ގާތް ތިމާގެ މީހުންނަށް ފަރުޟު ޒަކާތް ނެރެފައި ދިނުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ގާތް ތިމާގެ މީހުންނަށް ފަރުޟު ޒަކާތް ނެރެފައި ދިނުމާއި މެދުގައި ބުނަމެވެ.

މިތަނުގައި މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عَبد العَزِيز بن عبد الله بن بَاز -رحمه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ.

”ފިރިހެނަކު ނުވަތަ އަންހެނަކުވެސް އޭނާ ނެރޭ ޒަކާތުގެ ފައިސާ އޭނާގެ ފަޤީރު އަންހެން ކޮއްކޮއަށް، ދައްތައަށް، ދިނުން ނުވަތަ އޭނާގެ ބޮޑު ބޭބެއަށް ނުވަތަ ބޮޑު ދައިތައަށް ދިނުމުގައި މައްސަލައެއް ނެތެވެ.

އަދި މި ނޫންވެސް ޢާއިލާގެ ތެރޭގައިވާ ފަޤީރަކަށް ދިނުމުގައިވެސް މައްސަލައެއް ނެތެވެ.

ޢާންމު ދަލީލުތަކުން ބަޔާންވެގެންވަނީ މިފަދައިންނެވެ.

އަދި ކިޔެއްތަ، މިފަދައިން ޤާތް ތިމާގެ ފަޤީރުން ގޮތުގައިވާ އަހުލުވެރިންނަށް ޒަކާތް ދިނުން ވެގެންދަނީ، އެ ފަރާތްތަކަށް ދެވޭ ޞަދަޤާތެއް ގޮތުގަ އެވެ. އަދި ރަޙިމްގެ ގުޅުން ދެމެހެއްޓުމުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއްގެ ގޮތުގަ އެވެ.

އެހެނަސް މަންމަ، ބައްޕަ ( ކާފަ އަދި މުނިކާފަ) އަށް ޒަކާތުގެ ފައިސާ ދީގެން ނުވާނެ އެވެ. އެއީ ފަޤީރުން ކަމުގައިވީނަމަވެސް އެވެ.

އަދި ތިމާގެ ދަރިންނަށްވެސް ޒަކާތު ފައިސާ ދީގެން ނުވާނެ އެވެ. އެބައިމީހުންނަށް ހޭދަ ކުރަން ޖެހޭނީ ތިމާގެ އަމިއްލަ މުދަލުން އޭނާއަށް ކުޅަދާނަވީ ވަރަކުންނެވެ.“ (ޝެއިޚްގެ ބަސްފުޅު ގެނެސްދީފައިވަނީ އޭގެ މާނައިގަ އެވެ.)

ބުނަމެވެ. އެބަޔަކު ބެލުމަށް ތިމާގެ މައްޗަށް ބަލަދު އަރާފައިވާ ފަރާތްތައް ކަމުގައިވާ ތިމާގެ އަނބިމީހާ އަދި ދަރިންނަކީ ތިމާ އެބަޔަކަށް ޚަރަދުކޮށް ބަލަން ޖެހިފައިވާ ފަރާތްތަކެވެ. ވުމުން، އެ ބަލަން ޖެހިފައިވާ އަދި ޚަރަދު ކުރަން ޖެހިފައިވާ ޚަރަދު ފޫބައްދާ އެއްޗެއް ގޮތުގައި ޒަކާތް ނެރެ ހަދައިގެން ނުވާނެ އެވެ.

ފަހެ، ތިމާ ނެރޭ ޒަކާތް ދޭން ޖެހޭނީ ތިމާ އެބަޔަކު ބެލުން، ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ނުއުފުލާނެ ފަރާތްތަކެވެ.

މިޘާލަކަށް ބޮޑު ބޭބެ އެވެ. ބޮޑު ދައިތައެކެވެ. ނުވަތަ އެމީހުންގެ ދަރިންނެވެ.

މިފަރާތްތަކަކީ ޢާއިލާގެ ގާތް ތިމާގެ މީހުން ކަމުގައިވީނަމަވެސް އެފަރާތަތްކަކީ ޒަކާތް ޙައްޤުވެގެންވާ ޙާލަތުގައިވާ ބައެއް ކަމުގައިވާނަމަ އެ ގާތްތިމާގެ މީހުންނަށް ޒަކާތް ދެވޭނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts