ޤުރުއާން ކިޔަވާ މީހާ ބަސްމަލާ (ބިސްމި) ކިޔުން އޮތީ ސޫރަތެއް ކިޔަން ފަށާހިނދުގައި އެކަނި ތޯ ނުވަތަ އާޔަތެއް ކިޔަން ފަށާހިނދުގައިވެސްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ޤުރުއާނުގެ ސޫރަތެއް ފަށާ މީހާވެސް އަދި އާޔަތެއްވެސް ކިޔަވަން ފަށާ މީހާވެސް ބަސްމަލާ ކިޔުން މުސްތަޙައްބުވެގެންވެ އެވެ.

މާނައަކީ: ހަތިމް ނަގައިގެން ކިޔަވަން ފެށީ ސޫރަތެއް ފަށައިގެންނެވެ. ނުވަތަ އެއްޞޫރަތް ނިމި އަނެއް ސޫރަތް ފެށީ އެވެ. މި ދެޙާލަތުގައި ބަސްމަލާ ކިޔުންވެ އެވެ.

ދަންނަ އެވެ. التوبة ސޫރަތް ތަޥްބާ ފިޔަވައި ކޮންމެ ސޫރަތެއް ފެށުމުގެ ކުރިން ކިޔުންވެ އެވެ.

ނުވަތަ ސޫރަތެއްގެ މެދުތެރޭގައިވާ ހިސާބަކުންނެވެ. ފަހެ، މި ޙާލަތުގައި ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާހިނދު، ބަސްމަލާ ކިޔުމަށް އަދި ބަސްމަލަ ނުކިޔައި ހަމައެކަނީ އިސްތިޢާޛާ (އައޫޒު) ކިޔުމުން ފުދޭނެ ކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ.

މި ޚިލާފްއާ އެކު، އޭގެ ޢަދުލުވެރި ޤައުލެއްގައި ބަޔާން ކޮށްފައިވާ ޢިލްމުވެރިން އޭގެ ތެރޭގައި الإمام الشاطبي -رحمه الله- ފަދަ ޢިލްމުވެރިން ވިދާޅުވަނީ، ސޫރަތެއްގެ މެދު ތެރެއިން ކިޔަވާ މީހާ ބަސްމަލާ ކިޔުމުގައި އިޚްތިޔާރުވެ އެވެ. ކިޔަވާ މީހާ އެދޭ ކަމުގައިވާނަމަ ކިޔެވުމުގައި މައްސަލައެއް ނެތެވެ، އަދި ދޫކޮށްލުމުގައިވެސް މައްސަލައެއް ނެތެވެ.

ވުމުން މިކަމުގައި ތަނަވަސްކަން ވެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ފަހެ، މުއުމިނު ފިރިހެނާ އަދި މުއުމިނު އަންހެނާއަށް ސުންނަތްވެގެންވަނީ ކޮންމެ ސޫރަތެއް ފެށުމުގެ ކުރިން ބަސްމަލަ ކިޔުމެވެ. އަދި ސޫރަތް ތަކުރާރު ކުރާހިނދު، ކޮންމެ ސޫރަތެއްގެ ކުރިން ބަސްމަލާ (بسم الله الرحمن الرحيم) ކިޔުމެވެ. ފަހެ، މާތް ނަބިއްޔާ ﷺ ސޫރަތެއް ވިދާޅުވަން ފައްޓަވާހިނދުގައި ފައްޓަވަނީ بسم الله الرحمن الرحيم ވިދާޅުވެ އެވެ.

އަދި ހަމަކަށަވަރުން ކޮންމެ ސޫރަތެއް ފެށުމުގައި ﷲވަނީ ބަސްމަލަ ބާވައިލައްވާފަ އެވެ. ކޮންމެ ސޫރަތެއް ބާވައިލެއްވޭހިނދު، بسم الله الرحمن الرحيم) އެ ސޫރަތާއި އެކުގައި ބާވައިލެއްވެ އެވެ. ސޫރަތް براءة (ތަޥްބާ ސޫރަތް) ފިޔަވަ އެވެ. ފަހެ، ކަމަކަށަވަރުން عثمان އަދި ޞަހާބީން ކީރިތި ޤުރުއާން (ފޮތަކަށް) ޖަމަޢަ ކުރެއްވިހިނދު، އެ ޞޫރަތަކީ ވަކި މުސްތަޤިއްލު ސޫރަތެއްތޯ ނުވަތަ އެއީ الأنفال ސޫރަތުގެ ބައެއްތޯ އެބޭކަލުން ހުއްޓިވަޑައިގެންނެވި އެވެ. އެހެން ވުމުން އެ ދެ ޞޫރަތް ދެމެދުގައި ބަސްމަލާ ނުލިޔުއްވަ އެވެ. ދެންފަހެ، އެ ސޫރަތް ފިޔަވައި އެހެން ސޫރަތްތައް ފަށާހިނދު، ޤުރުއާން ކިޔަވާ މީހާއަށް ޝަރުޢުވެގެންވަނީ، ބަސްމަލާ ކިޔުމެވެ. އަދި ސޫރަތް ތަކުރާރުކުރާހިނދު ބަސްމަލާ ކިޔުންވެ އެވެ.

ދެންފަހެ، ސޫރަތެއްގެ މެދުތެރެއިން ކިޔަވަން ފަށާހިނދުގައި، އޭނާއަށް އޮތީ އިސްތިޢާޛަ (އަޢޫޛު) أعوذ بالله من الشيطان الرجيم ކިޔައި އެ މިންވަރުން ފުއްދާ ލުމެވެ. އަދި ބަސްމަލާ ކިޔުމުގައި މައްސަލައެއްނެތެވެ.

އެހެނަސް އިސްތިޢާޛާ ކިޔުމުން ފުދޭނެ އެވެ. އެއީ ﷲ جل وعلا ބަސް ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ) [ފަހެ، ނަބިއްޔާ ޤުރުއާން ކިޔަވާ ވިދާޅުވާނަމަ، ރަޙްމަތުން ބޭރުކުރަށްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި الله ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދި ދަންނަވާށެވެ.]

ފަހެ، ސޫރަތެއްގެ މެދުތެރެއިން ކިޔަވާނަމަ، އިސްތިޢާޛަ ކިޔުމުން ފުދޭނެ އެވެ.“ (ފަތުވާ ނިމުނީ އެވެ.)

https://binbaz.org.sa/fatwas/18229

އިތުރު މަޢުލޫމާތުގެ ގޮތުގައި ބުނަމެވެ. ޤުރުއާން ކިޔަވަން ފަށަނީ ސޫރަތެއްގެ ފަށައިގެން ކިޔާ ދަނޑިވަޅެއް ކަމުގައިވީނަމަވެސް އިސްތިޢާޛާ (އަޢޫދު) ކިޔުން ހުއްޓެވެ. އެއީ ކީރިތި ޤުރުއާން ކިޔަވާ މީހާ، ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އަބަދުވެސް އިސްތިޢާޛަ ކިޔުމުން ﷲ އަމުރުފުޅު ކުރައްވާފައި ވުމުންނެވެ. ﷲ ވަޙީ ކުރެއްވި އެވެ. (فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ) [ފަހެ، ނަބިއްޔާ ޤުރުއާން ކިޔަވާ ވިދާޅުވާނަމަ، ރަޙްމަތުން ބޭރުކުރަށްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި الله ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދި ދަންނަވާށެވެ.]

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts