|

އިންސާނުން ނުވަތަ ޖަނަވާރުންގެ ސޫރަ ހުންނަ “އިމޯޖީ” އިސްޓިކަރ ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އިމޯޖީ ބޭނުން ކުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

އެއްގޮތަކީ ތިފަދައިން އިޙްސާސުތައް ރަމްޒުކޮށްދޭން ހުންނަ އިމޯޖީ ގައި ބޭނުން ކުރެވިފައިވާ މޫނަކީ، ދިރުންހުރި ޙަޤީޤީ މޫނާއި އެއްގޮތް ވެގެންވާ މޫނެއް ކަމުގައި ވުމެވެ.

އެޙާލުގައި އެފަދަ އިސްޓިކާތައް ބޭނުން ކުރުން ހުއްދައެއް ނުވާނެ އެވެ. އެހެނީ ދިރުން ހުންނަ މަޚްލޫޤުންގެ ޞޫރަ 2 ގޮތަކުން ޙަރާމްވެގެންވެ އެވެ.

އެއްގޮތަކީ އެއަށް ރޫޙު އެޅުން އެކަށީގެންވާ ގޮތުގައިވާ މުޅި ހަށިގަނޑުގެ ޞޫރަ އެވެ.

ދެވަނަ ގޮތަކީ، ހަމައެކަނި މޫނާއި ބޮލެވެ. އެއީ މޫނާއި ބޯ އެކަނިވާއިރުގައި އެ ޞިފައަކީ، ރޫޙު އެއަށް އެޅިގެންވުން އެކަށީގެންވާ އެކަށީގެންވާ ސިފައެއް ކަމުގައިނުވީނަމަވެސް ޙަދީޘްގައި ޞޫރައަކީ ބޯ ކަމުގައި ވާރިދުވެގެން އައިސްފައިވާތީ އެވެ. ޙަދީޘްގައިވެ އެވެ. (الصورة الرأس فإذا قطع الرأس فلا صورة) الصحيحه 1921 ”ޞޫރައަކީ އޭގެ ބޮލެވެ. (އޭގައި ބޯ ހުރުމެވެ.) ފަހެ، އޭގެ ބޯ ކަނޑައިފި ހިނދުގައި އޭގައި ޞޫރައެއް ނުވެ އެވެ.“

ވުމުން، އެ އެއްޗެއްގެ ބޯ ހުރުން އެއީ ޞޫރަކަމުގައި ޙަދީޘްގައި ބަޔާންވުމުން، ޞޫރަކުރުން މަނާ ކުރެވިގެންވާ އަދި ނަހީ ކުރެވިގެންވާ ޙުކުމްގެ ތެރެއަށް ވަންނާނެ އެވެ.

ابن عباس ވިދާޅުވި އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ. (كلُّ مصوِّر في النار، يجعل له بكلّ صورةٍ صوّرها نفس يعذّب بها في جهنم) ”ޞޫރަކުރާ ކޮންމެ މީހަކު ވަނީ ނަރަކައިގަ އެވެ. އޭނާ ސޫރަކުރި ކޮންމެ ޞޫރައަކަށް (ޤިޔާމަތް ދުވަހު) ރޫހެއް ލެވި، އެއިން އޭނާއަށް ނަރަކައިގައި ޢަޛާބު ދެވޭ ހުށްޓެވެ.“

އެހެން ޙަދީޘެއްގައިވެ އެވެ. (من صور صورة في الدنيا كُلِّف أن ينفخ فيه الروح وليس بنافخ) ”ދުނިޔޭގައި ސޫރައެއް ހަދައިފި މީހަކު، ޤިޔާމަތް ދުވަހު އެއަށް ރޫހެއް ފުމެ އެޅުއްވުމަށް ޖެއްސެވޭނެތެވެ. އޭނާ އަކީ އެކަން ކުރެވޭނެ މީހެއް ނޫނެވެ.“ އަދިވެސް އެހެން ޙަދީޘެއްގައިވެ އެވެ. (أشد الناس عذابا يوم القيامة المصوّرون) ”ޤިޔާމަތް ދުވަހުގައި އެންމެ ގަދަފަދަ ޢަޛާބުގައިވާ މީސްތަކުންނަކީ ޞޫރަ ކުރުމުގައިވާ މީހުންނެވެ.“

މިފަދަ ގިނަ ޙަދީޘްތަކެވެ. ފަހެ، މި އެންމެހައި ޙަދީޘްތަކުގައި ބަޔާންވެގެންވަނީ ޞޫރަ ކުރުން މަނާވެގެންވުމާއި، އަދި އެކަމުގެ ފާފަވެރި ކަމުގެ ބޮޑު ކަމެވެ. ފަހެ، ދިރޭ އެއްޗެއްގެ ބޮލަކީ އެއީ ޞޫރަ ކަމުގައިވުމުން، އެފަދަ އެއްޗެއް ބޭނުން ކުރުން ނަހީވެގެންވާކަން އެހިނދު ބަޔާންވެ އެވެ.

އެއަށްފަހު ބުނަމެވެ. މިހާރު ގިނައިން މި ފެންނަ އިމޯޖީ ތަކަކީ، އަދި އެ އިމޯޖީ ތަކުގައިވާ މޫނުތަކަކީ، އެއްވެސް ދިރުންހުރި އެއްޗެއްގެ ޙަޤީޤީ މޫނުކަމުގައި ނުވާ، ޙަޤިޤީ ދިރިހުންހުރި އެއްޗެއްގެ މޫނުކަމުގައި ނުވުން ގާތެވެ.

އަދި އެ މޫނުތަކަކީ، ވަކި އިޙްސާސުތަކެއް ރަމްޒުކޮށްދޭ ޚިޔާލީ މޫނެކެވެ.

ވުމާއެކު، އެފަދަ މޫނުތައް ބޭނުން ކުރުމަކީ، ސީދާ ޙަރާމް ކަމެކޭ ބުނަން ޖެހިލުންވަމެވެ. އަދި ކިޔެއް ހެއްޔެވެ! ބައެއް ޢިލްމުވެރިން ފުރަތަމަ މޭރުމުން އެ ހަރާމް ވާނެ ކަމުގައި ވިދާޅުވެފައިވެ އެވެ.

ވުމާއެކު، އެކުއެކީގައި އެތަކެތި ދޫކޮށްލުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. އެއީ އެކަމުގައި އެންމެ ސަލާމަތްތެރިކަން އެކުލެވިގެންވާ ގޮތެވެ. ދީނަށާއި ތިމާގެ ނަފްސަށް އެންމެ ރައްކާތެރިކަމުގައިވާ ގޮތެވެ.

އަދިވެސް ބުނަމެވެ. އެއްވެސް ޝައްކެތްނެތް ކަމަކީ، އެފަދަ ތަކެތި ބޭނުން ކުރުމަކީ، މުރޫއަތުގެ އަހުލުވެރިންނާ އެކަށީގެންވާ ކަމެއް ނޫން ކަމެވެ. ޢިލްމަށް ނިޞްބަތްވާ، ޢިލްމީ އަހުލުވެރިންނާއި އަދި ދީންވެރި ކަމާއި، ދީނުގައި ޤާއިމްވެ އެފަދައިން ޝަރީޢަތަށް ލޯބިކޮށް އެފަދައިން ޤާއިމްވެގެންވާ ފަރާތްތަކަށް އެކަށީގެންވާ ޢަމަލެއް ނޫނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply