މައްޔިތާ ވަޅުލުމަށްފަހުގައި، މަހާނަ މައްޗަށް ފެން އެޅުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މައްޔިތާ ވަޅުލުމަށްފަހުގައި، މަހާނަ މައްޗަށް ފެން އެޅުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

މައްޔިތާ ވަޅުލުމަށްފަހު، މަހާނައަށް ފެން އެޅުމުގެ ޢަމަލު އެއްވެސް ގޮތަކަށް ނަބިއްޔާ އަދި ނަބިއްޔާ ގެ އަޞްޙާބު ބޭކަލުންގެ އަރިހުން ޘާބިތުވެގެން ނުވެ އެވެ.

ވުމުން މިއީ އެއްވެސް ޙާލެއްގައި މައްޔިތާއަށް މަންފާވާނެ ކަމެއް ކަމެއް ކަމުގައި އަދި އެކަމުގައި އަޖުރެއް ޘަވާބެއް އޮތް ކަމެއް ކަމުގައި ދެކިގެން ނުވާނެ އެވެ.

އަދި ކިޔެއްތަ! މިފަދައިން ދެކެފި ކަމުގައިވާނަމަ، އެހިނދު އެއީ އިސްލާމް ދީނުގެ ތެރެއަށް އެއްވެސް ދަލީލެއް އަދި ޙުއްޖަތެއްނެތި ވައްދާވަފައިވާ ބިދުޢަވެރި ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ.

އެފަދައިން ފެން އެޅުމުގެ ބޭނުމަކީ، މަހާނަ ހެދުމަށްޓަކައި ވެލި ޖަމަޢަކޮށް ވެލި ތެތްކުރުމަށްޓަކައި ކަމުގައިވާނަމަ، އެއީ ބައެއް ޤައުމުތަކުގައި ވެލި ހިކިފައިވުމުގެ ސަބަބުން އެއްތަނަކަށް ޖަމަޢަކޮށް މަހާނައެއްފަދައިން ނުހެދޭތީވެ، ވެލި ތެތް ކޮށްލުމުގެ ޤަޞްދުގައި ފެން އަޅަ އެވެ. އެހެނަސް އެއީ އެއްވެސް ގޮތަކަށް މައްޔިތާއަށް ނަފާއެއް، ހެޔޮކަމެއް އޭގައި އެކުލެވިގެންވާ ނިޔަތެއްގައި ނޫނެވެ. އެހެނަސް އިސްވެ ބަޔާންކުރި ގޮތަށް ވެލި ހިކިފައި ވުމުމުގެ ސަބަބުން މަހާނަ ނުހެދޭތީވެ އެ ސަބަބަށްޓަކަ އެވެ. އެހިނދު އެކަން ހުއްދަވެގެންވާކަން ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.

ދަންނަ އެވެ! މިފަދައިން މަހާނަ ހެދުމަށްޓަކައި އަޅާ ވެލިން، ބިމުން މައްޗަށް އެންމެ ބޮޑަށް އުފުލުން އޮތީ ކައިވަތެއްގެ މިންވަރަށެވެ. އެއަށްވުރެ މައްޗަށް އުފުލުމެއް ނުވެ އެވެ. އެއީ ޤަބުރެއްކަން އަންގައި ބަޔާންކޮށްދިނުމުގެ ޤަޞްދަށްޓަކަ އެވެ.

ހަމައެފަދައިން ބިންމަތިން މިއަށްވުރެ ބޮޑަށް ޤަބުރު އުފުލުން ވަނީ عَلي بن أبي طَالب -رضي الله عنه- ޙަދީޘްގައި ނަހީވެގެންނެވެ. ރިވާޔަތުގައިވެ އެވެ. عَلي بن أبي طَالب -رضي الله عنه- ގެ ޞާޙިބާ أبي هياج الأسدي އަށް ވިދާޅުވި އެވެ. ”ރަސޫލާ صلى الله عليه وسلم ތިމަން ޞަޙާބީ އެ ކަމެއް ކުރުމަށްޓަކައި ފޮނުއްވި، ކަމަކާއިގެން ތިމަން ޞަޙާބީ ތިބާ ފޮނުވަމު ހެއްޔެވެ؟“ (އެއަށްފަހު ރަސޫލާ صلى الله عليه وسلم ފޮނުއްވި ކަންތައް ބަޔާން ކުރެއްވި އެވެ. (ولا قبراً مُشرِفاً إلا سوَّيتَهُ) ”އަދި ބިންމަތިން އުފުލާފައިވާ ޤަބުރެއް ތިބާއަށް ފެނިއްޖެނަމަ، އެ ޤަބުރެއް ބިމާ އެއްވަރު ކޮށްލާށެވެ.“

މި ޢަމަލުގައި އިސްތިސްނާވެގެންވަނީ سَعد بن أبي وقاص -رضي الله عنه- ގެ ޙަދީޘްގައި ބަޔާންވެގެންވާ ކައިވަތަކަށް ބިމުގެ މަތިން އުފުލުމެވެ. އެކަމުގައި ގޯހެއް ނެތެވެ.

ފަހެ، ވުމާއެކު، އަހަރެމެންގެ ދިވެހި ރާއްޖޭގައި ބިންގަޑުގައި ތެތްކަން ހުރުމާއި އަދި ކޮނެފައި ނެރެވޭ ފަސްތައް ތެތްވެފައި ވުމުގެ ސަބަބުން މިފަދައިން ފެން އެޅުމުގެ އެއްވެސް ޙާޖަތެއް ނުވެ އެވެ.

މި ސަބަބަށް ނޫން ގޮތަށް ދެކި، އެއީ މައްޔިތާއަށް އެކަމުގައި ހެވެއް އަދި މަންފާއެއް ވާކަން ދެކިގެން ކުރާނަމަ، ޝައްކެތްވެސް ނެތްގޮތުގައި އެއީ ދީނަށް އަލަށް ވައްދާފައިވާ ބިދުޢަވެރި ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ. އެކަން އެފަދައިން ކުރާ ބަޔަކު އެވަނީ ފާފަވެރި ވެފަ އެވެ. އަދި އެކަމަށް މަގުދެއްކި އަދި ވާގިވެރިވި މީހާވެސް އެފަދައިން ފާފާ އުފުލާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts