ފިރިމަރުވެފައިވާ އަންހެނާގެ މައްޗަށް ކަނޑައެޅިފައިވާ ޙުކުމްތަކަކީކޮބާތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފިރިމަރުވެފައިވާ އަންހެނާގެ މައްޗަށް ކަނޑައެޅިފައިވާ ޙުކުމްތައް

ފުރަތަމައީ :

އެންމެހައި ބާވަތްތަކެއްގެ މީރުވަސްދުވާ ތަކެއްޗެވެ.

ފަހެ، އަންހެންމީހާ ހަށިގަނޑުގައި އެއްވެސް މީރުވަސްދުވާ އެއްޗެއް ބޭނުން ކޮށްގެން ނުވާނެ އެވެ. އަދި ފޭރާމުގައި އެއްވެސް މީރުވަސްދުވާ އެއްޗެއް ބޭނުން ކޮށްގެން ނުވާނެ އެވެ. އަދި މީރުވަސްދުވާ ތަކެތި އިސްތިޢުމާލު ކޮށްގެންވެސް ނުވާނެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޞައްޙަ ޙަދީޘްގައި ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. أم عطية -رضي الله عنها- ގެ އަރިހުން އިމާމް البخَارِي އަދި مسلم ރިވާކުރައްވަފައިވާ ޙަދީޘްގައިވެ އެވެ. (ولا تمس طيبا) ”މީރުވަސްދުވާ އެއްޗެއް ބޭނުންކޮށްގެން ނުވާނެ އެވެ.“

ދެވަނައީ :

ހަށިގަނޑު އެއްވެސް ގޮތަކަށް ޒީނަތްތެރި ކުރުން. އެގޮތުން، ހީނާފަތް އެޅުން ޙަރާމްވެގެންވެ އެވެ. އަދި އެންމެހައި ބާވަތްތަކުގެ ޒީނަތްތެރިވުން. އެގޮތުން އަނދުން އެޅުމާއި، ހަންގަނޑުގައި ކުލަޖެއްސުން ފަދަ (މޭކަޕް ކުރުން) ޙަރާމްވެގެންވެ އެވެ.

މި ޙުކުމް ބަޔާންވެގެންވާ ޙަދީޘްގެ ތެރޭގައި އިމާމް أبي داود -رحمه الله- ޞަޙާބިއްޔާ أم سلمة أم المؤمنين -رضي الله عنها- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (المتَوفَّى عنْها زوجُها لاَ تلبسُ المعصفرَ منَ الثِّيابِ ولاَ الممشَّقةَ ولاَ الحلي ولاَ تختضبُ ولاَ تَكتحلُ) ”ފިރިމަރުވެފައިވާ އަންހެނާ، މުޢަޞްފަރު ފޭރާން (އެބަހީ : ޒީނަތްތެރި ކުރުމަށް އޭގައި ރީދޫ ކުލައާ އެއްފަދައަށް ދާ ކުލައެއް ޖައްސާފައިވާ ފޭރާން) އަދި މުމްޝައްޤަ (އެބަހީ : ފޭރާން ޒީނަތްތެރި ކުރުމަށް ރަތްކުލައަށްދާ ފޭރާން) ލުން ހުއްދައެއް ނުވާނެ އެވެ. އަދި އެއްވެސް ގަހަނާއަށް އަޅައިގެން ނުވާނެ އެވެ. އަދި ހީނާފަތް އަޅައިގެން ނުވާނެ އެވެ. އަދި އަނދުން އަޅައިގެން ނުވާނެ އެވެ.“

ޙަދީޘްގައި ބަޔާންވެގެންވަނީ އެންމެހައި ޒީނަތްތެރި ވުމުގެ ޢަމަލުތަކުން ދުރުވުމެވެ.

އޭގެ ތެރޭގައި އިސްތަށިގަނޑުގައި ކުލަ ޖެއްސުމާއި، އަތާއި ފައިގައި ކުލަ ޖެއްސުމާއި މިފަދަ އެންމެހައި ޒީނަތްތަކުން ދުރުވުމެވެ.

