ފިހާރައިން ކޫޕަންތައް ދޫކޮށްގެން ބާއްވާ ލަކީޑްރޯ ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އެ ފިހާރައަކުން ނުވަތަ ކޮމްޕެނީއަކުން ވިޔަފާރި ކުރުން ޝަރުޠެއް ކަމަށް ކަނޑައަޅައި، ވިޔަފާރި ކުރާ މީހުންނަށްޓަކައި، ވަކި ޚާއްޞަ އިނާމުތަކެއް ކަނޑައަޅައި ކޫޕަންތައް ދޫކޮށްގެން ލަކީޑްރޯ ޕްރޮމޯޝަން ބޭއްވުމާއި މެދުގައި ބުނަމެވެ.

އެ ގޮތަށް ކަނޑައަޅާ އިމާނުގެ ސަބަބުން ވިއްކާ މުދާތައް، ވިއްކާ އަގަށް އަޘަރު ކުރާނަމަ އެވާނީ ބަޔާންވެގެންވާ ޖުވާގެ ތެރެއިންނެވެ.

މިޘާލަކަށް، ލަކީޑްރޯ ޕްރޮމޯޝަނުގައި ވަކިވަރަކަށް ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް އިނާމެއްގެ ގޮތުގައި ކާރެއް ވަނީ ކަނޑައަޅާފަ އެވެ.

މިކަމާއި ގުޅިގެން ފިހާރައިގައި ވިއްކާ މުދާތަކުގެ އަގުވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން 100 ރުފިޔާއަށް ވިއްކަމުންދިޔަ އެއްޗެހިވަނީ 150 ރުފިޔާއަށް އަގު ކަނޑައަޅާފަ އެވެ.

އެހެނަސް އެ ޕްރޮމޯޝަންގެ ސަބަބުން ތަކެތީގެ އަގަށް އެއްވެސް އަޘަރެއް ނުކުރާނަމަ އެވަނީ 2 ޙާލަތެއްގެ ތެރޭގަ އެވެ.

ފުރަތަމަ ޙާލަތަކީ : އެއް ގޮތަކީ އެ ގަންނަ މީހާ އަކީ ހަމައެކަނި އެ އިމާން ބޭނުންވެގެން އެ މުދާތައް ގަންނަ މީހެއްގެ ގޮތުގައިވާ ފަރާތެކެވެ. މިޘާލަކަށް އެ ފިހާރައިން ކުރިން ވިޔަފާރި އެއްވެސް ގޮތަކަށް ކުރާ މީހެއް ނޫނެވެ. އެ ފިހާރައިގައި އަޅުވާފައިވާ ލަކީޑްރޯގެ ސަބަބުން އޭނާ ވިޔަފާރިކުރާ ތަން ބަދަލުކޮށް އަނެއްފިހާރައަށް ދިއުމުގެ އަޞްލު ޤަޞްދު ކަމުގައިވަނީ އެތަނުގައި އޮތް ލަކީ ޑްރޯގައި ބައިވެރި ވުމެވެ. ނުވަތަ މިޘާލަކަށް، ކައިވެއްޏެއްކޮށްފައިވެސް ނުވާ އަދި ދަރިއަކުވެސް ނެތް މީހަކު ކުޑަކުދިން ބޯ ކިރުގެ ލަކީ ޑްރޯއެއްގައި ބައިވެރި ވަނީ އެވެ. މިތަނުގައި ބަޔާންވެގެން ވަނީ، އޭނާ އެވިޔަފާރީގައި ބައިވެރި ވުމުގެ ޤަޞްދަކީ (އަޞްލަކީ) އެ ލަކީޑްރޯގެ ނިޔަތް ކަމެވެ.

މި ޙާލަތުގައި އެވާނީ ޖުވާގެ ތެރެއިންނެވެ.

ދެވަނަ ޙާލަތަކީ : އެމީހަކު، އެތަކެއްޗެއް ގަންނަނީ ކޮންމެހެން އިނާމުގެ ބޭނުމުގައި ނޫނެވެ. އަދި ޕްރޮމޯޝަނެއް އޮތަސް ނެތަސް ވިޔަފާރި ކުރާތަން ވުމުން އެތަނުން ވިޔަފާރި ކުރަނީ އެވެ. އިނާމު އޮތަސް ނުވަތަ އިނާމެއް ނެތަސް އެ ވިޔަފާރީގެ އަޞްލަކީ އެ މުދަލުގެ ބޭނުމުގައި ކުރާ ވިޔަފާރިއެއް ކަމެވެ. ފަހެ، އެ މުދަލުގެ ބޭނުމުގައި ކުރާ ވިޔަފާރިއެއް ގޮތުގައިވެއްޖެނަމަ، މި މައްސަލައަކި ޢިލްމުވެރިންގެ މެދުގައި ޚިލާފްވެފައިވާ އިޖްތިހާދީ މައްސަލައެކެވެ.

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، މި ޙާލަތުގައި ހުއްދަވާނެ ކަމެވެ. ސަބަބަކީ އެ އިނާމު އަންނަނީ އެ މުދަލަށް ތަބަޢަވެގެންނެވެ. އިނާމު ހޯދުމުގެ ޤަޞްދެއްނެތެވެ. ޤަޞްތަކީ މުދާ ގަތުމެވެ. އެ މުދަލަކަށް ބޭނުންޖެހިފައި ވުމުން މުދާ ގަތުމެވެ.

މިފަދައިން އިނާމް އަންނަނީ ވިޔަފާރިއަށް ތަބަޢަވެގެން އަންނަ އެއްޗެއް ކަމުގައިވުމުން، އެކަމުގައި ލުއިކަން ލިބިގެންވެ އެވެ. މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ސުންނަތުގެ ސަލަފީ ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް – ابن العثيمين -رحمه الله

މިފަދައިން ފަތުވާދެއްވަ އެވެ.

އެހެނަސް ބައެއް ޢިލްމުވެރިން މި ޙާލަތުގައިވެސް ހުއްދަ ނުވާނެ ކަމަށް ވިދާޅުވެ އެވެ. ސަބަބަކީ، އެ މުދަލަށް އޭނާގެ ނަޟަރު ހުއްޓޭ ފަދައިން އިނާމަށްވެސް އެ ނަޟަރު ހުއްޓޭ ތީވެ އެވެ.

އެހެން ވުމުން ދެކަމަކީވެސް އޭނާ އެއަށް ޤަޞްދު ކުރާ ކަންކަން ކަމުގައިވުމެވެ.

މިޘާލަކަށް، ޤަވާޢިދުން ނޫސްޕޭޕަރު ގަންނަ މީހާ ރޯދަމަހުގައި އެ ނޫސް ގަންނަ މީހުންގެ މެދުގައި ޤުރުއަތުނަގާ އިނާމެއް ލިބޭކަން އިނގޭނަމަ، އިތުރަށް އެއަށް ދަހިވެތިވެ، އެ ބަރާބަރަށް ގަނެ އެވެ. އަދި ފަހަރެއްގައި ފުރާފައި ހުށަހަޅަންޖެހޭ (ކޫޕަން) ނެތްނަމަ، އެ ނޫސް ބަދަލު ކުރުމަށްވެސް އެދޭނެ އެވެ.

މިޙާލަތުގައިވެސް ބޮޑަށް ބުރަވެވޭނީ، ޙަރާމްވެގެން ވުމެވެ. ސަބަބަކީ، މި ޒަމާނުގައި ގަންނަ ގިނަ މީހުންނަކީ ވަކިން ދެ ކަމަށްވެސް ޤަޞްދު ކުރާނެ މީހުން ކަމުގައިވާތީ އެވެ.

ދެންފަހެ، މި ސިފައާއި ޚިލާފަށް، އެ ފިހާރައަކުން ވިޔަފާރި ކުރުން ޝަރުޠު ނުކޮށް، ބަދަލެއް ދިނުމަކާއި ނުލައި، ބޭނުން މީހަކަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިގެން ކޫޕަން ތަކުން ލިބޭ އިނާމުތައް ހުއްދަވެގެންވެ އެވެ. އެއީ، މި ޙާލަތުގައި ޙަރާމް ކުރާނެ އެއްވެސް ސަބަބެއް ނެތުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply