ފިޠުރު ޒަކާތް ނެރޭ ވަޤުތަކީ ކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފިޠުރު ޒަކާތް އެންމެ އަވަހަށް ފަޤީރަކަށް ނުވަތަ މިސްކީނެއްގެ އަތަށް ދެވޭނެ މުއްދަތުގެ ގޮތުގައި ދީނުގައި ކަނޑައެޅިފައިވަނީ ދެ ވަޤުތެއްގަ އެވެ.

ފުރަތަމަ ވަޤުތަކީ : ހުއްދަވެގެންވާ ވަޤުތެވެ. އެއީ ޢީދުގެ އެއް ދުވަސް ނުވަތަ ދެދުވަސް ކުރިން ޒަކާތް ނެރުމެވެ. މިކަމަށް ޞަޙީޙު البخاري 1511 ގައި ވެ އެވެ. ޞަޙާބީ ابن عمر -رضي الله عنهما- ވިދާޅުވެފައިވެ އެވެ. ( وَكَانُوا يُعطُونَ قَبلَ الفِطرِ بِيَومٍ أَو يَومَينِ ) “އެބޭކަލުން ފިޠުރު ޒަކާތް ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެ ދުވަސް ކުރިން (ފަޤީރުންނާއި މިސްކީނުންނަށް) ދެ އެވެ.”

މި މުއްދަތަށްވުރެ އަވަސްކޮށް ޒަކާތް ނެރުމަށް އެއްވެސް ރިވާޔަތެއް ވާރިދުވެފަ އެއް ނުވެ އެވެ.

العلامة صالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ. “ފަހެ އެއީ އެ ޞަޙާބީންގެ ފަރާތުން މިކަމުގެ މައްޗަށްވާ އިޖުމާޢުއެކެވެ.” ملخص الفقهي.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް العلامة ابن بَاز-رحمه الله- ވިދާޅުވެފައިވެ އެވެ. ”ފިޠުރު ޒަކާތް ޢީދު ދުވަހުގެ 5 ދުވަސް ކުރިން ނެރެފިމީހާގެ ކިބައިން އެ ޒަކާތެއް ޤަބޫލުނުކުރެވޭނެ އެވެ. އަދި އޭނާއަށް އޮތީ އަލުން ޒަކާތް ޢިއާދަކޮށް، ޒަކާތް ދެއްކުމެވެ.“

فوائد من دروس شماحة الشيخ ابن باز ص 37

އެންމެ ހެޔޮވެގެންވާ ވަޤުތަކީ : ޢީދު ދުވަހުގެ ޢީދު ނަމާދުގެ ކުރިން ނެރުމެވެ. ޞަޙީޙު البخاري 1511 ގައި عبد الله بن عُمر -رضي الله عنهما- ގެ ޙަދީޘްގައިވެ އެވެ. وأَمَرَ بهَا أنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إلى الصَّلَاةِ “މީސްތަކުން ޢީދު ނަމާދަށް ނުކުތުމުގެ ކުރިން (ފިޠުރު ޒަކާތް) ނެރުމަށް އަމުރުފުޅު ކުރެއްވި އެވެ.” ފަހެ، މިއަށްވުރެ ލަސްކުރުން ހުއްދަ އެއް ނުވާނެ އެވެ.

العلامة ابن العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. “ދެންފަހެ، ހެޔޮކަން ބޮޑުވެގެންވާ ވަޤުތަކީ، ޢީދު ދުވަހު ހެނދުނު ޢީދު ނަމާދުގެ ކުރިން ނެރުމެވެ. އެއީ ޞަޙީޙު البخاري ގައިވާ أبو سعيد الخدري-رضي الله عنه- ގެ ރިވާޔތުގައިވާ ފަދައިންނެވެ. “ތިމަންބޭކަލުން ނަބިއްޔާ ﷺ ގެ ޢަހުދުގައި ޢީދު ދުވަހުގައި ކާބޯ ތަކެތީން ޞާޢު އެއްގެ މިންވަރު (ފިޠުރު ޒަކާތުގެ) ގޮތުގައި ނެރެމު އެވެ.” مجالس رمضان ٢٨،

ދަންނަ އެވެ! ޢީދު ނަމާދު ކުރިން ޢުޛުރަކާ ނުލައި. އަދާ ނުކޮށްފި މީހާ ފާފަވެރިވާނެ އެވެ. އަދި ފާފަވެރި ވުމާއެކުގައިވެސް އެމީހެއްގެ ޛިންމާގައި އެވާޖިބު އަދާކުރުން އޮންނާނެ އެވެ. العلامة صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ. ” ފިޠުރު ޒަކާތް ނެރުން ޢީދު ނަމާދަށް ވުރެ ލަސްކޮށްފިކަމުގައިވާނަމަ، އެ ޒަކާތް ޤަޟާކުރުމުގެ ގޮތުގައި ނެރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. މިކަން ابن عباس ރިވާކުރެއްވި ހަދީޘުން ދޭހަވެގެން ދެއެވެ. (مَن أدّاها قبلَ الصلاةِ، فهي زكاةٌ مقبولةٌ، ومَن أدّاها بعدَ الصلاة، فهي صدقةٌ من الصَّدقاتِ) “ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް އަދާކޮށްފި މީހާ ފަހެ އެއީ ޤަބޫލް ވެވިގެންވާ ޒަކާތެކެވެ. އަދި ޢީދު ނަމާދަށް ވުރެ ފަހުން އެއަދާކޮށްފި މީހާ ފަހެ އެއީ ޞަދަޤާތްތަކުގެ ތެރެއިން ވާ ޞަދަޤާތެކެވެ.

އަދި ކަނޑައެޅިފައިވާ ވަގުތަށްވުރެ ޒަކާތް ނެރުން ލަސްކުރުމުގެ ސަބަބުންނާއި، ރަސޫލު ﷲ صلى الله عليه وسلم ގެ އަމުރު ފުޅާއި ޚިލާފްވުމުގެ ސަބަބުން އޭނާ ފާފަވެރިވާނެއެވެ.”

ވުމުން، އެމީހަކަށް ޒަކާތް އެންމެ ހެޔޮވެގެންވާ ވަޤުތުގައި ނެރެވޭނެ މީހާ އެވަޤުތު އިޚްތިޔާރު ކުރުން ހުއްޓެވެ. ޝައްކެތްވެސް ނެތް ކަމަކީ އެންމެ ހެޔޮވަޤުތުގައި ނެރުނު މީހާއަށް އެކަމުގައި އަޖުރު ލިބޭނެ ކަމެވެ.

ނިންމާލުމުގެ ކުރިން ބުނަމެވެ. މިވަޤުތަށް ވުރެ ކުރިން ޒަކާތް ފަޤީރުންނާއި މިސްކީނުންނަށް ދިނުމަށްޓަކައި، މީހަކާއި ޙަވާލު ކޮށްފައި ބެހެއްޓުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ފަހެ، ޙަވާލު ކުރުމާއި އަދި ޒަކާތް އަދާކުރުން އެއީ ދެކަމެކެވެ. ފަހެ، އެކަން ވިސްނިގަތުން ހުއްޓެވެ.

ކާބޯތަކެތީގެ ޙާޖަތް ޖެހިފައިވާ މިސްކީނުން ނުހަނު ގިނަވާނެ އެވެ. މި ޒަމާނުގައި އެކިއެކި ތަންތަނުގައި އެފަދަ ޢާއިލާތަކާއި އަދި ފަރުދުންތައް ވާނެ ކަމާއިމެދު ޝައްކެތްވެސް ނެތެވެ. އެހެން ވުމުން ރަށްރަށުގައިވާ އެފަދަ ބަޔަކަށްވެސް ދެވިދާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم

Similar Posts