ރަމަޟާން މަހާއި ރޭ އަޅުކަން

އަޚުންނޭވެ! ރަމަޟާން މައްސަރުގައި ދަރުމައާއި އަޖުރު ލައްވާފައިވަނި އެކިއެކި ބާވަތްތަކުގަ އެވެ.

އެކިއެކި ސިފަތަކުގަ އެވެ. އެފަދައިން ނުވާނީ ފަހެ ކީއްވެ ހެއްޔެވެ؟ މިއީ އާޚިރަތުގެ މޫސުމެކެވެ. އާޚިރަތް ހޯދުމަށް އޮތް ދުވަސްތަކެވެ. ވުމާއެކު އެފަދަ އެންމެހައި ޢަމަލުތަކެއް ﷲ ވަނީ މި މައްސަރުގައި ލައްވާފަ އެވެ.

ޙަދީޘްގައިވެ އެވެ. مَن قامَ رمضانَ إيمانًا واحتِسابًا غُفِرَ لَهُ ما تقدَّمَ من ذنبِهِ “ރަމަޟާން މަހުގެ ރޭއަޅުކަން ޝަރުޢު ކޮށްފައިވާކަން ތެދުކޮށް، ﷲގެ ޙަޟުރަތުން ދަރުމަ އާއި ޘަވާބަށްޓަކައި ރޭއަޅުކަމުގައި ޤާއިމްވެއްޖެ މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް އެއިލާހު ފުއްސަވާނެ އެވެ.” صحيح البخاري 2014 صحيح مسلم 760

ވުމާއެކު، މި ރޭތައް އަޅުކަމުގައި ވޭތި ކުރުން ނުވޭހެއްޔެވެ؟ ރޭ އަޅުކަމުގައި ވަޤުތު ފާއިތު ކުރުން ނުވޭ ހެއްޔެވެ؟

ފަހެ، އުއްމަތުގެ މުޞްލިޙުން މި ޙަދީޘްތަކާއި މި މައްސަރުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އެކަމަށް ނަފްސު ހާނުވައި އެ އުޖޫރަ ހޯދުމަށް ނުހަނު ގަދައަޅާ މަސައްޕުޅު ކުރެއްވި އެވެ.

أبو ذر -رضي الله عنه- ވިދާޅުވެފައިވެ އެވެ. ”ޤަބުރުގެ ބިރުވެރިކަމާއި ނާމާންކަމުން ސަލާމަތްވުމަށް ރޭގަނޑުގެ އަނދިރީގައި ތިޔަބައިމީހުން ނަމާދުކުރާށެވެ. އިންސާނުން ދެވަނަ ފަހަރަށް ދިރުއްވޭ ދުވަހުގެ ހޫނުން ރައްކާތެރިވުމަށް ދުނިޔޭގައި ރޯދައަށް ހުންނަ ހުއްޓެވެ. އަދި ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ޞަދަޤާތްކުރުން ހުއްޓެވެ.“

الإمام مُحمَّد بن صَالح الُعثَيمين رحمه الله ވިދާޅުވެފައިވެ އެވެ. ”ފިތުނަވެރިކަމުން ސަލާމަތްކޮށްދޭ (ރައްކާތެރިކޮށް، ހިމާޔަތްކޮށްދޭ) ސަބަބުތަކުގެ ތެރޭގައި ރޭއަޅުކަން ކުރުން ހިމެނެވެ.“

އަޚުންނޭވެ! ރޭ އަޅުކަމަކީ މިފަދަ އެތައް ހެޔޮ މަގުތަކެއް، ދަތި އެތައް ދަނޑިވަޅުން، ނާމާން އެތައް ކަމަކުން އަޅާ ސަލަމާތްކޮށްދޭނެ ޢަޅުކަމެއް ކަމުގައިވެ އެވެ. ފަހެ، އެހިނދު އެބޭކަލުން އެފަދައިން ނަމޫނާ ދެއްކެވި އެވެ.

1. الحسن البصري ވިދާޅުވެފައިވެ އެވެ. “ރޭއަޅުކަން ކުރުމުގެ އަޅުކަމަށްވުރެ ބޮޑުވެގެންވާ (ދުނިޔޭގައި، ނަފްސަށް އަދި ދީނަށް އަދި އެންމެހައި ކަންކަމަށް ބާރުދެނިވި) އެހެން އަޅުކަމެއް ނުދަންނަމެވެ.”

2. أبو عثمان النهديّ ވިދާޅުވެފައިވެ އެވެ. “أبا هريرة ގެ މެހެމާނެއްގެ ގޮތުގައި ހަތް ދުވަސް ވަންދެން ވީމު އެވެ. أبا هريرة އަދި އަނބިކަނބަލުން އަދި ޚާދިމް ރޭގަނޑު ތިން ބަޔަށް ބަހާލާފައިވެ އެވެ. ފުރަތަމަ ބައިގައި އެކަކު ހޭލައި ނަމާދު ކުރެ އެވެ. އެއަށް އަނެކަކު ހޭލައި ނަމާދު ކުރެ އެވެ. އެއަށްފަހު އަނެކަކެވެ..”

3. السائب بن يزيد ވިދާޅުވެފައިވެ އެވެ. “عمر بن الخطاب ގެ ޚިލާފަތުގައި ޞަޙާބީ أبَيَّ بن كعب އަށް އަދި تميم އަށް މީސްތަކުންނާ އެކު 11 ރަކުޢަތް ރަމަޟާން މަހުގައި ކުރުމަށް ދެންނެވި އެވެ. ފަހެ، އިމާމް ސަތޭކަ އެތައް އާޔަތެއް ކިޔަވާ ވިދާޅުވެ އެވެ. ފަހެ، އަހުރެމެން ޤިޔާމުގެ ދިގުކަމުން ޢަޞާގެ މައްޗަށް ބަރޯސާވެ ތިބެމު އެވެ. ފަހެ، ޤިޔާމް ނިންމައި އަހުރެމެން ދާއިރު ފަތިސްވާން ވަނީ ކައިރިވެފަ އެވެ.”

އަޚުންނޭވެ! ނަފްސާއި ސުވާލުކުރުން ހުއްޓެވެ! މިބޭކަލުންނަށް މިފަދައިން ޤިޔާމް ކުރެވުނީ ކިހިނަކުން ބާވަ އެވެ؟ ޙަޤީޤަތަކީ ﷲ އާއި އެއިލާހުގެ ދީން މަޢުރިފާ ވުމާއި އަދި ޝަރުޢުގައި ދެމިތިބެ، ޙަޤީޤީ ކުއްތަންވުމުން ކުއްތަންވެގެންވުމެވެ.

4. عبد الله بن أبي بكر ވިދާޅުވެފައިވެ އެވެ. “އަހުރެންގެ ބައްޕާފުޅު ވިދާޅުވަނިކޮށް އަޑު އެހީމެވެ. ރަމަޟާން މަހުގައި އަހަރެމެން ޤިޔާމް ނިންމުމަށްފަހުގައި އަވަސްވެ ގަންނަމެވެ. އަދި ޚާދިމްއަށް ކާއެއްޗެހި އަވަސް ކުރުމަށް އެދެމެ އެވެ. ފަތިސް ވަޤުތު ވަދެދާނެ ކަމުގެ ބިރަށްޓަކަ އެވެ.”

އަޚުންނޭވެ! އަހަރުމެން ކިޔާނީ އަދި ބުނާނީ ކީކޭ ހެއްޔެވެ؟

و الله المستعان! އެ ބޭކަލުންނަށް މިއަދު އަހަރެމެން ރޭގަނޑު ކުޅިވަރު ތަކާއި، މުނިފޫހި ފިލުވުމުގެ ޕްރޮޤްރާމްތަކާއި، އެކިއެކި ސިލްސިލާ މުބާރަތްތަކުގައި ވާތަން ފެނުމުން އަހަރުމެންގެ މައްޗަށް ދެކޭނީ ކޮންކަހަލަ ކޮންފަދަ ބައެއްގެ ގޮތުގަ އެވެ!

5. މިއީ ކޮންފަދަ ހިއްމަތެއް ތޯ އެވެ؟ ޙައިރާންވެ ޢަޖައިބު ނުވޭތޯ އެވެ؟ ކޮންފަދަ ޢަޒުމެއްތޯ އެވެ.؟ ابن عبَّاس ގެ ދަރިވަރު سعيد بن جُبير ގެ ސިރަރަތުގައި ޛިކުރުވެގެންވެ އެވެ. ތާބިޢީ 20 އަހަރުވަންދެން ޢިޝާ ނަމާދަށް ކުރާ ވުޟޫއިން ފަތިސް ނަމާދު ކުރައްވަ އެވެ. ރޭތަކުގައި އެކުއެކީގައި އަޅުކަމުގައި ހޭދަ ކުރައްވަ އެވެ.

6. ތާބިޢީ سُوَيد بن غَفَلة ގެ ސިޔަރަތުގައިވެ އެވެ. ޢުމުރުފުން 120 އަހަރުގައި މިސްތަކުންނާއިގެން އިމާމްވެ ތަރާވީޙް ކުރައްވަ އެވެ. ….. ކޮންކަހަލަ ހިއްމަތެއް ހެއްޔެވެ؟ ކޮންކަހަލަ ޢަޒުމެއް ހެއްޔެވެ؟ މި ތާބީއަކީ ޞަޙާބީއެއްގެ ޝަރަފް ހޯއްދެވުމަށްޓަކައި ދަތުރު ކުރައްވައި މަދީނާއަށް ނަބިއްޔާއާ ބައްދަލުކުރުމަށް ވަޑައިގެންނެވި ބޭކަލެކެވެ.

މަދީނާއަށް ވަދެވަޑައިގެނެވު ދުވަހަކީ އަދި ވަޤުތަކީ ނަބިއްޔާ އަވަހާރަފުޅުވެ ފަސްތާނުލެވި ޞަޙާބީން ނަބިއްޔާގެ ޤަބުރަށް ފަސްއަޅައި އަވަދިވަޑައިގެން ނިކުންނެވި ވަޤުތެވެ.

ލޯބިވާ އަޚުންނޭވެ! މިފަދަ އެތައް މިޘާލުތަކެވެ. އަހަރެމެންނަށް ނަމޫނާ ބޭކަލުން ގޮތުގައިވެވަޑައިގެންނެވި އަހުލުވެރިންނެވެ.

އަޚުންނޭވެ! ފާއިތުވެ ވަކިވެގެން މިއަދު މިދަނީ މިފަދަ ރޭތަކެވެ. އަޤުވަޒަންކުރަންޖެހޭ ރޭތަކެކެވެ. ނަމާދު ކުރުމާއި، ދުޢާ ކުރުމާއި، ޛިކުރު ކުރުމާއި، ޤުރުއާން ކިޔެވުމުން ފަދަ އެންމެހައި އަޅުކަންތަކަކި މި ރޭތަކުގައި ރޭއަޅުކަމުގެ ތެރޭގައި ކުރެވޭނެ ކަންތައްތަކެވެ.

اسال الله تعالى ان يوفقنا و اياكم لما فيه رضاه.

Similar Posts

Leave a Reply