ފަތިސް ނަމާދަށްފަހު އިރު އެރުމުން ކުރާ ދެ ރަކުޢަތަކީ ޟުޙާ ނަމާދުތޯއެވެ؟
ސުވާލު: ފަތިސް ނަމާދަށްފަހު އިރު އެރުމުން ކުރާ ދެ ރަކުޢަތަކީ ޟުޙާ ނަމާދު ހެއްޔެވެ އިޝްރާްު ނަމާދުތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޖަވާބުގައި ނުކުތާތަކެއް ފާހަގަ ކުރަމެވެ.
ފުރަތަމައީ : ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު އިރު އެރުމަށް ދާންދެން ޛިކުރު ކުރުމުގައި ދެމިހުންނަ މީހާއަށް ބަޔާންވެގެންވާ އަޖުރެވެ.
މި މައުޟޫގައި ވާރިދުވެގެންވާ ޙަދީޘް، ޙަދީޘް ގެލަފްޟުގައިވެ އެވެ. (مَنْ صَلى الغَداة فِي الجَمَاعَة ثُمَّ قَعَدَ يَذكُرُ الله حَتَّى تَطلُعَ الشَمس ثم صَلى رَكْعَتَين كَانت لَه كأجْر حَجَّة وَ عُمْرة تَامة تَامة تَامة)
”ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު މިސްކިތުގައި އިރު އެރުމަށް ދާންދެން،ﷲ އަށް ޛިކުރުކުރުމަށްޓަކައި އިށީނދެ އިނުމަށްފަހު، 2 ރަކުޢަތް ނަމާދެއް ކުރުމުން އޭނާއަށް ޙައްޖެއް އަދި ޢުމުރާއެއްގެ އަޖުރު ލިބޭނެ އެވެ. އެއީ ފުރިހަމަ ޙައްޖެއް އަދި ޢުމުރާއެކެވެ. އެއީ ފުރިހަމަ ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބެވެ. ފުރިހަމަ ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބެވެ.“
މި ޙަދީޘް ޞައްޙަ ކުރުމާއި އަދި ބަލިކަށި ކަމުގައި ޢިލްމުވެރިންގެ މެދުގައި ވަރަށްވެސް ބޮޑު ޚިލާފެއްވެ އެވެ. އެގޮތުން މި ޙަދީޘް ޞައްޙަ (ހަސަން) ކުރައްވާ ޢިލްމުވެރިންގެ ތެރޭގައި މި ޒަމާނުގައި ފާޅުވި މުޙައްދިޘް الإمام الألبَانِي -رحمه الله الإمام ابن بَاز-رحمه الله- ހިމެނިވަޑައިގަންނަވަ އެވެ.
الألبَانِي ވިދާޅުވެފައިވެ އެވެ. السلسلة الصحيحة (حسن) 3403 .
ދެވަނައީ : އިރު އެރުމަށްފަހުގައި (ގާތްގަޑަކަށް 2 ލޮންސީގެ ދިގުމިނަށް އިރު އެރުމަށްފަހު) ކުރާ ސުންނަތް ނަމާދަށް އިޝްރާޤު ނަމާދުގެ ނަމުން ނަންދެވިފައިވެ އެވެ.
އިމާމް الطيبي، شرح المشكاة ގައި ވިދާޅުވެފައިވެ އެވެ. ”ލޮންސިއެއްގެ މިންވަރަށް އިރު އެރުމަށްފަހުގައި، އެއީ ނަމާދު ކުރުން ކަރާހަތްތެރިވެގެންވާ ވަޤުތު ދިއުމަށްފަހުގައި ނަމާދު ނުކުރުމެވެ. މި ނަމާދަށް އިޝްރާޤު ނަމާދުގެ ނަމުން ނަންދެވިފައިވެ އެވެ. އަދި މިއީ ޟުޙާގެ ވަޤުތުގެ އެންމެ ކުރީ ކޮޅެވެ.“
ވުމުން އިޝްރާޤް ނަމާދުގެ ނިޔަތުގައި ކުރުންވެސް ހުއްދަވެގެންވެ އެވެ.
ތިންވަނައީ : އިރު އެރުމަށްފަހުގައި، ފެށިގެން ދަނީ ޟުޙާ ވަޤުތެވެ. އެބަހީ : ޟުޙާ ނަމާދު ކުރުމަށް ކަނޑައެޅިފައިވާ ވަޤުތު ފެށުނީ އެވެ. ވުމުން ބައެއް ޢިލްމުވެރިން އެއީ ޟުޙާ ނަމާދު ކުރުން ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން، ކުރީގެ ސަޢުދީ ޢަރަބިއްޔާގެ މުފްތީ އިމާމް الشيخ عبد العزيز بن باز ގެ ރިޔާސަތުގެ ދަށުގައި ނެރުއްވާފައިވާ ފަތުވާގައިވެ އެވެ.
”ޙަދީޘްގައި ޛިކުރު ކުރެވިފައިވާ ދެރަކުޢަތަކީ ޟުޙާ ނަމާދެވެ. އެހެނަސް ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު، އިރު އެރުމަށް ދާންދެން ނަމާދު ކުރި ތަނުގައި ޛިކުރު ކުރުމަށް އިނުމުން ޚާއްޞަ މަތިވެރިކަމެއް އެކަމުގައި ވެ އެވެ. އަދި ޟުޙާ ނަމާދު ކުރުމަށް އެންމެ ހެޔޮވެގެންވަނީ ހޫނުކަން ބިންމައްޗަށް އެންމެ ގަދަވެދާ ވަޤުތުގަ އެވެ…“
ހަތަރުވަނައީ : އިސްވެ ބަޔާންވެދިޔަ ނުކުތާތަކުން ބަޔާންވެ އެވެ.
ފަތިސްނަމާދަށް ފަހުގައި އިރު އެރުމަށްދާންދެން ޛިކުރު ކުރުމަށް އިންނަ މީހާއަށް، އިރު އެރުމަށްފަހު ޘަވާބާއި އަޖުރު ހޯދުމަށްޓަކައި ކުރާ ދެރަކުޢަތް ނަމާދު އިޝްރާޤު ނަމާދުގެ ނިޔަތުގައި ކުރެވިދާނެ އެވެ. އަދި ޟުޙާ ނަމާދުގެ ނިޔަތުގައިވެސް ކުރެވިދާނެ އެވެ.
އެހެނަސް ޟުޙާ ނަމާދުގެ އެންމެ ހެޔޮވަގުތު ކަމުގައިވާ، ހަދީޘްގައި ބަޔާންވެގެންވާ ހެޔޮ ވަޤުތު، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. އިމާމް مسلم އަދި އެނޫން ބައެއް ފޮތްތަކުގައި ވާރިދުވެގެންވެ އެވެ. النبي صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. : صَلاَةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ ”އައްވާބީން ނަމާދު (އެބަހީ :ޟުޙާ ނަމާދު) -ކުރުންވަނީ- ތަރްމަޟުލް ފިޞާލް (އެބަހީ : އިރުގެ ހޫނުކަން ބިންމައްޗަށް އެންމެ ގަދަވެގަންނަ ވަޤުތެވެ.)“
މި ޙަދީޘްގެ ޝަރަޙައިގައި الحافظ النووي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި ވަޤުތުގައި މި ނަމާދުކުރުމުގެ މާތްކަން ބަޔާންވެގެންވެ އެވެ. އަދި އަހަރެމެންގެ އަޞްޙާބުން ވިދާޅުވެފައިވެ އެވެ. އިރު އެރުމަށްފަހު މި ނަމާދު ކުރުން ހުއްދަވެގެންވީމކަމުގައިވީނަމަވެސް މި ވަޤުތަކީ މި ނަމާދު ކުރުމަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ ވަޤުތެވެ.“ (އެއީ ގާތްގަޑަކަށް ހެނދުނު 10:30 ހާ އިރެވެ.)
މި މަތިވެރި ވަޤުތުގައި ޟުޙާ ނަމާދު ކުރުމަށް ބޭނުންވާ މީހާ، ފަތިސް ފަހުން އިޝްރާޤް ނަމާދުގެ ނިޔަތުގައި އެ 2 ރަކުޢަތް ކުރުން ހުއްޓެވެ. ސަބަބަކީ ޟުޙާ ނަމާދު ލަސްކޮށްފައި ކުރުމަށް ބޭނުން ވުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.