40 ދުވަސް ވުމުން މައްޔިތާގެ ޤަޞްދުކޮށް ކައްކައި ޞަދަޤާތް ކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޖަވާބު : ”ފުރަތަމައީ : މަރުވެފައިވާ މައްޔިތާއަށް ކޮށްދެވޭނެ ކަންތައްތަކެއް، އެކަންތައްތައް ކުރުމުން މަރުވެފައިވާ މައްޔިތާއަށް އޭގެ ދަރުމަ އާއި ޘަވާބު ލިބޭނެ ކަންތައްތަކެއް ޙަދީޘްގައި ޛިކުރުވެގެންވެ އެވެ. އެހެނަސް އޭގެ ކުރިން ނުހަނު ފުރިހަމަ ޤަވާޢިދަކަށް ބަލާލަންޖެހެ އެވެ. އެއީ ﷲ ގެ ވަޙީބަސްފުޅުގައިވާ އާޔަތެވެ.

(وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ) މާނައީ : އަދި އިންސާނަކަށް އޭނާ ކުޅަ ޢަމަލެއްގެ ޖަޒާ މެނުވީ ނުވެ އެވެ.“ އެހެންވުމުން ބަޔާންވެގެންދަނީ ކޮންމެ އިންސާނަކަށްވެސް އޭނާ ދިރިހުރި ހިނދުގައި ކުޅަ ޢަމަލެއް މެނުވީ ނުވާކަމެވެ.

ދަންނަހުއްޓެވެ. ޝަރުޢީ ދަލީލުން މެނުވީ އެހިނދު އެއްވެސް ޢަމަލެއް ކުރުމުން ޘަވާބު ލިބޭނެ ކަމުގައި ނުބުނެވޭނެ އެވެ. އަދި ޘާބިތު ކުރާނީވެސް ޝަރުޢީ ދަލީލުންނެވެ. ސުންނަތުގެ އަހުލުވެރިން އެހިނދު ޤަބޫލުކުރަނީ ޞައްޙަ ދަލީލެއް ބަޔާންވެގެން މެނުވީ ޢަމަލެއް ކުރެވޭނެ ކަމަށް ނުބުނެވޭނެ އެވެ. މިނުކުތާ ވިސްނިއްޖެހިނދު އެއީ ވަރަށްބޮޑުވެގެންވާ ފައިދާއެއް ޙާޞިލްވީ އެވެ.

ދެވަނައީ : ޘާބިތުވެފައިވާ ޢަމަލުތަކަކީ ކޮބައިތޯ އެވެ؟ النبي ﷺ ޙަދީޘް ކުރެއްވި އެވެ. (إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له) ”އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެ އެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ.“ صحيح مسلم 1631 ގެ މި ޙަދީޘް އިން

1. ދުޢާކޮށްދިނުން

2. މައްޔިތާގެ ނަމުގައި ޞަދަޤާތް ދިނުން

3. ޢިލްމު ފޯރުކޮށްދިފައިވެ އެއިން މިސްތަކުން މަންފާ ހޯދުމެވެ.

މި ނޫން ޙަދީޘްތަކަށް ބަލާއިރު ޢުމުރާ ކޮށްދިނުމާއި، ހައްޖު ކޮށްދިނުން ވެސް ޘާބިތުވެގެންވެ އެވެ. މި މައުޟޫގައި الإمام ابن رجب الحنبلي رحمه الله ވިދާޅުވެފައިވެ އެވެ. ”މަރުވުމަށްފަހު، މައްޔިތާއަށް އޭނާގެ އަހުލުވެރިންގެ ފަރާތުން އަދި އެހެން ބައެއްގެ ފަރާތުންވެސް އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. ހަމައެކަނި ފައިދާކޮށްދެވޭނީ އިސްތިޣްފާރު ކޮށްދީގެންނާއި ދުޢާކޮށްދިނުމުން އަދި ރަޙްމަތްލެއްވުން އެދި ﷲ އަށް ދުޢާކޮށްގެންނެވެ. ނުވަތަ މައްޔިތާއަށްޓަކައި ޞަދަޤާތް ހޭދަކުރުމުންނެވެ.“ فضل علم السلف 108

މާނައީ، ދީނުގައި ކަނޑައަޅާފައި، ބަޔާންވެގެންވާ ޢަމަލެއް މެނުވީ ކޮށްގެން ނުވާނެ ކަމެވެ.

الإِمَام العلامة الشيخ العثيمين رحمه الله އަރިހުގައި ސުވާލުކުރެވުނެވެ.

ސުވާލު : ދުނިޔެ ދޫކޮށްފައިވާ އަހަރެންގެ ބޭބެއަށް އަހަރެންނަށް ކޮށްދެވޭނެ އެންމެ ހެޔޮވެގެންވާ ޢަމަލަކީ ކޮބައިތޯ އެވެ؟

ޖަވާބު : ”މަރުވެފައިވާ މައްޔިތުންނަށް ދިރިތިބީންނަށް ކޮށްދެވޭނެ އެންމެ ހެޔޮވެގެންވާ ޢަމަލަކީ ދުޢާ ކޮށްދިނުމެވެ.“

فتاوى نور على الدرب

ފަހެ، ޙުއްޖަތާއި ދަލީލުން މެނުވީ ޘާބިތެއް ނުވާނެ އެވެ. އެހެން ނޫންކަމުގައިވާނަ އެއީ އިސްލާމް ދީނަށް ވައްދާފައިވާ ޘާބިތު ނޫން ކަންކަމެވެ. ބިދުޢަތަކެވެ. މުންކަރު ޢަމަލުތަކެވެ.

އެފަދަ ޢަމަލުތަކުގެ ތެރޭގައި :

1. މައްޔިތާގެ އަހުލުވެރިން 3 ވަނަ ރޭގައި ޖަމަޢަވެ ޤުރުއާން ކިޔެވުމާއި، ދުޢާކުރުމަށް ޖަމަޢަވެ، ކާބޯތަކެތި ތައްޔާރުކޮށް ހިންގާ ޢަމަލުތަކެވެ.

2. މައްޔިތާއަށް 7 ވަނަ ދުވަހު ނުވަތަ 40 ދުވަސް ވުމުން މައްޔިތާގެ ޤަޞްދުކޮށް ކައްކައި ޞަދަޤާތް ކުރުން. މި އެންމެހައި ޢަމަލުތަކަކީ ޘާބިތުވެފައިނުވާ އޭގެ އިތުރަށް މުންކަރު ބިދުޢަވެރި ޢަމަލުތަކެވެ.

3. ފޮތްފޮށި ކިޔެވުމާއި، ޤުރުއާން ކިޔަވާފައި މައްޔިތާއަށް ދިނުމުގެ ނަމުގައި ކުރާ ޢަމަލުތަކަކީވެސް ޘާބިތު ނުވާ ބިދުޢަވެރި ޢަމަލުތަކެވެ.

4. ފާޠިޙާ ކިޔެވުމުގެ ނަމުގައި ކޮންމެ އަހަރަކު ނުވަތަ އަހަރުގެ ވަކި ދުވަހެއް ޚާއްޞަކޮށް ކައްކައި ކާތަކެތި ބެހުމާއި، ވަކި ޚާއްޞަ ސިފަތަކެއްގައި ދުޢާ ތަކާއި އެހެނިހެން ޛިކުރުތައް ކިޔުމަށް ޖަމަޢަވުން.

5. ޤަބުރު ކައިރީގައި އިނދެގެން ޤުރުއާން ކިޔެވުމާއި ޛިކުރު ކުރުމަށް ކަނޑައަޅި އިނުން. الإمام أحمد رحمه الله އަރިހުގައި މުޞްޙަފު ހިފައިގެންގޮސް ޤަބުރު ކައިރީގައި ޤުރުއާން ކިޔެވުމާއިމެދު ސުވާލު ކުރެވުނެވެ. الإمام أحمد رحمه الله  ވިދާޅުވި އެވެ. ”ތިޔައީ ބިދުޢައެކެވެ.“ ޤުރުއާން ހިތުދަސްވެފައިވާ މީހަކު ޤުރުއާން ކިޔެވުމާއި މެދުގައި ސުވާލު ކުރެވުނެވެ. الإمام أحمد رحمه الله ވިދާޅުވި އެވެ. ”ނޫނެކެވެ. ޤަބުރުކައިރިއަށް އައިސް ދުޢާކުރުމަށްފަހު އެތަނުން ދިއުން ހުއްޓެވެ.“ مسائل عبد الله 544

الإمام الأَلبَانِي ވިދާޅުވެފައިވެ އެވެ. ”ޤަބުރުސްތާނަށް ޒިޔާރަތް ކުރުމުގައި ޤުރުއާން ކިޔެވުމަކީ ސުންނަތުގައި އެކަމަށް އެއްވެސް އަޞްލެއް ވާރިދުވެގެންވާ ކަމެއް ނޫނެވެ. އެއީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ކަމެއް ކަމުގައިވާނަމަ رسول الله ﷺ އެފަދައިން ޢަމަލުފުޅު ކުރެއްވީހެވެ. އަދި އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވީހެވެ. ޚާއްޞަކޮށް އަނބިކަނބަލުން عائشة رضي الله عنها ޤަބުރުސްތާނަށް ޒިޔާރަތްކުރާހިނދު ކިޔާނީ ކޮންއެއްޗެއްތޯ ސުވާލު ދެންނެވުމުން ނަބިއްޔާ އެކަމަނާއަށް ދުޢާއެއް އުނގަންނަވައި ދެއްވި އެވެ. އެކަމަނާއަށް ފާޠިހާ (ސޫރަތް) ވިދާޅުވުމަށް އަދި ޤުރުއާނުގެ އެހެން ތަނެއް ވިދާޅުވުމަށް ޙަދީޘްނުކުރައްވަ އެވެ.“

مختصر أحكام الجنائز

6. ޤަބުރު ކައިރީގައި ވޮށް ބެހެއްޓުމާއި، ދިދަ ޖެހުމާއި އެފަދަ އެންމެހައި ޢަމަލުތަކެވެ.

7. ޤަބުރުގައި މަހާނަ ގާ ޖެހުމާއި، އޭގެ އިތުރަށް އޭގައި ނަމާއި ތާރީޚް ލިޔުންފަދަ އެންމެހައި ޢަމަލުތަކެވެ.

8. މަހާނަ ވަށައި ރޭނުން ނުވަތަ ފުޅަށްހެދުން ނުވަތަ ގެއެއްފަދަ ތަނެއް ބިނާކޮށް ހިޔާކޮށް ހެދުންފަދަ އެންމެހައި ޢަމަލުތަކެވެ……

9. 40 ދުވަސް ވަންދެން މައްޔިތާއަށް ޘަވާބު ދިނުމުގެ ޤަޞްތުކޮށް ކިޔެވުމެވެ. ފަހެ، މިއީވެސް އެއްވެސް ޙުއްޖަތެއްނެތް ބިދުޢަވެރި ޢަމަލުތަކެވެ. العلامة الشيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.“ޤުރުއާން ކިޔަވައި އޭގެ އަޖުރު މަރުވެފައިވާ މައްޔިތާއަށް ދިނުން، މިއީ އެކަމަށް އެއްވެސް ދަލީލެއް އޮތް ކަމެއް ނޫނެވެ.“

މިފަދަ އެންމެހައި ޢަމަލު ތަކަކީ ބިދުޢަތަކެވެ. މުސްލިމުން ކޮށްގެންވާނެ ޢަމަލުތަކެއް ނޫނެވެ. މިއީ އޭގެ ސަބަބުން މައްޔިތާއަށް ކުޑަވެސް ހެޔޮކަމެއް ލިބޭނެ ކަންތައްތަކެއް ނޫނެވެ.

މިފަދަ އެންމެހައި ޢަމަލުތަކުގެ މައްޗަށް މުސްލިމުން ސަމާލު ވުމަށާއި، އެފަދަ ޢަމަލުތަކުން ދުރުވުމާއި، އެއްކިބާވުމަށް އުއްމަތުގެ ބޮޑެތި ޢިލްމުވެރިން ނަޞޭޙަތްތެރިވެފައިވެ އެވެ. މިއީ ވަލީވެރިއެއް އަދި އެހެން މީހެއްގެ ޙައްޤުގައިވެސް ކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ފަހެ، މުސްލިމުންނަށް ވާޖިބުވެގެންވަނީ މިފަދަ އެންމެހައި ޢަމަލުތަކުން އެއްކިބާ ވުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts