ހުކުރު ދުވަހުގައި ރަވާތިބް ސުންނަތުގެ 12 ރަކުޢަތް ކުރާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ހުކުރު ދުވަހުގައި ރަވާތިބް ސުންނަތުގެ ޢަދަދު ހަމަކުރުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ފުރަތަމައީ : ރަވާތިބު ސުންނަތްތަކެވެ.

ނަބިއްޔާގެ އަނބިކަނަބލުން أم المؤمنين أم حبيبة -رضي الله عنها- ވިދާޅުވެފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (من صلَّى في يومٍ وليلةٍ ثنتيْ عشرةَ ركعةً ، بُنيَ له بيت في الجنةِ : أربعًا قبلَ الظهرِ ، وركعتيْنِ بعدَها وركعتيْنِ بعدَ المغربِ ، وركعتيْنِ بعدَ العشاءِ ، وركعتيْنِ قبلَ الفجرِ)

”ކޮންމެ ރެއަކާ ދުވާލަކު 12 ރަކުޢަތް ކޮށްފިމީހާއަށް، ﷲ (ޤިޔާމަތް ދުވަހުގައި ) ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެ އެވެ. މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތް، މެންދުރު ނަމާދުގެ ފަހުން ދެ ރަކުޢަތް، މަޣްރިބް ފަހުން ދެ ރަކުޢަތް، ޢިޝާ ފަހުން ދެ ރަކުޢަތް އަދި ފަތިސް ކުރިން ދެ ރަކުޢަތެވެ.“

ރަވާތިބު ސުންނަތްތަކަކީ މި 12 ރަކުޢަތެވެ.

މި ޙަދީޘް الترمذي (414)، النسائي (1794) އަދި ابن ماجه (1140)ރިވާކުރެއްވި އެވެ. މިއީ ޞައްޙަ ޙަދީޘެކެވެ.

ސުންނަތްކަން ގަދަވެގެންވާ 12 ރަކުޢަތަކީ މި 12 ރަކުޢަތެވެ. މި ޚާއްޞަ 12 ރަކުޢަތަކީ އެއީ ރަވާތިބު ސުންނަތްތަކެވެ.

ފަހެ، ޙަދީޘްގައި ބަޔާންވެގެންވަނީ ރަވާތިބު ސުންނަތްތަކުގެ މާތް ކަމާއި މަތިވެރިކަމާއި އަދި އޭގެ ޢަދަދެވެ.

އަދި އެ ރަކުޢަތްތައް ކުރުމަށް ކަނޑައެޅިފައިވާ ސިފަ އެވެ.

ދެވަނައީ : ހުކުރު ދުވަހުގައި ރަވާތިބް ސުންނަތްތަކުގެ ޢަދަދު ހަމަވުމަށް އެކަމުގައި އޮތް ސަބަބަކީ ހުކުރު ނަމާދު ޤާއިމް ކުރުމުގައި ވުމެވެ. އެބަހީ : ހުކުރު ނަމާދުގެ ކުރިއަށް ރަވާތިބު ސުންނަތްތައް ކުރުމަށް ނެތުމުން އެ ގޮތުގައި ޢަދަދު ހަމަ ނުވުމެވެ.

މި މައްސަލައިގައި ބައެއް ޢިލްމުވެރިން ވިދާޅުވަނީ : ހުކުރު ދުވަސް ވަނީ އެގޮތުން އިސްތިސްނާވެގެންނެވެ. އެގޮތުން ޙަދީޘްގައިވާ ލަފްޟު ކަމުގައިވާ (من صلَّى في يومٍ وليلةٍ ثنتيْ عشرةَ ركعةً …..) ”ކޮންމެ ރެއަކާ ދުވާލަކު 12 ރަކުޢަތް ކޮށްފިމީހާއަށް….“ ވުމުން ކޮންމެ ދުވަހަކު އޮތް ތަނުން ހުކުރު ދުވަސް އިސްތިސްނާވެ އެވެ.

އަދިވެސް ބައެއް ޢިލްމުވެރިން ވިދާޅުވެ އެވެ. ހުކުރު ދުވަހު މިސްކިތަށް އަންނަ މީހާއަށް އެދެވިގެންވަނީ ހުކުރު ނަމާދަށް އައުމަށްފަހު، ސުންނަތް ކުރުމުގައި ދެމިހުރުމެވެ. އެބަހީ 2 ރަކުޢަތުން 2 ރަކުޢަތުން ސަލާމް ދެމުން ސުންނަތް ނަމާދު ކުރުމުގައި ދެމިހުރުމެވެ.

شَيخ الإسلام ابن تَيميَّية -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޞަޙާބީންގެ ކިބައިން ވާރިދުވެގެންވަނީ އެބޭކަލުން ހުކުރު ދުވަހު މިސްކިތަށް ވަޑައިގެންނެވުމަށްފަހު، މިސްކިތަށް ވަދެވަޑައިގަންނަވާ ހިނދުން ފަށައިގެން އެ ބޭކަލަކަށް ފަސޭހަވެގެންވާ މިންވަރަށް ނަމާދު ކުރައްވާކަމެވެ. އެބޭކަލުންގެ ތެރޭގައި ބާރަ ރަކުޢަތް ކުރައްވާ ބޭކަލުންވެ އެވެ. ބައެއް ބޭކަލުން ދިހަ ރަކުޢަތް ކުރައްވަ އެވެ. ބައެއް ބޭކަލުން އަށް ރަކުޢަތް ކުރައްވަ އެވެ. އަދި އެއަށްވުރެ މަދުން ނަމާދު ކުރައްވާ ބޭކަލުންވެސް އެބޭކަލުންގެ ތެރޭގައިވެ އެވެ.“ فتاوى ج24 ص189

މިތަނުގައި މި ޢަމަލާއި މެދުގައިވިސްނާލުން ހުއްޓެވެ. މިއަދު މި ސުންނަތްތައް ކުރުމުގައިވާ އަހުލުވެރިންގެ ޢަދަދު ކޮންފަދަ މަދު ކަމާ އެވެ. މި ސުންނަތް މިފަދައިން މިސްކިތުގައި ޤާއިމްކުރާ އަހުލުވެރިންގެ ޢަދަދު ކޮންފަދަ މަދުވެ އަދި އެކަމުގައިވާ ބީރައްޓެހިކަމުގެ ބޮޑު ކަމާ އެވެ.

މިފަދައިން ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅުން އަދި އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުން ވާރިދުވެގެންވެ އެވެ. ފަހެ، އެހިނދު އެމިހަކު އެވަނީ 4 ރަކުޢަތް އަދި އެއަށްވުރެ ގިނަ މިންވަރަށްވެސް ކޮށްފަ އެވެ. އަދި އެއީ ރަވާތިބް ސުންނަތުގެ މައްޗަށް ފުދޭނެ މިންވަރެއް ކަމުގައި އުއްމީދު ކުރެވެ އެވެ.

މިފަދައިން މަދީނާގައި އަދި ކިޔެއްތަ، މި އުއްމަތުގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخُ العلاَّمة عَبْدُ المُحسن العبَّاد حفظه الله އަރިހުގައި މި މައްސަލައިގައި ސުވާލު ކުރެވުނެވެ.

ސުވާލު : ރަވާތިބު ސުންނަތުގެ ޢަދަދަކީ ބާރަ ރަކުޢަތެވެ. ހުކުރު ދުވަހުގައި 12 ރަކުޢަތް ހަމަކުރަނީ ކިހިނަކުންތޯ އެވެ؟ ސަބަބަކީ ހުކުރު ނަމާދުގެ ކުރިއަށް ސުންނަތެއް ކުރުމެއް ނޯންނާނެތީ އެވެ؟

ޖަވާބު : ”ހުކުރު ދުވަހުގައި ހުކުރު ނަމާދުގެ ކުރިން ޚާއްޞަ ރަވާތިބު ސުންނަތެއް ނޯވެ އެވެ. އެހެނަސް އިންސާނަކު އެދުވަހު މިސްކިތަށް ވަނުމަށްފަހުގައި އޭނާއަށް ﷲ ކުޅަދާނަކަން ދެއްވި މިންވަރަކަށް އޭނާ ރަކުޢަތްތައް ކުރުންވެ އެވެ. އެއަށްފަހު މިސްކިތުގައި އިށީންނާނީ އެވެ. އަދި ފަރުޟު ހުކުރު ނަމާދު ކުރުމަށް މެނުވީ އޭނާ ތެދުވުމެއް ނުވެ އެވެ. ސަބަބަކީ ޞަޙާބީން رضي الله عنهم وأرضاهم އެބޭފުޅުން މިފަދައިން ޢަމަލު ކުރައްވާފައިވުމެވެ.

ހުކުރު ނަމާދު ކުރިން ވަކި ޚާއްޞަ ޢަދަދަކަށް ރަކުޢަތް ކުރުމަށް ކަނޑައެޅިފައި ނުވެ އެވެ. އެހެނަސް ހުކުރު ނަމާދަށްފަހު، 2 ރަކުޢަތް އަދި 4 ރަކުޢަތް ކުރުން ވާރިދުވެގެންވެ އެވެ. އެއީ، އެނބުރި ގެއަށް އައިސް ގޭގައި ކުރާމީހާއަށް 2 ރަކުޢަތެވެ. ހުކުރު ނަމާދަށްފަހު މިސްކިތުގައި ކުރާ މީހާއަށް 4 ރަކުޢަތެވެ. ފަހެ، މި ފަދައިން ބަޔާންވެފައިވާ ޙަދީޘްތައް ކުރިން އަހަރެމެން ކިޔަވާފައިވާނެ އެވެ.

ވުމާއެކު، އިސްވެ ބަޔާންވެދިޔަ ފަދައިން، ހުކުރު ދުވަހު މިސްކިތައް ވަނުމަށްފަހު 4 ރަކުޢަތަށްވުރެ އިތުރަށް ރަކުޢަތްކޮށްފި ހިނދުގައި، އެމީހަކުވަނީ ހަތަރު ރަކުޢަތް އަދި އިތުރަށްވެސް ރަކުޢަތް ކޮށްފަ އެވެ. އަދި 4 ރަކުޢަތްކޮށް އެވަރަށް ފުއްދައިފި މީހާވަނި (ރަވާތިބު ސުންނަތުގެ މައްޗަށް) ރައްކާތެރިވެފަ އެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ)

ވުމުން މިއީ އެމީހަކަށް ރަވާތިބުގެ އަޖުރާއި ޘަވާބު ލިބޭނެކަމަށް އުއްމީދު ކުރެވޭ ގޮތް ކަމުގައި މި ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ.

ދަންނަ އެވެ!

ހުކުރު ނަމާދަށް އަންނަ މީހާ އެމީހަކު މިސްކިތުގައި 2 ރަކުޢަތުން 2 ރަކުޢަތުން ކުރާ ނަމާދަކީ ރަވާތިބު ސުންނަތުގެ ނިޔަތުގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަސް އެއީ އެމީހާގެ ހައްޤުގައި ސުންނަތް ނަމާދުގެ ގޮތުގައި ކުރާ ރަކުޢަތްތަކެކެވެ. އޭގެ ޢަދަދެއްވެސް ކަނޑައެޅިފައި ނުވެ އެވެ.

ތިންވަނައީ : ހުކުރު ދުވަހު، ހުކުރު ނަމާދުގެ ފަހުން ސުންނަތް ކުރުމަށް ވާރިދުވެގެންވެ އެވެ.

އޭގެ ތެރޭގައި صحيح مسلم ގައި أبي هريرة رضي الله عنه ގެ އަރިހުން ރިވާކުރެވިފައިވާ ޙަދީޘެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ( إذَا صَلَّى أحدُكم الجُمُعةَ فَلْيُصَلِّ بَعْدَهَا أَرْبَعًا ) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރު ނަމާދު ކޮށްފިހިނދު، ފަހެ، އެއަށްފަހު ހަތަރު ރަކުޢަތް ކުރާހުށި ކަމެވެ.“ އަދި البخاري އާއި مسلم ގައި ޞަޙާބީ ابن عمر رضي الله عنهما ގެ އަރިހުން ވާރިދުވެގެންވެ އެވެ. “ كان لا يصلي بعد الجمعة حتى ينصرف ، فيصلي ركعتين في بيته “ ”ހުކުރު ނަމާދަށްފަހު މިސްކިތުން ވަޑައިގަންނަވަންދެން އެއްވެސް ނަމާދެއް ނުކުރައްވަ އެވެ. ފަހެ، ގެކޮޅުގައި 2 ރަކުޢަތް ކުރައްވަ އެވެ.“

ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން މި ރިވާޔަތްތައް ޖަމްޢު ކުރައްވާ ވިދާޅުވެ އެވެ. މިސްކިތުގައި ކުރާނަމަ އެއީ ހަތަރު ރަކުޢަތް ކުރުމެވެ. އަދި އެނބުރި ގެއަށް އައިސް ކުރާނަމަ ކުރާހުށީ 2 ރަކުޢަތެވެ. މިއީ މި މައްސަލައިގައި شيخ الإسلام ابن تيمية -رحمه الله- އިޚްތިޔާރު ކުރެއްވި ޤައުލެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts