ޖަމާޢަތުގައި ނަމާދު ކުރަނިކޮށް ނަމާދަށް ހުރި މީހަކު ޙަދަޘަވެރިވެ (ވުޟޫ ގެއްލިއްޖެހިނދު) ޢަމަލު ކުރާނީ ކިހިނެތްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޖަމާޢަތުގައި ނަމާދު ކުރަނިކޮށް ނަމާދަށް ހުރި މީހަކު ޙަދަޘަވެރިވެ (ވުޟޫ ގެއްލިއްޖެހިނދު) ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟
ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ : ވުޟޫ ގެއްލުމާއެކު އެމީހަކު އެވަނީ ޙަދަޘަވެރިވެފަ އެވެ. އެހިނދު އެމީހެއްގެ ނަމާދު ބާޠިލްވާނެ އެވެ. އަދި ނަމާދު ކުރިއަށް ގެންގޮސްގެން ނުވާނެ އެވެ.
މިއަދު ދުނިޔެމަތީގައިވާ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ د. عَرَفَات بن حَسن المُحمَّدي حفظه الله ވިދާޅުވެފައިވެ އެވެ.
”ވުޟޫނެތި ނަމާދުކޮށްފި މީހާގެ ނަމާދު ބާޠިލްވާނެ އެވެ. އެކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅެވެ. (لاَ تُقْبَل صَلاةُ مَنْ أَحْدَثَ حَتَّى يَتَوضأ) ”ޙަދަޘަވެރިވެފައިވާ މީހާ ވުޟޫ ކޮށްފުމަށް ދާންދެން އޭނާގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ.“ البخاري 135 مسلم 225
އަދިވެސް މިކަމުގައި ދަންނަންޖެހޭ ނުކުތާއެއްވެ އެވެ. ތިމާ ވުޟޫގެއްލިފައިވާކަން އެނގިފައިވާ ޙާލުގައި ތިމާ ނަމާދުން ނުކުތުމަށް ލަދުގަނެ، މީސްތަކުން ބުނެފާނެ ބަހަކަށްޓަކައި ނަމާދު ކުރިއަށް ގެންދިއުމުގައި އޮތް ބޮޑުވެގެންވާ ނުރައްކާ އެނގިގަތުމެވެ.
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة د. صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ﷲ ޝެއިޚްއަށް ތަޥްފީޤު ދެއްވާށި އެވެ. ސުވާލު ކުރާމީހާ ބުނެ އެވެ. މީހަކު ނަމާދުކުރަނިކޮށް ޙަދަޘަވެރިވީ އެވެ. އެހެނަސް މީހުން އޭނާއަށް ބަލާނެ ކަމުގެ މައްޗަށް ބިރުހީވެ، ލަދުން އޭނާ ނަމާދުން ނުނިކުމެ އެވެ. މިފަދަ މީހާއަކީ މުރުތައްދުވެދާނެ ކަމުގެ ބިރުއޮތް މީހެއް ކަމުގައި ބުނުމަކީ ޞައްޙަ ބަސްފުޅެއް ހެއްޔެވެ؟
ޖަވާބު : ”އާނއެކެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެކަމުގެ ސަބަބުން އޭނާ މުރުތައްދުވާނެ ކަމެވެ. ސަބަބަކީ އޭނާވަނީ ވުޟޫނެތި ނަމާދު ކުރުން ހުއްދަ ކޮށްފަ އެވެ. އޭނާ ﷲ އަށް ބިރުވެތި ނުވެ ބިރުވެތިވީ މީސްތަކުންނަށެވެ. މިއީ އޭނާއަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. الحمد لله ނަމާދުން ނުކުންނާނީ އެވެ.“
ވުމުން، ވުޟޫ ގެއްލުމާއެކު ނަމާދުގައި ހުރި ހިސާބަކުން އޭނާ ނަމާދުން ނިކުތުންވެ އެވެ. ނަމާދުން ނުކުތުމަށް ސަލާމް ދޭކަށް އޭނާ ނުޖެހޭނެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ.
