ބަލި ޙާލަތު ބޮޑު މީހަކަށް ނަމާދު ޤަޞްރުކޮށް (ކުރުކޮށް) ކުރެވިދާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ބަލިމީހާ ނަމާދު ކުރުކޮށް (ޤަޞްރު ކޮށް ކުރުމާއި ) މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި، ނަމާދު ޤަޞްރު (ނަމާދު ކުރުކޮށް) ކުރުންވަނީ ދަތުރުވެރިޔާ ނުވަތަ ދަތުރަށް ޚާއްޞަ ވެގެންވާ ޙުކުމެއްގެ ގޮތުގައެވެ. އެހެންކަމުން، ބަލި މީހެއްކަމުގައި ވީނަމަވެސް، ދަތުރުވެރިއެއް ކަމުގައި ނުވާ ނަމަ، އޭނާގެ އަމިއްލަ ވަޒަނުގައި ޤާއިމްވެ ހުރެގެން ނަމާދު ޤަޞްރު ކުރުމެއް ނުވެއެވެ. ނަމަވެސް ނަމާދު އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢުކޮށް ކުރުން (އެގޮތުން މެންދުރު ނަމާދާއި ޢަޞްރު ނަމާދު ނުވަތަ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު) އެއްކޮށް ޖަމަޢުކޮށް ކުރުން، މިއީ ބަލި މީހާއަށް ހުއްދަ ވެގެންވާ ކަމެކެވެ. ނަމާދު ޖަމްޢު ކުރުން، މިއީ ދަތުރުވެރިޔާއަށް ޚާއްޞަ ވެގެންވާ ޢަމަލެއް ނޫނެވެ.
ދީނުގައި ލުއިފަސޭހަ ދެވިގެންވާ ގޮތުގައި ދަތުރުވެރިން ނޫން މީހުންނަށް ވެސް، ދިމާވާ ޙާލަތެއްގެ ގޮތުން، ނަމާދު ޖަމްޢުކުރުން ހުއްދަ ވެގެންވެއެވެ. އެގޮތުން ވާރޭ ވެހޭ ޙާލަތުގައި މިސްކިތުގައި އިމާމް، ޖަމާޢަތުގައި ނަމާދު ކުރާހިނދު، އެ ޙާލަތާ ގުޅިގެން ނަމާދު ޖަމްޢުކޮށް ކުރުން ހުއްދަ ވެގެންވެއެވެ. އަދި ހަމައެފަދައިން ތަކުރާރުވުމެއް ނެތި، ދިމާވާ ކުއްލި ޙާލަތަކާ ގުޅިގެން ވެސް ނަމާދު ޖަމްޢު ކުރުން ހުއްދަ ވެގެންވެއެވެ. މިޘާލަކަށް ކުއްލި ޙާލަތެއް ދިމާވެ، އޮޕަރޭޝަން ކުރަން ވަންނަ ޑަކްޓަރެއް، އެ އޮޕަރޭޝަނުގައި ވަޤުތު ދިގުލައިގެންދާ ނަމަ، އެފަދަ ޙާލަތްތަކުގައި ވެސް ނަމާދު ޖަމްޢު ކުރެވިދާނެއެވެ.
ނަމާދު ޖަމްޢު ކުރުމާ ބެހޭގޮތުން ޞަޙާބީ ابن عبَّاس -رضي الله عنهما- ގެ އަރިހުން ވާރިދު ވެފައިވާ ރިވާޔަތެއްގައި ވެއެވެ. “އެއްވެސް ބިރުވެރި ޙާލަތެއް އަދި ވާރޭ ވެހުމެއް ނެތި މަދީނާގައި ޤާއިމްވެ ތިއްބަވާ މެންދުރު ނަމާދާއި – ޢަޞްރު ނަމާދު އަދި މަޣްރިބް ނަމާދާއި – ޢިޝާ ނަމާދު ، ނަބިއްޔާ ﷺ ޖަމަޢަ ކުރެއްވިއެވެ”. ابن عبَّاس -رضي الله عنهما- ގެ އަރިހުގައި އެފަދައިން ރަސޫލާ ﷺ ޢަމަލުފުޅު ކުރެއްވީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. “އެއީ އެ ނަބިއްޔާގެ އުއްމަތަށް ބުރަ ނުޖެއްސުމަށް ޓަކައިއެވެ”. އެހެންވުމުން، މި ރިވާޔަތުގެ އަލީގައި، ނަމާދު ޖަމްޢު ކުރުން ހުއްދަ ވެގެންވަނީ ޢުޛުރެއްގެ ސަބަބުން ބުރައަކާއި ވޭނެއް އުފުލަންޖެހޭ ދަނޑިވަޅުގައިކަން ހާމަވެގެންދެއެވެ.
ފަހެ، އިމާމް الطحاوِي – رحمه الله- ރިވާ ކުރައްވާފައިވާ جَابِر – رضي الله عنه- ގެ ޙަދީޘްގައި، ލުއިކަމެއްގެ ގޮތުގައި އެއްވެސް ބިރެއް ނެތި އަދި ސަބަބެއް ނެތި ޖަމްޢު ކުރެވިދާނެކަމަށް އައިސްފައިވާ ރިވާޔަތުގައި ބަލިކަށި ކަމެއްވެއެވެ. އެއީ، ޞައްޙަ ކަމުގައި ވާނަމަވެސް، އިމާމް مسلم ރިވާކޮށްފައިވާ ابن عبَّاس -رضي الله عنهما- ގެ ޙަދީޘްގެ ލަފްޟު އިސްވެގެން ވާތީއެވެ. ވީމާ، މި ރިވާޔަތުގައިވާ ބަސްފުޅުގެ މައްޗަށް ބުރަވެ، ބަޔާން ވެގެންވަނީ، ބަލިމީހާއަށް ބުރައަކަށްވާނަމަ، ޖަމްޢު ކުރެވޭނެ ކަމެވެ.
އަދި އެކަމުގެ މައްޗަށްވާ މިޘާލަކީ، އިސްތިޙާޟައިގައިވާ އަންހެނާ ގެ ޙާދިޘާ ގެންނަވައި العلامة ابن العثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ. “ކޮންމެ ނަމާދަކަށް އަންހެން މީހާއަށް ވުޟޫ ކުރަން ބުރަކަމަކަށްވާނަމަ، މެންދުރު ނަމާދާއި އަޞްރު ނަމާދު (މި ދެ ނަމާދު އިސްކޮށް ނުވަތަ ފަސްކޮށް) އަދި މަޣްރިބް ނަމާދާއި ޢިޝާ ނަމާދު (މި ދެ ނަމާދު އިސްކޮށް ނުވަތަ ފަސްކޮށް) ޖަމަޢަ ކުރުން އޭނާއަށް ހުއްދަ ވެގެންވެއެވެ”.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.