައްލިފަތު ޤުލޫބުހުމް“ އެބައިމީހުންނީ އެމީހުންގެ އީމާންތެރިކަން ބަލިކަށިވެފައިވާ އެހެނަސް ޒަކާތް އެބައިމީހުންނަށް ލިބުމުން، އެމިހުންގެ ނުފޫޒުދަށުގައިވާ އެތައްބަޔަކު އެމީހުންނާއެކީގައި ދީނަށް ލޯބިޖެހި އީމާންކަމުގެ ގަދަފަދަ އަހުލުވެރީން ކަމުގައިވާފަދަ ޙާލުގައިވާ މީހުންނެވެ. އެއާއިއެކު ދީނަށް ދައްވަތުދީ މީސްތަކުންގެ ތެރޭގައިވާ ހެޔޮފެތުރުމަށް މިސާލެއްކަމުގައިވާ ބައެއްކަމުގައި ވެދާނެ މިހުންނެވެ.  

ފަސްވަނައީ: 

الرِّقَابِ ”އަޅުން“ މިބައިގެތެރެއަށް އަޅުން މިނިވަންކުރުމަށް ހޭދަކުރުން ވަންނާނެއެވެ. އަދި އަޅުން މިނިވަންކުރުމުގައި އެހީވާ މީސްތަކުންނަށް އެހީވުމުގެ ގޮތުންވެސް ހޭދަކުރެވިދާނެއެވެ. އެގޮތުން މުސްލިމުންގެގޮތުގައިވާ އަޅުން މިނިވަންކުރުމުގައި ޒަކާތުގެ ފައިސާއިން ހޭދަކުރުމެވެ.  

ހަވަނައީ:  

الْغَارِمِينَ ”ދަރަނިވެރިވެފައިވާ މީހުން“ މިބައިމީހުންނަކީ ދަރަނިވެރިވެ އެހެނަސް ދަރަނިއަދާކުރުމުގެ ޤާބިލުކަން ލިބިފައިނުވާ މީހުންނެވެ. މިބައިމިހުންނަށް ޒަކާތުގެ ފައިސާއިން ދަރަނި އަދާކުރުމުގެ ގޮތުން ފައިސާދެވިދާނެއެވެ. އެއީ ކުޑަ ނޫނީ ބޮޑު ދަރަނި ކަމުގައިވިޔަސްމެއެވެ. ކާބޯތަކެތީގެ ގޮތުން މުއްސަނދިމީހެއް ކަމުގައިވިޔަސް ފައިސާގެގޮތުން ދަރަނިވެރިވެފައިވާ ނަމަވެސް ޒަކާތުން ދެވިދާނެއެވެ.  

މިސާލަކަށް މީހެއްގެ އަތުގައި އޭނާއަށް އޭނާގެ ޢާއިލާއަށް ފުދޭވަރަށް ކާބޯތަކެތި ހުރިކަމުގައި ވިޔަސް އޭނާ ދައްކަންޖެހޭ ދަރަންޏެއް ދެއްކުމުގެ ގާބިލުކަން ނެތްނަމަ ޒަކާތުގެ ފައިސާއިން އެމީހާގެ ދަރަނި ދެއްކިދާނެއެވެ. އަދި އޭނާ ﷲއަށް ޓަކައި ކާބޯތަކެތިން ނެރޭޒަކާތް ދަރަނިދެއްކުމުގެ ނިޔަތުގައި ކާބޯތަކެތީގެ ޒަކާތް ނުދެވޭނެއެވެ.  

ހަތްވަނައީ: 

سَبِيلِ اللَّهِ ”މިއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ހޭދަކުރުމެވެ.“ އެގޮތުން މުޖާހިދުންނަށް އެމީހުން ޖިހާދުކުރުމަށްޓަކައި ފުދޭމިންވަރަށް ޒަކާތުގެ ފައިސާއިން ހޭދަކުރެވިދާނެއެވެ. އަދި އެގޮތުން ޒަކާތުގެ ފައިސާއިން ﷲގެ މަގުގައި ޖިހާދުކުރުމަށް ބޭނުންވާ އެކިއެކި ހަތިޔާރުގަތުމަށް ޒަކާތުގެ ފައިސާއިން ހޭދަކުރެވިދާނެވެ. މިގޮތުން ޝަރުޢީޢިލްމު ޙާސިލްކުރުމަށް އެޢިލްމު ހޯދުމަށްޓަކައި މަސައްކަތްކުރާ ދަރިވަރަށް އޭނާ ތަޢުލީމު ހޯދުމަށާއި އަދި ފޮތްގަތުމަށް ދެވިދާނެއެވެ. އެހެނަސް އެއީ އޭނާގެ އަމިއްލަނަފްސަށް ފުދިގެން ނުވާނަމައެވެ.  

އަށްވަނައީ: 

ابْنِ السَّبِيلِ އެއީ ދަތުރުމަތީގައި ވާމީހާ އޭނާގެ ދަތުރު އޭނާގެ ދަތުރު އެގޮތުން ޒަކާތުގެ ފައިސާއިން އޭނާގެ ދަތުރު ފުރިހަމަކުރުމުގެ ކުޅަދާނަކަން ނުލިބުމުން ޒަކާތް ލިބިދޭ މީހާއެވެ. އެގޮތުން ޒަކާތުގެ ފައިސާއިން އޭނާގެ ދަތުރު ފުރިހަމަކޮށް އޭނާގެ އަމިއްލަ ރަށަށް ދިއުމަށް ޒަަކާތުގެ ފައިސާއިން އޭނާއަށް ދެވިދާނެއެވެ. 

މިއަށް ބަޔަކީ ﷲ ބަޔާންކޮށްފައިވާ ޒަކާތުގެ އަހުލުވެރިންނެވެ.  

ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އެންމެ ޙިކްމަތްތެރި އިލާހުގެ ޢިލްމުން ޚަބަރު ދެއްވާފައިވާ ބައިތަކަކީ މިއެވެ. އެކަލާނގެ ފޮތުގައިމިވަނީ މިބައިތަށް ބަޔާންކޮށްދެއްވާފައެވެ.  

މިސްކިތް އެޅުމަށާއި، މަގުތަށް ހެދުމަށާއި ކަންކަމުގައި ޒަަކާތުގެ ފައިސާ ޚަރަދު ކުރުން ހުއްދައެއް ނުވާނެއެވެ. އެހެނީ މިތަނުގައި ﷲ تعالى ޒަކާތުގެ އަހުލުވެރިން ޛިކުރުކޮށްދީފައިވަނީ ޙަސްރު (ހަމައެކަނި ޙައްޤު އަހުލުވެރިންނަކީ މިބައިމީހުން ކަމުގައިވެ، އެހެން އެއްވެސް ބަޔަކު އަދި އެހެން އެއްވެސް ކަމެއް ކުރުމުގެ ގޮތުން ޒަކާތް ނުދެވޭނެ) ކަމުގައި ބަޔާންކުރުމުގެ ގޮތުގައެވެ.  

ޙަސްރު ކުރުމުން އެގިގެން ދަނީ އެނޫން އެހެން ހުރިހާއެއްޗެއްގެ މައްޗަށް ޙުކުމް ނަފީވެގެންދާ ކަމެވެ. “ (ޝެއިޚްގެ ބަސްފުޅު ބަޔާންކޮށް ނިމުނީ އެވެ.)  

سَبِيلِ اللَّهِ ”މިއީ ﷲގެ މަގުގައި ޖިހާދުކުރުމަށް ހޭދަކުރުމެވެ.“  

އަޚާ އެވެ! ބުނަމެވެ. މިތަނުގައި سَبِيلِ اللَّهِ މާނައަކީ ”ﷲ ގެ މަގުގައި ހޭދަކުރުން“  މި މާނައިގައި ބުނާކަމުގައި ވާނަމަ، އާޔަތުގައި ޛިކުރު ކުރެވިފައިވާ، ފަޤީރުން، މިސްކީނުން، ޢާމިލުން، ދަރަނިވެރިން….. މި އެންމެހައި ފަރާތްތަކަކީ ﷲ މަގުގައި ހޭދަކުރުން ސިފަވެގެންވާ ފަރާތްތަކެއް ނޫން ހެއްޔެވެ؟ ވީއިރު، 7 ބައެއް ޛިކުރު ކުރެއްވުމަށްފަހު 8 ވަނަ ބައެއްގެ ގޮތުގައި سَبِيلِ اللَّهِ މާނައަކީ ”ﷲ ގެ މަގުގައި ހޭދަކުރުން“  އޮތުމުން އެނޫން ބައިތައް ޛިކުރު ކުރުމުގެ އެއްވެސް މާނައެއް ފައިދާއެއްވޭ ހެއްޔެވެ؟ 

އޭގެ ބަދަލުގައި إِنَّمَا الصَّدَقَاتُ فِي سَبِيلِ اللَّهِ  މިފަދައިން އެކަނި އޮތުން ފުދެ އެވެ.  

ވުމުން އާޔަތުގެ މާނައިގެ ގޮތުންނާއި އަދި ފަހުމްވާ ގޮތާއި، އެންމެހައި ގޮތްތަކުން އިނގޭ ކަމަކީ، ފަޤިރުން، މިސްކީނުން، ޢާމިލުން، މުޢައްލިފަތު ޤުލޫބް، ދަރަވެރިންނާއި….. މި އެންމެހައި ފަރާތަތަކީ ﷲ ގެ މަގުގައި ހޭދަކުރެވޭ “ سَبِيلِ اللَّهِ“ ގެ ޢާންމު މާނައިގެ އަހުލުވެރިންގެ ގޮތުގައިވެ، އެއަށްފަހު سَبِيلِ اللَّهِ އައުމުން މި ތަނުގައި އެއީ ޚާއްޞަ މާނަ ކަމުގައިވާ ޖިހާދުގެ މައިދާނަށް ޚާއްޞަވުން ކަން ދޭހަވެ އެވެ.  

ﷲ އީ އެންމެ ޙިކްމަތްވަންތަ ފަރާތްގޮތުގައި ވުމުން، ޒަކާތްވެސް ދާން ޖެހޭނެ ބެހިގެންދާން ޖެހޭނެ އެންމެ ޢަދުލުވެރި ފަރާތްތައް އެއިލާހު މޮޅަށް ދެނެވޮޑިގަންނަވަ އެވެ. އަދި 8 ބައި ޚާއްޞަކޮށްފައި ވަނީ އެކަލާނގެ މޮޅަށް ދެނެވޮޑިގަންނަވާކަން، ޙިކްމަތްވަންތަކަން ޛިކުރު ކުރެއްވުމާއި އެކުގަ އެވެ. ވުމާއެކު މި ނޫން އެއވެސް ބަޔަކަށް ޒަކާތް ދިނުން ޙައްޤެއް ނުވާނެ އެވެ. މިތަނުގައި ބަޔާންވެގެންވާ ޞައްޙަ ފަހުމާއި ޞައްޙަ ޤައުލަކީ މި އެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply