ޢާޝޫރާ ދުވަހުގައި ރޯދަ ހިފުން ނޫން އެހެން އަޅުކަމެއްވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޢާޝޫރާ ދުވަހާއި ގުޅިގެން ރޯދަ ހިފުން ނޫން އެއްވެސް ޚާއްޞަ ޢަމަލެއް ނުވެ އެވެ.
އެފަދަ އެއްވެސް ޢަމަލެއް ޘާބިތެއްނުވެ އެވެ.
އެފަދައިން ލިޔެފައިވާ އެއްވެސް ޢަމަލަކީ ޘާބިތު އެއްޗެއް ނޫން ކަން ދަންނަ ހުއްޓެވެ.
މިދުވަހުގައި ކުރެވޭ އެކި އެކި ޢަމަލުތަކަށް ޖުމްލަކޮށް އަދި ތަފްޞީލުކޮށް ޢިލްމުވެރިން ބަސްފުޅުތައް ވިދާޅުވެފައިވެ އެެވެ.
އޭގެ ތެރޭގައި شَيخُ الإِسلام ابن تَيمية -رحمه الله- ވިދާޅުވެފައިވެ އެވެ.
“ދެންފަހެ، އެހެނިހެން އެންމެހައި ކަންތައްތައް، މިޘާލަކަށް، ޢާދަވެ ކެއުން ބުއިމަށް ބޭނުންކުރާ މިންވަރަށްވުރެ ކާބޯތަކެތި ތައްޔާރު ކުރުމާއި، އެގޮތުން ގޮވާމުގެ ބާވަތްތައް ނުވަތަ އެނޫންވެސް ބާވަތްތައް ހޯދައިގަތުމާއި، އެދުވަހަށް އާ ހެދުންތައް ލުމާއި، އެދުވަހުގައި މީސްތަކުންނަށް ހޭދަކުރުން އިތުރު ކުރުމާއި ނުވަތަ އިތުރަށް ތަކެތި އެދުވަހަށްޓަކައި ގަތުމާއި ނުވަތަ އެދުވަހަށް ޚާއްޞަކޮށް ކުރާ އަޅުކަންތައް ކުރުމާއި، މިޘާލަކަށް ޚާއްޞަ ނަމާދެއް، އެދުވަހަށް ޚާއްޞަކޮށް ޤުރުބާން ކުރުމާއި ނުވަތަ އެ ދުވަހުގައި ކެއްކުމަށްޓަކައި އުޟްޙިއްޔާގެ މަސްތައް ރައްކާކުރުމާއި، އެ ދުވަހަށް ޚާއްޞަކޮށް އަނދުންއެޅުމާއި، ހީނާފަތް އަަޅައި ކުލަޖެއްސުމާއި ނުވަތަ އެދުވަހަށް ހިނައިގަތުމާއި، ސަލާމް ކުރުމާއި، އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި ނުވަތަ މިސްކިތްތަކަށް ޒިޔާރަތް ކުރުމާއި، ޒިޔާރަތްތަކަށް ދިއުމާއި މިފަދަ އެންމެހައި ކަންތައްތަކަކީ ﷲ ގެ ރަސޫލާ ކަނޑައަޅުއްވާފައިނުވާ، އެ ނަބިއްޔާގެ ޚަލީފާވެރި ބޭކަލުން ކަނޑައަޅައިފައިނުވާ މުންކަރު ބިދުޢަތަކެވެ.
އަދި މުސްިމުންގެ ތެރޭގައިވި އެއްވެސް އިމާމަކު އެއީ مَالك ކަމުގައިވީނަމަވެސް الثَّورِي ކަމުގައިވީނަމަވެސް اللَّيثُ بن سَعد ކަމުގައިވީނަމަވެސް أَبُوحَنِيفَة ކަމުގައިވީނަމަވެސް الأَوْزَاعِي ކަމުގައިވީނަމަވެސް الشَّافِعِي ކަމުގައިވީނަމަވެސް أَحمَدُ بن حَنْبَل ކަމުގައިވީނަމަވެސް إِسْحَاق بن رَاهويَة މިފަދަ މުސްލިމުންގެ އިމާމުންގެ ތެރެއިންވި އެއްވެސް ބޭކަލަކު އަދި މުސްލިމުންގެ ތެރެއިންވި އެއްވެސް ޢިލްމުވެރިޔަކު ވިދާޅުވެފައެއް ނުވެ އެވެ.“
مجموع الفتاوى (13-167)
މި ޒަމާނުގެ ސުންނަތުގެ އިމާމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلاَّمَة الشَّيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.
“މި ދުވަހާ ގުޅޭ ގޮތުން، މިއަދު ދެ ބައިގަނޑެއް ހައްދުފަހަނައަޅައިފައިވެ އެވެ.
ޔަހޫދީންނާއި އެއްފަދަ ވެފައިވާ ބައިގަނޑެކެވެ. އެގޮތުން ޢާޝޫރާ ދުވަހަކީ އެބައިމީހުން އުފާފާޅުކޮށް އެބައިމީހުންނަށް އޮތް ޢީދެކެވެ. އަދި އެދުވަހު އެބައިމީހުން އުފާފާޅު ކުރުމާއި، އަނދުން އެޅުމާއި އަދި ހީނާފަތް އެޅުމާއި، އަނބިންނާއި ދަރިންނަށް ގިނަގޮތްތަކުން ހޭދަކުރުމާއި، ކާބޯތަކެތި ޢާންމުކޮށް ޢާދަކާދައިގެ ގޮތުން ތައްޔާރުކުރާ މިންވަރަށްވުރެ ބޮޑަށް މިދުވަހަށް ޚާއްޞަކޮށް ކާބޯތަކެތި ތައްޔާރު ކުރުމާއި، މިފަދަ ޖާހިލު ޢަމަލުތައް ކުރުން ހިމެނެ އެވެ. ފަހެ މި މީހުން ފަސާދަ، ފަސާދައާ ކުރިމަތި ކޮށްފަ އެވެ. އަދި ބިދުޢަ ވަނީ ބިދުޢައާ ކުރިމަތި ކޮށްފަ އެވެ.
އަދި އަނެއްބައިގަނޑު ވަނީ ޢާޝޫރާ ދުވަހަކީ ހިތާމަ ފާޅުކޮށް ދެރަ ފާޅުކޮށް އަދި ހަށިގަނޑުގައި ތަޅައި ހަށިގަނޑަށް އަނިޔާކޮށް ޢަމަލުކުރުމެވެ. އެމީހުން މިކަންތައް ކުރަނީ الحسن بن علي -رضي الله عنه- އަވަހާރަވެގެން ދިއުމުގެ ހިތާމައިގަ އެވެ.
އެގޮތުން މިދުވަހު ޖާހިލިއްޔަތުގެ ޝިޢާރުތައް ފާޅުކޮށް، މޭގައި ތެޅުމާއި، ހަށިގަނޑުގައިވާ ފޭރާން ވީދާލުމާއި، ހިތާމައިގެ ޅެން ކިޔުމާއި، އެ ޚަބަރުތައް ތެދުކުރެވޭ ވަރަށްވުރެ ދޮގުކުރެވޭ ޚަބަރުތައް ރިވާކުރުމެވެ. މިކަމުގައި އެބައިމީހުންގެ ޤަޞްދަކީ ފިތުނަވެރިކަމުގެ ދޮރު ހުޅުވާލުމެވެ. އަދި އުއްމަތް ބައިބައިކޮށްލުމެވެ. އަދި މި އެންމެހައި ޢަމަލުތަކަކީ އެމީހަކަށް ތިމަންނަ ކުރަނީ ހެޔޮކަންތައްތަކެއް ކަމުގައި ހީވެ، އެހެނަސް މަގުފުރެދިފައިވާ ޢަމަލުތަކެއް ކަމުގައިވެ އެވެ.
ހަމަކަށަވަރުން ﷲ ވަނީ ސުންނަތުގެ އަހުލުވެރިންނަށް ހިދާޔަތް ދައްކަވާފައެވެ. އެމީހުންގެ ނަބިއްޔާ ﷺ އަމުރުފުޅު ކުރައްވާފައިވާ ގޮތުގައި ރޯދަ ހިއްޕަވާ ޢަމަލުފުޅު ކުރެއްވެވިއެވެ. އެއީ ޔަހޫދީންނާ އެއްގޮތް ނުވާގޮތުގައެވެ. އަދި (އެ ދުވަހު) ޝައިޠާނާ މީސްތަކުންނަށް އަމުރުކޮށްފައިވާ ބިދުޢަތަކުން އެއްކިބާވި އެވެ. ފަހެ، ﷲ އަށް ޙަމްދާއި މިންނަތް ހުއްޓެވެ.“
رسالة في أحاديث شهر الله المحرم 13
ވުމާއެކު އަޚާ އެވެ!
ދަންނަހުއްޓެވެ! އެއްވެސް ޚާއްޞަ ދުޢާ އެއް، ޚާއްޞަ ދުޢާއެއް، ޚާއްޞަ ތަސްބީހަ، ތަކްބީރު ނުވަތަ ޤުރުއާނުން ވަކި ތަނެއް ނުވަތަ ވިރުދެއް ކިޔުމަށް ބުނެފައިވާނަމަ އެ އެންމެހައި ޢަމަލު ތަކަކީ ﷲ ބާވައިލައްވާފައި ނުވާ، ދީނަށް ޢަލަށް ވައްދާފައިވާ ޞަރީޙަ ބިދުޢަވެރި ޢަމަލުތަކެވެ. މިފަދަ އެންމެހައި ޢަމަކުތަކުގެ މައްޗަށް ނަފްސަށް އިންޒާރުލިބި ސަލާމަތްވުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.