ފާފަތަކުން ތަޥްބާވާނީ ކިހިނެއްތޯއެވެ؟ އަދި ތަޥްބާވުމުގެ ހެޔޮކަމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަޚާ އެވެ! ތަޥްބާ ވުމާއި މެދުގައި ބުނަމެވެ. ތަޥްބާ ވުމަކީ ﷲ ލޯބިވޮޑިގަންނަވާ އަޅުކަމެކެވެ. އެހެންވުމުން ﷲ އަށް ކުއްތަން ކުރެވޭ އަޅުކަމެއްގެ ގޮތުގައިވުމުން އެކަމުގެ ޝަރަފާއި މާތްކަމަށް އެހިނދު ފުދެ އެވެ. ﷲ ވަޙީކުރެއްވި އެވެ. ﴿وَهُوَ الَّذي يَقبَلُ التَّوبَةَ عَن عِبادِهِ وَيَعفو عَنِ السَّيِّئَاتِ وَيَعلَمُ ما تَفعَلونَ﴾ الشورى 25
”އެ އިލާހުއީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތަޥްބާ ޤަބޫލު ކުރައްވައި، ނުބައިކަންތައްތަކަށް ޢަފޫ ކުރައްވާ އިލާހެވެ. އަދި އެބައިމީހުންކުރާ ކަންތައްތައް އެ އިލާހު ދެނެވޮޑިގެންވެ އެވެ.“
މި އާޔަތް ޛިކުރު ކުރައްވައި މަދީނާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ العلامة عُبيد الجابري -حفظه الله- ވިދާޅުވެފައިވެ އެވެ. ”“އެހެންވުމުން ތަޥްބާވާ އަހުލުވެރިޔާ އެވެ. ތިބާދެނެގަތުން ހުއްޓެވެ. ހަމަކަށަވަރުން ތިބާއަށްވަނީ ނުހަނު އުފާވެރި ޚަބަރެއް ވަޢުދުކުރެވިގެންނެވެ.
ފުރަތަމައީ : ﷲ ތިބާގެ ތަޥްބާ ޤަބޫލުވެވޮޑިގެންވުމެވެ. ފަހެ، އެހިނދު ތިބާއަށް ޝައިޠާނާގެ ވަކިތަކުން ސަލާމަތްވެ އެއިން ޚަލާޞްވެގަތުމަށް އަވަސްވެގަތުމަށް ބާރުއެޅުވިފައިވެ އެވެ. އަދި الرحمٰن ވަންތަ އިލާހުގެ ދޮރުގައި ޓަކިޖަހައި އެދޮރުން ވަނުމަށް ޝައުޤުވެރިކޮށްދެ އެވެ.
ދެވަނައީ : ތިބާއަށް ޢަފޫ ލިބިގެންދިއުމެވެ. …..“
ﷲ ތައާލާ ތިޔަ އަޚާ އަށް ތަޥްފީޤު ދެއްވާށި އެވެ.
ފާފައަކަށް އަރައިގަނެވުމުން ތަޥްބާ ވުމަކީ އަޅުކަމެއް ގޮތުގައި ވުމުން، އެ އަޅުކަން ކުރަންޖެހޭނީ ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވާ ގޮތަށެވެ. ސަބަބަކީ އެހެން ނޫނީ އެ އަޅުކަމަކީ ﷲ ޤަބޫލުވެވޮޑިގަންނަވާ އަޅުކަމެއްގެ ގޮތުގައި ނުވާނެ އެވެ.
الإمام شيخ الإسلام ابن تيمية رحمه الله : ވިދާޅުވެފައިވެ އެވެ .
”ތަޥްބާވުމަކީ ހެޔޮއަޅުކަންތަކުގެ ތެރޭގައި ހިމެނިގެންވާ އެންމެ ހެޔޮވެގެންވާ އަޅުކަމެވެ. އަދި އެންމެހައި އަޅުކަންތަކަށް ﷲ އަށް އެ އަޅުކަމުގައި އިޚްލާޞްތެރިވުމާއި، ﷲ ގެ ރަސޫލާއަށް ތަބަޢަވުން އަމުރު ކުރެވިފައިވެ އެވެ.“الفتاوى 11 /697 ވުމާއެކު ދެނެގަންނަންވީ ތަޥްބާވާންޖެހެނީ ކިހިނަކުންތޯ އެވެ؟
1. އިންސާނަކަށް އެފަދަ ފާފައަކަށް އަރައިގަނެވިފައި ވުމުން އެކަމަށް ﷲ ގެ ޙަޟުރަތުގައި އިޢުތިރާފް ވުމެވެ.
2. އެފަފާއަށް އަރައިގަނެފައިވުމުގެ މައްޗަށް ހިތާމަ ކުރުމެވެ.
3. އެ ފާފައަކަށް އެއަށްފަހު ދުވަހަކުވެސް އަރައި ނުގަންނާނެ ކަމުގައި ޢަޒުމް ކަނޑައެޅުމެވެ. (ބުނަމެވެ : އެއަށްފަހު އެ ފާފައަށް އަރައިގަނެވުމަކީ، ތަޥްބާ ވުމަށް އޮތް ހުރަހެއް ނޫނެވެ. އޭނާއަށް ތަޥްބާވެވޭ ކަމުގައިވާނަމަ އެ އަޅާވަނީ ހެޔޮ ކަމުގަ އެވެ.
الحافظ النووي ވިދާޅުވެފައިވެ އެވެ . ” ފާފައެއް ސަތޭކަ ފަހަރަށް ތަކުރާރު ކުރެވުނު ކަމުގައިވީ ނަމަވެސް ނުވަތަ އެއްހާސް ފަހަރަށް ތަކުރާރު ކުރެވުނު ކަމުގައިވީ ނަމަވެސް، އޭނާ ތަޥްބާ ވުމުންވެސް އޭނާގެ ތަޥްބާ ޤަބޫލުވޮޑިގަންނަވާނެ އެވެ. އަދި އޭނާގެ އެ ފާފަ ފުހެވިގެންދާނެ އެވެ.“ شرح صحيح مسلم
އަދިވެސް މަ މައުޟޫގައި ވެ އެވެ. شَيخُ الإِسلام ابن تَيميَّة ވިދާޅުވެފައިވެ އެވެ. ”މުސްލިމް އަޅާ ފާފައިން ތަޥްބާވުމަށްފަހު، އެ ފާފައަށް އެނބުރި ދިއުމުން އޭގެ މަތީގައި ދެމިހުރުމެއް ނުވެ އެވެ. އަދި ކިޔެއްތަ! އޭނާއަށްއޮތީ ފާފައިން ތަޥްބާވުމެވެ. އެއީ ދުވާލެއްގެ މައްޗަށް 100 ފަހަރު އެއަށް އަރައިގަނެވުނު ކަމުގައިވީނަމަވެސް އެވެ.“ مجموع الفتاوى 16/ 58
4. އެ ފާފައިގައި އާދަމު ދަރިއެއްގެ ޙައްޤެއް އެކުލެވިގެންވާނަމަ އެ ޙައްޤު އޭގެ އަހުލުވެރިޔާއަށް ރައްދުކޮށްދޭން ޖެހޭނެ އެވެ. (މިޘާލަކަށް، މީހެއްގެ އަތުން އެއްޗެއް ވަޤަށް، ފޭރި، ނަގައިފައިވާނަމަ އެ އެއްޗެއް އަނބުރައި ދިނުމެވެ.)
5. ހުއްދަވެގެންވާ ވަޤުތުގައި ތަޥްބާވުމެވެ. އެގޮތުން އިންސާނާ އޭނާއާ މަރުބައްދަލު ކުރުމުގެ ވަޤުތު އައުމުގެ ކުރިން ތަޥްބާވާން ޖެހޭނެ އެވެ. މަރުގެ ތުންފަތްމައްޗަށް އައުމުން އެހިނދު އެ ދޮރުވާނީ ބަންދުވެފަ އެވެ. އަދި އިރުމަތިން އަރާ އިރު، ހުޅަގުން އެރުމުގެ ކުރިން ތަޥްބާވުމެވެ. އަޚާ އެވެ! ﷲ ތިބާއަށް ހެޔޮމަގަށް މަގުދައްކަވާށި އެވެ.
ފާފައަކަށް އަރައިގަތުމަށްފަހު، އެ ފާފަ ސިއްރު ކޮށްފައި ބޭއްވުމަކީ އެއީ ދީނުގައި ކަނޑައެޅިފައިވާ ގޮތެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ވިދާޅުވެފައިވާ ގޮތެވެ. ތަޥްބާވުމަށް ފަހުގައިވެސް ފާފަ ވަންހަނާކޮށް، ސިއްރުކޮށްފައި ބޭއްވުމެވެ. އެއްވެސް މީހެއްގެ ކައިރީގައި ގާތުގައި އޭގެ ވާހަކަ ނުދެއްކުމެވެ. އެކަން ފަތުރައި ނުހެދުމެވެ.
