ފަޓްލޫނުލައިގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މި ސުވާލުގެ ޖަވާބުގައި ޢިލްމުވެރިން، އުއްމަތުގެ އިމާމުންގެ ގޮތުގައި ފާޅުވި މި ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތައް ޛިކުރު ކުރަމެވެ. ދުޢާ އަކީ ތަޢައްސުބުން އެއްކިބާވެ، އިންސާފާއި، ޢަދުލުވެރިކަމުގައި ވިސްނާނެ ބައެއް ކަމުގައި އަހަރެމެން ވުމެވެ. މި މައްސަލައިގައި އިމާމް – އަލް-އަލްބާނީ رحمه الله ވިދާޅުވެފައިވެ އެވެ.
العلامة الأَلْبَانِي رحمه الله ވިދާޅުވެފައިވެ އެވެ.
“ފަހެ، ފަޓުލޫނުގައި ދެ މުޞީބާތެއް އެކުލެވިގެން ވެއެވެ.
ފުރަތަމައީ :
އެ ފަޓުލޫނު ލުމަކީ ކާފަރުންނާ އެއްގޮތްވެވޭ ކަމެކެވެ. މުސްލިމުން ބޭނުން ކުރަމުން ގެންދިޔަ ފޭރާމަކީ ނުލާހިކު ފުޅާވެގެންވާ ސިރުވާލެވެ. މިއަދާ ޖެހެންދެން ވެސް ސޫރިޔާގައި އަދި ލުބުނާނުގައި ބައެއް މީސްތަކުން ބޭނުން ކުރަމުން ދެއެވެ.
ކާފަރުން މުސްލިމް ދައުލަތްތައް އިސްތިޢުމާރު ކުރުމުގެ ކުރީގައި މުސްލިމުން ފަޓުލޫނެއް ނުދަނެއެވެ. އިސްތިޢުމާރު ކުރި މީހުން އެތަންތަނުން ފައިބައިގެން ދިޔައިރު މިފަދަ ހުތުރު ޢާދަތައް މުސްލިމުންގެ ތެރެއަށް އެބައި މީހުން ދޫކޮށްފައި ދިޔުމުން މުސްލިމުން އެ ޢާދަތައް ދިރުވި އެވެ. އެއީ މުސްލިމުންގެ ޖާހިލުކަމުންނާއި އަދި އެބައިމީހުން ސިކުޑީގެ އުނިކަމުންނެވެ.
ދެވަނަ މުޞީބާތަކީ :
ފަހެ، ހަމަކަށަވަރުން ފަޓުލޫނަކީ ޢައުރަ ބައްޓަން ކޮށްދޭ އެއްޗެކެވެ. ފިރިހެނާގެ ޢައުރަ އަކީ އޭނާގެ ކަކުލާއި ފޫޅާއި ދެމެދެވެ. ނަމާދުކުރާ މީހާއަށް ފަރުޟުވެގެންވަނީ އޭނާގެ ނަމާދުގައި އޭނާއަށް ކުޅަދާނަވީ އެންމެހައި ބޮޑަކަށް ﷲ އަށް އުރެދިގަތުމުން އެއްކިބާވެ ހުރުމެވެ. އެއިލާހަށް އޭނާ ސަޖިދަކުރާ ޙާލުގަ އެވެ. ފަޓުލޫނުގައި ހުންނަމީހާގެ ފޫކޮޅު މަސްގަނޑު ސަޖިދައިގައި ރަގަޅަށް ފެންނަން އޮވެ އެވެ. އަދި އެއާއެކު، އެ ދެމެދުގައިވާ ގުނަވަން ސިފަވެ ފެންނަން ހުރެއެވެ!!
ފަހެ، މިފަދަ އިންސާނާ ނަމާދުކުރަނީ ކިހިނަކުން ތޯއެވެ. ޢާލަމްތަކުގެ ވެރިއިލާހުގެ ކުރިފުޅުމަތީގައި ދެމި ހުންނަނީ ކިހިނަކުންތޯއެވެ؟
މިއަށްވުރެ ޢަޖައިބުވާ ކަމަކީ : އަންހެނުން އެބައިމީހުން ހަށިގަނޑަށް ބާރު ހެދުންލުމުން އެކަމަށް ހަމަކަށަވަރުން އެތަކެއް ޒުވާން މުސްލިމުން އިންކާރު ކުރެ އެވެ. ސަބަބަކީ، އެހެދުންތަކަކީ އެ އަންހެންތަކުންގެ ހަށިގަނޑު ސިފަކުރެވޭ ހެދުންތަކެއްގެ ގޮތުގައި ވުމުންނެވެ. މި ޒުވާނާ ވަނީ އޭނާގެ އަމިއްލަ ނަފްސު ހަނދާން ނައްތާލާފައެވެ. އޭނާ އަމިއްލައަށް އިންކާރުކުރާ ކަމުގެ ތެރެއަށް އޭނާވަނީ ވެއްޓިފަ އެވެ. ހަށިގަނޑަށް ބާރު ހެދުންލައިގެން އޭނާގެ ހަށިގަނޑު ސިފަކުރެވޭ ޙާލުގައި ހުންނަ އަންހެނާއާ ފަޓުލޫނު ލައިގެން އޭނާގެ ފޫކޮޅު މަސްގަނޑު ސިފަކުރެވޭ ގޮތުގައިވާ ފިރިހެނާއާ ދެމީހުންގެ އެއްވެސް ތަފާތެއްނެތެވެ. އަންހެނާގެ ފޫކޮޅު މަސްގަނޑާއި ފިރިހެނާގެ ފޫކޮޅު މަސްގަނޑަކީ ޢައުރައެވެ. މި ދެކަމުގެ ވެސް ޙުކުމް އެއްފަދައެވެ. ފަހެ، ޒުވާނާ އެންމެހައި މީސްތަކުންގެ ތެރެއަށް ޢާއްމު ވެފައިވާ މި މުޞީބާތުގެ މަތިން ފަރުވާކުޑަ ނުކުރުން ވާޖިބު ވެގެންވެއެވެ. ފަހެ މިކަން ހަނދުމަކުރަނީ މަދު ބައެކެވެ.”
الإمام ابن بَاز رحمه الله : ވިދާޅުވެފައިވެ އެވެ. ސުވާލު : ފަޓުލޫނު ލައިގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ. ޚާއްޞަކޮށް ފަޓުލޫނު ލައިގެން ނަމާދުކުރާ ބައެއް މީހުންގެ ޢައުރައިން ބައެއް ކަޝްފުވެއެވެ. އެއީ ނަމާދުގައި އޭނާ ރުކޫޢު އަދި ސުޖޫދު ކުރާ ވަޤުތުއެވެ.
ޖަވާބު : “އޭނާ ލައިގެން ހުރި ފަޓުލޫނަކީ ފިރިހެނެއްގެ ފޫޅާއި ކަކުލާ ދެމެދު ނިވާކުރެވޭ އެއްޗެއްގެ ގޮތުގައިވެ އަދި އެ ފަޓުލޫނަކީ އެ އެއްޗެ ފުޅާވެ ހަށިގަނޑަށް ބާރު އެއްޗެއްގެ ގޮތުގައި ނުވާނަމަ، އޭނާގެ ނަމާދު ޞައްޙަ ވާނެއެވެ. އެންމެ ހެޔޮކަންބޮޑީ ގަމީސް ދިގުކޮށް އޭނާގެ ފޫޅާއި ކަކުލާ ދެމެދު ފޮރުވޭ ގޮތުގައި ބެހެއްޓުމެވެ. އަދި އެ ގަމީސް ދިގުކޮށް، ފައިގެ މެދާ ހިސާބަށް ނުވަތަ ތަނބިކައްޓާ ހިސާބުގައި ބެހެއްޓުމެވެ. ސަބަބަކީ އެއީ ނިވާކުރުމުގައި އެންމެ ހެޔޮގޮތް ކަމުގައި ވުމެވެ.”
އަދި މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ-ކޮމެޓީން ދެއްވާފައިވާ ފަތުވާގައި ބަޔާންކުރައްވާފައިވެ އެވެ.
“އެ ފޭރާމެއް އޭގެ ފުޅާކަމާ އެކުގައި ހަށިގަނޑުގެ ބައްޓަން (ވަނާތައް) ފާޅުނުވާނަމަ އަދި އެފޭރާމުގެ ބޯކަމާއެކު ހަށިގަނޑުގެ ހަން ނުފެންނަ ނަމަ ނަމާދުކުރުމަށް އެފަދަ ފޭރާމެއް ބޭނުންކުރުން ހުއްދަވާނެއެވެ.
އަދި އެފޭރާމުގެ ތެރެއިން އޭނާގެ ޢައުރަ ފެންނަ ނަމަ، އެފަދަ ފޭރާމެއްގައި ހުރެ ނަމާދުކުރުމުން އޭނާގެ ނަމާދު ބާޠިލްވާނެއެވެ. ލައިގެން ހުރި ފޭރާމަކީ ހަމައެކަނި އޭނާގެ ހަށިގަނޑުގެ ބައްޓަން ފާޅުކޮށްދޭ އެއްޗެއްނަމަ އެފަދަ ފޭރާމެއްގައި ހުރެ ނަމާދުކުރުން މަކްރޫހަ ވާނެއެވެ. އެހެން ފޭރާމެއް ލިބުމުގެ ކުޅަދާނަކަން ނެތް މީހާ ފިޔަވައެވެ.”
މި ފަތުވާތައް ޖަމަޢަކޮށްފައިވާ އެއް ފޮތް ކަމުގައިވާ القول المبين في أخطاء المصلين މި ފޮތުގައި ބަޔާން ކޮށްފައިވެ އެވެ. “ހަށިގަނޑަށް ބާރު ފޭރާން ލުމަކީ ޞިއްޙީ ގޮތުންގެއްލުންހުރި އަދި ޝަރުޢީ ގޮތުން މަކްރޫހަ ވެގެންވާ ކަމެކެވެ. ބައެއްފަހަރު މިފަދަ ފޭރާމުގައި ހުންނަ މީހާ ސަޖިދަ ޖެހުން ޢުޒުރުވެރިވާ ޙާލަތުގައި ވެއެވެ. ވުމާއެކު އެއީ ނަމާދު ކުރުމަށް އެކަށޭނެ ފޭރާމެއް ކަމުގައި ނުވާހިނދު އެއްވެސް ޝައްކެތްނުވާ ގޮތުގައި އެއީ ޙަރާމްވެގެންވާ ފޭރާމެކެވެ. އަދި ބައެއް ނަމާދު ކަމުގައި ވިޔަސް މެއެވެ.
ތަޖުރިބާގެ އަލީގައި ބުނެވޭނީ، މިފަދަ ފޭރާން ބޭނުންކުރާ ގިނަ މީހުންނަކީ ނަމާދުކުރާ ބައެއް ނޫނެވެ. ނުވަތަ އެއީ މުނާފިޤުން ފަދައިން، މަދުން މެނުވީ ނަމާދެއް ނުކުރާ މީހުންނެވެ.
މިއަދު ނަމާދުކުރާ ގިނަ މީހުންނަކީ އެބައިމީހުންގެ ފޫކޮޅު މަސްގަނޑު ސިފަކުރެވޭ ފަދަ ފޭރާމުގައި ނަމާދުކުރާ މީހުންނެވެ. އެއްފަރާތުގެ މަސްގަޑު ނުވަތަ ދެފަރާތުގެ މަސްގަޑު ސިފަ ކުރެވޭ ގޮތުގައެވެ!!!
އިމާމް الحَافظ ابن حجر، އަޝްޙަބުގެ ފަރާތްޕުޅުން ގެނެސްފައިވެ އެވެ. އޭނާއަށް ކުޅަދާނަކަން ލިބިގެންވާ ޙާލުގައި ސިރުވާލު (ފިރިހެނުން ހަރުވާޅުފަދައިން ތިރިން ލާފައިހުންނަ ހެދުމެއް) ލައިގެން ނަމާދު ކުރާ މީހާ އަށް އޮތީ އެނަމާދުގެ ވަޤުތުގައި ނާމާދު އަލުން އިޢާދަ ކުރުމެވެ. އެހެނަސް ސިރުވާލު އެއީ ފުޅާ ސިރުވާލެއް ކަމުގައިވާ ނަމަ މައްސަލައެއް ނެތެވެ. އަދި ޙަނަފީ މަޒްހަބުގެ ބައެއް ޢިލްމުވެރިން މިގޮތުގައި ނަމާދު ކުރުމަކީ މަކްރޫހަ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަ އެވެ.
މިއީ އެ ޒަމާނުގައި ބޭނުންކުރަމުންދިޔަ، ނުލާހިކު ފުޅާ ވެގެންވާ ސިރުވާލުގައި ނަމާދުކުރުމާމެދު ދެކެވަޑައިގެންފައިވާގޮތެވެ. ފަހެ، ތިބާ ހަށިގަނޑަށް ބާރު ފަޓުލޫނުގައި ނަމާދު ކުރާ މީހާއާ މެދުގައި ދެކޭނީ ކިހިނަކުން ހެއްޔެވެ. އެއީ ނުލާހިކު ބާރުކޮށް ހުންނަ އެއްޗެކެވެ.”
އިސްވެ ބަޔާން ކުރެވިފައިވަނީ މި ޒަމާނުގައި އުއްމަތަށް ފާޅުވެފައިވާ އެންމެ ބޮޑެތި ސުންނީ ސަލަފީ އިމާމުންގެ ބަސްފުޅުތަކެވެ. މި ޢިލްމުވެރިންގެ ބަސްފުޅުތައް މިއަދު ވަނީ ކޮންތާކު ކަމާއި، ކޮންގޮތަކަށް ކަމާއި މެދު ވިސްނައި ފިކުރުކޮށްލުން ހުއްޓެވެ. އެ ޢިލްމުވެރިންގެ ޢިލްމާއި، ތަޤްވާވެރިކަމާއި، ވަރަޢުވެރިކަމާއި، ޒުހުދުވެރިކަމާއި، ﷲ އަށް ކުއްތަންވުމާއި، ދީންވެރިކަމުގެ މައްޗަށް ވިދާޅުވެފައިވާ ބަސްފުޅުތަކަކީ މި އެވެ. އެހެންވުމުން މި މަންހަޖު އުފުލި “ޝެއިޚުން، ޢިލްމުވެރިން، އުސްތާޛުން’ ކޮބައިހެއްޔެވެ؟
މިއީ ކުރާ ދަޢުވާއެއް ނޫނެވެ. މިއީ ތަބަޢަވާންޖެހޭ ތަބަޢަވުމެކެވެ.
އަދިވެސް ބުނަމެވެ. -الامام الالباني ވިދާޅުވެފައިވާ ފަދައިން، އަންހެނުން ހަށިގަނޑަށް ބާރު ފޭރާން ލައިގެން ހުރުމުން އެކަމަށް އިންކާރުކޮށް ، އެއީ ބަރަހަނާވެފައިވާ ކަމުގައި އިންކާރު ކުރުމުގެ އެތައް ބަސްތަކެއްބުނެހަދާ ޒުވާނުން އެކަން އިންކާރު ކުރަނީ، ހަށިގަނޑުގެ ޢަވްރަ ގުނަވަނެއްގައި ބާރު ހެދުން ހެދުންލައި އޭގެ ސަބަބުން ވަނާތަކާއި ، ބައްޓަން ކުރެވިފައި ވުމުންނެވެ. އެހިނދު މި ޒުވާނާގެވެސް ޢަޥްރަ ކަމުގައިވާ ފޫޅާއި ކަކުލާ ދެމެދުގައި އެ ޙުކުމް ނޯވޭ ހެއްޔެވެ؟ އެ ޙުކުމް ކޮބައިތޯ އެވެ؟ އެ އިންކާރު ކުރަންޖެހޭ ބަސްތައް ކޮބައި ހެއްޔެވެ؟ އަޚާ އެވެ! މިއަދު މިބަސްތައް މިފަދައިން އެބައިމީހުންނަށް ނުބުނެވޭ ސަބަބަކީ ކީއްވެ ތޯ އެވެ؟ އެމީހުންތިބީ މި ބާރު ފަޓްލޫނާއި، ހަށިގަނޑުގެ ވަނާތައް ފާޅުކުރެވޭ ވަރުގެ ހެދުމުގެ ތެރޭގަ އެވެ. و الله المستعان.
އަދިވެސް ބުނަމެވެ. ފިރިހެނުން ލާފައިހުންނަ ފަޓްލޫނު އޭގެ ބާރުކަމާއި، ހަށިގަނޑުގެ ގުނަވަން ސިފަވެފައި ވުމާއި މެދު އެކަމުގެ ޝައްކެއްވެސް ނެތެވެ. ހަށިގަނޑަށް ދޫވެގެންވާ އަދި ބައްޓަންފާޅުނުވާނެ ފަދަ ފަޓްލޫނު ލަނީ ނުހަނު މަދު ބައެކެވެ. ނުވަތަ އެ ފަޓްލޫނުގެ ބާރުކަން ނިވާކުރެވޭ ގޮތަށް ދިގު ޤަމީސް ލަނީ ނުހަނު މަދު ބައެކެވެ. ތިމާގެ އަންހެނުން ނުހަނު ފުޅާ ކަޅުހެދުން ލައްވާފައި، އެންމެހައި ޒީނަތެއް ފޮރުވާފައި، އެއްވެސް ގުނަވަނެއް ބައްޓަން ފާޅުނުވާނެ ގޮތަށް ބަހައްޓައި އެކަމަށް އަމުރު ކުރާހިނދު ދަންނަ އެވެ. ތިބާގެ ނަފްސަށް އެއީ ދީނީ ޙުކުމް ކަމުގައި ޤަބޫލު ކުރެވިފައިވާ ކަމުގެ މައްޗަށް ﷲ އަށް ޙަމްދު ކުރަމެވެ. އެ އަންހެނާގެ ފޫޅާއި ކަކުލާ ދެމެދު ނިވާ ކުރުމަށް ތިބާ ލައިގެން ހުންނަ ފަޓްލޫނު ދީފިހިނދު ބުނާނީ ކީކޭ ހެއްޔެވެ؟ ޖަވާބަކީ : ބުނާނީ އެއަންހެނާ އެހުރީ އޮރިޔާން ހާލުގަ އެވެ. ހެދުން ލައިގެން އޮރިޔާން ޙާލުގައިވާ އަންހެނެކެވެ. ޙަދީޘްގައި އެ އަންހެނުން ނަރަކައިގެ އަހުލުވެރިންގެ ގޮތުގައި ވުމުގެ ސަބަބެއް ކަމުގައި ޛިކުރު ކުރެވިފައިވާ އަންހެނުންގެ ސިފައަކީ އެއީ އެވެ. ހެދުން ލައިގެން އޮރިޔާމުން ތިބުމެވެ. އެހެންވުމުން ދެންއޮތް ސުވާލަކީ : އަންހެނުންނަށް އެފޭރާން ޢައުރަ ނިވާވުމަށް ހުއްދަނުވެއްޖެހިނދު، ތިބާގެ ޢަވްރަ ނިވާކުރަން އެފޭރާން ހުއްދަވީ ކިހިނަކުން ހެއްޔެވެ؟ ޢާލަމްތަކުގެ ވެރި އިލާހުގެ ކުރިފުޅުމަތީގައި އެންމެ ލަދުވެތި ގުނަވަނު ބައްޓަން ފާޅުކޮށް އެފަދައިން އޮތުން ހުއްދާވާނެ ހެއްޔެވެ؟
މިކަމާ ވިސްނާލަން ޖެހެ އެވެ! ދީންވެރިކަމަކީ ބުނާ ބަހެއް ކުރާ ދަޢުވާއެއް ނޫނެވެ. އެއީ ޢަމަލީ ގޮތުން ނެރެން ޖެހޭ ޢަމަލުތަކެވެ. ޢިލްމުވެރިންނަށް މިކަމުގައިވެސް ރުޖޫޢަވުން ހުއްޓެވެ.
މިއީވެސް އުއްމަތަތުގެ ތެރެއަށް ޢިލްމުވެރިންގެ ބަސްފުޅުތައް ފޮރުވި، ނުވަތަ ބަޔަކު ފޮރުވައިފައި، ބަޔާންނުވެ ވަންހަނާވެގެންވާ ކޮންފަދަ މައްސަލައެއް ހެއްޔެވެ؟
މަދީނާގެ މަސްޖިދުއް ނަބަވީގައި ކިޔަވާ ދެއްވާ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ سُلَيمان الرحيلي حفظه الله ވިދާޅުވެފައިވެ އެވެ. “މީހަކު ފަހަރެއްގައި ފަޓުލޫނު ލައިގެން ނަމާދު ކޮށްފާނެ އެވެ. (ފަޓްލޫނާއިމެދު) އަހަރެން ދެކެނީ، އެ ފަޓްލޫނަކީ ހަށިގަނޑަށް ފުޅާ، ދޫ ފަޓްލޫނެއް ކަމުގައިވެ އަދި ކާފަރުންނަށް ޚާއްޞަވެގެންވާ ސިފައިގައި ނޫން ގޮތުގައިވެއްޖެހިނދު ފިރިހެނުންނަށް އެފަޓުލޫނު ލުން ހުއްދަވެގެންވެ އެވެ. ولله الحمد. މީހަކު ބުނެފާނެ އެވެ. އަހަރެން ނަމާދު ކުރަނީ ފަޓުލޫނުގަ އެވެ. އެ ފަޓްލޫނަކީ ހަށިގަނޑަށް ބާރު ފަޓްލޫނެއް ނޫނެވެ. ފަހެ، ބައެއް މީހުން ލައިގެން ތިބޭ ފަޓްލޫން ހަށިގަނޑަށް ބާރުކަމުން އޭނާގެ ހަށިގަނޑު ފަޅައިގެން ނުކުމެދާނެފަދަ އެވެ. އެހެނަސް އޭނާ ބުނެ އެވެ. އަހަރެންގެ ފަޓުލޫނަކީ ފުޅާވެގެންވާ ފަޓުލޫނެކެވެ. އެހެނަސް ރުކޫޢަށް ގޮސްފިހިނދު ބާރުކަމުން އުނދަގޫވެ އެވެ. އަދި ސަޖިދައަށް ގޮސްފިހިނދު އުނދަގޫވެ އެވެ. ފަހެ، އަހަރެން ބުނަމެވެ. މިކަމުގައި ޢިލްމުވެރިން ކަނޑައަޅާފައިވާ ޝަރުޠަކީ، ޢާންމުކޮށް ސިފަވާ މިންވަރަށްވުރެ ބޮޑަށް ސިފަވެގެން ނުވުމެވެ. މީގެ މާނައަކީ : ތިބާކޮޅަށް ހުންނަހިނދު ތިބާ ލައިގެން ހުރި ފަޓުލޫނަކީ އެފޭރާން ނިވާކުރަން ބޭނުންކޮށްފައިވާ ގުނަވަންތައް ސިފަ ނުކުރާ ކަމުގައިވާނަމަ އެ ޝަރުޠައް އެހިނދު އެވަނީ ޤާއިމްވެފަ އެވެ. އެހެނަސް ތިބާ ސަޖިދައަށް، ރުކޫޢަށް ދިއުމުން އުނދަގޫވަނީ އެވެ. ފަހެ، މިޙާލަތުގައި އެ ޝަރުޠާއި ޚިލާފްވެ ނުދެ އެވެ. لله الحمد و المنة. ފަހެ، އެހެންވުމުން ތިބާއަށް (ލާޒިމްވެގެންވަނީ) ނަމާދުގައި ތިބާގެ ހަށިގަނޑު ހުއްދަވެގެންވާ ފޭރާމަކުން ނިވާކުރުމެވެ. އެ ފެރާމަކީ ގުނަވަންތައް ސިފަނުކުރާނެ އަދި (ފޭރާމުގެ ތުނިކަމުން) އެތެރެ ނުފެންނަ ފޭރާމެއް ކަމުގައިވުމެވެ.
އެހެނަސް ފަޓުލޫނު ލުމުގެ ޙުކުމާއި މެދުވަނީ އިސްވެ ތަފްޞީލު ކުރެވުނު ފަދައިންނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.