ޖަމަލުމަސް ކެއުމަކީ ވުޟޫ ގެއްލޭ ކަމެއްތޯއެވެ؟ އަދި އޭގެ ސަބަބަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޖަމަލުމަސް ކެއުމާއި ވޫޟޫ ކުރުމާއި މެދުގައި ބުނަމެވެ.
ފުރަތަމައީ :ޖަމަލުމަސް ކައިގެން ވުޟޫ ގެއްލުމާމެދުގައި ބަސްތައް ބަޔާން ކުރުމެވެ. މި މައްސަލައިގައި ޢިލްމުވެރީން ދެ ޤައުލެއްވެއެވެ.
ފުރަތަމައީ ޖުމްހޫރުންގެ ޤައުލެވެ، އެއީ ޖަމަލުމަސް ކައިގެން ވުޟޫ ނުގެއްލޭނެ ކަމެވެ.
ދެވަނަޤައުލަކީ ޖަމަލުގެ މަސް ރޮލާ ކެއަސް ނުވަތަ ކައްކައިގެން ކެއަސް ވުޟޫ ގެއްލޭނެކަމެވެ.
އެހެނަސް ޖަމަލުގެ ކިރުބުއިމުން ނުވަތަ އޭގެ މަސް ކައްކާފައިހުރި ފެން ނުވަތަ މަސްއަޅައިގެން ކައްކާފައިހުރި އެހެން ކާއެއްޗެއް ކައިގެން ވުޟޫ ނުގެއްލޭނެއެވެ.
ޖަމަލުމަސް ކައިގެން ވުޟޫ ގެއްލޭނެކަމުގެ ދަލީލަކީ جابر بن سمرة ގެ ޙަދީޘެވެ. “أن رجلاً سأل رسول الله صلى الله عليه وسلم: أأتوضأ من لحوم الغنم؟ قال: “إن شئت فتوضأ وإن شئت فلا توضأ”، قال: أتوضأ من لحوم الإبل؟ قال: “نعم، فتوضأ من لحوم الإبل”، قال: أصلي في مرابض الغنم؟ قال: (نعم) ، قال: أصلي في مبارك الإبل؟ قال: (لا) “. “ރަސޫލާ ﷺ ގެއަރިއަހުން މީހަކު ސުވާލު ކުރިއެވެ. ކަންބަޅީގެ މަސް ކެއުމުން ވުޟޫ ކުރަންޖެހޭނެތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ބޭނުންނަމަ ވުޟޫ ކުރާށެވެ. އަދި ބޭނުންނޫންނަމަ ވުޟޫ ކުރުމެއްނުވެއެވެ.” އެމީހަކު ސުވާލުކުރިއެވެ. ޖަމަލުގެ މަސްކެއުމުން ވުޟޫ ކުރަންޖެހޭނެތޯއެވެ؟ ޙަދީޘްފުޅު ކުރެއްވިއެވެ. “އާއެކެވެ. ޖަމަލުގެ މަސް ކައިފިނަމަ ވުޟޫކުރާށެވެ.” އެމީހަކު ސުވާލުކުރިއެވެ. ކަންބަޅި ދިރިއުޅޭ ތަނުގައި ނަމާދު ކުރެވޭނެތޯއެވެ؟ ޙަދީޘްފުޅު ކުރެއްވިއެވެ. “އާއެކެވެ.” އެމީހަކު ސުވާލުކުރިއެވެ. “ޖަމަލު ދިރިއުޅޭ ތަނުގައި ނަމާދު ކުރެވޭނެތޯއެވެ؟ ޙަދީޘްފުޅު ކުރެއްވިއެވެ. “ނުކުރެވޭނެއެވެ.”
البراء بن عازب ގެފަރާތްޕުޅުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. “سئل رسول الله صلى الله عليه وسلم عن الوضوء من لحوم الإبل؟ فقال: “توضؤوا منها”، وسئل عن لحوم الغنم؟ فقال: “لا توضؤوا منها”، وسئل عن الصلاة في مبارك الإبل؟ فقال: “لا تصلوا في مبارك الإبل فإنها من الشياطين”، وسئل عن الصلاة في مرابض الغنم؟ فقال: “صلوا فيها فإنها بركة”. ޖަމަލުމަސްކައިގެން ވުޟޫ ކުރަންޖެހޭނެތޯ ރަސޫލާ ﷺ ގެ އަރިހުން ސުވާލުކުރެވުނެވެ. ޙަދީޘްފުޅުކުރެއްވިއެވެ. “ތިޔަބައިމީހުން ވުޟޫކުރާށެވެ.” ކަންބަޅީގެ މަސް ކެއުމުން ވުޟޫ ކުރުންވޭތޯ ސުވާލުދެންނެވުނު ހިނދުގައި ޙަދީޘްކުރެއްވީ ވުޟޫ ކުރާކަށްނުޖެހޭނެއެވެ. އަދި ޖަމަލު ދިރިއުޅޭ ތަނުގައި ނަމާދު ކުރުމާމެދު ސުވާލުދެންނެވުނެވެ. ޙަދީޘްފުޅު ކުރެއްވިއެވެ. “އެތަންތަނުގައި ނަމާދު ނުކުރާށެވެ. އޭއީ ޝައިޠާނުންގެ ތެރެއިންވާ އެއްޗެކެވެ.” އަދި ކަންބަޅި ދިރިއުޅޭ ތަނުގައި ނަމާދު ކުރުމާމެދު ސުވާލު ދެންނެވުނެވެ. ޙަދީޘްފުޅު ކުރެއްވިއެވެ. “އެތަނުގައި ނަމާދުކުރާށެވެ. އެއީ ބަރަކާތްތެރިވެގެންވާ އެއްޗެކެވެ.”
އަމުރުގެ އަޞްލަކީ ވާޖިބުވުމެވެ. ވުޟޫ އަކީ ޝަރުޢީ ގޮތުން އައިސްފައިވާ ވުޟޫ ކުރުމެވެ. އަދި މިއީ މުސްތަޙައްބުވެގެންވާ ކަމެއްގެ ގޮތުގައި ނުނެގޭނެއެވެ. ބަހުގެ ގޮތުން ވުޟޫ ކުރުމޭ ބުނެވޭ މާނައިގައި ހަމައެކަނި ދެއަތްތިލަދޮވުމާއި އަނގަދޮވުމޭ ވެސް ނުބުނެވޭނެއެވެ. ސަބަބަކީ މިއަޞްލުން އެކަހެރިކޮށްދޭނެ އެހެން ދަލީލެއްނެތުމެވެ.
أحمد بن حنبل އަދި إسحاق بن راهويه ޖަމަލުމަސް ކައިގެން ވުޟޫ ގެއްލުމާމެދު ވިދާޅުވެފައިވެއެވެ. މިމައްސަލައިގައި ވުޟޫ ގެއްލުމާމެދު ދެ ޙަދީޘެއް އައިސްފައިވެއެވެ. އެއީ جابر އަދި އ البراء ގެ ޙަދީޘެވެ. ޖުމްހޫރުންގެ ޤައުލާ ޚިލާފު ކަމުގައިވިއަސް މިމަޒްހަބަކީ މިކަމުގައި އެންމެ ގަދައަށް ދަލީލުގައިވާ މަޒްހަބެވެ.
ވުމުން މި މައްސަލައިގައި އެންމެ ޞައްޙަވެގެންވާ ޤައުލަކީ، ޖަމަލުމަސް ކުއެމުން ވުޟޫ ގެއްލޭނެ ކަމެވެ. ސަބަބަކީ އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ޙަދީޘް ޛިކުރުވެފައި ވުމެވެ. އެ ޙަދީޘްތަކުން އެއީ ހަމައެކަނި އަތް ދޮވެލުން ނުވަތަ އެނޫންވެސް ތަނެއް ދޮވެލުން ދޭހަ ވުމުގެ ބަދަލުގައި އެއީ ޝަރުޢީ ގޮތުން ވުޟޫ ކުރުން ބަޔާންވެގެންވުންކަން އިނގެން އޮތުމެވެ. މިއީ މިކަމުގައި އެންމެ ރައްކާތެރި ޤައުލުކަމުގައިވުމެވެ. و الله أعلم
ދެވަނައީ : އެއަށްފަހުގައި ސުވާލުގައި ބުނެފައިވާ ޖަމަލުމަސް ކައިގެން ވުޟޫ ގެއްލެނީ ކީއްވެތޯ؟
މި ސުވާލާއި މެދުގައި ބުނަމެވެ. ބައެއް ރިވާޔަތްތަކުގައި ޖަމަލުގައި ޝައިޠާނީ ޠަބީޢަތެއްވާކަމަށް ވާރިދުވެގެންވެ އެވެ. ފަހެ، އޭގެ މަސް ކެއުމުން އޭނާގެ ޠަބީޢަތަށް އޭގެ އަޘަރު ކުރުވުން އެއީ އެސަބަބަށްޓަކައި ވުޟު ކުރުމަށް އަމުރުވެވިގެންވުމެވެ. ޙަދީޘްގައިވެ އެވެ.
(لَا تُصَلُّوا فِي مَبَارِكِ الْإِبِلِ، فَإِنَّهَا مِنْ الشَّيَاطِينِ)
“ތިޔަބައިމީހުން ޖަމަލު ދިރިއުޅޭ ތަނުގައި ނަމާދު ނުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެވަނީ ޝައިޠާނުންގެ ތެރެއިންނެވެ.” ފަހެ، އެހިނދު އެ ޠަބީޢަތް އިންސާނާގެ ހަށިގަނޑުން ފިލައިދެ އެވެ.
އަދިވެސް ބުނެވެ އެވެ. ޖަމަލަކީ އޭގެ ނަފްސުގައި ހަރުކަށި، ގަދަފަދަކަން ލެވިފައިވުމުން އިންސާނާގެ މަސްގަނޑަށް އެއިން އަޘަރު ކުރުވުމެވެ. ފަހެ، ވުޟޫ ކުރުމުން ނަފްސު މަޑުމައިތިރި، މަޑުމޮޅި ކުރުވަ އެވެ. ފަހެ، މިއީ މި މައުޟޫގައި ޛިކުރު ކުރެވިގެންވާ ބައެއް ސަބަބުތަކެވެ. ޢިލްމު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.