الإمام ابن رجب الحنبلي – رحمه الله ވިދާޅުވެފައިވެ އެވެ . ”ފާފައަކަށް އަރައިގަތުމަށްފަހު އެ ފާފައިން ތަޥްބާވެއްޖެ މީހާގެ މައްޗަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ އެކަމުގެ އަޞްލަކީ އަޅާ އޭނާގެ އަމިއްލަ ނަފްސަށް އެކަން ވަންހަނާކޮށް އެއްވެސް މީހަކަށް އެކަން ބަޔާންނުކުރުމެވެ.
އަދިކިޔެއްތޯ! އެ ފާފައިން ތަޥްބާވެ، އެއީ ﷲއާއި އޭނާއާާ ދެމެދުއޮތް ކަމެއްގެ ގޮތުގައި ހެދުމެވެ.“ ލޯބިވާ އަޚާ އެވެ! ތަޥްބާވުމުގެ މަގު އިޚްތިޔާރު ކުރާށެވެ. ތަޥްބާވުމަށް އަވަސްވެގަންނާށެވެ. އެ އަޅުކަން ލަސްނުކުރާށެވެ. އެހެނީ އެއީ ހިދާޔަތުގެ އަހުލުވެރިންގެ ސިފަ އެވެ. ހެޔޮކަމުގެ ޢަލާމާތެކެވެ.
الإِمَام ابن القيِّم – ވިދާޅުވެފައިވެ އެވެ. ”އެމީހެއްގެ ސިފައަކީ ތަޥްބާ ވުމާއި އިސްތިޣްފާރުކުރުން ކަމުގައިވެއްޖެ މީހާއަށް، ފަހެ ހަމަކަށަވަރުން އޭނާއަށްވަނީ އެންމެ މަތިވެރިވެގެންވާ ސިފައަށް ހިދާޔަތް ލިބިފަ އެވެ.“ إغاثة اللهفان
الإِمَام العلامة ابن باز – ވިދާޅުވެފައިވެ އެވެ.
”ޙައްޤުމަގުގައި އަދި ޘާބިތުކަން ދެއްވުމަށްއެދި، ތިބާގެ ވެރި އިލާހުގެ ޙަޟުރަތުގައި ގިނަގިނައިން ދުޢާކޮށް ދަންނަވާށެވެ. އެއަށްފަހުގައި ފާފައެއްގެ ތެރެއަށް ވެއްޓިއްޖެ ހިނދުގައި އެކަމުން ތަޥްބާވުމަށް އަވަސްވެގަންނާށެވެ. އަޚާ އެވެ! އިންސާނަކު ﷲ އަށް ތަޥްބާވެ ﷲ ގެ ޙަޟުރަތަށް ރުޖޫޢަވާ ދުވަހަކީ އޭނާގެ ޢުމުރުގެ، ޙަޔާތުގެ އެންމެ ހެޔޮވެގެންވާ މަތިވެރި ދުވަސްކަމުގައި ވުމުން، ތަޥްބާ ވުމަކީ ކޮންފަދަ ހެޔޮ ޢަމަލެއްކަން އެނގިގަތުން ހުއްޓެވެ. ލަސްނުކުރާށެވެ. އަބަދުވަސް ޝައިޠާނާ މި ހެޔޮ ޢަމަލުގެ މައްޗަށް ﷲ ގެ އަޅާ އިހުމާލުކޮށް، މި ޢަމަލު ނުކުރުމަށް ގަދައަޅާ މަސައްކަތް ކުރާނެކަން ދަންނަހުއްޓެވެ. އެހެންވުމުން އަވަހަށް ތަޥްބާވެ، ﷲ އަށް ރުޖޫޢަވުމަށް ނަޞޭހަތްތެރިވަމެވެ. الإمام ابن القيم – ވިދާޅުވެފައިވެ އެވެ. ”އަޅާ ދުނިޔެމަތީގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން މުޠްލަޤުކޮށް އެންމެ ހެޔޮވެގެންވާ އަދި މަތިވެރި ދުވަހަކީ، އަޅާ ﷲ އަށް ތަޥްބާވި ދުވަހެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.