ސުވާލު : ނަމާދު އެކަނި ކުރާ މީހަކު، އޭނާ ނަމާދަށް ހުއްޓައި ވުޟޫ ނެތްކަން އެނގިއްޖެހިނދު ޢަމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ އިމާމެއް ނުވަތަ މައުމޫމެއް ގެ ގޮތުގައި ވުމުން އޭގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ނުވަތަ ޢަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟
ޖަވާބު : ނަމާދަށް ހުރި މީހަކަށް، އެއީ އިމާމެއް ނުވަތަ މައުމޫމެއް ކަމުގައިވީނަމަވެސް އޭނާ ވުޟޫނެތްކަން އެނގުމުން އޭނާގެ ނަމާދު ބާޠިލްވާނެ އެވެ. އިމާމެއް ނުވަތަ މައުމޫމެއްގެ ޙުކުމަކީވެސް މިއެވެ. އޭނާއަށް ވާޖިބުވެގެންވަނީ ނަމާދުން ނިކުތުމެވެ. އަދި ވުޟޫކުރުމަށްފަހު ނަމާދު އަލުން ފެށުމެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.“ فتاوى اللجنة الدائمة : 1733
ދެވަނައީ : ނިކުންނާނީ ކިހިނެތް ހެއްޔެވެ؟ އެބަހީ އޭނާގެ ފަހަތުގައި ގިނަ ސަފުތަކެއް ހަދައިފައިވެ އެވެ. މީސްތަކުން ތިބީ ނަމާދުގަ އެވެ. ޢަމަލު ކުރާނީ ކިހިނެތް ހެއްޔެތެވެ؟
ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ފިޤުހުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام العلامة محمد بن صَالح العُثَيمِين- رحنه الله- ވިދާޅުވެފައިވެ އެވެ.
”އޭނާގެ މައްޗަށް އޮތީ މިސްކިތުން ނުކުމެ ވުޟޫ ކުރުމެވެ. މި ޙާލަތުގައި ސަފުތަކުގެ ތެރެއިން ދިއުން އުޛުރުވެރިވެގެންވެ އެވެ. އެހަނަސް އޭނާގެ މައްޗަށް އެދެވިގެންވަނީ ސަފުތަކުގެ ތެރެއިންލާފާ ދާއިރު އޯގާތެރިކަމާއެކު ސަފުތަކުން ޖާގަ ހޯދަމުން ދިޔުމެވެ. އަދި އެމީހުންގެ ކިބައިން އިޒުނައަށް އެދުމެވެ. އެގޮތުން މިސާލާކަށް ތިބާގެ ފަޟުލުވެރިކަމުން އަހަންނަށް އިޒުނަދެއްވާށެވެ. ނުވަތަ މިފަދަ އިބާރާތްތައް ބޭނުންކުރުން ހުއްޓެވެ. އެއީ، މިސްކިތުގެ އަހުލުވެރީންގެ ކޮޑުތަކުގެ މަތީން ސަފުތައް ފޫއަޅުވަމުން ނުކުންނަން ޖެހުނު ކަމަށްޓަކާ މީސްތަކުންގެ ނަފްސުތަކަށް ހިތްހަމަ ޖެއްސުމަށްޓަކައެވެ.“ نور على الدرب 296
ވުމުން، ސަފުތަކުގެ ދެމެދުން އަދި ނަމާދަށް ތިބި މީހުންގެ ދެމެދުން މިސްކިތުން ނުކުތުން ހުއްޓެވެ.
ތިންވަނައީ : ގިނަ ބަޔަކަށް ސުންނަތުގެ ތެރެއިން ފާއިތުވެގެންވާ ސުންނަތެކެވެ. ނިކުންނަހިނދުގައި އޭނާގެ ޢަމަލުތައް ބަހައްޓާނެ ގޮތާއި މެދުގަ އެވެ.
ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (إذا صلَّى أحدُكم فأحدَثَ، فلْيُمْسِكْ على أنفِهِ ثُمَّ لْيَنْصَرِفْ) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރަނިކޮށް، ފަހެ ޙަދަޘަވެރިވެއްޖެ ހިނދު، އެމީހަކު އޭނާގެ ނޭފަތުގައި ހިފަހައްޓާށެވެ. (ދެން) އެއަށްފަހު ނުކުންނަ ހުއްޓެވެ.“ صحيح ابن ماجه 1015، السلسلة الصحيحة 2976
ބުނަމެވެ. ވައި ބޭރުވުންފަދަ ކަމެއް ދިމާވެ، އޭނާ ލަދުގަންނަ ކަމަކާހެދި ނަމާދުން ނުކުންނަން ޖެހިއްޖެހިނދު، އެ ޙާލުގައިވެސް ކަންތައްކުރަން ޖެހޭ ގޮތުގެ އިރުޝާދެއް ސުންނަތުގައި ވާރިދުވެގެން އައުމުން، ދޭހަވަނީ މި ޝަރީޢަތަކީ މުރޫޢަތްތެރިކަމަށް ބާރުއަޅައިފައިވާ ފުރިހަމަ ޝަރީޢަތެއް ކަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.