ބޭސްފަރުވާ އަކަށްޓަކައި އަނދުން އަޅަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ އެވެ. ޒީނަތްތެރި ވުމުގެ ގޮތުންނެއް ނޫނެވެ. ފަހެ، އަންހެންމީހާ ރޭގަނޑުގައި އަނދުންއަޅައި ދުވާލުގައި އެ ފޮހެލާ ސާފުކުރުން ހުއްޓެވެ.

އަދި ޒީނަތްތެރި ކަމެއް ނުވާގޮތުގައި، ބޭސްފަރުވާގެ ގޮތުގައި އަނދުން ނޫން އެއްޗެއް އެޅުން ހުއްދަވެގެންވެ އެވެ.

ފަހެ، މިކަމުން ބަޔާންވަނީ އަނބިމީހާގެ ގާތުގައި ވަކިވި ފިރިހެން މީހާގެ މަޤާމާއި އޭނާގެ ޤަދަރުވެރިކަމެވެ.

ފަހެ، އެ އަންހެން މީހާއަށް އެހެން ފަރާތަކުން ހިތް ކިޔުމާއި އެފަދައިން މަގު ހުޅުވި ދިއުމަށް އޮތް އެންމެހައި ގޮތްތަކެއް ބަންދުވެ ދެ އެވެ.

ތިންވަނައީ :

ޒީނަތްތެރި ކަމަށް ތައްޔާރު ކުރެވިފައިވާ ފޭރާން ބޭނުން ކުރުން : އަދި ފޭރާންތަކުގެ ގޮތުގައި ބޭނުންކުރުންވަނީ އޭގައި އެއްވެސް ޒީނަތްތެރިކަމެއް ނުވާ ފޭރާންތަކެވެ. އަދި އެއްވެސް ކުލައެއް ޚާއްޞަ ކުރެވިފައެއް ނުވެ އެވެ. އެހެނަސް އާދަކާދައިގެ ގޮތުން ބޭނުންކުރާ ފެރާން ބޭނުން ކުރުމެވެ.

ހަތަރުވަނައީ :

އެންމެހައި ގަހަނާތަކެއް، އެއީ އަނގޮއްޓި ކަމުގައިވީ ނަމަވެސް ބޭނުން ކުރުން ޙަރާމް އެވެ.

ފަސްވަނައީ :

މަރުވި ފިރިމީހާއާ އެކުގައި ދިރިއުޅުނު ގެ ނޫން އެހެންތަނެއްގައި ރޭކުރުން. ޝަރުޢީ ޢުޛުރަކާ އެކުގައި ނޫނީ އެ ގެ ނޫން އެހެންތަނަކަށް ދިއުން ހުއްދައެއް ނުވާނެ އެވެ. އެއީ ފިރިމީހާއަށް މިލްކުކުރެވިފައި ނުވާ ތަނެއް ކަމުގައިވީނަމަވެސް އެވެ. ބަލިމީހަކަށް ޒިޔާރަތް ކުރުމަށް ގެއިން ނުކުމެގެން ނުވާނެ އެވެ. އަދި ރަޙްމަތްތެރިއަކަށް ނުވަތަ ޤާތްތިމާގެ މީހަކަށް ޒިޔާރަތް ކުރުމަށް ގެއިން ނުކުތުމެއް ނުވެ އެވެ.

އަދި އަންހެން މީހާއަށް ޒަރޫރީ ކަމެއް ދިމާވެގެން ދުވާލުގެ ވަޤުތެއްގައި ގެއިން ނުކުތުން ހުއްދަވެގެންވެ އެވެ. ﷲ ހުއްދަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން މި 5 ކަންތައް ނޫން އެހެން ކަމެއް އަންހެން މީހާގެ މައްޗަށް މަނާވެގެންނެއް ނުވެއެވެ.

އިމާމް ابن قدامة -رحمه الله- ވިދާޅުވެފައިވެ އެވެ. ”ފިރިމީހާ މަރުވެފައިވާ އަންހެން މީހާއަށް ވާޖިބުވެގެންވަނީ، މަރުވި ފިރިމީހާ އެކުގައި ދިރިއުޅުނު ގޭގައި ޢިއްދައިގެ މުއްދަތުގައި ދެމިހުރުމެވެ….. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم-

فريعة އަށް ޙަދީޘް ފުޅު ކުރެއްވި އެވެ. (اعتدي في البيت الذي أتاك فيه نعي زوجك) ”ކަމަނާގެ ފިރިމީހާ މަރުވި ޚަބަރު ލިބުނު ހިނދު، (ދިރިއުޅެމުންދިޔަ) ގޭގައި ޢިއްދައިގައި ދެމިހުންނާށެވެ.“ ފަހެ، އެޚަބަރު ލިބުނީ އަންހެން މީހާ ދިރިއުޅޭ ގެ ނޫން ތަނެއްގައި ހުއްޓާ ކަމުގައިވާނަމަ، ދިރިއުޅޭ ގެއަށް ރުޖޫޢަވެ އެތަނުގައި ޢިއްދައިގެ މުއްދަތް ފުރިހަމަ ކުރުން ހުއްޓެވެ.“ المغني (9/ 167)

ސަޢުދީ ޢަރަބިއްޔާގެ ފަތުވާކޮމެޓީގެ ފަތުވާ (20/474) ގައިވެ އެވެ.

ފިރިމީހާ މަރުވެފައިވާ އަންހެން މީހާއަށް ވާޖިބުވެގެންވަނީ، ޢިއްދައިގެ މުއްދަތުގައި (މުޙާއްދައިގެ މުއްދަތުގައި) ފިރިމީހާ މަރުވިހިނދު އުޅުނު ގޭގައި އުޅުމެވެ. އެއީ 4 މަހާއި 10 ދުވަހެވެ. މާބަނޑު އަންހެނެއް ނޫން ކަމުގައިވާނަމަ އެވެ. އަދި އެ ގޭގައި މެނުވީ ރޭ ކުރުމެއް ނުވެ އެވެ. އަދި އަންހެން މީހާއަށް ދުވާލުގެ ވަޤުތުގައި ޙާޖަތެއް ދިމާވެ، އެ ޙާޖަތުގެ މިންވަރަށް ނިކުތުން ހުއްދަވެގެންވެ އެވެ.“

الشيخ عبد الله القرعاوي -رحمه الله- ވިދާޅުވެފައިވެ އެވެ.

ސުވާލު : ފިރި މަރުވެފައިވާ އަންހެނާ ޙާޖަތެއްނެތި ގެއިން ނުކުތުން ހުއްދަވެގެން ވޭތޯ އެވެ؟

ޖަވާބު : ”ފިރިމަރުވެފައިވާ އަންހެނާ ގޭގައި ޤާއިމްވެ އިނުން ހުއްޓެވެ. އަދި ޙާޖަތެއް މެދުވެރިވެގެން މެނުވީ ދުވާލުގެ ވަޤުތުގައި ގެއިން ނުކުމެގެން ނުވާނެ އެވެ. އަދި ރޭގަނޑުގެ ވަޤުތުގައި ޟަރޫރީ ޙާލަތެއް ދިމާވެގެންމެނުވީ ގެއިން ނުކުމެގެން ނުވާނެ އެވެ. އަދި ޙާޖަތެއް މެދުވެރިނުވެ ގެއިން ނުކުމެއްޖެނަމަ ނުވަތަ އަމިއްލަ ގެ ނޫން އެހެން ގެއެއްގައި ޟަރޫރީ ޙާލަތެއް މެދުވެރިނުވެ ރޭކޮށްފި ހިނދު، ﷲއަށް ފާފަ ފުއްސެވުމަށް އެދި ދަންނަވައި އެކަމަށް ތަޥްބާވުން ހުއްޓެވެ. އަދި އެފަދަ ޢަމަލެއް ތަކުރާރުކޮށްގެން ނުވާނެ އެވެ. އަދި ޢިއްދައިގެ ދުވަސްތަކެއް އޮވެއްޖެހިނދު، އަމިއްލަގެއަށް އަނބުރައި ރުޖޫޢަވެ ޢިއްދަ ފުރިހަމަކުރުން ހުއްޓެވެ “

أسئلة و أجوبة عن أحكام الجنائز ص 23

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts