ދުނިޔެ ދޫކުރާ ފުރާނަތައް އެހެން ފުރާނަތަކާއި ބައްދަލުވާނެ ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ދުނިޔެ ދޫކުރާ ފުރާނަތައް (ސުވަރުގޭގެ ނިޢުމަތާއި، އެ ބާއްޖަވެރިކަމުގައިވާ) ފުރާނަތައް އެހެން ފުރާނަތަކާއި ބައްދަލުވާނެ ކަމުގައި ސުންނަތުގެ އަހުލުވެރިން ވިދާޅުވެ އެވެ.
ދަންނަ އެވެ! އަހުލުއް ސުންނަތުގެ ޤައުލަކީ، ހަށިގަނޑަށް ނިއުމަތް ޙާޞިލް ކުރާ ފަދައިން ފުރާނައަށްވެސް އެ ނިޢުމަތްތައް ލިބޭނެ ކަމެވެ. އަދި ޢަޒާބުތައް ލިބިގެންދާ ހަށިތަކުގެ ފުރާނަތަކަށްވެސް އެ ޢަޛާބު ލިބިގެންދާނެ ކަމެވެ.
އެ ގޮތުން ﷲ ވަޙީ ކުރައްވާފައިވެ އެވެ. (فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ) ”(އެބައިމީހުން ތިބޭހުށީ) اللَّه، އެކަލާނގެ ފަޟްލު ވަންތަކަމުން އެބައިމީހުންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ ޙާލު ގައެވެ. އަދި، އެބައިމީހުންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެބައިމީހުންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެބައމީހުންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެބައިމީހުން އުފާކުރާ ޙާލު ގައެވެ.“
އާޔަތުގައި ބަޔާންވަނީ، މަރުވުމަށްފަހު، ނިޢުމަތުގައިވާ ފުރާނަތައް އޭގެ ކުރިން ދުނިޔެ ދޫކޮށްފައިވާ ފުރާނަތަކާއި ބައްދަލުވެ، އަދި މުސްތަޤްބަލުގައި އެ ފުރާނަތައް ދަތުރުކޮށްފައިވާ ހިސާބަށް އަންނަންއޮތް ފުރާނަ ތަކާއި މެދުގައި ސުވާލު ކުރާނެ ކަމެވެ.
މި މައްސަލައިގައި ވާރިދުވެގެންވާ ޙަދީޘްތަކުގެ ތެރޭގައި އިމާމް النسائي ސުނަނުގައި ޞަޙާބީ أبو هريرة -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތް ހިމެނެ އެވެ. ރިވާޔަތުގައިވެ އެވެ. إذا حُضِرَ المؤمنُ أتتهُ ملائِكَةُ الرَّحمةِ بحريرةٍ بيضاءَ ، فيقولونَ : اخرُجي راضيةً مرضيًّا عنكِ إلى رَوحِ اللَّهِ ، ورَيحانٍ ، وربٍّ غيرِ غضبانَ فتخرجُ كأطيَبِ ريحِ المسكٍ حتَّى إنَّهُ ليُناولُهُ بعضُهُم بعضًا حتَّى يأتون بِهِ بابَ السَّماءِ فيقولونَ : ما أطيَبَ هذِهِ الرِّيحَ الَّتي جاءتْكم منَ الأرضِ فيأتونَ بِهِ أرواحَ المؤمنينَ فلَهُم أشَدُّ فرحًا بِهِ مِن أحدِكُم بِغائبِهِ يقدمُ علَيهِ فيَسألونَهُ ماذا فَعلَ فلانٌ ماذا فعلَ فلانٌ ، فيقولونَ : دَعوهُ فإنَّهُ كانَ في غَمِّ الدُّنيا فإذا قالَ أما أتاكُم ، قالوا : ذُهِبَ بِهِ إلى أمِّهِ الهاويةِ وإنَّ الكافرَ إذا احتُضِرَ أتتهُ ملائِكَةُ العذابِ بمِسحٍ فيقولونَ : اخرُجي ساخطةً مسخوطًا عليكِ إلى عذابِ اللَّهِ عزَّ وجلَّ ، فتخرجُ كأنتنِ ريحِ جيفةٍ حتَّى يأتونَ بِهِ بابَ الأرضِ فيقولونَ : ما أنتنَ هذِهِ الرِّيحَ حتَّى يأتون بِهِ أرواحَ الكفَّارِ
”މުއުމިނު އަޅާގެ މަރު ހާޟިރުވެއްޖެ ފަށުވީގެ ހުދު ފޮތިގަނޑެއް (ކަފުނެއްގެ ގޮތުގައި) ހިއްޕަވައިގެން ރަހުމަތުގެ މަލާއިކަތުން ވަޑައިގަންނަވާނެ އެވެ. އަދި ވިދާޅުވާނެ އެވެ. ރުހިގެންވާ ހާލު އަދި ރުއްސެވުން ލިބިގެންވާ ހާލު ހިތްހަމަޖެހުމާއި ހެޔޮވެގެންވާ ރިޒްޤާއި އަރާމު ލިބިގަތުމަށަށް ނުކުންނާށެވެ.
އަދި ތިބާއާ މެދު ކޯފާވުމުގައި ނުވާ ތިބާގެ ވެރި ރައްބާއި ބައްދަލު ކުރުމަށް ނުކުންނާށެވެ. އެހިނދު އެންމެ މީރުވަސް ދުވާ މިސްކުގެ ވަހަކާއެކު އެ ރޫޙު ނުކުންނާނެ އެވެ. އަދި ހަމަކަށަވަރުން އެބޭކަލުން އެއްބޭކަލެއްގެ އަތްމަތިން އަނެއް ބޭކަލަކު އުޑުގެ ދޮރާއި ހަމައަށް ފޯރަންދެން އެ ރޫހު އުފުލުމުގައި ވާނެ އެވެ.
ދެން ދުނިޔޭގެ އުޑާއި ހަމައަށް ފޯރުމުން (އުޑުގައިވާ ބައެއް މަލާއިކަތުން ވިދާޅުވާނެއެވެ. ”ބިމުން ތިޔަބައިމީހުންގެ ގާތަށް އައި މި ވަހުގެ މީރުކަމާ އެވެ. ދެން މުއުމިނުތަކުންގެ ރޫހުތަކުގެ އަރިހަށް އެ ރޫހާއިގެން މަލާއިކަތް ބޭކަލުން ވަޑައިގަންނަވާނެ އެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހެއްގެ ގާތަށް (އެތަކެއް ދުވަހު) ނުފެނި ހުރުމަށްފަހު އަންނަ މީހަކަށްޓަކައި ތިޔަބައިމީން އުފާކުރާވަރަށްވުރެ ބޮޑަށް އެ ރޫހާ ބައްދަލުވުމުން މުއުމިނުންގެ ރޫޙުތައް އުފާކުރާނެ އެވެ. އަދި ސުވާލުކުރާނެއެވެ. އެވަނި މީހަކު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ މިވެނި މީހަކު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ……“ މި ޙަދީޘް صحيح النسائي 1832 ގައި އިމާމް الألباني ޞައްޙަ ކުރައްވާފައިވެ އެވެ.
ފަހެ، ޙަދީޘްއިން ބަޔާންވަނީ މުއުމިނު، ސުވަރުގެވަންތަ ފުރާނަތައް އޭގެ ކުރީގައި ދުނިޔެ ދޫކުރި ފުރާނަތަކާއި ބައްދަލުވާނެ ކަމާއި އަދި އެ ފުރާނަތަކާއި ބައްދަލުވި ފުރާނަ ކައިރީގައި ދުނިޔޭގައިވި އަހުލުވެރިންނާ މެދުގައި ސުވާލުކޮށް ދަންނަވާނެ ކަމެވެ.
މި މައްސަލައިގައި އިމާމް شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދިރިތިބި އަހުލުވެރިންގެ ފުރާނަ ހިއްޕެވުމަށްފަހު، އެ ފުރާނަ (އޭގެ ކުރިން ދުނިޔެ ދޫކުރި) ފުރާނަތަކާއި ބައްދަލުވެ އެވެ. އަދި އެ ފުރާނަތަކުގެ ގާތަށް ގެނެވުނު ފުރާނަ ކައިރީގައި ދުނިޔޭގައި ދިރިތިބި މުސްތަޤްބަލުގައި އެ ފުރާނަތަކާއި ބައްދަލު ކުރާނެ ފުރާނަތަކާއި މެދުގައި ސުވާލު ކުރާނެ ކަމެވެ. އަދި -ސުވާލުކޮށް- ދަންނަވަ އެވެ. އެވެނި މީހެއްގެ ޢަމަލަކީ ކޮބައިތޯ އެވެ؟ …“ مجموع الفتاوى
މި މައްސަލައިގައި އިމާމް ابن القيم -رحمه الله- ވެސް މިފަދައިން ދެކެވޑައިގަންނަވަ އެވެ. އެ ގޮތުން ރޫޙްތައް ދެ ގިންތިއަކަށް ބެހިގެންވާ ކަމާއި، އެއީ ޢަޛާބު ލިބުމުގައިވާ ރޫޙް ތަކެވެ. ފަހެ، އެހެން ކަމެއްގައި ވުމަށްވުރެ އެ ރޫހްތަކަށް ދިމާވެ އުފުލަމުންދާ ޢަޛާބުވަނީ ތަޙައްމަލުކުރަން ޖެހިފަ އެވެ. ދެވަނައީ ނިޢުމަތުގައިވާ ރޫޙްތަކެވެ. އެ ރޫހްތައް އެހެން ރޫހްތަކާއި ބައްދަލުވެ ޒިޔާރަތް ކުރުމުގައިވެ އެވެ. …“
ވުމުން، ދަލީލުތަކުން، ޙަދީޘްތަކުން އެފަދައިން ޘާބިތުވުމުން އެގޮތުގައި ޤަބޫލުކޮށް އީމާންވުން ހުއްޓެވެ. ފަހެ، ދަލީލުތަކުގައި ބަޔާންވެގެންވާ މިންވަރަކީ ފުދޭނެ މިންވަރު ކަމުގައިވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
