ނަމާދު ވަގުތު ވަނުމަށްފަހުގައި ނަމާދު ނުކޮށް ހުއްޓާ އަންހެނަކު ޙައިޟުވީ އެވެ. އެހިނދު އެ ނަމާދާއި މެދުގައި ޢަމަލު ކުރާނީ ކިހިނެތް ތޯ އެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މި މައްސަލައަކީ ފިޤުހުވެރިންގެ މެދުގައި ވަރަށްވެސް ޚިލާފު ބޮޑުވެފައިވާ މައްސަލަތަކުގެ ތެރެއިން މައްސަލައެކެވެ. އުއްމަތުގެ ފިޤުހުވެރިން މި މައްސަލައިގައި ޢަމަލު ކުރުމަށް ކަނޑައެޅިފައިވާ ހުކުމުގެ މައްޗަށް ތަފާތު ރައުޔު ފާޅު ކުރައްވާފައިވެ އެވެ.
ފުރަތަމައީ : ނަމާދު ވަގުތު ވަނުމަށްފަހު، އަންހެން މީހާއާ ހައިޟު ކުރިމަތިވެ ނުކުރެވިފައިވާ ނަމާދު ކުރުން އަންހެން މީހާގެ މައްޗަށް އެއްވެސް ޙާލެއްގައި ވާޖިބެއް ނުވާނެ އެވެ. އެގޮތުން ޙައިޟު ކުރިމަތިވީ ނަމާދުގެ ކުރީކޮޅު ނުވަތަ ފަހުކޮޅުގައި ވީނަމަވެސް އެވެ. މި ޤައުލަކީ الحنفية (المبسوط للسرخسي 2 / 14) މަޛްހަބުގެ ޤައުލެވެ. އަދި އިމާމް ابن حزم (المحلى 2 / 175) މި ރައުޔަށް ބުރަވެވަޑައިގެންފައިވެ އެވެ.
ދެވަނަ ޤައުލަކީ : އަންހެން މީހާ ޙައިޟުވީ ނަމާދު ވަޤުތު ވަނުމަށްފަހު އެ ނަމާދު ކުރެވޭ މިންވަރަށް ވަޤުތު ލިބުމަސްފަހުގަ އެވެ. ފަހެ، އެހިނދު ޙައިޟުން ޠާހިރުވުމަސްފަހު އެ ނަމާދު ކުރުން ވާޖިބުވާނެ އެވެ. ނަމާދު ވަޤުތު ވަނުމަށްފަހު، އެ ނަމާދު ކުރެވޭނެ މިންވަރަށް ވަޤުތު ނުލިބެ ޙައިޟު ކުރިމަތިވިނަމަ ޤަޟާ ކުރުން ވާޖިބެއް ނުވާނެ މި ޤައުލަކީ الشافعية (المجموع 3 / 71) މަޛްހަބުގެ ޤައުލެވެ.
ތިންވަނަ ޤައުލު : ޙައިޟު ކުރިމަތިވުމަށްފަހު، ނަމާދު ވަޤުތުން ބޭރުވުމާ ދެމެދު އެންމެ ރަކުޢަތެއް ކުރާނެ މިންވަރު އޮތްނަމަ، އެ ނަމާދު ޤަޟާކުރުން ވާޖިބުވާނެ އެވެ. މި ޤައުލަކީ المالكية (مواهب الجليل 1 / 411) މަޛްހަބުގެ ޤައުލެވެ.
ހަތަރުވަނަ ޤައުލަކީ : ވަޤުތު ވަނުމަސްފަހު ޙައިޟުވުމާ ދެމެދު ޙަރަމް ބަންނަ ތަކްބީރު ކިޔޭނެހާ ވަޤުތުކޮޅެއް ލިބުނެވެ. އެ މިންވަރުގެ ވަޤުތުކޮޅެއް ލިބުނުކަމުގައިވީނަމަވެސް ޤަޟާ ކުރުން ވާޖިބުވާނެ އެވެ. މިއީ الحنابلة (الفروع 1 / 306) ގެ މަޛްހަބުގައި އެންމެ މަޝްހޫރު ބުނުމެވެ.
ފަސްވަނައީ : އަންހެން މީހާއާ ހައިޟު ކުރިމަތިވީހިނދު ނަމާދުގެ ވަޤުތުން ބާކީ އޮތް މިންވަރަކީ، ހަމައެކަނި ނަމާދެއް ކޮށްލެވޭނެ މިންވަރު އެކަންޏެވެ. އެބަހީ ނަމާދުގެ ވަޤުތުގެ ބޮޑުބައި ފާއިތުވެދިޔައީ ނަމާދު ކުރެވޭ ޙާލުގަ އެވެ. ނަމާދު ކުރުމުގެ ޤާބިލްކަން ލިބިގެންވާ ޙާލުގަ އެވެ. އެއަށްފަހުގައި ޙައިޟު ކުރިމަތިވީ އެވެ.
މިޙާލުގައި ނަމާދު ޤަޟާ ކުރުން ވެ އެވެ. މިއީ الحنفية މަޛްހަބުގެ ބައެއް ބޭކަލުން އަދި شيخ الإسلام ابن تيمية -رحمه الله – (الاختيارات ص 53) އިޚްތިޔާރު ކުރެއްވި ބަސްފުޅެވެ.
އެބަހީ ނަމާދު ވަޤުތު ވަނެ އެވެ. އަދި އެއީ ނަމާދުގެ އެންމެ ކުރީކޮޅެވެ. އަދި ހައިޟު ކުރިމަތިވީ އެވެ. އެހިނދު ނަމާދު އެ ނަމާދު ޙައިޟުން ތާހިރު ވުމަށްފަހު ޤަޟާ ކުރުމެއް ނުވެ އެވެ.
والله أعلم މައްސަލައިގެ މައްޗަށް ސާފު ދަލީލެއް ނެތްކަމުގައިވީނަމަވެސް މިއީ އެންމެ ހެޔޮވެގެންވާ ބުނުމެވެ.
އެބަހީ، އެއްވެސް އަންހެނެއްގެ މައްޗަށް ނަމާދު ވަޤުތު ވަނުމާއެކު ނަމާދުގެ އެންމެ ކުރީ ކޮޅުގައި ނަމާދު ޤާއިމް ކުރުމަކީ ވާޖިބުވެގެންވާ ކަމެއް ނޫނެވެ. ނަމާދުގެ ފަހުކޮޅަށް އެޅިއްޖެހިނދު ނަމާދު ވީހާވެސް އަވަހަށް ޤާއިމް ކުރުން އެހިނދު ވާޖިބުވީ އެވެ.
އެ ގޮތުން، އެ ނަމާދެއްގެ އެންމެ ކުރީކޮޅު ޙައިޟުވެއްޖެ އަންހެން މީހާއަށް އެ ނަމާދު ތާހިރުވުމަށްފަހު ޤަޟާ ކުރުމެއް ނުވެ އެވެ. އެހެނަސް ނަމާދު ވަޤުތުވަދެ، ޙައިޟު ކުރިމަތިވީ ނަމާދު ފަހުކޮޅުގައި ވެއްޖެހިނދު، އެ ނަމާދު އެހިނދު ޤަޟާ ކުރުން ވާޖިބުވެގެންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
